
ރަސޫލާ صلى الله عليه وسلم އަށް ތަބަޢުވުމުގެ ވާޖިބުކަން (1)
އަހަރެމެންގެ ނަބިއްޔާއަކީ އަހަރެމެންގެ ނަމޫނާއެވެ.
الحمد لله وبه نستعين. و الصلاة و السلام على نبينا و قدوتنا محمد و آله و صحبه أجمعين، أما بعد:
އަބޫ އައްޔޫބުލް އަންޞާރީ رضي الله عنه މަސްދުވަހުގެ ރާސްތާއެއްގެ ދިގު ދަތުރެއްކުރައްވާފައި ޢުޤުބާ ބިން ޢާމިރު رضي الله عنه މިސްރުގެ ގަވަރުނަރުކަމުގައި ހުންނަވަނިކޮށް (މަދީނާއިން)ވަޑައިގަތެވެ. އަދި ދެންނެވިއެވެ. މާތްނަބިއްޔާ ﷺގެ ކިބައިން މުސްލިމުންގެ ޢައިބު ފޮރުވުމާއި ބެހޭގޮތުން އައިސްފައިވާ ހަދީޘް ތިމަންކަލޭގެފާނަށް ކިޔައިދެއްވާށެވެ. މިހާރު އެޙަދީޘް އަޑުއެހި މީހުންގެ ތެރެއިން ތިމަންކަލޭގެފާނާއި އަދި ކަލޭގެފާނު މެނުވީ އެހެންމީހަކު ނެތެވެ. ޢުޤްބާ ބިން ޢާމިރު رضي الله عنه މި ޙަދީޘް ކިޔައިދެއްވުމުން އަބޫ ޢައްޔޫބުލް ޢަންޞާރީ رضي الله عنه ވަޤުތުން އެކަލޭގެފާނު ދަތުރުކުރެއްވި ސަވާރީއަށް އަރުއްވައިގެން މަދީނާއަށް ދިޔުމަށް ދަތުރުފައްޓަވައިފިއެވެ. އެންމެކުޑަމިނުން އެކަލޭގެފާނު ވަރުބަލިފުޅު ފިލުވާލެއްވުމަށްވެސް މަޑުނުކުރައްވައެވެ.
ސުވާލަކީ މިފަދަ ބޮޑު ލޯތްބަކާއި މަތިވެރިކަމެއް މުސްލިމުން ރަސޫލާ ﷺ އަށް ދެނީ ކީއްވެހެއްޔެވެ؟
ޖަވާބު ވަރަށް ސާފެވެ. ސަބަބަކީ އެއީ ހުރިހާ އިންސާނުންނަށްޓަކައި ފޮނުވުނު ރަޙުމަތެއްކަމުގައި އެކަލޭގެފާނު ވެފައި އެކަލޭގެފާނަކީ މުޅި އިންސާނިއްޔަތަށްވާ ނަމޫނާއެއްކަމުގައި ވާތީއެވެ. މުޅި އިންސާނިއްޔަތަށް އެންމެ ފުރިހަމަ ނަމޫނާ އަދި އެންމެ ފުރިހަމަ އަޚުލާޤު ދައްކަވައި ދެދުނިޔެ ބާއްޖަވެރިވާނެ ރިސާލަތު ބަޔާންކޮށްދެއްވުމަށް ﷲ ފޮނުއްވި ކަލޭގެފާނު ކަމުގައިވާތީއެވެ. އަދި އިސްލާމްކަން އަދި އީމާންކަން ފުރިހަމަވުން ހިމެނިފައިވަނީ އެކަލޭގެފާނަށް ތަބާވެގެން ކަމުގައިވާތީއެވެ. އެއީ ހައްދުން ނެއްޓުމެއްނެތި ނަބިއްޔާ ޞައްލަﷲ ﷺ ބަޔާންކޮށްދެއްވި އެކަލޭގެފާނުގެ ޞަޙާބީން ޢަމަލު ކުރެއްވިގޮތުގެވެ މަތީންނެވެ.
ކީރިތި މޫރިތި ﷲ ގެ ވަޙީބަސްފުޅުންވާ ދަލީލު.
މާތްﷲ އަޙުޒާބުގެ ސޫރަތުގެ 21 ވަނަ އާޔަތުގައި ޥަޙީކުރައްވާފައިވެއެވެ.
﴿ لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّـهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّـهَ كَثِيرًا﴾ سورة الأحزاب: 21
މާނައިގެ ތަރުޖަމާއީ: ”ހަމަކަށަވަރުން ﷲ ގެ ރަސޫލާ (މުޙައްމަދު ﷺ) ގެ ކިބައިގައި ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. އެއީ ﷲއާއި އަދި އާޚިރަތްދުވަހަށް އުއްމީދުކުރާ އަދި ގިނަގިނައިން ﷲގެ މަތިން ހަނދުމަކުރާމީހުންނަށެވެ.“
މިއާޔަތުން އަޅުގަނޑުމެންނަށް މާތްނަބިއްޔާ ﷺ އަކީ އަޅުގަނޑުމެން މުސްލިމުންގެ އެންމެ ހެޔޮވެގެންވާ ނަމޫނާކަން އެނގިގެންދެއެވެ.
