ޖެންޑަރ މިނިސްޓަރ ޒެނީޝާ ހއ. ދިއްދޫއަށް ވަޑައިގެންފި
މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ހއ. ދިއްދޫއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ. މި ދަތުރުފުޅުގައި، ހއ.ދިއްދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، އެ ސެންޓަރުގެ މުވައްޒަފުންނާ މިނިސްޓަރ މަޝްވަރާކުރެއްވިއެވެ.
ހއ. ދިއްދޫއަށް ކުރެއްވި މި ދަތުރުފުޅުގައި، ހއ.އަތޮޅު ކައުންސިލާއި، ހއ.ދިއްދޫ ކައުންސިލްގެ މެންބަރުންނާ ވެސް މިނިސްޓަރ ބައްދަލުކުރެއްވިއެވެ.
އަދި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެ މުއައްސަސާތަކާ ގުޅިގެން މިނިސްޓްރީން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ. މީގެ އިތުރުން، ހއ.އަތޮޅު ހޮސްޕިޓަލަށް މިނިސްޓަރ ކުރެއްވި ޒިޔާރަތުގައި، ޚާއްޞަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް ހޮސްޕިޓަލުން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކާ ގުޅޭގޮތުން ހޮސްޕިޓަލުގެ މަސްއޫލުވެރިންނާ މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރގެ މި ދަތުރުފުޅުގައި، ދިއްދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުންނާއި، އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން އެމް.އެން.ޑީ.އެފްއިން ކުރިއަށްގެންދާ މޫދު ކަސްރަތު ޕްރޮގްރާމްގެ ބައިވެރިންނާ ވެސް ބައްދަލުކުރައްވާފައިވެއެވެ.
މިނިސްޓަރގެ މި ދަތުރުފުޅަކީ، ހއ.އަތޮޅުގައި ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ކުރިއަށް ގެންދިޔަ ބޭސިކް ސައިން ލެންގުއޭޖް ޓްރޭނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ.