ކެހިވެރިޔާ (1)

ޙަޤީޤީ ވާހަކަ

މިވާހަކައަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. މިވާހަކައިގަ ބޭނުންކޮށްފައިވާ މީހުންނާއި ތަންތަނުގެ ނަން ވަނީ ބަދަލު ކޮށްފައެވެ.

ސިއްސައިގެން ގޮސް ހޭލެވުމާއެކު އަހަންނަށް ވަށައިގެން ބަލާލެވުނެވެ. އަވަސްއަވަހަށް އަތުކުރީގަޑިއަށް ބަލާލިއިރު ގަޑިއެއް ނެތެވެ. ގަޑިން ކިހާއިރެއްވެދާނެބާއެވެ؟ އަހަރެންގެ ގަޑި ކޮބައިބާވައެވެ؟ އަހަންނަށް މިއޮވެވުނީ ކޮންތާކުބާވައެވެ؟ އެއްފަހަރާއި އެތައް ސުވާލުތަކެއް އަހަރެންގެ ހިތަށް އަރާފައިބަމުންދިޔައެވެ.

އިޝްތިހާރު Below Header ad

ވަށައިގެން ބަލާލީމެވެ. އާދައިގެ ކުޑަ ނިދާ ބޮތްކެއްގެ އަލި ކޮންމެވެސް ވަރަކަށް ހުރި ނަމަވެސް ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަންހުރީ އަނދިރިކަމެވެ. ހާސްކަމެވެ. ކުއްލިއަކަށް އަހަންނާ ދިމާލަށް މީހަކު އަންނަތަން ފެނުނެވެ. އޭނާ އަހަންނާ ދިމާލަށް ބަލާލުމަށްފަހު [241] ގޮވާލި އަޑުއިވުނެވެ. އަހަރެންނަކަށް އެކެއްޗެއްވެސް ނުވިސްނުނެވެ.

އެއީ އަހަންނާ މުޚާތަބުކުރުމުގެ ގޮތުން ބުނިއެއްޗެއްބާވައެވެ. ކޮންމެއަކަސް ޔުނިފޯރމެއްގައި ހުރި އެމީހާ އަހަރެންގެ ކައިރިއަށް ހުއްޓި އޭނާ ގެނައި ތަށްޓެއް އަހަރެންގެ ކުރިމަތީގައި ބެހެއްޓުމަށްފަހު ދިޔައީއެވެ. އަހަރެން ލައިގެން ހުރި ޓީޝާޓަށް ބަލާލީމެވެ. އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ނޭނގޭ ބިރުވެރިކަމެއް އަހަރެންގެ ހިތަށް ވެރިވާންފެށިއެވެ.

އަހަރެން ލައިގެން ހުރީ ޓީޝާޓެއް ނޫންކަމާއި އެއީ  [241] މިހެން ލިޔެފައިވާ އާދައިގެ ހުދުފޮތީގެ ހެދުމެއްކަން އެނގުމާއެކު އަހަރެންގެ ދެލޯފެންކަޅިވިއެވެ. އަހަންނަކީ ކުށްވެރިއެއްކަމާއި އަހަރެންގެ ޢުމުރުގެ އެންމެ ޒުވާން ދުވަސްތައް ޖަލުގެ އަނދިރި ގޮޅިތަކުގައި ހޭދަކުރަންޖެހިފައިވާ ދެރަ ނިކަމެއްޗެއްކަން އިހްސާސްކުރެވުނީ އެހިސާބުންނެވެ.

މިއީ އަހަރެން ޖަލުގެ އަނދިރި ގޮޅީގައި ހޭދަކުރި ފުރަތަމަ ދުވަހެވެ. ފަސް އަހަރު ދުވަހަށް އަހަރެން ޖަލަށްލުމަށް ޖިނާޢީ ކޯޓުގައި އިއްޔެ ހުކުމްކުރި ވަގުތު އަހަރެންގެ އަންހެނުންގެ މޫނުމަތިން ފެނިގެންދިޔަ ފުންއަސަރާއި ވޭނީ އާހްގެ މަތިން ހަނދާންވުމާއެކު އަހަރެންގެ ހިތްކަތިލެވުނު ކަހަލައެވެ.

