ފޮނަދޫގައި ރަށު ޕިކަޕްގެ ޑިމާންޑް ބޮޑުވަނީ

ޒަމާން ބަދަލުވެއްޖެއެވެ. ތަރައްޤީގެ އައުއުސްމިންތަކަކަށް ރާއްޖެ ވުޖޫދުވެއްޖެއެވެ. ޒަމާނީ ފަސޭހަތަކުގެ ބޭނުން ހިފުމަކީ އާންމުކަމަކަށްވެއްޖެއެވެ. އާދައަކަށް ވެއްޖެއެވެ. ފަސޭހަގޮތް ހަމަ ކޮންމެ މީހަކަށްވެސް ފަސޭހަތާއެވެ. އެގޮތުން މިފަހަރު މި އަލި އަޅުވާލަނީ މި ފަހަކަށް އައިސް ރާއްޖޭގައި އާންމުކޮށް ބޭނުން ކޮށްއުޅޭ މަސްހޫރު ” ރަށު ޕިކަޕް” ނުވަތަ “ބަގީ” އަށެވެ.

ޒަމާނަށް އަލިވިލުމުގެ ކުރިން އަހަރެމެންގެ ތެރޭގައި އެއްތަނުން އަނެއް ތަނަށް މުދާފަދަ ބަރުތަކެތި އުފުލަން ބޭނުންކުރަމުންއައީ މީސްމީހުންގެ ކޮނޑުތައްމަތީގައެވެ. ކާބަފައިޒަމާނުއްސުރެ ދާދި ފަހަކާއި ޖެހެންދެން ކަންތަށް ވަމުންއައީ އެފަދައިންނެވެ. އޭގެ ފަހުން ނުއުފުލޭ ވަރުގެ ބަރުތަކެތި އުފުލަން ބޭނުން ކުރާ އަތް ގާޑިއާ ތައާރަފްވެގެންއައެވެ.  އަތް ގާޑިއާ އެއީ މާމޮޅު ބޮޑު ފަސޭހަ އެއްޗަކަށް ވެގެންދިޔައެވެ. 70 ގެ އަހަރުތަކުގައާއި 80 އަހަރުތަކުގެ ގެ ކުރީކޮޅުގެ މާލޭގެ މާރުކޭޓު ސަރަހައްދު ފަޅުފިލުވާފައިވަނީ މިދެންނެވި ގާޑިޔާ ތަކެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އެހެންނަމަވެސް އަލަށް ތައާރަފް ވެގެންދިޔަ މުދާއުފުލުމަށް ތައްޔާރު ކޮށްފައިވާ “ޕިކަޕް “ގެ ނަންދެވުނު އުޅަނދު އުފަންވެ މާލެއަށް އައިސް މާރުކޭޓް ސަރަހައްދު ފުރިފައި އޮތް ގާޑިޔާ ތަކުގެ ބޭނުން ކަނޑުވާލިއެވެ. މާ އަވަސް މާ ފަސޭހަ އެއްޗަކަށް ވެގެންގޮސް މާލެއިން ބޭރަށް އަތޮޅު ތެރެއަށްވެސް އެކި ވަރުވަރުގެ ޕިކަޕް” ތައާރަފް ވެގެން ދިޔައެވެ. މިއަދާއި ޖެހެންދެންވެސް މި ދެންނެވި ޕިކަޕްގެ ބޭނުން ހިފަމުންއައީ މަދެއްކޮށެއް ނޫނެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް މިފަދައެވެ.

ނަމަވެސް މިއަދު މި ފެންނަމުން ދަނީ ދިވެހިންނަށް މުޅިން އާމަންޒަރެކެވެ. ޕިކަޕް ލޮރީ ފަދަ ތަކެތީގެ ބޭނުންވެސް މަޑުމަޑުން ކެނޑިދާހެން އެބަހީވެއެވެ. އޭގެ ބަދަލުގައި މިހާރު މިކިޔާ މަސްހޫރު ރަށުޕިކަޕް ތިން ފުރޮޅުލީ ކުޑަޕިކަޕް ، ރަސްކަން ކުރާންފަށައިފިއެވެ.  މި ދެންނެވި ރަށު ޕިކަޕް ދިވެހީންގެ މާ ގާތް ރައްޓެއްސަކަށް ވެއްޖެ އެވެ. މަގުތަކުން މުޅިންހެން  ފެންނަމުންދަނީ މި ދެންވެނި ރަށު ޕިކަޕުގެ ވައްތަރުތަކެވެ. އެކި ކުލަކުލައިގެ ރަށުޕިކަޕްތެކެވެ.

