ހުޅަނގުގެ ލޮލުން

= ރަން ޒަމާން=

ބޮން ގޮއްވުމެއް، ބޯކެޑުމެއް، އަތްކެނޑުމެއް، މީހުން މެރުމެއް ނެތް ދުނިޔެއެއް ތަޞައްވުރު ކުރެވޭ ހެއްޔެވެ؟ -ހުޅަނގުގެ ލޮލުން-

އިޝްތިހާރު Below Header ad

ދުވަހަކީ 11 ސެޕްޓޭމްބަރ 2001މ ވަނަ ދުވަހެވެ. މުޅި ދުނިޔެ ގުގުމައިގެން ދިޔައީ ދުނިޔޭގެ “ޝަހެންޝާހް”ގެ ބިން ގުޑައިގެންދިޔަ ބިރުވެރި ހާދިސާއިންނެވެ. އެއީ ޓެރަރިސްޓް ހަމަލާތަކެއް އެމެރިކާގެ މުޙިއްމު ޢިމާރާތްތަކަށް އަމާޒުކުރެވުނު ބިރުވެރި ދުވަހެވެ. 2 ވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔޭގެ ސިޔާސަތާއި ސިޔާދަތަށް އެންމެ ބޮޑު ބަދަލެއް ގެނުވި ދުވަހެވެ. އާދެ! ޓެރަރިޒަމާއި ދެކޮޅު ހަނގުރާމަ ފެށުނު ދުވަހެވެ.

ސެޕްޓޭމްބަރ 11އިގެ ޙަމަލާއިން އެންމެ ބޮޑު ބިރުވެރިކަމެއް ލިބުނީ މުސްލިމުންނަށެވެ. އެމެރިކާގެ ކަންކޮޅުތަކުގައި އެތަކެއް މުސްލިމުންނެއް މަރާލެވުނެވެ. އިސްލާމީ ބިންތަކަށް އެމެރިކާ ކޯލިޝަންގެ ލަޝްކަރުތަކުން އަރައިގަނެ އެތައް ހާސް ބަޔަކު މަރާލިއެވެ. އަދި އެ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން މިއަދާއި ހަމައަށް އެތައް މިލިޔަން ކުޑަކުދިންނަކާއި އަންހެނުންނެއް ވަނީ ޙައްޤަކާއި ނުލައި ދުނިޔެއިން ވަކިކޮށްލެވިފައެވެ.

އިސްލާމީ އުންމަތުގެ ހަމަޖެހުމަށް ވަނީ ނުހަނު ގެއްލުން ލިބިފައެވެ. މިހަނގުރާމައިގައި މުސްލިމުންނަށް އަނިޔާއާއި ޒަޚަމްތައް ލިބުނީ ހަމައެކަނި ޢަޝްކަރީ ޙަމަލާތަކަކުން، ބަޑިބޭހާއި ބޮމަކުން ނޫނެވެ. މުސްލިމުންގެ އަޚްލާޤާއި އުޅުން، އާދަކާދައާއި ޙަޟާރަތުގެ ރަން ޞަފްޙާތައް ނަފްރަތާއި ދޮގުބުހުތާނުން ކަޅުކޮށްލެވުނެވެ. އިސްލާމްދީނުގެ ރަޙްމަތާއި ސަލާމަތްކަމުގެ ސިފަ އޮޅުވާލެވި، އެދީނުގެ މޫނުމަތި ހުތުރުކުރެވުނެވެ. މުސްލިމުންނަކީ އަނިޔާވެރި، ބަރުބަރީ، އަދި ނާތަހުޒީބާއި އެވޭލާ ޚިޔާލުގެ ބައެއްގެ ގޮތުގައި ސިފަކުރެވުނެވެ.

