ކުރު ވާހަކަ “ޔަލީނާ” (6)
“ބައްޕާ ، ޑޭވިޑްއަކީ ހާދަ ރަގަޅުމީހެކޭ! ވަރަށް ކަންކަން ދަސްވޭއެބަ މިހާރު”
“ދަރިފުޅާ! އަދި ވެސް ދަސްކުރަން ލައްކަ ކަންކަން ހުންނާނެ، ވިޔަފާރި އަކީވަަރަށް ފާޑެއްގެ ކަމެއް. ނިކަން ވިސްނައިގެން އުޅޭމީހަކަށްވެސް ފަހަރެއްގަ ހަމަ ލަނޑެއްލިބިދާނެ. ” ޔަސީރާ ހީލިއެވެ.
“ޑޭވިޑްއަކީ މޮޅުމީހެއް، ވިޔަފާރީގެ އެކި ހުނަރުތައް އޭނާއަށް އެނގޭނެ، އެކަމަކު ދަރިފުޅު އަމިއްލައަށް ކަންކަން ނިންމަންވަނީ. އޭނަގެ މައްޗައް އެއްކޮށް ބަރޯސާވެ އޭނަގެ އަތްމައްޗައް ދޫވިޔަދީގެން ނުވާނެ އިނގޭ!” އަހަރެން ނަސޭހަތްދިނީމެވެ.
އޭރު އަހަރެންނަށް ނޭނގި އޮތް ކަމަމީ ޑޭވިޑް އެކޮޅުގައި ރާވަމުން ދިޔަ ކެހިވެރި ރޭވުމެވެ. ޔަސީރާގެ ކަރަށް ފައްތަމުންދިޔަ މަޅި ކަރަށް މެހި ބާރުވީ އިރުވެސް ޔަސީރާއަށް ރޭކާވެސް ނުލިއެވެ. އަހަރެން ޑޭވިޑްއަށް ކުރަމުން ދިޔަ އިތުބާރައްޓަކާ އެކަހަލަ ކަމެއް ހިނގާފާނެއެކޭ ހިޔެއްވެސްނުކުރަމެވެ. އަނެއްކޮޅުން ޔުޝްފާއަށްވެސް ދިމާވީ ހީނުކުރާ ކަހަލަ ގޮތެކެވެ. އަހަރެންގެ ދަރިއަކު އެފަދަ ގޮތަކަށް ބަދުނާމުވެގެން ހިނގައިދާނެ އެކޭ ހީވެސް ނުކުރަމެވެ.
***
ޔުޝްފާ އަވަދިނެތި ޝޯއަށް ތައްޔާރުވަމުން ދެއެވެ. ޝޯބޭއްވުމަށް ހަމަޖެހިފައި އޮތީ އައްޑު އަތޮޅުގައި ކަމުން ޔުޝްފާގެ އުފާވެރިކަން ދެގުނައަށް އިތުރުވެފައިވެއެވެ. އެކަނި އެފަދަ ދަތުރަކު ދާންލިބުނު ކަމީ އޭނާ ހަމަ ބިމުގައި ފައިނުޖެހޭ ކަމަކަށްވިއެވެ. އެއްފަހަރާ ދެޢީދު އައިސްގެން އުޅޭ ކަހަލަ އެވެ. ފުރަން އޮތްދުވަހުވެސް އެތައް ނަސޭހަތެއް ޔުޝްފާއަށް ދިނީމެވެ.
“ދަރިފުޅާ ތިޔަ ނިކުމެވެނީ އެތައް ބަޔެއްގެ ކުރިމައްޗައް. މީހުން ފާޑުފާޑުގެ ވަހަކަ ހަދަހަދަ އިގެން ވެސް ދައްކާނެ، ހަޤީގަތަކީ ކޮބާތޯއެއްނުބަލާނެ. ދަރިފުޅު އެކަންވިސްނާތި. ކޮންމެ ތާކު ހުއްޓަސް ތިމާއަކީ ކާކުކަން ހަދާންކުރަން ޖެހޭނެ. ދަރިފުޅަށް ދަސްކޮށްދީފަ ހުރި ރީތި ގޮތްތައް ހަނދާންނައްތާނުލާތި.”
އެހެން ނަމަވެސް އެކުއްޖާގެ އެދަތުރުވީ އަހަރުމެން ގެ މުޅި ޢާއިލާއަށް އެޅުނު ކަޅުހިޔަންޏެއްފަދަ ހިތާމައަކަށެވެ. ޔުޝްފާބުނާގޮތުގައި ޝޯވ ނިމެންދެންވެސް ކަންތައް ތައް ހިނގީ ވަރަށް ފުރިހަމައަށް އެކަންތައް ތައް ހަމަ ރޭވިގޮތަށެވެ. އެކަމަކު މާލެ އަންނަން ވުމުން ކުއްލިއަކަށް ޓިކެޓް ހަމަ ނުޖެހުނު ވާހަކަ ބުނަން ޔުޝްފާ ގުޅިއެވެ. އެންމެންނަށް ޓިކެޓް ނުލިބުމުން އެމީހުން ބޭނުންވީ އެރޭ އެކޮޅުގައި މަޑުކުރާށެވެ.
ކީއްވެކަމެއްނޭނގެ އެވެ. އެރޭ އަހަރެން ނިދަން އުޅެއުޅެ އެއްގޮތަކަށްވެސް ލޮލަށް ނިންޖެއްނައެވެ.އެނދުމަތީ ފުރޮޅި ފުރޮޅިއޮއްވާ ވަރަށް ބާރަށް ދޮރު ހުޅުވާލާފައި ޔަލީނާ އައިސްވަނެވެ. އަހަރެން ފެނުމާއެކު އޭނަ ފުރަތަމަވެސް ފެށީރޯށެވެ. ވެގެން އުޅޭގޮތެއް އެނގުނީ އެތައް އިރަކު ޔަލީނާ ރުއިމަށް ފަހުގައެވެ.
އެބުނާ ޖުމައިލްއެއް ޔުޝްފާގެ ކޮޓަރިއަށް ވަދެ އޭނާގެ ރުހުން ނުލިބުމުން ގަދަކަމުން އަހަރެންގެ ދަރިފުޅު ރޭޕްކުރީއެވެ. އެކަމަކުވެސް އޭގެ ފަހުން މީހުންތެރޭގައި އެވާހަކަ ފެތުރުނީ ދިމާ އިދިކޮޅަށެވެ. ޔުޝްފާ ޖުމައިލްގެ ކޮޓަރީގައި އެރޭ ހޭދަކުރި ކަމާ އެދެމީހުން އެކުގައި ހުރި ފޮޓޯތަކެއްލީކުކޮށްލީއެވެ. މުޅިފޭސްބުކްގައި އެވާހަކަ އެބައޮތް ކަމަށް ޔަލީނާބުންޏެވެ. އެ ދަންވަރުގައި އެކުއްޖާ އެހީއަށް އެދި ޔަލީނާއަށް ގުޅާނީ ކިހާ ހިތްދަތިވީމައިހެއްޔެވެ. އޭނާގެ ގައިގައި ހާދަވޭނެއްއަޅާނެއެވެ.
ވަގުތު ނަގާނުލާ ޔުޝްފާއަށް ގުޅީމެވެ. ޔުޝްފާ އިނީ ވާހަކަ ދެއްކޭނެ ފަދަ ގޮތަކަށް ނޫނެވެ. އެކުއްޖާ ބަސްހުއްޓިފައި އިން ކަހަލަ އެވެ. ހަދާނެ ނަހަދާނެ ގޮތެއްނޭގުނެވެ. އެތާ އުޅުން އެހެން ކުދިން ކޮބައިބާއޭ އަހަންނަށް އެހުނެވެ. އެޖަވާބުދިނީ ޔަލީނާއެވެ.
“ޔުޝްފާއާއި އެކު އެތާގައި އުޅުނު ކުދިން ނިދަން ދިޔައީ އެހެން ގެޔަކަށޯ ޔުޝްބުނީ”
އަހަރެން ހައިރާންވެފައި ޔަލީނާއާ ދިމާލަށް ބަލާލެވުނެވެ. އެހެންވީމައި މިއީ މާކުރީއްސުރެވެސް އެބުނާ ޖުމައިލެއްގެ ނުބައިރޭވުމެއްތާއެވެ. އެންމެ ފުރަތަމަވެސް ހިތައް އައީ އެކޮޅުގެ ސްޓޭޝަން ހެޑްއަކަށް ހުންނަ ޝައުކަތެވެ.
“އައްސަލާމް އަލައިކުމް. ސިދްޤީ.. ހާދަލަސްގަޑިއެއްގަ. ކިހިނެތްތޯވީ” ޝައުކަތުގެ އަޑުގައި ނިދީގެ އަސަރު ހުއްޓެވެ. އެކަމާ އަހަރެން ދެރަވިއެވެ. އަހަރެންގެ އަމިއްލަ ކަމަކު ޝައުކަތުގެ ނިދި ހަލާކުކޮށްލެވުނީތީ މަޢާފަށް އެދުނީމެވެ. އަދި ވެގެން އުޅޭގޮތް ކިޔާދިނީމެވެ.
“ހަމަ އަސްލުވެސްތޯ. ސިދްޤީގެ ދަރިފުޅު ހުރި ގެސްޓްހައުސްގެ ނަން އެނގިލައްވާތޯ”
ޝައުކަތުގެ ސުވާލު އަހަރެން ތަކުރާރުކޮށްލީ ޔަލީނާއާއެވެ. ޔަލީނާއަށްވެސް އެތަނެއް އެނގުނު ކަމަކަށް ނުވިއެވެ. އެހެންވެ ޝައުކަތު ތިމަންނަ އެކަމާ އެބައުޅެން ކަމާ ހާސްވާނެ ކަމެއްނެތް ކަމަށް ބުނެފައި ފޯން ކަނޑާލިއެވެ.
އަހަރެން ވިސްނާލީމެވެ. އެތާކު އެކުއްޖާއަށް ހަމްދަރުދީވާނޭ މީހަކު ނުހުންނާނެކަން ގައިމެވެ. ދެންހަދާނީ ކިހިނެތްބާއެވެ.
“ބައްޕާ، އަހަރުމެންނަކަށް ނުދެވޭނެތަ އެކޮޅަކަށް. ބޭނުމެއްނޫން އެމީހުނަނާއެކު ޔުޝްއަންނާކަށް”
ދޮގެއްނޫނެވެ. އަހަރެން ގެ ސިނކުޑިއެހިސާބަކަށް ވިންނުމެއް ނުދިޔައެވެ. އައިސްފައި ހުރި ރުޅިން އަހަންނަށް ބެލުނީ އެންމެ ފުރަތަމަ ވެސް އެކަން ކަމާބެހޭ ފަރާތަށް ރިޕޯޓްކުރުމަށެވެ. އަވަސް އަވަހަށް ކާރަކަށް ގުޅައިގެން އަހަރުމެން އެއަރޕޯޓަށް ދިޔައީމެެވެ.
Maa kuree