
ރަސޫލާ صلى الله عليه وسلم އަށް ތަބަޢުވުމުގެ ވާޖިބުކަން (3)
މުޙައްމަދު ﷺ ގެ މައްޗަށް މުސްލިމުން އަދާކުރަން ޖެހޭ ބައެއް ޙައްޤުތައް.
ހ. އެކަލޭގެފާނުގެ ރިސާލާތަށް އީމާންވެ އެކަލޭގެފާނަށް ކިޔަމަންތެރިވެ ތަބާވުން
ﷲ ވަޙީކުރައްވާފައިވެއެވެ.
﴿فَآمِنُوا بِاللَّـهِ وَرَسُولِهِ وَالنُّورِ الَّذِي أَنزَلْنَا ﴾ سورة التغابن: 8
ތަރުޖަމާޢީ: ”ފަހެ ތިޔަބައިމީހުން ﷲއަށާއި އަދި އެއިލާހުގެ ރަސޫލާއަށް(މުހައްމަދު ﷺއަށް) އަދި އެއިލާހު ބާވާލައްވާފައިވާ ނޫރު (އެބަހީ ޤުރުއާނަށް) އީމާންވާށެވެ.“
އަދިވެސް އެއިލާހު ނިސާ ސޫރަތުގެ 65 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
﴿فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا﴾ سورة النساء: 65
މާނައީ: ”ފަހެ އެހެނަކުންނޫނެވެ. ކަލޭގެފާނުގެ ވެރިރައްބު ގަންދެއްވައި އެބައިމީހުން ގެ ދެމެދުގައި ޖެހޭ ހުރިހާ މައްސަލައެއްގައި ކަލޭގެފާނު (އެބަހީ މުހައްމަދު ﷺ) ޙުކުމްކުރާ ފަރާތަކަށް ނަހަދައިފިނަމަ އެބައިމީހުން އީމާންވީ ބަޔަކު ކަމުގައި ނުވެއެވެ. އަދި އެބައިމީހުންގެ ނަފުސުތަކުގައި ކަލޭގެފާނުގެ ޙުކުމާ އެއްވެސް ދެކޮޅެހެދުމެއް ނެތިއްޖައުމަށްދާންދެން، އެބައިމީހުން އީމާންވީ ކަމުގައި ނުވެއެވެ. އަދި ތިޔަބައިމީހުން އެންމެފުރިހަމަގޮތުގައި ކިޔަމަންތެރިވާހުށިކަމެވެ.“
އަދިވެސް ﷲ ޙަޝްރު ސޫރަތުގެ 7 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
﴿وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا وَاتَّقُوا اللَّـهَ ﴾ سورة الحشر: 7
ތަރުޖަމާއީ: ”އަދި ރަސޫލާ(މުޙައްމަދު ﷺ) ދެއްވިއެއްޗެއްކަމުގައިވާނަމަ އޭގައި ތިޔަބައިމީހުން ހިފާހުށިކަމެވެ. އަދި އެކަލޭގެފާނު ނަހީކުރެއްވި ކަމެއް ކަމުގައިވާނަމަ އެކަމުން ދުރުވެގަންނާށެވެ. އަދި ﷲއަށް ތަޤުވާވެރިވާށެވެ.“
ށ. ހުރިހާ މީސްތަކުންނަށްވުރެ ބޮޑަށް އެކަލޭގެފާނުގެ ދެކެ ލޯބިވުން
ﷲ މިކަން ބަޔާންކުރައްވައި އެއިލާހުގެ ފޮތުގައި ތައުބާ ސޫރަތުގެ 24 ވަނަ އާޔަތުގައި ވަޙީކުރައްވާފައެވެ.