އަހަރުމެންގެ އެއްއަހަރަށްދާ ލޯބިލޯބި ދަރިފުޅުގެ ގައިގަ ބާރަށް ހިފަހައްޓައިގެން ހުރެ އޭނާ ރުއި ރުއިންތައް އަދިވެސް އަހަރެންގެ ލޯމަތިން ފެންނަ ކަހަލައެވެ. އަހަރެންގެ ދަރިފުޅު އެންމެ ފަހުފަހަރަށް އުރާލިވަގުތު އެދަރިފުޅު އަހަރެންގެ ގައިގަ އޮޅުލައިގަނެގެން އަހަރެން ގާތުން ދުރަށް ނުދާންވެގެން އުޅުނީ މިބައްޕަގެ ކުށް އަދި ނުވިސްނޭތީތާއެވެ.

އަހަރެންގެ ހަޤީޤަތް އެނގޭ ދުވަހަކުން އެދަރިފުޅުވެސް އަހަރެން ދެކެ އިންތިހާ ނަފުރަތުކުރާނެއެވެ. އަހަރެންގެ މަންމަ ފަދައިންނެވެ. އަހަރެންގެ ބައްޕަވެސް މިއަދު ދުނިޔޭގައި ހުރިނަމަ ލަދުންގޮސް މަރުވާނެއެވެ. އާއެކެވެ. އެއްވެސް މީހަކު އެމީހެއްގެ ދަރިއަކީ ނުވަތަ ފިރިމީހާއަކީ ނުވަތަ ބައްޕައަކީ ވަގެކޭ ބުނާ އަޑުއަހާކަށް ބޭނުމެއްނުވާނެއެވެ. އެކަމަކު ޙަޤީޤަތަކީ އެއީއެވެ. އަހަންނަކީ ކުށްވެރިއަކީމެވެ.

އެހެނަސް އަހަންނަށް އެފަދަ ކުށެއް ކުރެވުނުކަން ޤަބޫލުކުރަން ޚުދު އަހަންނަށްވެސް ދަތިވެއެވެ. ކުއްލިއަކަށް އަހަރެންގެ ޙަޔާތުގެ ޞަފުޙާތައް ލޯމަތިން އުކެން ފެށިއެވެ.  މާލޭގެ އެންމެ ނަން މަޝްހޫރު އެއް ސްކޫލް ކަމުގައިވާ މަޖީދިއްޔާ ސްކޫލްގައި ކިޔެވި ދުވަސްވަރެވެ. ރައްޓެހިންނާއެކު ސަކަރާތްގަނެ އުޅުނުއުޅުންތަކާއި ޓީޗަރުންނަށް ޖެއްސުން ކުރުމަށް ކުރި ކަންތައްތަކެވެ.

އޯލެވެލް ނަތީޖާ ހިފައިގެން ގެއަށް ދިޔަ ދުވަހު އަހަރެން އިތުރަށް ކިޔަވަން ބޭނުންނޫންކަމަށް ބުނެ މަންމައާ ދެއްކި ވާހަކަތަކެވެ. މަންމައާއި ބައްޕަގެ ބާރުއެޅުމާއެކުވެސް އަހަރެން [ގޮތުގައި] ހިފެހެއްޓީ އަހަރެން އެއްގޮތަކަށްވެސް ކިޔަވާ ހިތްނުވާތީއެވެ. މާލޭގެ ގެދޮރު ހުރުމާއެކު ކޮންމެހެން ވަޒީފާއަކަށް ދިއުމުގެ މުހިއްމުކަމެއްވެސް ނެތީމައެވެ.

އަހަންނަކީ މަންމައާއި ބައްޕަގެ ތިބި ދެކުދިންގެ ތެރެއިން ދޮށްޓަށް ހުރި ދަރިފުޅަށްވެފައި އަހަންނަށްވުރެ ހަގަށްވެސް ހުރީ އަންހެން ކުއްޖެއް ކަމަށްވުމާއެކު މަންމަ އަހަރެން ދެކެ އިންތިހާއަށް ލޯބިވާކަން އަހަންނަށް އެނގެއެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެންގެ ނިންމުމާއިމެދު މަންމަ ފަހުން ރުހޭނެކަމުގެ ޔަޤީންކަން އަހަންނަށް އޮތެވެ.

