ބޯންވީ އެއްޗަކީ މީ! އެތައް ގޮތަކުން ފައިދާ!

“ނަބީޛް” އަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިއްޕެވުމަށް ލޯބިފުޅުކުރެއްވި މީރު ބުއިމެކެވެ. މިއީ ފަސޭހަކަމާއި އެކު ހިކި މޭބިސްކަދުރު ނުވަތަ ކަދުރު، ފެނަށް އެއްކޮށްލައިގެން ތައްޔާރު ކޮށްލެވޭ ސިއްޙަތަށް ނުހަނު ފައިދާ ހުރި، ބަލިތަކަށް ފަރުވާ ލިބޭ، ބަލިތަކުން ސަލާމަތްވުމަށް އެހީވެދޭ ބުއިމެކެވެ.

މިބުއިން ތައްޔާރު ކުރުމަށްޓަކައި، ބުއިމަށް ކަމުދާ 1 ލީޓަރުގެ ސާފު ފެނުގެ ތެރެއަށް 100 ނުވަތަ 150 ގުރާމު ހިކި މޭބިސްކަދުރު އެޅުމަށްފަހު ފޯކޮށްލުމަށް ބަހައްޓާނީއެވެ. ނަބީޛް ތައްޔާރުކުރުމަށް އެންމެ ރަނގަޅީ ހިކިމޭބިސްކަދުރެވެ. ހިކިމޭބިސްކަދުރުގެ ވައްތަރުތަކުގެ ތެރެއިންވެސް މިބުއިމަށް އެންމެ ފައިދާ ބޮޑީ ކަޅު މޭބިސްކަދުރެވެ. ހިކިމޭބިސްކަދުރުގެ ބަދަލުގައި 200 ނުވަތަ 250 ގުރާމު ހިކި ކަދުރު (އޮށް ނެގުމަށްފަހު) ވެސް ބޭނުންކުރެވިދާނެއެވެ. އެއްވެސް ޙާލެއްގައި ކަދުރާއި މޭބިސްކަދުރު އެކުގައި ފެނަށް އެއްކޮށްގެން ނުބޯށެވެ. ފޯކޮށްލުމަށްޓަކައި 8 ގަޑިއިރާއި 12 ގަޑިއިރާއި ދެމެދު ފެން އެތީގައި މައްޗެއް ޖެހުމަށްފަހު ބަހައްޓާނީއެވެ. ޢިޝާއަށްފަހު މިގޮތަށް އެއްކުރުމަށްފަހު ފަތިސްވަންދެން ބަހައްޓާނީއެވެ. އަދި ފަތިހު އެއްކުރިނަމަ ހަވީރު (ޢަޞުރު)، ނުވަތަ ރޭގަނޑު (ޢިޝާ) ވަންދެން ބަހައްޓާނީއެވެ. ދެން މިވަގުތު ހަމަވުމުން މިފެން ބޯނީއެވެ. އަދި އޭގައިވާ މޭބިސްކަދުރު ނުވަތަ ކަދުރުކޮޅު ކާލާނީއެވެ. އިތުރަށް ފުރިހަމަކޮށްލުމަށްޓަކައި މިކްސަރަށް އަޅާ ގިރާލައިގެން (ފަނިގޮތަށް) ބޯލެވިދާނެއެވެ. އަދި ފިނިކޮށްލުމުން މިބުއިމަށް އިތުރު ފުރިހަމަކަމާއި މީރުކަން އަންނާނެއެވެ. އެންމެ އެދެވިގެންވަނީ މިބުއިން ތައްޔާރުވެ ނިމޭތާ 12 ގަޑިއިރުގެތެރޭގައި ބޮއެ ހުސްކުރުމެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

މިބުއިން 3 ދުވަސްތެރޭގައި ނުވަތަ ފާ (ފަރމެންޓް) ވުމުގެ ކުރިން ބޯލަންވާނެއެވެ. ފިނިކޮށްގެން ބޯނަމަ 3 ދުވަހަށްވުރެ ގިނައިންވެސް މިބުއިން ‘ފަރމެންޓް’ ނުވެ ހުންނާނެއެވެ. ނަމަވެސް ‘ފަރމެންޓް’ ވެފައިތޯ ޔަޤީންކުރުމަށްފަހު މެނުވީ ނުބޯށެވެ. ‘ފަރމެންޓް’ ވެއްޖެނަމަ މި ބުއިން ހުއްދަވެގެން ނުވެއެވެ.

