އުފާވެރި ޒަވާޖީ ޙަޔާތް (1)

އުފާވެރި ޒަވާޖީ ޙަޔާތެއް ލިބުމަކީ ކޮންމެ މީހަކުވެސް އެދޭނެ އެންމެބޮޑު އެދުމެވެ. ޢާއިލީ ހަމަޖެހުމަކީ ކޮންމެމީހެއްގެވެސް އުއްމީދެއެވެ. މިއަދުގެ މުޖްޠަމަޢުގައި ދިމާވާ ގިނަމައްސަލަތަކުގެ އަސްލަކީ ޢާއިލީ ނުތަނަވަސްކަމެވެ. މުޖްތަމަޢުއެއް ބިނާވެގެންވަނީ ޢާއިލާތަކެއްގެ މައްޗަށެވެ. ޢާއިލާއެއް ބިނާވެގެންވަނީ ފަރުދުންގެ މައްޗަށެވެ. ޢާއިލާއެއްގެ ހަމަނުޖެހުން ގުޅީފައިވަނީ ފަރުދެއްގެ ނުތަނަވަސްކަމާއެވެ.
ހަމަ އެހެންމެ މުޖްތަމަޢުއަށް އަންނަ ކޮންމެ ލޮޅުމެއްގެ ފަހަތުގައި ޢާއިލީ ހަމަނުޖެހުން އޮންނާތީ ތިބާ ދެކޭނެއެވެ. ޢާއިލާއެއްހަމަޖެހި އޮންނާނީ އެޢާއިލާގެ ޙަޤީޤީ މުއައްސިސުން ކަމުގައިވާ ދެމަފިރިންގެ ދެމެދުގައި އޮންނަ ހަމަޖެހުމެއްގެ މައްޗަށެވެ. އަނބިމީހާގެ ފަރާތުން ފިރިމީހާއަށް އެއްބާރުލުން ލިބުމާއި ފިރިމީހާގެފަރާތުން އަނބިމީހާއަށް އެއްބާރުލުން ލިބުމުގެ މައްޗަށެވެ.

ކާވެނީގެ ކުރީގައި ދެމީހުން އެކަކު އަނެކަކަށް ބަހައްޓާ ގާތްކަމާ އަޅާލުމުގެސިފަ، އޭގެ އަސްލު ޙަޤީޤީ ވަގުތުގައި ނުބެހެއްޓެނީ ކީއްވެހެއްޔެވެ؟ އެއީ ކާވެނީގެ ކުރިން ޖެއްސި ކުލަތަކާއި، ބޭލި ތަރިތަކާއި ހަނދަކީ، ޙަޤީޤީ ކަންކަމަށް ނުވީތީއެވެ. އެކަކު އަނެކަކުގެ ކިބައިން ނާޖާއިޒް ފައިދާތަކެއް ހޯދީމަބާއެވެ؟ އަމިއްލަ އެދުންތަކެއް ފުއްދީމަބާއެވެ؟ ލޯތްބާއި ކުލުނު ފެށިގެން އަންނާނީ ކާވެންޏަށްފަހުއެވެ. މާމުއި ހަނދުގެ ފޮނިކަމުގެ ތެރެއިންނެވެ. ދެޖިންސުގެ ކުދިން ކާވެނީގެ ނަމުގައިވެސް ރައްޓެހިވެގެން ނޫޅެންވީ މިހެންވެއެވެ. ކާވެނީގެބޭރުން ހިލޭ އަންހެނުންނާއި ފިރިހެނުން ގުލުން ނުހިންގަންވީ ސަބަބަކީ މިއީއެވެ. ކާވެނީގެ ކުރިން ލައްޒަތާއި މަލައްޒާތު ހޯދާނަމަ، ދެން ކާވެންޏަށްފަހު އޮތީ ކޮންއެއްޗެއްތޯއެވެ؟

