ސޫރަތުއް ލައިލި ތަފްސީރު (1)

ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު

(وَاللَّيْلِ إِذَا يَغْشَىٰ ﴿١﴾) ރޭގަނޑުގެ އަނދިރިކަމުން ބިންގަނޑު ފޮރުވާލާ ވަގުތު ގަންދެއްވާ ﷲ ހުވާ ވަޙީ ކުރައްވައެވެ.

(وَالنَّهَارِ إِذَا تَجَلَّىٰ ﴿٢﴾) އަދި ދުވާލުގެ އަލިން ބިންގަނޑު ފާޅުވެގެންދާ ވަގުތު ގަންދެއްވާ ހުވާ ވަޙީ ކުރައްވައެވެ.

އިޝްތިހާރު Below Header ad

(وَمَا خَلَقَ الذَّكَرَ وَالْأُنثَىٰ ﴿٣﴾) މިތަނުގައި (مَا) އެއީ މަޞްދަރިއްޔާ ކަމުގައި ބައެއް މުފައްސިރުން ވިދާޅުވެއެވެ. އެހެންނަމަ އާޔަތުގެ މާނައަކީ “އަންހެނުންނާއި ފިރިހެނުން އުފެއްދެވުން ގަންދެއްވާ ހުވާ ވަޙީ ކުރައްވައެވެ.” މިއެވެ.

އަދި (مَا) އެއީ މައުޞޫލާ ކަމުގައި ވެސް ބައެއް މުފައްސިރުން ވިދާޅުވިއެވެ. އެހެންނަމަ އާޔަތުގެ މާނައަކީ: “އަންހެނުންނާއި ފިރިހެނުން އުފެއްދެވި ފަރާތްގަންދެއްވާ ހުވާ ވަޙީ ކުރައްވައެވެ.”

(إِنَّ سَعْيَكُمْ لَشَتَّىٰ ﴿٤﴾) “ހަމަކަށަވަރުން، އެއުރެންގެ عمل ތައް ތަފާތުވެގެންވާކަން ކަށަވަރެވެ.”

ﷲ ސުބްޙާނަހޫ ވަތަޢާލާ މިއާޔަތްތަކުގައި މިވަނީ ކޮންމެ އެއްޗަކާއި އެއެއްޗެއްގެ އިދިކޮޅު އެތި ގަންދެއްވާ ހުވާ ވަޙީ ކުރައްވާފައެވެ. މިއީ ގުރްއާނުގެ ބަލާޣާތްތެރިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި އާޔަތްތަކުގައި ހާމަކޮށްދެއްވާ ކަމަކީ ރެއާއި ދުވާލަކީ ތަފާތު އެއްޗަކަށްވެފައި، އަންހެނުންނާއި ފިރިހެނުންނަކީ ތަފާތުބަޔަކަށްވީ ހިނދު، އަޅުތަކުންގެ ޢަމަލުތައްވެސް ތަފާތުކަމެވެ. އެއްބައިމީހުންނަކީ ހެޔޮލަފާ ޞާލިޙް ޢަމަލުކުރާ މީހުންނެވެ. އަނެއްބައި މީހުންނަކީ ނުބައިނުލަފާ ޢަމަލުކުރާ މީހުންނެވެ. އެއްބައިމީހުންނަކީ ހެޔޮޢަމަލާއި އެކު ނުބައިޢަމަލުވެސް ކުރާ މީހުންނެވެ. ﷲ އިރާދަކުރެއްވި އަޅަކަށް އެކަލާންގެ ސީދާވެގެންވާ މަގަށް މަގުދައްކަވާނެއެވެ. ދެން އެއަށްފަހު މިބަޔާން ކުރައްވަނީ އިންސާނުން ޢަމަލު ކުރުމުގައި ތަފާތުވެގެންވާ ގޮތުގެ ތަފްޞީލެވެ.

(فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ ﴿٥﴾ وَصَدَّقَ بِالْحُسْنَىٰ ﴿٦﴾ فَسَنُيَسِّرُهُ لِلْيُسْرَىٰ ﴿٧﴾  )

(فَأَمَّا مَنْ أَعْطَىٰ ) އެބައިމީހުންނާއި އަމާނާތެއްގެ ގޮތުގައި ﷲ ޙަވާލުކުރައްވާފައިވާ މުދާ އޭގެ ޙައްގުވެރިންނަށް ދީހަދާމީހާ،

(وَاتَّقَىٰ  ) އަދި ﷲ ނަހީކުރެއްވި އެންމެހައި ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވެއްޖެ މީހާ،

(وَصَدَّقَ بِالْحُسْنَىٰ  ) މިތަނުގައި (الْحُسْنَىٰ) ގެ މުރާދަކީ “ސުވަރުގެ” ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.

