މަނަދޫ ރަންތަރި 1444 ޤުރުއާން މުބާރާތް ފަށައިފި

ރަންތަރިއަށް ޢުމްރާ ދަތުރެއްގެ އިތުރުން 15000 ރުފިޔާގެ އިނާމު ވަނީ ކަނޑައަޅާފައި.

މަނަދޫ ރަންތަރި 1444 ގެ ނަމުގައި ބާއްވާ ޤުރުއާން މުބާރާތް ފަށައިފިއެވެ. މިމުބާރާތުގެ އިފްތިތާޙީ ޖަލްސާއާއި ފުރަތަމަ ބުރުގެ ކިޔެވުން ފަށާފައި ވަނީ ރޭގައެވެ. އިފްތިތާޙީ ޖަލްސާ ފެށުމުގެ ގޮތުން ޤުރުއާން ކިޔަވާ ވިދާޅުވީ އަލްޙާފިޡް މުޙައްމަދު ޢުބައިދު އެވެ. ޖަލްސާ ތަޢާރަފްކޮށްދެއްވާފައި ވަނީ މައިމޫން އެވެ.

މިއީ މަނަދޫ ކައުންސިލުން އިންތިޒާމުކޮށް، މުބާރާތް ހިންގުން އައުޓްސޯސްކޮށް ‘ޗެސްޓަރ’ އާއި ޙަވާލުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

މިމުބާރާތް ހިންގުމުގެ ބޭނުމަކީ، މިއީ ރަމަޟާން މަސްކަމަށް ވެފައި މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން، ދީނީ އަޅުކަމެއްގެ ގޮތުންނާއި، މިއީ ބައިވެރިންނަށް ވެސް ކުރިއެރުން ލިބޭނެފަދަ ގޮތަކަށް، ފުރިހަމަ މުބާރާތެއް ބޭއްވުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެއް ކަމުގައި ޖަލްސާ ތަޢާރަފްކޮށްދެއްވަމުން މައިމޫން ވިދާޅުވިއެވެ. މިމުބާރާތް ހުޅުވާލާފައިވަނީ މަނަދޫގެ ރައްޔިތުންނަށެވެ. މިގޮތުން މިމުބާރާތުގައި 11 ބައިވެރިޔަކު ވާދަކުރާކަމުގައި ރޭގެ ޖަލްސާގައިވަނީ އިޢުލާންކޮށްފައެވެ.

މަނަދޫ ކައުންސިލް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި، މީގެ ކުރިންވެސް މަނަދޫ ރަންތަރި މުބާރާތް ބޭއްވުމަށް ފަހު އަލުން ފަށާފައި މިވަނީ ކޮންމެވެސް ވަރެއްގެ މެދުކެނޑުމަކަށް ފަހުއެވެ. އަދި ކައުންސިލުން ރާވާފައިވާ ގޮތުގައި، މިއަހަރަށް ފަހު ކޮންމެ އަހަރަކުވެސް އިރާދަކުރެއްވިއްޔާ މިމުބާރާތް ކުރިއަށްދާނެ ކަމުގައިވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މާޙައުލުގެ ފުރިހަމަކަމުންވެސް މުބާރާތުގެ ފުރިހަމަކަން ފެނިގެން އެބަ ދާކަމުގައިވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ޖަލްސާގައި އިސް ފަނޑިޔާރުގެ ހައިސިއްޔަތުން ވާހަކަފުޅު ދެއްކެވީ އަލްފާޟިލް ޢަބްދުﷲ ޖަމީލު އެވެ. ޖަމީލުގެ ވާހަކަފުޅުގައި، މީގެ ކުރީގެ މުބާރާތުގައިވެސް ބައިވެރިންގެ ކުރިއެރުމަށްޓަކައި ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. މިފަހަރުގެ މުބާރާތުގައި، ތަޖުވީދާއި ޢުލޫމުލް ޤުރުއާނުގެ ޚާއްސަ ބައިތަކަކާއި، ތަރުޖަމާ ކިޔުމުގެ ބައެއްވެސް ހިމަނާލެވިފައި ވާނެއެވެ. އަދި މިއިން ކޮންމެ ބަޔަކަށްވެސް ވަކިން ކްލާސްތަކެއް، ބައިވެރިންނާއި އެކު ގެންދިއުމަށް ހަމަޖައްސާފައިވާކަމުގައިވެސް އެބޭފުޅާ ވިދާޅުވިއެވެ.