އިޝްތިހާރު Heyobas Ruqya Course Ad square

ކާވެނީގެ ގުޅުން ފެށިގެންއަންނަނީ ނުދަންނަ ދެމީހެއްގެ ދެމެދުންނެވެ. އޭނާގެ ޙަޤީޤަތެއް އަސްލެއްނޭގޭ މީހަކާއެކު ޢުމުރުގެ ބާކީބައި ހޭދަކޮށްލުމަށް ފަށާ ދަތުރެއްފަދައިންނެވެ. ޢުމުރުގެ ކުރީކޮޅު ތިމާގައި ހަރުލެއްވިފައިހުރި މިޒާޖާއި މުޅިން ދިމާ އިދިކޮޅު މީހަކަށްވެސް ވެދާނެއެވެ. ނޫނީ ހުރިހާ ގޮތަކުން ތިމާއާއި ކުފޫހަމަވާ ބައިވެރިއަކުވެސް ލިބިދާނެއެވެ. މިދެގޮތުގައިވެސް ކުރިޔަށްއޮތީ ބަލާހޯދުމެވެ. އެކަކު އަނެކަކުގެ ކިބައިން ހޯދާ ދަސްކުރުމެވެ. މީގެކުރިން ތަޖުރިބާކޮށްފައިނުވާ، އަޑުއަހާފައިނުވާ، ދެކެފައިނުވާ އައު މަންހަޖެއް ދިރާސާކުރުމެވެ. މި ނޭނގުމުގެ ތެރެއިން ޙަޔާތް ތަޖުރިބާ ކުރެވިއްޖެނަމަ، އެދެމީހުންގެ ދެމެދުން އުފެދިގެންއަންނަ ލޯތްބަކީ، ޙަޤީޤީ ލޯތްބެވެ. ޒަވާޖީ ޙަޔާތުގެ އަސްލު މާނައާއި މަޤްޞަދަކީ އެއީއެވެ. އެހެނަސް ކުރަން އުޅެނީ އާތަޖުރިބާއެއް ނޫންނަމަ، ނުވަތަ ބަލަން މިއުޅެނީ ކުރިން ނުދެކޭ މަންޒަރެއް ނޫންނަމަ، އަދި އެހެންމެ ކުރިން އަޑުއަހައިފައިވާ ކަމެއްނަމަ، ދެން އިތުރަށް އުފެދޭނެ ލޯތްބެއް ނޯންނާނެއެވެ. އަދި ކިޔެއް ކުރިން ފެނުނު އެއްޗަކާއި، އިވުނު އަޑެއް ނުވަތަ، ކުރެވުނު ތަޖުރިބާއެއް ނުކުރެވިގެން އުފެދޭ އެއްޗަކީ ނަފުރަތުކަމުގައި ނޫނީ ނުވާނެއެވެ.

ކާވެނީގެ ކުރިން ދެޖިންސު މަސްހުނިވުން މިއީ އިސްލާމީ ތަރުބިޔަތާއި މުޅިން ޚިލާފު ކަމެކެވެ. އިސްލާމްދީނުގައި ކަމެއް މަނާކޮށްފައިވާނަމަ އެމަނައެއް އޮތީ އެކަމެއްގެ ގެއްލުން މުޅިއިންސާނިއްޔަތަށް އޮތްކަންކަމުގައެވެ. އަދި މަނާނުކޮށް ދޫކޮށްލަފައިވާ ކޮންމެ ކަމަކީ އެކަމެއްގެ ސަބަބުން އިންސާނިއްޔަތަށް ފައިދާއާއި މަންފާ ކުރާކަންކަމެވެ. ކާވެނީގެ ބޭރުން އަންހެނަކާއި ފިރިހެނަކު ގުޅުންހިނގުމަކީ ޒިނޭކުރުމެވެ. ޒިނޭކުރުމަކީ އެކަން ކުރާވަގުތުގެ ކުރިންނާއި، އެކަމުގެ ވަގުތުގައާއި، އެކަން ކޮށްނިމުމަށްފަހުވެސް އެކަމުގެ ގެއްލުން ދެމިއޮންނަ ބިރުވެރި ހަޑި މުޑުދާރު ޢަމަލެކެވެ. އެހެންކަމުން ﷲވަނީ އެޢަމަލު މަނާކުރުމުގެ ބަދަލުގައި އެއާއި ގާތްވެސް ނުވުމަށް އަމުރު ކުރައްވާފައެވެ. އަލް އިސްރާ ސޫރަތުގެ 32ވަނަ އާޔަތުގައި އެކަލާންގެ ވަޙީ ކުރައްވަނީ ﴿وَلَا تَقْرَبُوا الزِّنَا ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلً﴾ (الاسراء: 32) މާނައީ: “އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ.”

ކަންމިހެން އޮތްއިރު ޒިނޭކުރުމާ އެކީއެކަށް ދުރުވާބަޔަކުކަމުގައި މުސްލިމުން ވާންވާނެއެވެ. (ނުނިމޭ)

އުފާވެރި ޒަވާޖީ ޙަޔާތް (2)

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.