މަންމަ އަހަރެން ދެކެ ރުޅިއައިސްގެން އެކިދުވަހު ދެއްކި ވާހަކަތައްވެސް މިހާރު ހަނދާނަށް އެބައާދެއެވެ. އަހަރެން ވަޒީފާއަކަށް ނުދާތީއާއި ރައްޓެހިންނާއެކު ގިނަ ވަގުތު ބޭރުގައި އުޅޭތީއެވެ. އެކަމަކު އެހެނޭ ކިޔާފަ އަބަދު ގޭގައި ހުރުމަކީ އަހަންނަށް ކުރެވޭނެ ކަމެއް ނޫން ކަމުގައި މަންމަ ގާތު އަހަރެން ބުނީމެވެ. އަހަރެންގެ މަންމައާއި ބައްޕަ ދެކެ އަހަރެން ވަރަށް ލޯބިވެއެވެ.

އެކަމަކު އަހަރެންގެ ދިރިއުޅުން އަހަރެން އުޅޭނީ އަމިއްލަ [ސްޓައިލް] ގައި ކަމަށާއި އަހަންނަކީވެސް ބޮޑު މީހެއްކަން މަންމަމެން ޤަބޫލުކުރުމަށް އަހަރެން ބުނީމެވެ. އަހަރެންގެ ބޯދިގުކޮށް ބަހައްޓަނީ އެއްވެސް ގޯސް ނިޔަތެއްގައެއް ނޫންކަމަށާއި އެއީ އަހަންނަށް ރީތިވީމަކަމާއި އަދި އަހަންނާއެކު އުޅޭ އަހަރެންގެ ރައްޓެހިންނަކީވެސް ގޯސްބައެއް ނޫންކަން މަންމައަށް ވިސްނަދޭން އަހަރެން އޭރު މަސައްކަތްކުރީމެވެ.

އެހެންނަމަވެސް އަހަރެންގެ ގުރޫޕުގައި ހިމެނޭ ބައެއް ކުދިންނަކީ ބައެއްކަހަލަ މައްސަލަތަކުގައި ފުލުސް އޮފީހަށް ގެންގޮސްފައިވާ ކުދިންކަން އަހަންނަށް އޭރުވެސް އެނގެއެވެ. އެކަމަކު އެވާހަކަތައް އަހަރެން މަންމަ ގާތު ނުބުނަމެވެ. މާމުހިންމު  ވާހަކަތަކެއްނޫންވީމައެވެ. ކޮންމެއަކަސް އަހަރެން ރަނގަޅު މީހަކަށްވީމަ މަންމަމެނަށް ނިމުނީތާއެވެ.

ރައްޓެހިންނާއެކު އަހަރެން ވަރަށް ގިނައިން ކޮފީއަށް ގޮސް އުޅުނީމެވެ. ބައެއްރޭރޭ  ދޭއް ތިނެއް ޖަހަންދެންވެސް އަހަރުމެން ކޮފީގައި ހޭދަކުރަމެވެ. އަހަންނާ ނިޝްއާ ފުރަތަމަ ދިމާވީވެސް ކޮފީއަކަށް ގޮސް އުޅެނިކޮށެވެ. އެދުވަހު ނިޝްހުރީ އަހަންނާ ދިމާ ކުރިމަތީގައި ހުރި މޭޒުގައެވެ. ނިޝްއަކީ ފިރިހެނުން ހިތްކިޔާހާ ރީތި ކުއްޖެކެވެ. އެހާމެ ހިތްގައިިމު ހިނިތުންވުމެކެވެ. ފަރި ޙަރަކާތްތަކެކެވެ.