އެހެންބައެއް ޢިލްމުވެރިން ވިދާޅުވަނީ (وَصَدَّقَ بِالْحُسْنَىٰ  ) ގެ މުރާދަކީ ﷲ އާއި ރަސޫލާގެ ބަސް ފުރިހަމައަށް ތެދުކުރުމެވެ. އެހެނީ އެއީ އެންމެ ތެދުބަސް ކަމަށްވާތީވެއެވެ.

އެހެން ބައެއް ޢިލްމުވެރިން ވިދާޅުވަނީ (الْحُسْنَىٰ) ގެ މުރާދަކީ ހުރިހާ ހެޔޮކަންތައްތަކެއް ކަމަށެވެ.

(فَسَنُيَسِّرُهُ) މިތަނުގައި “ސީނު” ގެންނަވާފައިވުމުގެ ބޭނުމަކީ އެކަމަކީ ހިނގާނެކަމެއްކަން ޔަގީންކޮށްދެއްވުމެވެ. އެހެނީ ﷲ އެންގެވިގޮތަށް މުދާ ހޭދަކޮށް، ﷲ އާއި ރަސޫލާގެ ބަސް ތެދުކޮށް ހަދައިފިމީހަކަށް މާތް ﷲ އޭނާގެ ދީނާއި ދުނިޔޭގެ ކަންކަމުގެ މަގު ފަސޭހަކޮށްދެއްވާނެއެވެ. އިންސާނާ ﷲ އަށް ތަގްވާވެރިވީ މިންވަރަކުން ކަންކަން ފަސޭހަވެގެންދެއެވެ. ސޫރަތުއްޠަލާގްގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴿٤﴾) މާނައަކީ: ” އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.”

އިންސާނާ ﷲ އާއި ދުރުހެލިވީ މިންވަރަކުން އޭނާ އަށް ކަންކަން އުނދަގޫވެގެންދާނެކަން ބަޔާން ކުރައްވާ ވަޙީ ކުރައްވައެވެ.

(وَأَمَّا مَن بَخِلَ وَاسْتَغْنَىٰ ﴿٨﴾) އެމީހަކަށް ދެއްވާފައިވާ މުދަލުން ހޭދަނުކޮށް، ބަޚީލުވެގަނެ، ކިބުރުވެރިވެއްޖެމީހާ،

(وَاسْتَغْنَىٰ  ) އޭނާ ﷲ އަށް ތަގްވާވެރިއެއް ނުވެއެވެ. އަދި އޭނާ ހީކުރީ ﷲ ގެ ރަޙްމަތް ނުލިބުނު ކަމުގައިވީނަމަވެސް އޭނާ ތަނަވަސްކަމުގައި ދެމި ހުންނާނެ ކަމަށެވެ.

(وَكَذَّبَ بِالْحُسْنَىٰ ﴿٩﴾ ) ﷲ އާއި ރަސޫލާގެ ބަސް ދޮގުކުރީއެވެ. އަދި ސުވަރުގެ އަކީ ވާތަނެއް ކަމާއި މެދުގައި އިންކާރު ކުރީއެވެ.

(فَسَنُيَسِّرُهُ لِلْعُسْرَىٰ ﴿١٠﴾  ) އޭނާ އަށް ހުރިހާ ކަމެއްގައިވެސް ދަތިއުނދަގޫގޮތް ﷲ މެދުވެރި ކުރައްވާނެއެވެ. ފަހަރުގައި ކާފިރުން އުފަލުގައި އުޅޭތަން އަޅުގަޑުމެންނަށް ފެނިދާނެއެވެ. އެމީހުން ކިތަންމެ ތަނަވަސް ކަމުގައި އުޅުނުނަމަވެސް، އެމީހުންގެ ހިތްތަކުގައި ވަނީ އަލިފާން ރޯވެފައެވެ. ސޫރަތުލް އަންޢާމްގެ 125 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن يُرِدْ أَن يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِي السَّمَاءِ ۚ كَذَٰلِكَ يَجْعَلُ اللَّـهُ الرِّجْسَ عَلَى الَّذِينَ لَا يُؤْمِنُونَ ﴿١٢٥﴾) މާނައަކީ: ” އަދި އެކަލާނގެ މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާ، އުޑާދިމާއަށް (މައްޗަށް) އަރައިގެންދާ މީހެކޭ އެއްފަދައިން އެކަލާނގެ އެމީހެއްގެ ހިތުގައި ދަތިކަމާއި، ނުތަނަވަސްކަން ލައްވަތެވެ. ހަމައެފަދައިން، إيمان ނުވާ މީހުންގެ މައްޗަށް، اللّه ގެ عذاب އާއި ކޯފާ ލައްވަތެވެ.” އެބައިމީހުންގެ ހަށިގަނޑުތަކުން ހަމަޖެހިފައި ތިބިނަމަވެސް އެތެރެއިން ހަމައެއް ނުޖެހޭނެއެވެ.