2001މ  ވަނަ އަހަރުން ފެށިގެން ދުނިޔޭގައި މުސްލިމުންނާއި ދެކޮޅަށް ފެށިގެން އައި ތަފާތު ޙަރަކާތްތަކުގެ ތެރޭގައި، އިސްލާމްދީނާއި މާތްނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކުރެވި އެކަލޭގެފާނުގެ މާތް އަބުރުފުޅަށް އަރައިގަނެވުނެވެ. މިއަދާއި ހަމައަށްވެސް އެކިއެކި ޝިޢާރުތައް ބޭނުންކޮށްގެން އިސްލާމްދީނާއި ދެކޮޅަށް އެ ހިންގެމުންދިޔަ ހަރަކާތްތަކަށް ނިމުމެއް ނާދެއެވެ.

މިގޮތުން އިސްލާމްދީނުގެ އަދާވާތްތެރިން ބޭނުންކުރަމުން އައި އެއް ޝިޢާރަކީ ” އިސްލާމްދީން ނުލައި ދުނިޔެ އޮންނާނެ ގޮތް ތަޞައްވުރުކޮށްލާށެވެ!” އެބައިމީހުންގެ ބާތިލް ދަޢުވާގައި މީސްތަކުންނަށް ވިސްނައިދެމުން ދިޔައީ، އިސްލާމްދީން ފާޅުނުވިނަމަ މިއަދު ދުނިޔެ އޮންނާނެ އަމާންކަމެވެ. ތަހުޒީބާއި ތަމައްދުނާއި، މިނިވަންކަމާއި، އަޚްލާޤާއި ޞުލުޙަ މަސަލަސްކަމާއި ޢަދުލުވެރިކަމާއި މިހުރިހާކަމެއް ފުރާ ފުރިހަމަވެފައި ވާނޭކަމެވެ.

ބޮން ގޮއްވުމެއް، ބޯކެޑުމެއް، އަތްކެނޑުމެއް، މީހުން މެރުމެއް ނޯންނާނޭކަމެވެ. ޖުމްލަގޮތެއްގައި އެމީހުން މީސްތަކުންނަށް ވިސްނައިދެމުން އަންނަ ބަހުގެ މުރާދަކީ މިއަދު ދުނިޔެއަށް ދިމާވެފައިވާ ހުރިހާ މައްސަލައެއްގެ އަސްލަކީ އިސްލާމްދީން ކަމުގައެވެ. އަދި އިސްލާމްދީނާއި ނުލައި ދުނިޔެ އޮންނާނީ ވަރަށް އަމާން ލާމަސީލު ފުރިހަމަ މުޖުތަމަޢްތަކެއްގެ ގޮތުގައި ކަމެވެ.

ކޮފީއާއި، މިޒަމާނުގެ ތިން ކެއުން (ސޫޕް، ކެއުން، ޑެޒާޓް) ހިމެނޭ ކެއުމާއި، ސާފުތާހިރުވުމަށް ބޭނުންކުރާ ސައިބޯންޏާއި ޝޭމްޕޫ، ދަތްއުނގުޅާ ބުރުހާއި ޙައްމާމު، ކޮސްމެޓިކްސް އާއި ސެންޓް ފަދަ ތަކެއްޗާއި ނުލައި ދުނިޔެ އޮންނާނެ ގޮތެއް ތަޞައްވުރުކުރުކޮށްލާށެވެ! އިސްލާމީ ހަޟާރާތުން ދުނިޔެ ވާރުތަކުރި ފިޒިކްސްއާއި ކެމިސްޓްރީ، އަލްޖިބްރާއާއި، އަލްގަރިދަމް، ސުމަކާއި މިހާރު މި ބޭނުންކުރެވޭ ހިސާބު ނަމްބަރު ފަދަ ޢިލްމާއި، ސާޖަރީކުރާ އާލާތްތަކާއި، ބިއްލޫރިއާއި، ކަރުދާސްފަދަ ތަކެތި، އަދި ހޮސްޕިޓަލްތަކާއި ޔުނިވާސިޓީ ފަދަ ޢިމާރާތްތައް  ނުލައި މިއަދު ދުނިޔެ އޮންނާނެ ގޮތެއް ތަޞައްވުރު ކޮށްލާށެވެ!