ރައްޓެހިންގެ ދިމާކުރުންތަކާއެކުވެސް އެރޭ އަހަރެން ވަރަށް ގިނައިރުވަންދެން ނިޝްއަށް ބަލަން ހުރީމެވެ. އޭނާއަށްވެސް އެކަން ފާހަގަކުރެވުނުކަހަލައެވެ. އަހަރުމެން ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތެއްގައި އޭނާ އަހަންނަށް ހީލިއެވެ. އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ. އުންމީދުތަކެއް އާވިއެވެ. އޭނާއާ ވާާހަކަ ދައްކަން ބޭނުންވިއެވެ. އަހަރެން ވެއިޓަރަށް އިޝާރަތްކުރުމުން ވެއިޓަރު އަހަރެން ކައިރިއަށް އައުމުން ޓިޝޫއެއްގައި އަހަރެންގެ ފޯނު ނަންބަރާއި އަހަރެންގެ [މިގް އެޑް] ލިޔެ ނިޝްއަށް ދިނުމަށް ބުނީމެވެ.

ނިޝް އޭގައި ހިފިއެވެ. އެކަމަކު އޭގެ ފަހުން އަހަންނާ ދިމާލަށް ނުވެސް ބަލައެވެ. އަދި އަވަސް އަވަހަށް އެތަނުން ދިޔައީއެވެ.

އޭގެ ފަހުން އަހަރުމެން ދެމީހުން ބައްދަލުވީ [މިގް] ޗެޓުންނެވެ. [ނައިސް ހެއަރ ސްޓައިލް] ނިޝް ފުރަތަމަވެސް ބުނި ޖުމްލައަކީ އެއީއެވެ. އަހަރެން ވަރަށް އުފާވިއެވެ. އޭގެ ފަހުން ފޯނުންވެސް ބައްދަލުވާން ފެށިއެވެ. އަދި ކޮފީއަށް ދިއުމާއި އެކަހެރި ބައްދަލުވުންތައްވެސް ބާއްވަމުން ދިޔައީމެވެ. އެންމެ ފަހުން ދެމީހުން ކައިވެނިކުރީއެވެ. ކުއްލިއަކަށް އަހަރެންގެ ޙަޔާތަށް ބޮޑެތި ބަދަލުތަކެއް އައެވެ.

ރައްޓެހިންނަށް ދެވޭ ވަގުތުތައް ވަރަށް ބޮޑަށް މަދުވިއެވެ. ރޭގަނޑުގެ ގިނަވަގުތުތައްވެސް ގޭގައި ހޭދަކުރެވެން ފެށުނެވެ. އަހަރެންގެ އުޅުމަށް އައި ބަދަލުތަކުން މަންމައާއި ބައްޕަވެސް ހިތްހަމަޖެހިފައި ތިބިކަން އަހަންނަށް އެނގުނެވެ. އަހަރެން ވަޒީފާއަކަށް ދިއުމަށް ނިޝްވެސް ބާރުއަޅަން ފެށިއެވެ. އަހަރެން ނޫސްތައް ބަލާ ހެދީމެވެ. ބައެއް ވަޒީފާތައް ހުއްޓެވެ. އެކަމަކު އަހަރެން ދާހިތްވާ ކަހަލަ ވަޒީފާތަކެއް ނެތެވެ.

ގިނަގަޑިއިރު ޑިއުޓީގައި އުޅެންޖެހޭ ކަހަލަ ވަޒީފާތަކަށް ދާން އަހަރެން ބޭނުމެއް ނުވެއެވެ. އަހަރެން ވަޒީފާއަކަށް ނުދިޔަ ނަމަވެސް ގޭގެ ކުއްޔަށްދީފައި ހުރި ދެފްލޯއިން ލިބޭ ލާރިން ހަމަޖެހިލައިގެން ދިރިއުޅެވެއެވެ. އަނެއްކޮޅުން ކޮއްކޮވެސް މިހާރު އެހެރީ ކިޔަވާ ނިމިގެން ވަޒީފާއެއްގައެވެ.