﴿ قُلْ إِن كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُم مِّنَ اللَّـهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّـهُ بِأَمْرِهِ ، وَاللَّـهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ﴾ سورة التوبة: 24
މާނާއިގެ ތަރުޖަމާއީ: ”ކަލޭގެފާނު(މުޙައްމަދު ﷺ) ވިދާޅުވާށެވެ. ފަހެ ތިޔަބައިމީހުންގެ ބައްޕައިންނާއި އަދި ދަރިންނާއި އަދި ބޭބެއިންނާއި އަދި އަނބިންނާއި އަދި ގާތްތިމާގެ މީހުންނާއި އަދި ތިޔަބައިމީހުންގެ މުދާތަކާއި އަދި ގެއްލިދާނެކަމަށް ތިޔައުޅޭ ވިޔަފާރިތަކާއި އަދި ތިޔަބައިމީހުން ލޯބިކުރާ ގޯތިގެދޮރުތައް ތިޔަބައިމީހުންނަށް ﷲއާއި އަދި އެއިލާހުގެ ރަސޫލާއަށާއި އަދި އެއިލާހުގެ މަގުގައި ޖިހާދުކުރުމަށްވުރެ ލޯބިބޮޑުވެގެންވާނަމަ، ﷲގެ އަމުރުފުޅު އަންނަންދެން ތިޔަބައިމީހުން ނިކަން ބަލަބަލައި ތިބޭށެވެ. ހަމަކަށަވަރުން ﷲ ފާސިޤުވެގެންވާ މީސްތަކުންނަށް ހިދާޔަތު ނުދައްކަވައެވެ.“
ނ. އެކަލޭގެފާނަށް ނަޞްރުދީ އެކަލޭގެފާނުގެ ދައުވަތު ފެތުރުން
ދެން އަޅުގަނޑުމެންގެ ބޮލުގައި އެކަލޭގެފާނުގެ މައްޗަށް އަދާކުރަންޖެހޭ އަނެއް ޙައްޤަކީ އެކަލޭގެފާނަށް ނަޞްރުދިނުމާއި އެކަލޭގެފާނު ގެންނެވި ދަޢުވަތު ފެތުރުމަށް އަޅުގަނޑުމެންނަށް ވީ ވަރަކުން މަސައްކަތްކުރުމެވެ. މާތްﷲ އަޢުރާފު ސޫރަތުގެ 157 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
﴿فَالَّذِينَ آمَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَ الَّذِي أُنزِلَ مَعَهُ، أُولَـٰئِكَ هُمُ الْمُفْلِحُونَ﴾ سورة الأعراف: 157
މާނައިގެ ތަރުޖަމާޢީ: ”ފަހެ އެކަލޭގެފާނަށް (މުހައްމަދު ﷺއަށް) ތަބާވެގެންވާ މީހުން އެކަލޭގެފާނު އިއްޒަތްތެރިކޮށް އެކަލޭގެފަނަށް ނަޞްރުދީހަދައެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ބާވާލެއްވުނު އެކަލޭގެފާނާއި އެކުގައިވާ ނޫރު (ޤުރުއާން)އަށް ތަބާވެއެވެ. ފަހެ އެބައިމީހުންނަކީ ކާމިޔާބު ލިބިގެންވާ މީސްތަކުންނެވެ.“
އާދެ ރަސޫލާ ﷺއަށް ކިޔަމަންވާ މީހުންގެ ސިފައަކީ އެކަލޭގެފާނަށް ނަޞްރުދިނުން ކަމުގައި މިއާޔަތުން އަޅުގަނޑުމެންނަށް އެބައެނގެއެވެ. އެކަލޭގެފާނަށް ބަދުބަހެއް ބުނެވިއްޖެކަމުގައި ވާނަމަ އެކަލޭގެފާނަށް މަތިވެރިކޮށް އެކަލޭގެފާނަށް ނަޞްރުދިނުމަކީ އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް އެޅިފައިވާ ބޮޑު ޒިންމާއެކެވެ. އަދި އެކަލޭގެފާނު ގެންނެވި އިސްލާމްދީނުގެ ދަޢުވަތު ފެތުރުމަކީވެސް އަޅުގަނޑުމެންގެ މައްޗަށް އޮތް ކަމެއްމެއެވެ.