ސުނަން އަބީ ދާވޫދު (سنن أبي داود/كتاب الأشربة) ގައި ރިވާވެގެން ވެއެވެ. ޢަބްދުﷲ ބިން އައްދައިލަމީ ރިވާކުރެއްވިއެވެ. ((قال:  أَتَيْنَا رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقُلْنَا : يَا رَسُولَ اللَّهِ ، قَدْ عَلِمْتَ مَنْ نَحْنُ وَمِنْ أَيْنَ نَحْنُ ، فَإِلَى مَنْ نَحْنُ ؟ ، قَالَ : إِلَى اللَّهِ وَإِلَى رَسُولِهِ ، فَقُلْنَا : يَا رَسُولَ اللَّهِ ، إِنَّ لَنَا أَعْنَابًا مَا نَصْنَعُ بِهَا ؟ ، قَالَ : زَبِّبُوهَا ، قُلْنَا : مَا نَصْنَعُ بِالزَّبِيبِ ؟ ، قَالَ : انْبِذُوهُ عَلَى غَدَائِكُمْ وَاشْرَبُوهُ عَلَى عَشَائِكُمْ ، وَانْبِذُوهُ عَلَى عَشَائِكُمْ وَاشْرَبُوهُ عَلَى غَدَائِكُمْ ، وَانْبِذُوهُ فِي الشِّنَانِ وَلَا تَنْبِذُوهُ فِي الْقُلَلِ ، فَإِنَّهُ إِذَا تَأَخَّرَ عَنْ عَصْرِهِ صَارَ خَلًّا ))

މާނައީ: ވިދާޅުވިއެވެ: “ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ދިޔައިމެވެ. އަދި ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަން ބޭކަލުންނީ ކޮން ބައެއްކަމާއި ކޮން ތަނަކުން ކޮން ބޭކަލެއްގެ އަރިހަށް އައި ބައެއްކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “ﷲ އާއި އެއިލާހުގެ ރަސޫލާގެ އަރިހަށެވެ.” ދެން ތިމަންމެން ދެންނެވީމެވެ. އޭ ރަސޫލުﷲ އެވެ. ތިމަންމެން އަތުގައި މޭބިސްކަދުރު އެބަހުއްޓެވެ. އެއަށް ހަދާނީ ކިހިނަކުންތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެ ހިއްކާށެވެ (ހިކި މޭބިސްކަދުރަށް ހަދާށެވެ). ދެން ތިމަންމެން ދެންނެވީމެވެ. ހިކިމޭބިސްކަދުރުން ތިމަންމެން ކުރަންވީ ކީއްތޯއެވެ؟ އެކަލޭގެފާނު ޖަވާބުދެއްވިއެވެ. “ހެނދުނު އެފޯކުރުމަށް (ފެނުގައި) ބަހައްޓާށެވެ. އަދި ހަވީރުވުމުން އެ ބޯށެވެ. އަދި ހަވީރު ވުމުން އެ ފޯކުރުމަށް (ފެނުގައި) ބަހައްޓާށެވެ. އަދި ހެނދުނު ވުމުން އެ ބޯށެވެ. އަދި އެ ފޯކުރާއިރު މަތިޖެހި އެއްޗެއްގައި (ކަންވާރެއްގައި) ބަހައްޓާށެވެ. މަތިހާމަ (މަތި ނުޖަހާ ހުންނަ) އެއްޗެއްގައި އެފޯކުރުމަށް ނުބަހައްޓާށެވެ. އެހެނީ އޭރުން އޭގެ އަސަރު ފެނަށް ކުރުމުގައި ލަސްވެ، އެ ހުތްވެއެވެ (ވިނެގަރަށް ވެއެވެ).”