 

އަހަރެން ވިސްނަންޖެހޭ އެއްވެސް ކަމެއް ނެތެވެ. ދިރިއުޅުމުގެ ހުރިހާ އުފަލެއް އަހަންނަށް ދިޔައީ ޙާޞިލުވަމުންނެވެ. ބަހާރުމޫސުމުގެ ކޮކާލެއް ފަދައިން އަހަރެންގެ ޙަޔާތުގެ ގުލްޒާރުގައި އުދުހެމުންދިޔައީމެވެ. ޒަވާޖީ ހަޔާތުގެ ފޮނިމީރުކަމާއި ދިރިއުޅުމުގެ ހުރިހާ އުފަލަކާއި ހުރިހާ ލައްޒަތެއް އެއްފަހަރާ އަހަންނަށް ލިބެމުން ދިޔައެވެ. އެހެނަސް ދުނިޔޭގެ ކެހިވެރިކަމާއި ދުނިޔެ އެކި ދުވަހު އެކި ކުލަތައް ދައްކާކަން އޭރު އަހަރެންގެ މިމޮޔަ ހިތެއް ޤަބޫލެއް ނުކުރެއެވެ.

ދުވަސްތައް މާޒީއާއެކުވަމުންދެއެވެ. ނިޝް އިނީ ބަލިވެއެވެ. ގޭތެރޭގެ އުފާވެރިކަން އިންތިހާއަށް އިތުރު ވިއެވެ. އެހެނަސް އެއުފާވެރިކަން މާގިނަދުވަހު ދެމިއޮންނަ ގޮތެއް ނުވިއެވެ. ސަބަބަކަށްވީ ބައްޕަގެ ބަލި ހާލަތެވެ. އެދުވަސްކޮޅު ބައްޕަ ވަރަށް ބޮޑަށް ބަލިވާން ފެށިއެވެ. އެކިފަހަރުމަތިން އެކި ޑޮކްޓަރުންނަށް ދައްކާ ހެދިފަހުން އެނގުނީ ބައްޕަގެ ބައްޔަކީ ކެންސަރު ކަމެވެ. ބައްޕައަށް ބޭސްކުރަން ފައިސާ ބޭނުންވެއްޖެއެވެ.

އަނެއްކޮޅުން ނިޝް އެހެރީ ވިހަން ކައިރިވެފައެވެ. އަހަރުމެންނަށް ލިބޭ ލާރިން ދެކޮޅުޖެހޭ ގޮތެއް ނުވިއެވެ. މިއީ ކުރިން އަހަރެން އެއްގޮތަކަށްވެސް ނުވިސްނާ ކަންތައްތަކެވެ. މިކަހަލަ ދުވަހެއް އަހަރެންގެ ޙަޔާތުގައި އަންނާނެއެކޭ އަހަރެންގެ ހިތަކަށް ނާރައެވެ. އެކަމަކު ތަޤްދީރުގައި ކުރެހެމުންދާ ކުރެހުންތަކެއް އެކަކަށްވެސް ކުރިއަކުން ނޭނގޭނެތާއެވެ.

އަހަރެން އެކަނިއޮވެ ވިސްނާ ހެދީމެވެ. އަހަންނަކީ ޢާއިލާގެ ދޮށްޓަށް ހުރި މީހާކަމުން ބައްޕައަށް މިއަދު އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މީހަކީ އަހަންނެވެ. އެހެނަސް އަހަރެންނަކީ ކިހާ ނުކުޅެދޭ މީހެއް ހެއްޔެވެ؟ އަހަންނަށް ބައްޕައަށްޓަކައި ކުރެވޭނެ އެއްކަމެއްވެސް ނެތެވެ. އަހަރެންގެ ކޮއްކޮވެސް މިއަދު އަހަންނަށްވުރެ މާ ޒިންމާދާރުތާއެވެ.

އަހަރެންގެ ހާސްކަމާއި ފިކުރު ކުޑަކުރެވޭތޯ ބައެއް ފަހަރަށް ރައްޓެހިންގެ ގޭގެއަށްގޮސް ހަދަން ފެށީމެވެ. އަދި ރައްޓެހިންނާއެކު ބޭރަށް ގޮސް އުޅޭން ފެށުނެވެ. އެހެންނަމަވެސް އަހަރެންގެ ހާސްކަމާއި ފިކުރަކަށް ބަދަލެއް ނާދެއެވެ. ނިޝް ވިހެއީވެސް އެދުވަސްކޮޅުއެވެ. އަހަރެންގެ އަލަތު ދަރިފުޅު ލިބުނުއިރުވެސް އަހަރެން ކުރިން އުންމީދު ކުރި ކަހަލަ އުފާތަކެއް ޙާޞިލެއް ނުވިއެވެ. އެއްކޮޅުން ބައްޕަގެ ބަލި ޙާލަތެވެ. އަނެއް ކޮޅުން ދަރިއަކު ލިބުމުން ޢާއިލާގެ ޚަރަދުތައް ބޮޑުވީއެވެ. އަހަންނަށް ހަދާނެ ގޮތް ހުސްވިއެވެ.