ފަހެ މާތްނަބިއްޔާ ﷺ ހަދީޘްކުރައްވާފައިވެއެވެ. (بَلِّغُوا عَنِّي وَلَوْ آيَةً) (صحيح البخاري: 3274/ سنن الترمذي: 2669/ مسند إمام أحمد: 6450، 6849، 6967/ سنن الدارمي: 542)
މާނައީ: ”ތިމަންކަލޭގެފާނުގެ ކިބައިން އެންމެ ކުޑަމިނުން އާޔަތެއްނަމަވެސް ފޯރުކޮށްދޭ ހުށިކަމެވެ.“
ރ. އެކަލޭގެފާނަށް ނަޞްރުދޭ މީހުންނަށް ނަޞްރު ދީ އަދި އެކަލޭގެފާނަށް އަދާވާތްތެރިވާ މީހުންދެކެ ނަފުރަތު ކުރުން.
ހަމަކަށަވަރުން މާތް ނަބިއްޔާ ﷺއަށް އަޅުގަނޑުމެން އަދާކުރަން ޖެހޭ ހައްޤުތަކުގެ ތެރޭގައި އެކަލޭގެފާނުގެ ސުންނަތަށް ނަޞްރުދޭ މީހުންނަށް ވާގިވެރިވެ އަދި އެކަލޭގެފާނުގެ ސުންނަތަށް އިންކާރުކޮށް މަލާމާތްކޮށް ހަދާމީހުންގެ ކިބައިން ބަރީއަވުން ހިމެނެއެވެ.
ﷲ މުޖާދަލާ ސޫރަތުގައި 22 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
﴿لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّـهَ وَرَسُولَهُ﴾ سورة المجادلة: 22
ތަރުޖަމާޢީ: ﷲއާއި ރަސޫލާއަށް(މުޙައްމަދު ﷺއަށް) އީމާންވާ މީހުން ﷲއާއި ރަސޫލާއަށް އަދާވާތްތެރިވާ މީހުންނަށް ލޯބިކުރަތަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވާނެއެވެ. “
މިއާއިއެކު އަދިވެސް އަޅުގަނޑުމެން އަޅުގަނޑުމެންގެ މާތް ނަބިއްޔާ ﷺއަށް އަދާކުރަންޖެހޭ އެތައްހައްޤުތަކެއްވެއެވެ. އޭގެތެރޭގައި އެކަލޭގެފާނުގެ ސީރަތު ދެނެގަނެ އަދި އެކަލޭގެފާނުގެ ސުންނަތުން ސާބިތުވާގޮތަށް އަޅުކަންތައް އަދާކުރުންފަދަ ކަންތައްތައް ހިމެނެއެވެ. މިޒަމާނުގައި އަޅުގަނޑުމެންގެ ނަބިއްޔާ ﷺއަށް ކާފަރުންގެ މީސްތަކުން މަލާމާތްކޮށް ކާޓޫނު ކުރަހާ އެބައިމީހުންގެ ހިތްތަކުގައި މުސްލިމުންނާއި މެދުގައި އޮންނަންވީ ބިރުވެރިކަން ގޮސްފައިވަނީ އަޅުގަނޑުމެންނަށް ދީނާއި ދުރަށްދެވުމުގެ ސަބަބުންނެވެ. ވީމާ މިހުރިހާކަމަކުން ސަލާމަތް ވެވެން އޮތް ގޮތަކީ އަޅުގަނޑުމެން އެކަލޭގެފާނަށް ތަބާވެ އެކަލޭގެފާނަކީ އަޅުގަނޑުމެންގެ ނަމޫނާކަމުގައި ހަދައި އެނަމޫނާ އަޅުގަނޑުމެންގެ ހަޔާތުގައި ދެއްކުމަށް މަސައްކަތްކޮށްގެންނެވެ.
ނުނިމޭ…
ކުރީގެ ބައި ވިދާޅުވުމަށް މި ލިޔުމަށް ފިތާލައްވާ



