ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ފައިނޭންސް ފެއާއެއް ބާއްވައިފި
ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ލ.ފޮނަދޫގައި ހުންނަ އެ އަތޮޅު ތަޢުލީމީ މަރުކަޒުގައި ފައިނޭންސް ފެއާއެއް އިއްޔެ ބާއްވައިފި އެވެ.
އިއްޔެ އެ ސްކޫލުގައި ފައިނޭންސް ފެއާގެ އިތުރުން ކުޑަކުދިންގެ ހަވީރެއް ވެސް ވަނީ ބާއްވާފަ އެވެ. މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު، ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ފައިނޭންސް ފެއާ އާއި ކުޑަކުދިންގެ ހަވީރުގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި މިފަދަ ފެއާ ބޭއްވުމުގެ ބޭނުމަކީ ސްކޫލު ކުދިންގެ މެދުގައި ގަނެވިއްކުމުގެ ހުނަރު ދަސްކޮށްދިނުމެވެ. މި ފެއާގައި ދަރިވަރުން ވަނީ އެކި ބާވަތްތައް އަމިއްލަ އަށް އުފެއްދުމަށް ފަހު އެތަކެތި ވިއްކައިފަ އެވެ.
ލ.އަތޮޅު ތަޢުލީމީ މަޒުކަޒުގެ އިތުރުން މި ފެއާ ބޭއްވީ ހުޅުމާލެ ރެހެންދި ސްކޫލާއި ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫ ސްކޫލްގަ އެވެ.
ގދ. ތިނަދޫގައި ބޭއްވި ފައިނޭންސް ފެއާ އާއި ކުޑަކުދިންގެ ހަވީރުގައި 1000 ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. ހދ. ކުޅުދުއްފުއްޓާއި ގދ ގައްދޫގައި ބޭއްވި ހަރަކާތްތަކަށް ކޮންމެ ރަށަކުން 500 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. ހުޅުމާލޭ ރެހެންދި ސްކޫލްގައި ބޭއްވި ފެއާއަށް ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައިވެ އެވެ. މި ހަރަކާތްތަށް މިހާރު ނިންމާލާފައިވާއިރު، މާލެ އާއި އަތޮޅު ތެރޭގައި ހިންގި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ރަށު ކައުންސިލްތަކާއި މާލީ އިދާރާތަކުގެ އެހީއާ އެކު އެވެ.
ގްލޯބަލް މަނީ ވީކަކީ ޗިލްޑްރަން އެންޑް ޔޫތު ފައިނޭންސް އިންޓަނޭޝަނަލުން އިސްނަގައިގެން 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ބޮޑު ކެމްޕޭނެކެވެ. މި އަހަރު ރާއްޖޭގައި ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ބާއްވާނީ އެމްއެމްއޭގެ އިސްނެގުމާ އެކު އެޑިއުކޭޝަން މިނިސްޓްރީ އާއި މާލީ ދާއިރާތަކުގެ އެކި ފަރާތްތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު އެވެ.