އޭގެ ދުވަސްކޮޅެއްފަހުން ގޭގެ އެއްފްލޯގައި ހުރި އެޕާރޓްމަންޓްގެ  އެގްރީމަންޓްގެ މުއްދަތު ހަމަވުމުން އެފްލޯގައި ތިބި މީހުންނަށް ތަން ހުސްކުރުމަށް ބުނެ އެމީހުން ފޮނުވާލުމަށްފަހު އަލުން ބޮޑު އެޑްވާންސްއަކާއެކު ކުލިވެސް ބޮޑުކުރީމެވެ. އެފަހަރު ލިބުނު ލާރިން ބައްޕަ ގޮވައިގެން ފުރަތަމަ ފަހަރަށް އިންޑިއާއަށް ގޮސް ބޭސްކުރަން ފެށުނެވެ. އެހެންނަމަވެސް ބައްޕަގެ ބައްޔަކީ ދިގުމުއްދަތަށް ބޭސްކުރަންޖެހޭ ބައްޔަކަށްވުމުން ފައިސާއިން އަބަދުވެސް އޮންނަނީ ދެކޮޅު ނުޖެހިފައެވެ.

 

ބައްޕައާއެކު އިންޑިޔާގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު އަހަރެން މާލެއައީމެވެ. ކޮންމެ ގޮތެއް ހަދާފަވެސް އަނެއްކާވެސް ވަޒީފާއަކަށް ވަންނަން މަސައްކަތް ފެށީމެވެ. އެހެންނަމަވެސް ކިރިއާވެސް ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެއް ނަމަ ބޭނުުންވަނީ އޭލެވެލް ފެންވަރުގެ މީހުންނެވެ. މަންމަގެ ބަސްއަހައިގެން އޭލެވެލް ފެންވަރަށްވެސް ކިޔެވުނުނަމަ ހާދަހާ ރަނގަޅުވީހޭ ހިތަށް އެރިއެވެ.

އެކަމަކު އަހަރެންނަށް އޭރު ނުވިސްނުނީތާއެވެ. އަހަރެންނާ އެއްއުމުރެއްގެ މީހުން މިހާރު ތިބީ ތަންތަނުގެ ހަރުދަނާ ވަޒިފާތަކުގައިކަމުން އަހަރެން ވަރަށް ދެރަވެއެވެ. ބައެއް ފަހަރަށް އަމިއްލަ ނަފުސް ކުށްވެރިކުރެވެއެވެ. އަދި ބައެއް ފަހަރަށް އަންހެނުންނާއި ދަރިފުޅު ދެކެވެސް ރުޅި އާދެވެން ފެށިއެވެ.

އެއްދުވަހެއްގެ ހަވީރެއްގެ ވަގުތެވެ. އަހަރުމެން ގެއަށް ނިޝްގެ ބޭބެ  ނިޝާމް އައެވެ. ނިޝާމް އަކީވެސް ސްކޫލް ދައުރުގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި އަހަރުމެން ޓީމަށް ކުޅުނު އޭރުއްސުރެ ދެކެ ފަރިތަ ރައްޓެއްސެކެވެ. އޭނަ އަކީ ދިރާގު މޯބައިލް ފިހާރައިގައި ކޭޝިއަރެއްގެ ވަޒީފާ އަދާކުރަމުންދާ  މީހެކެވެ. އެދުވަހު ދެކެވުނު ވާހަކަތަކުގެ ތެރޭގައި އެތަނުގެ ބައެއް ވާހަކަތައްވެސް އޭނާ އަހަރެން ގާތު ދެއްކިއެވެ.