ޑރ.ވަލީދު ޢަބްދުލްޙަކީމް

ސޯޝަލްމީޑީޔާގައި ކުރިއަށްދިޔަ އިސްވެ ބަޔާންކުރެވުނު ކެމްޕޭނަށް ރައްދުދެމުން ބައެއްފަރާތްތަކުން ފާޅުކޮށްފައިވާ ޚިޔާލުތައް، ދުނިޔޭގެ މަޝްހޫރު ދާޢީ އެއްކަމުގައިވާ ޑރ. ވަލީދު ޢަބްދުލްޙަކީމް އޭނާގެ ފޭސްބުކްޕޭޖްގައި ޙިއްޞާކުރައްވައި ލިއުއްވާފައިވާ ލިއުއްވުމެއްގައި  މުސްލިމުން ނެތްނަމަ މިއަދު ފެންނަން ނުހުންނާނޭ ބައެއް ތަކެތި މިސާލުޖައްސަވާފައި ވެއެވެ.

މުސްލިމުންގެ ޘަޤާފަތުން ދުނިޔެ ޙިއްޞާކުރި ތަކެތީގެ ތެރޭގައި ހިމެނޭ ކޮފީއާއި، މިޒަމާނުގެ ތިން ކެއުން (ސޫޕް، ކެއުން، ޑެޒާޓް) ހިމެނޭ ކެއުމާއި، ސާފުތާހިރުވުމަށް ބޭނުންކުރާ ސައިބޯންޏާއި ޝޭމްޕޫ، ދަތްއުނގުޅާ ބުރުހާއި ޙައްމާމު، ކޮސްމެޓިކްސް އާއި ސެންޓް ފަދަ ތަކެއްޗާއި ނުލައި ދުނިޔެ އޮންނާނެ ގޮތެއް ތަޞައްވުރުކުރުމާއި، އިސްލާމީ ހަޟާރާތުން ދުނިޔެ ވާރުތަކުރި ފިޒިކްސްއާއި ކެމިސްޓްރީ، އަލްޖިބްރާއާއި، އަލްގަރިދަމް، ސުމަކާއި މިހާރު މި ބޭނުންކުރެވޭ ހިސާބު ނަމްބަރު ފަދަ ޢިލްމާއި، ސާޖަރީކުރާ އާލާތްތަކާއި، ބިއްލޫރިއާއި، ކަރުދާސްފަދަ ތަކެތި، އަދި ހޮސްޕިޓަލްތަކާއި ޔުނިވާސިޓީ ފަދަ ޢިމާރާތްތައް  ނުލައި މިއަދު ދުނިޔެ އޮންނާނެ ގޮތެއް ތަޞައްވުރުކޮށްލުމަށެވެ. [1]

ދުނިޔެއަށް މިހާރު ދިމާވެފައިވާ މައްސަލަތަކުގެ ސަބަބަކީ އިސްލާމްދީނާއި މުސްލިމުން ނޫންކަމަށް ވަކާލާތުކުރަނީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. ޣައިރު މުސްލިމުންގެ އެތައް ޢިލްމުވެރިންނެއް ވަނީ އިސްލާމީ ޘަޤާފަތާއި ޙަޟާރާތުގެ އަގު ވަޒަންކޮށް، މިއަދު މިދެކޭ މައްސަލަތަކުގެ ސަބަބަކީ އިސްލާމްދީން ނޫންކަން ބަޔާންކޮށްދޭން މަސައްކަތް ކުރައްވާފައެވެ.

އެމެރިކާގެ ޖާސޫސީ އިދާރާއެއްކަމުގައިވާ ނެޝަނަލް އިންޓެލިޖަންސް ކައުންސިލް (އެން.އައި.ސީ) ގެ ކުރީގެ ވައިސް ޗެއަރ، އަދި މަޝްހޫރު ލިއުންތެރިޔާ ގްރެހަމް ފުލަރ  ބަޔާންކުރައްވާ ގޮތުގައި ދުނިޔެއަށް ދިމާވެފައިވާ މައްސަލަތަކަކީ އިސްލާމްދީން އައުމުގެ ކުރިންވެސް އޮތް މައްސަލަތަކެކެވެ. މަޤާމާއި، ބިމާއި، ބާރުވެރިކަމާއި، ވިޔަފާރީގެ ބޭނުމުގައި އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިލުން މެދުއިރުމަތީގައި އާއްމުވީ އިސްލާމްދީން ފާޅުވުމުގެ މާކުރީންނެވެ.