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ޢަމްރާ ރިވާކުރެއްވިއެވެ.
” أَنَّهَا كَانَتْ تَنْبِذُ لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ غُدْوَةً ، فَإِذَا كَانَ مِنَ الْعَشِيِّ فَتَعَشَّى شَرِبَ عَلَى عَشَائِهِ ، وَإِنْ فَضَلَ شَيْءٌ صَبَبْتُهُ أَوْ فَرَّغْتُهُ ، ثُمَّ تَنْبِذُ لَهُ بِاللَّيْلِ ، فَإِذَا أَصْبَحَ تَغَدَّى فَشَرِبَ عَلَى غَدَائِهِ ، قَالَتْ : نَغْسِلُ السِّقَاءَ غُدْوَةً وَعَشِيَّةً ” ، فَقَالَ لَهَا أَبِي : مَرَّتَيْنِ فِي يَوْمٍ ؟ ، قَالَتْ : نَعَمْ ” ( سنن أبي داود / كِتَاب الْأَشْرِبَةِ / بَاب فِي صِفَةِ النَّبِيذِ)

މާނައީ:”ޢާއިޝާ ރަޟިޔަﷲ ޢަންހާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްޓަކައި ހެނދުނުގެ ވަގުތުގައި ކަދުރު ފޯކުރައްވައެވެ. އަދި ރޭގަނޑުވުމުން ރޭގަނޑުގެ ފަރިއްކުޅުއްވުމަށްފަހު އެކަލޭގެފާނު އެބުއިން (ނަބީޛް) ހިއްޕަވައެވެ. އެއަށްފަހު ބާކީ ހުރެއްޖެނަމަ، އެހުރި އެއްޗެއް އެކަމަނާ އޮއްސަވާލައްވާ ސާފުކުރައްވައެވެ. ދެން އެކަމަނާ ރޭގަނޑު އެކަލޭގެފާނަށްޓަކައި ކަދުރު ފޯކުރައްވަން ބަހައްޓަވައެވެ. އަދި ހެނދުނު ވުމުން އެކަލޭގެފާނު ހެނދުނުގެ ނާސްތާއަށްފަހު އޭގެން ހިއްޕަވައެވެ. އެކަމަނާ ވިދާޅުވިއެވެ. ހެނދުނާއި ހަވީރު އެކަންވާރު ދޮވެލައްވައި ސާފުކުރައްވަމެވެ. ދެން ތިމަންކަމަނާގެ (ޢަމްރާގެ) ބައްޕާފުޅު (ޙައްޔާން) އެކަމަނާއާއި ސުވާލުކުރެއްވިއެވެ. ދުވާލު ދެއިރުތޯއެވެ؟ ވިދާޅުވިއެވެ. އާދޭހެވެ.

ނަބީޛް ބުއިން ޙަރާމްވާ ޙާލަތް:

ތާޒާ ކަދުރާއި ހިކި ކަދުރު އަދި ހިކި މޭބިސްކަދުރު، މިއިން ކޮންމެ އެއްޗެއް ފެނުގައި ފޯކޮށްގެނެ، އެފެން ބުއިމުން މަސްތު ނުވާނަމަ، އެފެން ބުއިން ހުއްދަކަމުގައި ފިޤްހު ޢިލްމުވެރިން އެއްބަސްވެލައްވައެވެ. އަދި މިފަދައިން ތައްޔާރުކުރާ ބުއިމަށް ކިޔަނީ “ނަބީޛް” އެވެ. އަބޫ ސަޢީދުލް ޚުދްރީގެ އަރިހުން ރިވާވެގެންވެއެވެ.
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( مَنْ شَرِبَ النَّبِيذَ مِنْكُمْ فَلْيَشْرَبْهُ زَبِيبًا فَرْدًا أَوْ تَمْرًا فَرْدًا أَوْ بُسْرًا فَرْدًا ) رواه مسلم ( 1987 ) .
މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންކުރެ މީހަކު “ނަބީޛް” ބޯނަމަ، ހިކިމޭބިސްކަދުރު އެކަނި، ނުވަތަ ހިކި ކަދުރު އެކަނި ނުވަތަ ރޯ ކަދުރު އެކަނި ބޭނުންކޮށްގެން އެބުއިން ބޯށެވެ.” (އެބަހީ މީގެން ދެބާވަތް އެއްފަހަރާ ފެނަށް އެއްނުކުރާށެވެ. މީގެން ކޮންމެވެސް އެއް ބާވަތެއް ފެނުގައި ފޯކޮށްގެން ނަބީޛް ތައްޔާރުކުރާށެވެ.)