އެފިހާރަށްއަށް ލައްކައިން ފައިސާ ވަންނަ ކަމަށާއި ފައިސާ ބެލެހެއްޓުމުގައި ހަރުދަނާ އުސޫލުތަކެއްވެސް ނުހުންނަ ކަމާއި އެތަނުގެ ތިޖޫރީ ތަޅުދަނޑިވެސް އޮންނަނީ ފަސޭހައިން ފެންނަ ހިސާބުގައި ކަމާއި އެކަހަލަ އެތައް ވާހަކައެއް ދެއްކިއެވެ. އެހެންނަމަވެސް އެތަނުގެ ބޭރު ދޮރުން ވަދެވެން އަންނަނީ ސެކިއުރިޓީ ކާރޑެއް ބޭނުންކޮށްގެން ކަމާއި އެނޫން އެއްވެސް ސެކިއުރިޓީއެއް ނުހުންނަ ކަމާއި އެތަނުގެ ދޯދިޔާ ވާހަކަތައް ކިޔައިދިނެވެ.

އޭނާ އެއްވެސް ޚިޔާލެއް ފިކުރެއްނެތި ދައްކަމުން ދިޔަ އެވާހަކަތަކުގެ ސަބަބުން އެވަގުތުން ފެށިގެން އަހަރެންގެ ސިނޑުޑިއަށް ޝައިތާނާގެ ވަސްވާސް ވަންނަން ފެށިއެވެ. ރައްޓެހިންނާއެކު ކޮފީއަށް ގޮސް އުޅޭ އުޅުމުގައި އެމީހުންގެ ތެރެއިން ބައެއް މީހުން ކޮށްފަ ހުންނަ ކަންތައްތައް ކިޔައިދީފައި ހުރުމުންކަންވެސް ނޭނގެއެވެ. އަހަރެންގެެ ސިނކުޑިތެރޭގައި ނުބައި ރޭވުންތަކެއް ރޭވެން ފެށުނީ އެހިސާބުންނެވެ.

އޭގެ ދުވަސްތަކެއް ފަހުން އެއްދުވަހު އަހަރެން ނިޝާމް ކައިރީގައި ބުނެގެން އެތަނުގެ އަންހެން ކުއްޖެއްގެ އޮފީސް ސެކިއުރިޓީ ކާރޑެއް ހޯދީމެވެ. އެކާރޑަކީ މުއްދަތު ހަމަވެފައިވާ ކާރޑެއް ކަމުން މާބޮޑު ކަމަކަށް ނަހަދާ  އޭނާ އަހަންނަށް އެކާރޑް ދީފިއެވެ. އަހަރެން އެކާރޑް ގެންދިޔައީ ރައްޓެއްސެއްގެ އޮފީހުގައި ކާރޑް ބޭނުންކުރަން ފަށާތީ [ސާމްޕަލް] އަކަށް ބަލާލަން ކަމަށް ބުނެއެވެ.

ކާރޑް ލިބުމާއެކު އަހަރެން އަވަސް އަވަހަށް ދިޔައީ ސަމީރު ކައިރިއަށެވެ. އެއްދުވަހަކު ދެކެވުނު ވާހަކައެއްގައި އޭނާ ކުރި މޮޅުކަމެއް ކިޔައިދެމުންގޮސް މުއްދަތުހަމަވެފައިވާ ކާރޑެއް ބޭނުންކުރި ވާހަކަ ބުނި ހަނދާން ވެގެންނެވެ. އަހަރެން އޭނާ ލައްވާ އެކާރޑް [އެކްޓިވޭޓް] ކުރުވީ އެއީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށާއި އޭނާގެ ފަހުގެ ކާރޑު ގެއްލިގެން އުޅޭ ކަމަށާއި އަދި އެކަން އެނގިއްޖެނަމަ އޮފީހުން ވަރަށް ބޮޑަށް ޖުރިމަނާ ކުރާނެ ކަމަށް ބުނެއެވެ. ކޮންމެއަކަސް އޭނާއަކީ އަހަރުމެންނާއެކު އުޅޭ މީހެއްކަމުން އޭނާ އަހަންނަށް އެކަންތައް ވަރަށް ފަސޭހައިން ކޮށްދީފިއެވެ.

ނުނިމޭ……….

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.