ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ރައީސް ނަޝީދު އެދިވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
މަޖިލީހުގެ މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މި މެސެޖް މަޖިލީހުގެ ތިން މެންބަރަކު ވަނީ އެފަދަ ހުށަހެޅުމެއް ރައީސް ނަޝީދު ހުށަހެޅުއްވިކަން ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވާފަ އެވެ.
މެއި 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަށްފަހު ބޭސްފަރުވާ ހޯއްދެވުމަށް މިހާރުހުންނެވީ އިނގިރޭސި ވިލާތުގަ އެވެ.
ފުލުހުން ރޭ ހާމަކުރި މައުލޫމާތުތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ނަޝީދު މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ގޮވާލައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތައް ބޭއްވޭނޭގޮތް ހަމަޖައްސައި އެ ޖަލްސާއެއް ނުވަތަ އެ ޖަލްސާތައް މަޖިލީހުގެ ރައީސް ބާއްވަންވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައި ވެއެވެ.
14 ދުވަސް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެން ނެވެ. މިހާރު މަޖިލީހުގެ ތިންބައިކުޅަ ދެބަައި މެންބަރުންނަކީ 29 މެންބަރުން ނެވެ.