އަދިވެސް ﷲ ވަޙީކުރައްވައެވެ.
﴿وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ﴾ سورة الأنبياء: 107
ތަރުޖަމާޢީ: އަދި ތިމަންއިލާހު ކަލޭގެފާނު (އެބަޙީ މުޙައްމަދު ﷺ) ޢާލަމްތަކަށް (އިންސާނުންނާއި ޖިންނީންނަށް) ރަޙުމަތެއްކަމުގައި މެނުވީ ނުފޮނުއްވަމެވެ.“
ފަހެ މާތްނަބިއްޔާ ﷺ އަކީ އަޅުގަނޑުމެންނާއި އަދި މުޅި ޢާލަމްތަކަށް ފޮނުވުނު ރަޙުމަތެއްކަމުގައި އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެއެވެ.
އަދިވެސް ﷲ ކީރިތިޤުރުއާނުގެ އެތައްތަނެއްގައި އެކަލޭގެފާނަށް ތަބާވުމަށާއި އަދި އެކަލޭގެފާނު ދެއްވި އެއްޗެއްގައި ހިފުމަށާއި އެކަލޭގެފާނާށް ތަބާނުވާ މީސްތަކުންނަކީ ހަވާނަފުސަށް ތަބާވެފައިބާ ބަޔެއްކަން އަންގަވާ ބަސްފުޅު ވަޙީކުރައްވާފައިވެއެވެ.
ވީމާ މިކަމުގެ ސަބަބުން މުސްލިމުން އެންމެ ލޯބިވާ އިންސާނަކީ މާތްނަބިއްޔާ ﷺ ކަމާމެދުގައި އެއްވެސް ޝައްކެއްނެތެވެ. އެކަލޭގެފާނުވަނީ މުޅި ދުނިޔެ ބަދަލުކުރައްވައި އެކަލޭގެފާނުގެ ހިދާޔަތުގެ ސަބަބުން މުޅިދުނިޔޭގެ އެތައްބަޔަކަށް އުއްމީދުގެނެސްދެއްވި ބޭކަލަކަށެވެ. ޖާހިލިއްޔަތު ނައްތާލައްވައި އިންސާނުންގެ އަޅުވެތިކަމުން މީސްތަކުން ނެރުއްވައި އަދި ޢާލާމްތަކުގެ ވެރިރައްބުގެ އަޅުވެތިކަމުގެ ދަށަށް މީސްތަކުން ދާނެ މަންހަޖު ބަޔާންކޮށްދެއްވިއެވެ. އަންހެނުންގެ ޙައްޤުތައް އެކަލޭގެފާނު ބަޔާންކޮށްދެއްވިއެވެ. އެކަލޭގެފާނަކީ އެންމެ މާތް އިންސާނާއެވެ. މުސްލިމުންގެ ޖާނާއި މާލުން އެބޭކަލަކަށްޓަކައި ޤުރުބާންވާން މުސްލިމުން ތިބެނީ ލޮލުން ބޮލުން އެދިއެވެ.
މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ.
(لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ (متفق عليه) (متفق عليه/ رواه البخاري ومسلم)
މާނައީ: ”ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު، ތިޔަބައިމީހުން މައިންބަފައިންނާއި އަދި ދަރިންނާއި އަދި ހުރިހާ މީސްތަކުންނަށްވުރެ ބޮޑަށް އެމީހެއްގެ ގާތުގައި އެންމެ ލޮބުވެތިވެގެންވާ މީހަކީ ތިމަންކަލޭގެފާނުކަމުގައި ވެއްޖައުމަށްދާންދެން އެއްވެސް މީހަކު އީމާންވެގެންވީ ކަމުގައި ނުވެއެވެ.“
މިޙަދީޘްގެ މާނައާއި ބެހޭގޮތުން ޢައްލާމާ އިބުނު ބާޒު ރަޙިމަހުﷲ ޢަދި ޢައްލާމާ ބަކުރު ބިން އަބީ ޒައިދު ރަޙިމަހުﷲ ހިމެނި ވަޑައިގަންނަވާ ސަޢުދިޢަރަބިއްޔާގެ ފަތުވާކޮމިޓީއާއި ސުވާލުކުރެވުނެވެ. އެބޭކަލުން އެސުވާލުގެ ޖަވާބުގައި ދަންނަވާފައިއެވެ.