ރޯމަނުން ދިޔައީ ޝާމްކަރައިގެ ސުރުޔާނީ (އިރުމަތީގެ) މަޞީޙީންގެ މައްޗަށް ވެރިވެގަނެ އެމީހުން އަޅުވެތިކުރަމުންނެވެ. އަދި ފަހުން ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކުން ދިޔައީ އެފްރިކާގައި ނަޞާރާދީން ފެތުރުމަށްފަހުގައިވެސް އެބައިމީހުން އަޅުވެތިކުރަމުންނެވެ. ހަބުޝްކަރަ (އިތިއޯޕިޔާ) ގައި ޒަމާނުއްސުރެ މަސީޙީ ވެރިކަމެއް އޮތުމާއި އެކުގައިވެސް އިޓާލިއަނުން އެތަން އެބައިމީހުންގެ އިސްތިޢުމާރީ ކޮލޮނީއަކަށް ހެދިއެވެ.

މިއާއި ޚިލާފަށް ނަބަވީ ބެނާގެ ދަށުގައި މުސްލިމުން ފަތަޙަކުރި މެދުއިރުމައްޗާއި ހުޅަނގުބިތުގައި ބޮޑު ސަރަޙައްދެއްގައި، ކައުނީ އެއް އަޤީދާއަކަށް ނިސްބަތްވާ ބޮޑު ޖަމާއަތެއް، ފުޅާ ހަޟާރަތެއް ޙިއްޞާކޮށް، އެއް ފަލްސަފާއަކާއި، ހުނަރުތަކަކާއި، މުޖްތަމަޢްއަކާއި، ދިރިއުޅުމުގައި މިންގަނޑަކާއި، ޢަދާލަތަކާއި، ފިޤުހާއި، ވެރިކަމުގެ ނިޒާމެއް ޤާއިމްކޮށް ހުރިހާ ގޮތަކުންވެސް ފުރިހަމަ ލާމަސީލު ޘަޤާފަތެއް ޤާއިމްކުރިއެވެ. އެމީހުންގެ ރީތި ޘަޤާފަތާއި ފުރިހަމަ އަޚްލާޤުގެ ސަބަބުން ފެތުރިފައިވާ ތަފާތު ނަސްލުތަކެއްގެ ބަޔަކު ގުޅުވާލައިދީ ފުޅާ އަދި ފުރިހަމަ އިސްލާމީ ޙަޟާރަތަކަށް މަގުކޮށައިދިނެވެ. [2]

އާދެ، މުސްލިމުން ޤަބޫލުކުރީ ތައުޙީދާއި މުސްލިމުންގެ އަޤީދާއާއި ފުށުނާރާ ކޮންމެ ޘަޤާފަތަކާއި ޙަޟާރާތަކީ، އިންސާނުންނަށް އެއިން މަންފާއާއި ފައިދާ ލިބިދޭ ކޮންމެ ޢިލްމަކީ އިސްލާމްދީނުގެ ބައެއްގެ ގޮތުގައެވެ. އެހެނީ ބިންމަތީގައި އިންސާނުން ތަފާތު ނަސްލުތަކުގެ ގޮތުގައި ލައްވައި އެއްބަޔަކު އަނެއްބައެއްގެ ފަރާތުން މަންފާލިބިގަތުމަކީ އިލާހީ ސުންނަތެވެ.

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވާ ފަދައިންނެވެ. ” އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. “[3] އިބުނު އައްބާސްގެ ފަރާތްޕުޅުން ރިވާވެގެންވާ ގޮތުގައި މި އާޔަތް ބާވައިލެއްވުނީ ޘާބިތު ބުނި ޤައިސްއާއި ބެހޭގޮތުންނެވެ.