ސޫރަތުލް ގަލަމްގެ 44 އަދި 45 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (فَذَرْنِي وَمَن يُكَذِّبُ بِهَـٰذَا الْحَدِيثِ ۖ سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ ﴿٤٤﴾ وَأُمْلِي لَهُمْ ۚ إِنَّ كَيْدِي مَتِينٌ ﴿٤٥﴾  ) މާނައަކީ: ” ފަހެ، މި قرآن ދޮގުކުރާމީހުން، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ! އެއުރެންނަށް ނޭނގޭނޭގޮތުން (عذاب ގެ ތެރެޔަށް) ތިމަންރަސްކަލާނގެ، އެއުރެން ނިކަންހުރެ ގެންދަވާހުށީމެވެ. އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ލަސްކުރައްވަމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ރޭއްވެވުން ގަދަފަދަވެގެންވެއެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ اللَّهَ لَيُمْلِي الظَّالِمَ ، حَتَّى إِذَا أَخَذَهُ لَمْ يُفْلِتْهُ ، ثُمَّ قَرَأَ وَكَذَلِكَ أَخْذُ رَبِّكَ إِذَا أَخَذَ الْقُرَى وَهِيَ ظَالِمَةٌ إِنَّ أَخْذَهُ أَلِيمٌ شَدِيدٌ سورة هود آية 102 “)[1] މާނައަކީ: “މާތް ﷲ އަނިޔާވެރިންނަށް މުހްލަތު ދެއްވައެވެ. އެކަލާންގެ އެބައިމީހުންގެ ގައިގާ ހިއްޕަވައިފިނަމަ ދެން އެބައިމީހުންނަކަށް ސަލާމަތެއް ނުލިބޭނެއެވެ. މިހެން ޙަދީޘް ކުރެވުމަށްފަހު ސޫރަތު ހޫދުގެ 102 ވަނަ އާޔަތް ތިލާވަތު ކުރެއްވިއެވެ. އާޔަތުގެ މާނައަކީ: ” ރަށްތައް (އެބަހީ: ރަށްތަކުގެ أهل ވެރިން) އަނިޔާވެރިވެގެންވާ حال، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެ ރަށްތައް ހިއްޕަވާހިނދު، އެކަލާނގެ ހިއްޕެވުންއޮތީ، އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލާނގެ ހިއްޕެވުމަކީ، ވޭންދެނިވި، ގަދަފަދަ ކަމެކެވެ.”

(وَمَا يُغْنِي عَنْهُ مَالُهُ إِذَا تَرَدَّىٰ ﴿١١﴾) އޭނާ ނަރަކައަށް ވެއްޓިގެން ދިޔައިމާ ދުނިޔޭގައި އެއްކޮށްފައި ހުރި މުދަލަކުން ވާނެ އެއްވެސް ފައިދާ އެއް ނޯންނާނެއެވެ. ކިތަންމެ މުދަލެއް ހުރިނަމަވެސް އޭނާ އަށް ނަރަކައިން ނިކުތުމަށް ޝަފާޢަތްތެރިއެއް ކަމުގައި މުދާވެގެންނެއް ނުދާނެއެވެ.

(إِنَّ عَلَيْنَا لَلْـهُدَىٰ ﴿١٢﴾) އަޅުތަކުންނަށް ހިދާޔަތުގެމަގު ދެއްކެވުމަކީ ތިމަން ﷲ ގެ ޛިންމާއެކެވެ.  މިތަނުގައި “ހިދާޔަތު”ގެ މުރާދަކީ ބަޔާންކޮށްދެއްވުމާއި އިރްޝާދު ދެއްވުމެވެ. އޭރުން އަޅުތަކުންނަށް ﷲ ތަޢާލާގެ މައްޗަށް ޙުއްޖަތެއް ނޯންނާނެއެވެ. ސޫރަތުއް ނިސާގެ 165 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّـهِ حُجَّةٌ بَعْدَ الرُّسُلِ ۚ وَكَانَ اللَّـهُ عَزِيزًا حَكِيمًا ﴿١٦٥﴾) މާނައަކީ: ” އުފާވެރިކަމުގެ خبر ދެއްވާ، އަދި إنذار ކުރައްވާ رسول ބޭކަލުންތަކެއް ފޮނުއްވީމެވެ. (އެއީ) رسول ން ފޮނުއްވުމަށްފަހު، اللَّه ގެ މައްޗަށް މީސްތަކުން ދައްކާނޭ حجّة އެއް ލިބިގެން ނުވުމަށްޓަކައެވެ. عزيز ވަންތަ حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.” އެއްވެސް އިންސާނަކަށް އެމީހެއްގެ އަމިއްލަ ބުއްދިން ޙައްގު ހޯދުމަކީ ކުރެވޭނެ ކަމަކަށް ނުވާނެތީވެ، އިންސާނުންނަށް ޙައްގުމަގު ދެއްކެވުމަށްޓަކައި ރަސޫލު ބޭކަލުން ފޮނުއްވީއެވެ.

