އޯވަ ކޮންފިޑެންޓް ވެވުނު ކަމަށް ޢިމްރާން ވިދާޅުވެއްޖެ!
އެމްޑީޕީގެ “ދަޑިކޮށި ޖަގަހަ” ގައި ކޯލިޝަން ޕާޓީތަކުގެ ކެމްޕޭން ހަރަކާތްތެރިންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން ހަމަ ހަޤީގަތުގައިވެސް ކުޑަތަންކޮޅެއް “އޯވަ ކޮންފިޑެންޓް” ވީ ކަމަށާ، ސީރިއަސްވާން ޖެހޭކަން މިހާރު އެނގިފައިވާ ކަމަށް އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އަދާލަތުގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
އިމްރާން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަަމަ ބުރުގައި އުއްމީދުކުރި ނަތީޖާ ނުލިބުނީ މޮޅުވާނެ ކަމަށް ކުރެވުނު އުއްމީދު ބޮޑުކަމުން ބައެއް ކަންކަމާ ފަރުވާ ކުޑަކޮށްލެވުމުން ކަމަށެވެ.
ފޮޓޯއަޅުގަނޑުމެންނަށް މި ވީ ގޮތަކީ ތަންކޮޅެއް ބާރަށް ދުވެވޭހެން ހީވާތީވެ، ކުޑަކޮށް ދުއްވާލި ތަނާ ކުޑަކުޑަކޮށް މަޑުކޮށްލެވުނީ. އެކަމަކު މިހާރު ތިބީ ނިކުމެ ބާރަށް ދުއްވާގަނެވިފައި. ދެން އިރާދަކުރެއްވިއްޔާ މިއެއް އަތެއް ނުވާނެ. މި ތިން ޕާޓީ ނުކުމެ މީތި ގަދަ ކުރާނެ. ކުރި ހޯދާނެ. މޮޅުވާނެ. މޮޅުވާނެ. މޮޅުވާނެ.
ޢިމްރާން އަބްދުالله
އިމްރާން ވިދާޅުވީ އެބޭފުޅުން ނިކުމެ ތިބީ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެން ޖަލުގެ ގޮޅިތަކުގެ ފަހަތަށް ނުދާނެ ގޮތެއް ހޯދުމަށް ކަމަށެވެ. އެހެންކަމުން އެ މަސައްކަތުގައި ސީރިއަސްވާންޖެހޭކަން މިހާރު އެނގިފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
ކެންޕޭން ދުވަސްކޮޅުގައި އަޅުގަނޑުމެންގެ މީހުން ތަންކޮޅެއް “އޯވާ ކޮންފިޑެންޓް” ވީ. މިއަދު އަޅުގަނޑުމެންނަށް، އެމްޑީޕީގެ ހުރިހާ ބޭފުޅުންނަށް އެނގިއްޖެ ކުޑަކޮށް އެބަޖެހޭކަން ސީރިޔަސް ވެލަން. އަދާލަތާއި އެމްޑީއޭއަށް އެނގިއްޖެ އެބަޖެހޭކަން ސީރިޔަސް ވެލަން
ޢިމްރާން އަބްދުالله
އިމްރާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެސް މިހާރު މަސައްކަތް ފަށްޓަވާފައި ވަނީ ކޮވިޑު ތެރޭގައި މަސައްކަތް ކުރެއްވި ގޮތަށް މަސައްކަތް ކުރެއްވުމަށް ކަމަށެވެ.
ދެވަނަ ދައުރަކަށް ބާކީ އޮތީ17 ދުވަސްކަން ފާހަގަ ކުރައްވައި އިމްރާން އިތުރަށް ވިދާޅުވީ، ދެތިން ގަޑިއިރު ނިދައިގެން ކާމިޔާބު ކަމާއެކު އިންތިހާބު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.