ދުނިޔެއަށް މިއަދު ބޭނުންވަނީ އަމަލީ ހައްލުތައް ގެނެސްދޭނެ ނިޒާމެއް: ރައީސް މުޢިއްޒު

ދުނިޔެއަށް މިއަދު ބޭނުންވަނީ އަމަލީ ހައްލުތައް ގެނެސްދޭނެ ހަރުދަނާ ރަނގަޅު ނިޒާމެއް ކަމުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވެއްޖެއެވެ.

“ސަމިޓް އޮފް ދަ ފިއުޗަރ” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދުނިޔެއަށް މިހާރު ބޭނުންވަނީ ހިޔާލީ ވާހަކަތަކެއް ނޫންކަމަށާއި، ކުރިމަތިވެފައިވާ މައްސަލަތަކަށް އަމަލީގޮތުން ހައްލު ހޯދައިދޭނެ ނިޒާމެއް ކަމަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓްގައި ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މަލްޓިލެޓަރަލް ސިސްޓަމްތައް މެދުވެރިކޮށް ކަންކަން ހަޤީޤަތަކަށް ހެދުމުގެ ވަގުތު އައިސްފައިވާ ކަމަށެވެ. މިކަން ހާސިލުކުރެވޭނީ ޒުވާނުން ބާރުވެރިކުރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، މާލީގޮތުން ޤައުމުތައް ބާރުވެރިކުރުވުމުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މޫސުމީ މައްސަލަތަކުގެ ސަބަބުން މިހާރުވެސް ދުނިޔޭގެ 62 އިންސައްތަ ޒުވާނުންނަށް އޭގެ އަސަރު ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ޖީލުތަކުން ބަލާނީ ވަޢުދުތައް ފުއްދިފައިވާ މިންވަރަށް ކަމަށެވެ. އަދި އަދުގެ ޖީލުތަކުން ބޭނުންވަނީ ވާހަކަތަކަށް އަމަލީ ސިފަ ގެނެސްދޭ ނިޒާމަކާއި، ކުރިމަތިވާ ގޮންޖެހުންތަކަށް ހިތްވަރާއެކު ކުރިމަތިލާނެ ލީޑަރުންތަކެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

“މޫސުމީ މައްސަލަތަކުގެ ސަބަބުން މިހާރުވެސް ދުނިޔޭގެ 62 އިންސައްތަ ޒުވާނުންނަށް އޭގެ އަސަރު ކުރަމުންދޭ، ކުރިއަށް އޮތް ޖީލުތަކުން ބަލާނީ ވަޢުދުތައް ފުއްދިފައިވާ މިންވަރަށް، އަދި އަދުގެ ޖީލުތަކުން ބޭނުންވަނީ ވާހަކަތަކަށް އަމަލީ ސިފަ ގެނެސްދޭ ނިޒާމަކާއި، ކުރިމަތިވާ ގޮންޖެހުންތަކަށް ހިތްވަރާއެކު ކުރިމަތިލާނެ ލީޑަރުންތަކެއް”

ރައީސް ފާހަގަކުރެއްވިއެވެ.

މި ސަމިޓްގެ މަޤްޞަދަކީ ބައިނަލްއަޤްވާމީ އެއްބަސްވުންތަކަށް ޢަމަލުކުރުން އަވަސްކުރުމާއި، “ޕެކްޓް ފޮރ ދަ ފިއުޗަރ” މެދުވެރިކޮށް އަލަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމެވެ. މީގެ އިތުރުން “ގްލޯބަލް ޑިޖިޓަލް ކޮމްޕެކްޓް” އާއި “ޑެކްލަރޭޝަން އޮން ފިއުޗާ ޖެނެރޭޝަންސް” ހިމެނޭ ގޮތަށް 21 ވަނަ ގަރުނުގެ ހަޤީޤަތްތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް އެކުލަވާލުމަށްވެސް މި ސަމިޓްގައި މަސައްކަތްކުރެވޭނެއެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ޣައްޒާގެ މައްސަލައަށް ގެނުވިއެވެ. އެގޮތުން، ޣައްޒާގައި ހިނގަމުންދާ ގަތުލްއާއްމު ހުއްޓުވުމަށާއި، ޕަލަސްތީނުގެ ދައުލަތަށް އދގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ހިތްވަރުހުރި ލީޑަރުން ބޭނުންވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިއީ ދުނިޔޭގެ ލީޑަރުން އަމަލީގޮތުން ނަތީޖާ ނެރެދެއްކުމަށް ގޮވާލުމުގެ އިތުރު މިސާލެކެވެ.

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އދ.ގައި އެކި ކަންކަމަށް މަޝްވަރާކޮށް، ތަސައްވުރުތައް ހާމަކުރަމުންދާތާ އެތައް އަހަރެއް ވެފައިވީނަމަވެސް، އެކަންކަން އަދިވެސް ހުރީ ހަޤީޤަތަކަށް ނުހެދިއެވެ. މިއީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މަސައްކަތްތަކުގެ ނަތީޖާ އަވަސްކުރުމުގެ މުހިންމުކަން ފާހަގަކޮށްދޭ ކަމެކެވެ.

“ސަމިޓް އޮފް ދަ ފިއުޗަރ” އަކީ ދުނިޔޭގެ ޤައުމުތަކުގެ އިސްވެރިން އެއްތަނަކަށް އެއްވެ، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކޮށް، މުސްތަޤުބަލު ރައްކާތެރިކުރުމަށް އެންމެންގެ ޚިޔާލު ހޯދުމަށް ކުރިއަށްގެންދާ މުހިންމު ބައްދަލުވުމެކެވެ. މި ސަމިޓުން އުންމީދުކުރެވެނީ ދުނިޔޭގެ މުހިންމު މައްސަލަތަކަށް އަމަލީ ހައްލުތަކެއް ހޯދައި، ކުރިމަގު އުޖާލާކުރުމަށް މަގުފަހިވާނެ ކަމަށެވެ.

ރައީސް މުޢިއްޒުގެ މި ވާހަކަފުޅުތަކުން ދޭހަވަނީ، ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ދުނިޔޭގެ މުހިންމު މައްސަލަތަކަށް އަޑުއުފުލައި، އަމަލީ ހައްލުތަކަކަށް ގޮވާލަމުންދާކަމެވެ. މިއީ ކުޑަ ޤައުމެއް ނަމަވެސް، ދުނިޔޭގެ ކަންކަމުގައި ދިވެހިރާއްޖެއިން އަދާކުރާ މުހިންމު ދައުރުގެ ހެއްކެކެވެ.

މަސްދަރު: ވޮއިސް.އެމްވީ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.