ލ.ފޮނަދޫ  މަގުތަކުގައިވެސް ރަށު ޕިކަޕްގެ ވާދަވެރިކަން ވަކި ކުޑައެކޭ ނުދެންނެވޭނެއެވެ. އާދައިގެ ޕިކަޕަށް ދޫނުކޮށް ހިފަހައްޓަމުން އެބަގެންދެއެވެ. އެންމެ ފަހުން މިހާރު މަންޒަރު މުޅިން ބަދަލުވެ އާދައިގެ ޕިކަޕްތައް ފަހަތަށް ޖައްސާލާފައި ރަށު ޕިކަޕް ރަށަށް ގަދަކޮށްފިއެވެ.

ފޮނަދޫގައި ރަށު ޕިކަޕްގެ ޑިމާންޑު ބޮޑުވެއްޖެއެވެ. ރަށު ޕިކަޕެއް އަތު އަޅުވާ ނުލެވިއްޖެ ނަމަ ނޫނީ އާދައިގެ ޕިކަޕްގެ ބޭނުން އެއްގޮތަކަށްވެސް ނުކުރޭ ބުނުކަމުން ދޮގަކަށް ނުވާނެއެވެ. ވާނީވެސް އެހެންތާއެވެ. އަގާއި ވަގުތާ ޚިދުމަތަށް ބަލާއިރުވެސް މި ގޮތް މާ ރަނގަޅުވެފައި މޮޅެއެވެ.

ފޮނަދޫގައި ޕިކަޕް ދުއްވުމުގެ މަސައްކަތް ކުރާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެ އެމަސައްކަތުން ރަނގަޅު އާމްދަނީއެއްވެސް ހޯދަމުން އައި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިހާރު ބޮޑު ޕިކަޕްތަކުގެ ބޭނުން ނުހިފެއެވެ. ކުރިން ލިބެމުންއައި އާމްދަނީ މިހާރު ނުލިބެއެވެ. އޭގެ ބަދަލުގައި މިހާރު ރަށު ޕިކަޕް ތަކުގެ ޑިމާންޑު މާބޮޑަށްވެސް ބޮޑެެވެ. ނަން ހާމަނުކުރުމަށް އެދެމުން ޕިކަޕް ދުއްވާ މީހަކު ބުނެފައިވެއެވެ.

” ކުރިން ލިބުނު ވަރާ ގާތަކަށް ވެސް މިހާރު ދަތުރެއް ނުލިބޭ. އާއްމުކޮށް ގުޅާމީހުންވެސް ނުގުޅާ. އަހާލުމުން ބުނަނީ ރަށު ޕިކަޕް ގެ ޚިދުމަތް މާރަނގަޅު ވެފައި އަގުވެސް ހެޔޮކަމުން އެދިމާއަށް ދެވެނީ ކަމަށް.” އޭނާ ބުންޏެވެ.

އޭނާ ބުނީ ގޭގެއިން އާއްމުކޮށް ބޭނުންވާނީ ކުދިކުދި އެއްޗެތި އުފުލަން ކަމަށް ވާތީ އެކަކު ވެސް ބޮޑު އަގުގައި ކުޑަކުޑަ އެއްޗެއް ގެންދިއުމަށް ބޭނުން ނުވާނެ ކަމުގައެވެ. އެހެންވެ ދަތުރެއް ހޯދުމަށް ނުވެސް ގުޅާކަމަށެވެ.

ރަށު ޕިކަޕަކީ ހުރިހާގޮތަކުންވެސް ތަފާތު އެއްޗެކެވެ. ޕެޓްރޯލް އަދި ޑީސެލްފަދަ ތަކެތި ބޭނުންކުރާކަށް ނުޖެހެއެވެ. ޚަރަދު ކުޑަވެފަ ލިބޭ އެއްޗަކުން ދެކޮޅުޖެހެއެވެ. ބެޓެރީން އޮޕަރޭޓް ކުރާ އެއްޗަކަށް ވާތީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރަން އެންމެން އަމާޒު ހިފާފައިވާ މިފަދަ ދުވަސްވަރެއްގައި ރަށު ޕިކަޕަކީ ދިވެހި ވެއްޓަށް އެންމެ ބަރާބަރު އުޅަނދުކަމުގައިވާތީ އުފާކުރަންޖެހެ އެވެ.

އާންމުކޮށް ރަށު ޕިކަޕް ގެ ޚިދުމަތް ހޯދަމުން އަންނަ ފޮނަދޫ މީހަކު ބުނީ “އަހަރެމެން މިހާރު ބަދަލު ކޮށްލައިފިން. ރަށު ޕިކަޕްގެ ޚިދުމަތް އަގުހެޔޮވެފަ މާބޮޑަށްވެސް ރަނގަޅު. ތިމާވެށި ކަންޏެއް ނޫން. އެންމެ ދެތިން ކިލޯފުށާ ތިން ކިލޯ ހަނޑޫ އެސްޓީއޯއިން ގަންނަން ބޭނުންވިޔަސް ގުޅާލަންވީ .އިންތިޒާރުގައި ގިނަ ވަގުތުތަކެއް ހޭދަކުރާކަށް ނުޖެހޭ. ފައިސާވެސް ދޭންޖެހެނީ އައުމަށް ފަހު. އެހެންވީމާ އެސަލާމަތް ކުރެވުނީ ކިހާ ވަގުތެއް. ؟މިކަހަލަ ފަސޭހަ މަގެއް އޮއްވާ ކާކު އޭގެ ބޭނުން ނުކުރާނީ! އެންމެން ވެސް ދާނީ އެދިމާއަށް ދޯ .!” އައިންތު ރަށު ޕިކަޕުގެ ޚިދުމަތަށް ތައުރީފްތައް ބަންޑުން ކޮށްލި ގޮތަކީ މިއީ އެވެ.