ޖަލްސާގެ ޝަރަފުވެރި މެހެމާނު ސާމިޔާ ޒަކަރިއްޔާ ވިދާޅުވި ގޮތުގައި ޤުރުއާން ބާވައިލެއްވިފައި ވަނީ އެޤުރުއާން ކިޔަވައި އެއަށް ޢަމަލުކުރުމަށްޓަކައެވެ. އަދި ކީރިތި ޤުރުއާނުގައި ވަރަށްގިނަ ފައިދާތަކެއްވާ ކަމަށާއި، ކީރިތި ޤުރުއާން ކިޔަވާމީހާގެ ދަރަޖަ މަތިވެރިވެގެންދާކަމުގައިވެސް ސާމިޔާ ޒަކަރިއްޔާ ވިދާޅުވިއެވެ. އަދި މާތް ﷲގެ ރުހިވޮޑިގަތުމާއި، ޘަވާބާއި ދަރުމަވެސް އެމީހަކަށް ލިބޭކަމަށާއި، އާޚިރަތް ދުވަހު އެމީހާގެ ތިލަފަތް (ހެޔޮކަމުގެ) ބަރުވެގެން ދާކަމަށާއި، އޭނާއަށް ޝަފާޢަތްތެރިވާ އެއްޗެއްކަމުގައި ޤުރުއާން ވެގެންދާ ކަމުގައިވެސް ވިދާޅުވިއެވެ. ޤުރުއާން ކިޔެވުމަކީ ހިތްހަމަ ޖެހުން ލިބި، ބިރުފިލައިގޮސް، މީހާގެ ނުތަނަވަސްކަން ފިލައިގެންދާކަމެއް ކަމަށާއި، މާތް ﷲ ހަނދުމަ ކުރުމަށް ކުރެވޭނެ އެންމެ މޮޅު ޛިކުރަކީވެސް ޤުރުއާން ކިޔެވުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި އަތްމަތި ދަތިވާ މީހާ އަތްމަތި ތަނަވަސްވުމަށް އެދިގެން ޤުރުއާން ކިޔަވާނަމަ އޭނާއަށް އެކަންވެސް ލިބިގެންދާނެކަމުގައިވެސް ސާމިޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މުޖުތަމަޢުގެ ޙާލަތަށް ރިޢާޔަތްކުރައްވާ އެކަމަނާ ވިދާޅުވީ، ތަރުބިއްޔަތުގެ ކަންކަން މިހާރަށްވުރެ ރަނގަޅުކުރުމަށް އެންމެންވެގެން މަސައްކަތް ކުރަން ޖެހޭކަމަށާއި، މިއީ މުޅި މުޖުތަމަޢުގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. އަދި އެކަމަނާ ގޮވާލެއްވީ ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރާ ބަޔަކަށް އަޅުގަނޑުމެން އެންމެންވެސް ވުމަށެވެ. އަދި މުޖުތަމަޢު އިސްލާހުކުރެވޭނީ މިމަގުގައި ހިފައިގެން ކަމުގައި އެކަމަނާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މުބާރާތުގެ ފުރަތަމަ ބައިގެ ކިޔެވުން ރެއާއި މިރޭ ކުރިއަށް ދާނެކަމަށް ރޭގެ ޖަލްސާގައި އިޢުލާންކުރިއިރު، ރޭ ވަނީ ފަސް ބައިވެރިއަކު ކިޔަވާފައެވެ. އަދި އޭގެތެރެއިން އުނިވެގެންދާ ބައިވެރިޔާ (އެލިމިނޭޝަން) މިރޭ އެނގިގެންދާނެ ކަމުގައިވެސް ރޭގެ ޖަލްސާގައި އިޢުލާން ކުރިއެވެ.

މިމުބާރާތުގެ 1 ވަނައަށްދާ ފަރާތަކަށް އިނާމެއްގެ ގޮތުން، ހިޖާޒް ޙައްޖު އެންޑް ޢުމްރާގެ ފަރާތުންދޭ ޢުމްރާ ދަތުރެއްގެ އިތުރުން 15000 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅާފައެވެ. އަދި ދެވަނައަށްދާ ފަރާތަކަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމާއި، ތިންވަނައަށްދާ ފަރާތަކަށް 5000 (ފަސްހާސް) ރުފިޔާގެ އިނާމު ވަނީ ކަނޑައަޅާފައެވެ. މިއީ ރަށުފެންވަރުގައި ބޭއްވޭ ބޮޑު މުބާރާތެއްކަން ފާހަގަކޮށެލެވެއެވެ.

Manadhoo Ranthari Inaam Detail

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. މާޝާާ ﷲ. ވަރަށްް ފުރިހަމަަ ސެޓަޕެއްް. ހުރިހާާ ބައިވެރިންނަށްް ކާމިޔާބަށްް އެދެންް.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.