ޖާބިރު ބިން ޢަބްދުﷲ ގެ ކިބައިން ރިވާވެގެންވެއެވެ.
قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ لاَ تَجْمَعُوا بَيْنَ الرُّطَبِ وَالْبُسْرِ وَبَيْنَ الزَّبِيبِ وَالتَّمْرِ نَبِيذًا ‏”‏ ‏.‏ (صحيح مسلم / كتاب الأشربة)
މާނައީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ނަބީޛް ތައްޔާރުކުރުމަށްޓަކައި، ރޯކަދުރާއި ހިކިކަދުރު (އެކުގައި) އެއްނުކުރާށެވެ. އަދި މޭބިސްކަދުރާއި ރޯކަދުރު (އެކުގައި) އެއްނުކުރާށެވެ.”

މިބުއިން މާ އަސަރުގަދަވެ، ފާވެ(ފާރމެންޓްވެ) ރަލަށް ނުވަތަ ވިހައެއްފަދައިން ވެއްޖެނަމަ، އެޙާލަތުގައި މިބުއިން ޙަރާމްވެގެންވެއެވެ. ނަމަވެސް އެޙާލަތަށް އޭގެ އަސްލު ބަދަލުވެގެން ނުދާނަމަ ބުއިން ހުއްދަވެގެންވެއެވެ.

އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެން ވެއެވެ.
كَانَ رَسُولُ اللَّهِ صلى الله عليه وسلم يُنْتَبَذُ لَهُ فِي سِقَاءٍ – قَالَ شُعْبَةُ مِنْ لَيْلَةِ الاِثْنَيْنِ – فَيَشْرَبُهُ يَوْمَ الاِثْنَيْنِ وَالثَّلاَثَاءِ إِلَى الْعَصْرِ فَإِنْ فَضَلَ مِنْهُ شَىْءٌ سَقَاهُ الْخَادِمَ أَوْ صَبَّهُ ‏.‏ (صحيح مسلم / كتاب الأشربة)
މާނައީ: “ހޯމަ ވިލޭރެއެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނަބީޛް އެރުވުނެވެ. ދެން އެކަލޭގެފާނު ހޯމަދުވަހު އޭގެން ހިއްޕެވިއެވެ. އަދި އަންގާރަ ދުވަހުގެ ޢަޞްރު ވަގުތާއި ހަމައަށެވެ. އަދި އެއަށްފަހު އޭގައި ބާކީ ހުރިނަމަ ހުރި އެއްޗެއް، އެކަލޭގެފާނުގެ އަޅުންނަށް ދެއްވިއެވެ. ނުވަތަ އުއްކަވާލެއްވިއެވެ.”

ޝެއިޚް މުޙައްމަދު ޞާލިޙުލް އުޘައިމީނާއި ސުވާލުދެންނެވުނެވެ. މޭބިސްކަދުރު ޖޫހާއި އޮރެންޖް ޖޫސް ބުއިން ޙަރާމްވާނެ ތޯއެވެ؟ ނުވަތަ ހުއްދަވާނެތޯއެވެ؟

ޖަވާބުގައި އެބޭފުޅާ ވިދާޅުވެފައިވެއެވެ. އެއްވެސް ޝައްކެއް ނެތްގޮތުގައި، އެޖޫސް ފާވެ (ފާރމެންޓްވެ)، މަތީގައި ފޮނުހެދެން ފަށައިފުމަށް ދާންދެން އެއީ ޙަލާލު ތަކެއްޗެވެ. އަދި އެފަދައިން އެއަށް ވެއްޖެނަމަ ޙަރާމްވެގެންވެއެވެ. އަދި މަޝްހޫރުކޮށް އައިސްފައިވާ ރައުޔުން އެނގޭގޮތުގައި އެ ފާނުވިނަމަވެސް ތިން ދުވަސް ފާއިތުވުމުން ބުއިން ޙަރާމްވެގެން ވެއެވެ. އެބައިމީހުން ބުނާގޮތުގައި އެއީ، ތިންދުވަސްވުމުން ޢާއްމުގޮތެއްގައި ޖޫސް ނުބައިވެ ފާވާތީއެވެ (ފަރމެންޓްވާތީއެވެ). އަދި ފަރމެންޓްވީނަމަވެސް އެކަން ފާޅުވެ ފެންނަން ނުހުރެދާނެއެވެ. އަދި މިޙާލަތުގައި ޙުކުމް ބިނާވަނީ ޢާއްމު ޙާލަތުގެ މައްޗަށެވެ. ޢާއްމު ޙާލަތުގައި ތިންދުވަހުގެ ތެރޭގައި ޖޫސް ނުބައިވެ ފަރމެންޓްވެއެވެ.