ފޮނަދޫގައި ރަށު ޕިކަޕް ދުއްވުމުގައި އެންމެ ބޮޑަށް ހަރަކާތް ތެރިވަމުން އަންނަ  ބަދުރައްދީނު ޒަކަރިޔާ (ބައްޓޭ) އަކީ މިވަގުތު އެކަމުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ފަރާތެވެ.  ބައްޓޭ ބުނީ ދުވާލެއްގެ މައްޗަށް ލިބޭ ދަތުރު ތަކުގެ އަދަދު ގިނަކަމަށާއި އެހެން ނަމަވެސް ވަގުތުގެ ދަތި ކަމުގެ ގޮތުން ގިނަ ދަތުރުތަށް ނުކުރެވިދާކަމަށެވެ. ނަމަވެސް މި ކަމުން ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށްވެސް ބައްޓޭ ބުންޏެވެ.

“ރަނގަޅު އެއްޗެއް ލިބޭ. ދަތުރު ނުލިބިގެން އުޅޭކަށް ނުޖެހޭ. އާމްދަނީ ހޯދަން މިއީ ހަމަ ވަރަށް ރަނގަޅު މަސައްކަތެއް. ” މިއީ ބައްޓޭގެ ގެވާހަކައެވެ.

ބައްޓޭ ބުނީ ދަތުރުގެ ކޯލްތަށް ވަރަށް ގިނައިން ލިބޭ ކަމަށާއި އެގޮތުން ހެދުނުން ފެށިގެން ރޭގަނޑު ދަންއަތަށް އަޅާލަންދެންވެސް ދަތުރު ލިބިލިބި ހުންނަކަމަށެވެ.

ބައްޓޭ ބުނީ “ ކޮންމެ ކަހަލަ އެއްޗެއް އުފުލަން ޖެހުނު ނަމަވެސް އަޅުގަނޑު ބަލަނީ ދަތުރު ދިން މީހާއަށް އިތުރު އުނދަގުލެއް ނުޖައްސާވޭތޯ މިއީ ވެސް ޚިދުމަތެއް ކަމަށާ ވީހާވެސް ރަނގަޅަ އެކަން ކޮށްދެވޭތޯ. ދެވަނަ ފުރުސަތެއްވެސް ލިބޭނީ އޭރުންތާ.” ބައްޓޭ ބުންޏެވެ.

އިތުރަށް ބައްޓޭ ބުނީ ދަތުރު ނިމުނީ ކަމަށް ބަލަނީ އެއެއްޗެއް ގެންގޮސް ވެރިފަރާތުން ބުނި ތަނަކު ބެހެއްޓުމަށް ފަހުގައި ކަމަށެވެ.

މިކަން ޚާއްސަކޮށް އަންހެނުން ޝުކުރުވެރިކަމާއެކު ބަލައިގަނެއެވެ. މިސާލަކަށް ގޭސްފުޅިއެއް ބޭނުން ވެގެން ގުޅައިގެން އެގެއަށް ގެންދާއިރު ގިނަ ފަހަރަށް އެގެއަކު ފިރިހެނެއް ނޫޅޭނެއެވެ. އެހެންވީމާ ގޭސްފުޅި ބަދިގެ އާ ހަމައަށް ގެންދިއުން އޮންްނާނީ ބޮޑު ކަމަކަށް ވެފައެވެ. ރަށުޕިކަޕް ދުއްވާ މީހުން ކަންތައް ކުރާ ގޮތަކީ ގޭސްފުޅި ގެންގޮސް އެބަހައްޓަން ޖެހޭ ތަނަކު ބެހެއްޓުމަށް ފަހު ގުޅައިވެސްދެނީއެވެ.

ބައްޓޭ ބުނާގޮތުން މި ޚިދުމަތަށް ޝުކުރުވެރިވާން ޖެހެނީ މިހެން ވެގެންނެވެ. ރަށު ޕިކަޕްތައް ވައިގާ ހިފުމުގެ އެއްސަބަބަކީވެސް މިއީއެވެ. ޚިދުމަތުގެ ބަރާބަރުކަމާ އެހީތެރިކަމާ އޯގާތެރިކަމާ ހިތް ހެޔޮކަމެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.