“ އެޙަދީޘްގެ މުރާދަކީ ﷲ އާއި މާތްނަބިއްޔާ ﷺ އަށް ކިޔަމަންތެރިވުން އެހެނިހެން މީސްތަކުންނާއި އަދި އެމީހުންގެ ދަރިންނާއި އަދި މައިންބަފައިންގެ މައްޗަށް އިސްކުރުމެވެ. އެއީ މާތްނަބިއްޔާ ﷺ އަށް ތަބާވުމަށް ލޯބިކޮށް އެކަމަށް ފަރުވާތެރިވާހާލުގައެވެ. އަދި ހުރިހާކަމެއްގައި މާތްނަބިއްޔާ ﷺ ގެންނެވި ކަންކަމަށް ތަބާވުމެވެ.“
ވީމާ އަޅުގަނޑުމެންނަށް ﷲ އާއި ރަސޫލާ ﷺ އަށް އީމާންވެވޭނީ މާތްނަބިއްޔާ ﷺ އަށް ލޯބިކޮށް އެކަލޭގެފާނުގެ ހިދާޔަތުގައި ހިފައި އެކަލޭގެފާނު ގެންނެވި ދީނަށް ނަޞްރުދީގެން ކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ. އަދި ބިދުޢަތަކުން(ދީނުގެ ތެރޭގައި އަލަށް އުފެދޭ ކަންތައްތަކުން) ދުރުވެގަނެގެންނެވެ.
އަދިވެސް ޞަޙީޙް ބުޚާރީ ގައި އައިސްފައިވާ ޙަދީޘެއްގައި އައިސްފައިވެއެވެ.
(فَقَالَ لَهُ عُمَرُ يَا رَسُولَ اللَّهِ لَأَنْتَ أَحَبُّ إِلَيَّ مِنْ كُلِّ شَيْءٍ إِلَّا مِنْ نَفْسِي، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: لَا وَالَّذِي نَفْسِي بِيَدِهِ حَتَّى أَكُونَ أَحَبَّ إِلَيْكَ مِنْ نَفْسِكَ. فَقَالَ لَهُ عُمَرُ : فَإِنَّهُ الْآنَ وَاللَّهِ لَأَنْتَ أَحَبُّ إِلَيَّ مِنْ نَفْسِي. فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ: ( وَسَلَّمَ الْآنَ يَا عُمَرُ)) (صحيح البحاري: 6257/ مسند إمام أحمد: 17568، 18482، 21997)
ތަރުޖަމާޢީ: ޢުމަރުބިން ޚައްތާބު ވިދާޅުވިއެވެ. ”އޭ ﷲގެ ރަސޫލާއެވެ. ﷲގަންދީފައި ބުނަމެވެ. ތިމަންކަލޭގެފާނުގެ ނަފުސަށްފަހު ހުރިހާއެއްޗަކަށްވުރެ ކަލޭގެފާނުގެ ދެކެ ތިމަންނާ ލޯބިވަމެވެ. މާތްނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. (އޭ ޢުމަރެވެ. ނޫނެކެވެ. ކަލޭގެފާނުގެ ނަފުސަށްވުރެ ބޮޑަށް ތިމަންކަލޭގެފާނަށް ލޯބިވެއްޖައުމަށް ދާންދެނެއެވެ.) ދެން ޢުމަރު رضي الله عنه ވިދާޅުވިއެވެ. ކަލޭގެފާނު ޙައްޤައިގެން ފޮނުއްވި އިލާހު ގަންދެއްވައި ބުނަމެވެ. މިހާރު ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ނަފުސަށްވުރެ ބޮޑަށް ކަލޭގެފާނު ލޯބިވެތިވެގެންވެއެވެ. މާތްނަބިއްޔާ ﷺ ހަދީޘްކުރެއްވިއެވެ. އޭ ޢުމަރެވެ. މިހާރުއެވެ. (މާތްނަބިއްޔާ އިޝާރާތް ކުރެއްވީ އީމާންކަން ފުރިހަމަވުމުގެ މައްޗަށެވެ.)“
ވީމާ އަޅުގަނޑު އީމާންވާ ކަމުގައިވާނަމަ އަޅުގަނޑުމެން އެންމެލޯބިކުރާ ބޭކަލަކީ އެކަލޭގެފާނު ކަމުގައި ހަދަންޖެހެއެވެ. އަދި އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތުގައި ހިފައި އެހިދާޔަތަށް އަމަލުކުރަން ޖެހެއެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ.
(فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الْأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلَالَةٌ) رواه مسلم: 847
މާނައީ ”ހަމަކަށަވަރުން އެންމެ ހެޔޮވެގެންވާ ބަސްފުޅަކީ ﷲގެ ފޮތެވެ. އަދި އެންމެ ހެޔޮ ހިދާޔަތަކީ ނުވަތަ މަގަކީ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތެވެ. (ހިދާޔަތެވެ.) އަދި އެންމެނުބައިވެގެންވާ ކަމަކީ އެޔަށް އިތުރުކުރެވޭ އަލަށް އުފެއްދޭ ކަންކަމެވެ. އަދި އަލަށްއުފެއްދޭ ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.“