ހިދާޔަތުގެ ދެވައްތަރެއްވެއެވެ. އެއީ:

  1. ހިދާޔަތުއް ތައުފީގް (ދީނަށް ހިދާޔަތް ދެއްކެވުން) މިއީ ﷲ ފިޔަވާ އެހެން ފަރާތަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ސޫރަތުލް ގަޞަޞްގެ 56 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَـٰكِنَّ اللَّـهَ يَهْدِي مَن يَشَاءُۚ وَهُوَ أَعْلَمُ بِالْمُهْتَدِينَ ﴿٥٦﴾) މާނައަކީ: ” ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާހާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެތެވެ. އެހެނެއްކަމަކު، اللَّه، އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތެދުމަގު ލިބެނިވި މީހުން މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.”
  2. ހިދާޔަތު އިރްޝާދު ވަދާލާލާ (އިރްޝާދު ދިނުމާއި މަގުދެއްކުން)، މިއީ ﷲ ގެ ޙަޟްރަތުންނާއި ރަސޫލުންނާއި ޢިލްމުވެރިންނާއި އަދި ޢާންމުންގެ ފަރާތުންވެސް ލިބިދާނެ ހިދާޔަތެކެވެ. ސޫރަތުއް ޝޫރާގެ 52 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَإِنَّكَ لَتَهْدِي إِلَىٰ صِرَاطٍ مُّسْتَقِيمٍ ﴿٥٢﴾ ) މާނައަކީ: “އަދި ހަމަކަށަވަރުން، ކަލޭގެފާނު މަގުދައްކަވަނީ، ސީދާވެގެންވާ ތެދުމަގަށްކަން ކަށަވަރެވެ.”

(إِنَّ عَلَيْنَا لَلْـهُدَىٰ) އިންސާނާ އަށް އެނގެންޖެހޭނެ ހުރިހާ އެއްޗެއް ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާ އަށް އުނގަންނަވައިދެއްވިއެވެ. ޢަގީދާގެ ގޮތުންނާއި، އަޅުކަމުގެ ގޮތުންނާއި، އަޚްލާގީ ގޮތުންނާއި، މުޢާމަލާތުގެ ގޮތުން ކަންތައް ކުރަން ޖެހޭނެ ގޮތްތަކާއި ދުރުހެލިވާންވީ ކަންތައް ބަޔާންކުރެއްވިއެވެ. އަބޫޛައްރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. (لَقَدْ تَرَكْنَا رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَمَا طَائِرٌ يُقَلِّبُ جَنَاحَيْهِ فِي السَّمَاءِ إِلا وَهُوَ يُذَكِّرُنَا مِنْهُ عِلْمًا) މާނައަކީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރުމެން ދޫކުރައްވާ ވަޑައިގެންނެވިއިރުގައި އުޑުގައި ފިޔަޖަހާ ދޫންޔަށްދާންދެން އެއާއި ބެހޭ ޢިލްމު ވަނީ އުނގަންނަވައިދެއްވާފައެވެ.”

މުޝްރިކުންގެ މީހަކު ސަލްމާނުލް ފާރިސީ ރަޟިޔަﷲ އަންހުގެ ގާތުގައި ބުންޏެވެ. “ކަލޭމެންގެ ނަބިއްޔާ ގަޟާ ޙާޖަތްކުރާނެ ގޮތްވެސް ދަސްކޮށްދެއްވި ހެއްޔެވެ؟” ސަލްމާން ޖަވާބުގައި ވިދާޅުވިއެވެ. “އާދޭހެވެ. ގަޟާ ޙާޖަތް ކުރުމުގެ އަދަބުތަކަށްދާންދެން ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ އަހަރުމެންނަށް ދަސްކޮށްދެއްވިއެވެ.”

[1]  السنن الكبرى للبيهقي » كِتَابُ الْعَارِيَةِ » بَابُ مَنْ بَنَى أَوْ غَرَسَ فِي أَرْضِ غَيْرِهِ، رقم الحديث: 10636

ނުނިމޭ……

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.