ﷲގެ ޢަޛާބުން މިންޖުވާން ބޭނުންތަަ؟
ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޢަޛާބުން މިންޖުވާ ދެ އަމާނެއް ވެއެވެ. ފުރަތަމަ އަމާނަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ.
އެކަލޭގެފާނު އަހަރެމެންގެ ތެރޭގައި ހުންނަވަނިކޮށް އެކަލޭގެފާނުގެ އުންމަތް ކޯފާއަކުން ހަލާކުވެގެން ނުދާނޭ ކަމުގައި ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
“وَمَا كَانَ ٱللَّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ…” (الأنفال 33)
މާނައީ : “އަދި ކަލޭގެފާނު އެއުރެންގެ މެދުގައި ހުންނަވަނިކޮށް، ﷲ ތަޢާލާ، އެއުރެންނަކަށް ޢަޛާބެއް ނުދެއްވާނެތެވެ.”
ފުރަތަމަ އަމާން މިއަދު ދުނިޔޭގައި ނެތެވެ. ބާކީ އޮތީ އެންމެ އަމާނެކެވެ.
ދެވަނަ އަމާނަކީ އިސްތިޣްފާރު ކުރުމެވެ. އާދެ ފާފަ ފުއްސެވުން އެދި ދެންނެވުމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވައިފައިވެއެވެ:
“…وَمَا كَانَ ٱللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ”(الأنفال 33)
މާނައީ: “…އަދި އެއުރެން އިސްތިޣްފާރު ކޮށްކޮށް ތިއްބައި، ﷲ، އެއުރެންނަކަށް ޢަޛާބެއް ނުދެއްވާނެތެވެ.”
އިސްތިޣްފާރުކުރުމަކީ ﷲ ގެ ޢަޛާބުން މިންޖުކޮށްދޭ ކަމެކެވެ.