ވަގު ބުކިންގސްތަކެއްގަ 200 އަށްވުރެ މީހުން ރާއްޖެއަށް އެތެރެވާން އުޅުން، ބިރުވެރި ރަނގަބީލެއްބާ؟
ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓިފައި އޮތުމަށް ފަހު، އެޗްޕީއޭ އިން ދިން ލުޔާއެކު މިވަނީ އިތުރު ބިރުވެރިކަމެއްގެ ތެރެއަށް ދާން ޖެހިފަ އެވެ.
އެގޮތުން ރާއްޖޭގެ އެކި ހޮޓެލްތަކުގެ ނަމުގައި “ވަގު” ބުކިންގސްތަކެއް ހައްދައިގެން 248 މީހަކު ރާއްޖެ އެތެރެވާން އުޅެނިކޮށް ހިފަހައްޓާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރުމަކީ އާދައިގެ ކަމެއް ނޫނެވެ.
Maldives Immigration denied the entry of 248 passengers yesterday, as they held false hotel bookings & attempted to enter. Thanks to vigilant officers for identifying the fraud.
I take this opportunity to assure that we will remain firm to safeguard the borders of the Maldives.— Mohamed (Hanafy) 🇲🇻 (@hanafymv) July 16, 2021
އިމިގްރޭޝަންގެ ކުޅަދާނަ މުވައްޒަފުންގެ މަސައްކަތުން މިފަހަރު މި މީހުން ހިފެހެއްޓިފައިވީނަމަވެސް، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަކީ ރާއްޖޭގެ އާބާދީއާ ނުބައްދަލު ޢަދަދެކެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މަދު ކުރުމަށް ފަށާ ޕްރޮގްރާމްތައް “ބޮޑުނަގުލަށް” ދާ ދިއުމަކީ އެންމެންދަންނަ ބޮޑު ހަގީގަތެކެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ރާއްޖޭގެ ވެރިކަމާ ހަވާލުވުމަށް ފަހު، އައްޔަންކުރެއްވި އިކޮނޮމިކް މިނިސްޓަރ އަލް އުސްތާޛު ފައްޔާޒުގެ ހިކުމަތު އަމަލީ އާއެކު ވަރަށް ގިނަ މީހުން ވަނީ އަނބުރާ ފޮނުވާވެސްލާފަ އެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ހައްސާސް ވަގުތުގައި އެ މަސައްކަތް ކުރެއްވުމަކީ ޝުކުރު ހައްގު މަސައްކަތެކެވެ.
އެހެންކަމުން ދިވެހީން ތިބީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އާބާދީ ރައީސް ސޯލިހުގެ ވެރިކަމުގެ 5 އަހަރުގައި މަދުކުރާނެ ކަމުގެ ފުރިހަމަ އުއްމީދުގަ އެވެ. އަދިވެސް އުއްމީދަކީ އެއީއެވެ.
އެކަމަކު ކޮވިޑުގެ 3 ވަނަ ރާޅުބާނީގެ ނިމުމަކަށް އައިސް، އެޗްޕީއޭ އިން ދިން ލުޔާއެކު މި އިވުނު އަޑުން ރައްޔިތުން އިތުރަށް ނޭވާ ހިފަހައްޓާލަން މިވަނީ ޖެހިފަ އެވެ. ހަމައެކަނި ރާއްޖެއަށް ވަންނަ ފައިސާއަށް ބަރޯސާވުން އެއްކިބައިގާ އޮއްވާ، ހަލުވި ކަމާއެކު ފެތުރެމުންދާ ރާޅަކަށް ފަހު ރާޅެއްގެ އުސްމިން ބިޔަ ކޮވިޑުގައި ރާއްޖޭގެ އިގްތިސޯދު އަނެއްކާ ވެސް ހުއްޓި، ރައްޔިތުން ބިކަވެދާނެ ކަމުގެ ބިރު އޮތީމަ އެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ހަނަފީގެ ޓްވީޓުގައި ވަގު ބުކިންގސް ގައި ރާއްޖެ އެތެރެވާން އުޅުނީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއްކަން ހާމާ ކުރައްވާފައެއް ނުވެ އެވެ. އަދި މިހާރު އެމީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.
އިމިގްރޭޝަންގެ އޮފިސަރުން އެ ކުރެއްވި ބުރަ މަސައްކަތަކީ ގައުމީ ކަމެކެވެ. ދެން އޮތީ ތަންފީޒީ އިދާރާތަކުގެ ނިންމުންތަކެވެ. ދިވެހި ރައްޔިތުން ބޭނުންވަނީ މިފަދަ ކަންކަން ތަކުރާރު ނުވުމަށެވެ.