އެކަލޭގެފާނަށް މިސްކިތުން ތަންކޮޅެއް ނުދެއްކި މީހަކާއި ދިމާލަށް، މިވަނި މީހެއްގެ ދަރި މިވަނި މީހެކޭ (މަންމައަށް ނިސްބަތްކޮށް) ވިދާޅުވުމުން ރަސޫލާ އެހެން ބުނީ ކާކުތޯ ސުވާލުކުރައްވައި، ޘާބިތު ތެދުވެވަޑައިގެން އެއީ ތިމަންނައޭ ދެންނެވުމުން އެކަލޭގެފާނު އެތާނގައި ތިއްބެވި ޞަޙާބީންނަށް އިޝާރާތްކުރައްވައި ޙަދީޘްކުރެއްވިއެވެ. “ތިބާއަށް ފެންނަނީ ކޯޗެއްހެއްޔެވެ؟” ދެންނެދިއެވެ. “ހުދުކުލައާއި ރަތްކުލައާއި ކަޅުކުލައިގެ މީހުންތަކެކެވެ.” އެހިނދު ޙަދީޘްކުރެއްވިއެވެ. “ތިބާއަށް އެމީހުންގެ މައްޗަކަށް ﷲ އަށް ބިރުވެތިވުމާއި ތަޤްވާވެރިވުމުން މެދުވީ މާތްކަމެއް ލިބިގެނެއް ނުވެއެވެ.” [4]

އާދެ! މުސްލިމުން ތައުޙީދާއި އެއްކައުވަންތަކަމުގެ ތަޢުލީމު މީސްތަކުންނަށް ފޯރުކޮށްދިން ފަދައިން، އިންސާނިއްޔަތާއި ގުޅުންހުރި ފައިދާހުރި ޢިލްމާއި، ޘަޤާފަތާއި ޙަޟާރާތްތައްވެސް ޖަމަޢަކޮށް ފޮޅާ ސާފުކުރުމަށްފަހު މީސްތަކުންނަށް މަންފާ ލިބިގަތުމަށްޓަކައި ފޯރުކޮށްދެމުންދިޔަދިއުން ދިރާސާކޮށް ބަޔާންކޮށްދިނުމަކީ މިއަދު ނުހަނު މުޙިއްވެއްޖެ ކަމެއްކަމުގައި ދެކެމެވެ.

އެއީ މުސްލިމުންގެ ރަންޒަމާނުގެ ކާމިޔާބީތަކާއި، އިސްލާމްދީނަށް އިންސާނީ ނަސްލު ދަރަނިވެރިވެފައިވާ މިންވަރު، ހުޅަނގުގެ ތަޢުލީމުގައި އޮޅުންބޮޅުންވަމުންދާ ދިވެހި ދަރީންނަށްވިސްނައިދިނުމަށެވެ. އިސްލާމްދީނަކީ އެވޭލާ ނާތަހުޒީބު ދީނެއް ނޫންކަމާއި، މިއަދު މިދެކޭ ސައިންސާއި ޓެކްނޮލޮޖީގެ މޭސްތިރިންނާއި ޗެމްޕިއަނުންނަކީ މުސްލިމުންކަން ބަޔާންކޮށްދިނުމަށެވެ.

[1] – ވަލީދު ޙަކީމް (2016). އިމެޖިން އަ ވާރލްޑް ވިތައުޓް މުސްލިމްސް، ނެގީ ސެޕްޓޭމްބަރ 10، 2016، https://web.facebook.com/Dr.Waleed.Hakeem/photos/a.448098695842.243096.108448120842/10153651439585843/?type=3&theater ން

[2] -Graham E Fuller, A World without Islam (Foreign Policy 164, Research Library, 2008) 48-51.

[3] – ރައީސުލްޖުމްހޫރިއްޔާގެ އޮފީސް (2007). ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ (الحجرات: ١٣)

[4] – http://www.altafsir.com/Books/Asbab%20Al-Nuzul%20by%20Al-Wahidi.pdf (ނެގީ 16 ސެޕްޓޭމްބަރ 2016)

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.