މ.މުލައް އަދި ހދ.ނޮޅިވަރަމަށް އަލް ޢަސްރުގެ ދެ ޓީމް ފުރައިފި
އަލް އަޞްރުގެ ފަރާތުން މ.މުލަކުގައި “އޮޑެސީ އޮަފް ދައުވާ” ދަޢުވަތު ދަތުރަކާއި ހދ.ނޮޅިވަރަމުގައި “ކޫލްނެސް އޮފް ދަ އައިސް” ނަމާދު ވޯރކްޝޮޕެއް ހިންގުމަށް ދެ ޓީމެއް ފުރައިފިއެވެ.
މި ދެ ދަތުރުގައި ބައިވެރިވެ ލައްވަނީ އައްޝެއިޙް ޢަބްދުﷲ މިފްޒާލް އަދި އައްޝެއިޙް ޝިހާމް މުހައްމަދެވެ.
އަލް ޢަސްރުގެ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި މ.މުލަކުގައި ކުރިއަށް ގެންދާ ދަތުރުގައި އަލް ޢަސްރުގެ ޓީމާއެކު ބައިވެރިވެ ލައްވަނީ އައްޝެއިޙް ޝިހާމް މުހައްމަދުއެވެ. މި ދަތުރުގެ މައިގަނޑު މަޤްސަދަކީ މުލަކުގެ ވީހާވެސް ގިނަ ރައްޔިތުންނަށް ދީނީ މައުލޫމާތު ފޯރުކޮށްދީ ރަށުގައި ދީނީ ގޮތުން އުފެދިފައިވާ ސުވާލުތަކަށް ޝެއިހް މެދުވެރިކޮށް ޖަވާބު ހޯދައިދިނުމާއި ދީނީ ކަންކަމަށް ލޯބި އިތުރުކޮށް ހެޔޮ ޢަމަލު ގިނަ ކުރުމަށް ހިތްވަރުދިނުމެވެ.
އެގޮތުން ނަމާދުތަކަށްފަހު ރަށުގެ މިސްކިތްތަކުގައި ކުރު ނަސޭހަތް ދިނުމުގެ ސެޝަންތަކަކާއި، ގޭގެއަށް ޒިޔާރަތް ކޮށް އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދިނުމާއި، ކޮފީ ވިތު ޝެއިހް ސެޝަނަކާއި ބާބެކިއު އެއް ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވުމަށް ރޭވިފައިވާކަމަށް މަޢުލޫމާތު ދެއްވިއެވެ.
އަދި ހދ.ނޮޅިވަރަމް ގައި ރޭވިފައިވާ ނަމާދު ވޯރކްޝޮޕްގައި މަޢުލޫމާތު ދެއްވާނީ އައްޝެއިޙް ޢަބްދުﷲ މިފްޒާލް ކަމަށާއި ނަމާދު ވޯރކްޝޮޕުގައި ނަމާދުގެ މަގާމް، ތަހާރަތާއި ވުޟޫ ނަމާދު ތަކްބީރުން ފެށިގެން ސަލާމް ދިނުމާ ހަމައަށް ކިޔައިދެވިގެންދާނެ ކަމަށްވެސް މަޢުލޫމާތު ދެއްވިއެވެ.
“صلوا كما رأيتموني أصلي” މާނާ:”ތިޔަބައިމީހުން ތިމަންކަލޭގެފާނު ނަމާދު ކުރައްވާތީ ދުށްގޮތަށް ނަމާދު ކުރާށެވެ.”
މި ހަދީޡްގެ މައްޗަށް އެކުލަވާލެވިފައިވާ މި ވޯރކްޝޮޕަކީ 2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ވޯރކްޝޮޕެކެވެ.
އަލް ޢަސްރުގެ ފަރާތުން ކުރިއަށް ގެންދާ މިފަދަ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ހޯއްދެއްވުމަށް އެބޭފުޅުންގެ ހޮޓްލައިން 7925277 އަށް ގުޅުއްވާލެއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެކަމަށްވެސް އެބޭފުޅުން ދެންނެވިއެވެ.