ނަމަވެސް ރާޖިހު ރައުޔަކީ މިއެއްނޫނެވެ. މިކަމުގައި ރާޖިހުވެގެންވާ ގޮތަކީ، ތިން ދުވަސްވުމަކުން އަދި އެޖޫސް ޙަރާމްވެގެން ނުވެއެވެ. ޚާއްޞަކޮށް ފިނި ޤައުމުތަކުގައެވެ. ނަމަވެސް ހޫނު ޤައުމެއްނަމަ، ތިންދުވަސްވުމުން ތަޙުލީލުކުރެވި އޭގެ ޙާލަތު ބަލަން ޖެހޭނެއެވެ. އަދި ރައްކާތެރި ގޮތް އިޚްތިޔާރުކުރުމުގެ ގޮތުން އެ ނުބޮއެ ޖަނަވާރުފަދަ ތަކެއްޗަށް ދިނުން ހުއްޓެވެ. އެހެނީ ތިބާއަށް އެނގުމަކާއި ނުލައި އެބުއިން ނުބައިވެ ފާވެފައި (ފަރމެންޓް ވެފައި) ހުރެދާނެތީއެވެ. (الشرح الممتع على زاد المستقنع ” ( 14 / 305 ، 306 ))

އެހެންކަމުން، ޙަދީޘްތަކުން ނެގޭ ޙުކުމްތަކަށް ބަލައި، “ނަބީޛް” އާއި މެދު އަންނަނިވި ކަންކަމަށް ޢަމަލުކުރުމަށް ސަމާލުވާން ޖެހެއެވެ.: 

  1. ނަބީޛް ތައްޔާރުކުރުމަށް ހިކިކަދުރާއި ރޯކަދުރު (ދެބާވަތް އެކުގައި) ފެނަށް އެއްނުކުރުން.
  2. ނަބީޛް ތައްޔާރުކުރުމަށް ކަދުރާއި ހިކިމޭބިސް ކަދުރު (ދެބާވަތް އެކުގައި) ފެނަށް އެއްނުކުރުމާއި، އެއްކުރާ ބާވަތެއް މުސްތަޤިއްލުކޮށް އެއްކުރުން.
  3. ނަބީޛް ތައްޔާރުކުރުމަށްޓަކައި ފެނުގައި ކަދުރު ނުވަތަ މޭބިސްކަދުރު އެއްކޮށްފައި ބަހައްޓާއިރު މަތިޖެހި އެއްޗެއްގައި ބެހެއްޓުން.
  4. ނަބީޛް ނުބައިވެ/ފާވެ، ފަރމެންޓް ވުމުން ބުޔުން ޙަރާމް ވެގެން ވެއެވެ.
  5. ފިނި ޤައުމެއްގައި ނޫންނަމަ، އަދި ފިނިކޮށްފައި މިބުއިން ނުބަހައްޓާނަމަ، ރައްކާތެރި ގޮތް އިޚްތިޔާރުކުރުމުގެ ގޮތުން، ނަބީޛް ތައްޔާރުކުރުމަށްފަހު 3 ދުވަސް ވުމުން ބުއިމަށް ބޭނުން ނުކުރުން.

ނަބީޛްގެ ސިއްޙީ ބައެއް ފައިދާތައް:

މާތް ﷲގެ ރަޙްމަތާއިއެކު، ހިކި ކަދުރާއި ހިކިމޭބިސްކަދުރުގައި ހިމެނޭ ތާސީރުތަކުގެ ސަބަބުން، މިބުއިމުން ލިބިގެންދާ ސިއްޙީ ބައެއް ފައިދާ ތަކަކީ:

  1. ބަނޑުގައި އުފެދޭ ވައިގެ(ގޭހުގެ) މައްސަލަތައް ޙައްލުކޮށްދޭ.
  2. ޖިންސީ ބަލިކަށިކަމަށް ފަރުވާ ލިބިދީ، ޖިންސީ ބާރު ގަދަކޮށްދޭ.
  3. ޙަޖަމްކުރުމުގެ މައްސަލަތައް ޙައްލުކޮށްދީ ފަސޭހައިން ޙަޖަމްކޮށްދޭ.
  4. ހަށިގަނޑުގެ ހަކަތަ (އެނަރޖީ) އިތުރުކޮށްދޭ.
  5. ބަނޑާއި ޙަޖަމްކުރުމުގެ ނިޒާމުގައި އުފެދޭ އެސިޑް ނައްތާލަދޭ.
  6. ހަށިގަނޑުގައި އުފެދޭ ބޭކާރު މާއްދާތަކާއި ވިހަ މާއަދާތައް (ޓޮކްސިން) ބޭރުކޮށްލަދޭ.
  7. ހަނދާން ވަރުގަދަކޮށްދޭ.
  8. ފުރަމޭ (ލިވަރ) ސާފުކޮށްދޭ.
  9. ހުންކޮށި (ސްޕްލީން)، ފުރަމޭ (ލިވަރ)، އަޑުފޮށި/ކަރު (ތްރޮޓް)، މޭ އަދި ޕްރޮސްޓޭޓް ގެ މަސައްކަތްކުރުން ވަރުގަދަކޮށްދެއެވެ.
  10. ރާއްޖެބަލި ވައި (އާރތްރައިޓިސް) އަށް ފަރުވާ ލިބިދޭ.
  11. ޔޫރިކް އެސިޑް ހަމައަކަށް އަޅުވައިދޭ.
  12. ކުޑަކަމުދާ ނިޒާމުގައި އުފެދޭ ޖަރާސީމު (އިންފެކްޝަން) ގެ މައްސަލަތަކަށް ޙައްލު ލިބިދޭ.
  13. އިސްތަށިފޭބުމާއި ހަމުގެ މައްސަލަތަކަށް ޙައްލު ލިއްބައިދޭ.
  14. ލޭގެ ޕްރެޝަރު ހަމައަކަށް އަޅުވައިދޭ.
  15. ކަށި ވަރުގަދަކޮށްދީ ކަށީގެ މައްސަލަތައް ޙައްލުކޮށްދޭ.
  16. ނުބައި ކޮލެސްޓޯލުން ހަށިގަނޑު ސަލާމަތްކޮށްދޭ.
  17. ލޮލުގެ ފެނުން ރަނގަޅުކޮށްދޭ.
  18. ބަނޑުހަރުވުމުގެ މައްސަލަތަކުން ސަލާމަތްކޮށްދޭ.
  19. ދަތްތައް ވަރުގަދަކޮށްދޭ.
  20. ބަނޑުގެ އަދި އެހެންވެސް ކެންސަރަށް ފަރުވާ ލިބުމަށާއި ކެންސަރުން ރައްކާތެރިކޮށްދިނުމަށް އެހީވެދޭ.
  21. އެނީމިއާއިން ސަލާމަތްކޮށްދޭ.

މިނޫންވެސް އެތައް ފައިދާތަކެއް މިރަހަމީރު ބުއިމުގެ ސަބަބުން ލިބިގެންދެއެވެ. އެހެންކަމުން ސުންނަތުން ސާބިތުވާ މިބުއިމަކީ ނުބޮއެ ދޫކޮށްލެވޭވަރުގެ ބުއިމެއް ނޫނެވެ. ތިމާގެ ސިއްޙަތު ސަލާމަތުން ބެހެއްޓުމަށާއި ބަލިތަކަށް ފަރުވާ ލިބިގަތުމަށް އާދަވެ މިބުއިން ބޭނުންކުރެވިދާނެއެވެ. ގެއަށް ޒިޔާރަތްކުރާ މެހެމާނުންނަށް، ސަޔާއި ކޮފީފަދަ ތަކެތީގެ ބަދަލުގައި، ނަބީޛްގެ ތާޒާކަމުން ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނުވުމަށްވެސް މިއީ ވަރަށް މުހިއްމު ބުއިމެކެވެ.

(ނިމުނީ)

މަސްދަރު: މައިތިރި.ކޮމް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.