އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި އެޗް.ޑީ ވޮއިސްގެ ޚިދުމަތް ފަށައިފި
އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި އެޗް.ޑީ ވޮއިސްގެ ޚިދުމަތް ފަށައިފިއެވެ.
މިއީ ޑިޖިޓަލް ދިވެހިރާއްޖެއަކަށް އެއްބާރުލުންދީ ދިވެހި މުޖުތަމަޢަށް ފައިދާކުރާ އައު އީޖާދުތައް ތަޢާރަފްކުރުމަށް އެކުންފުނިން އަބަދުވެސް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފެށި ޚިދުމަތެކެވެ.
މިއީ ”ވޮއިސް އޮވަރ އެލް.ޓީ.އީ“ ނުވަތަ ”ވީ.އޯ.އެލް.ޓީ.އީ“ގެ ޚިދުމަތް މެދުވެރިކޮށް ފޯރުކޮށްދޭ، ބައިނަލްއަޤްވާމީ މުވާސަލާތީ ދާއިރާގެ ފަހުގެ ކުރިއެރުމެކެވެ.
ކުރީއްސުރެ މުވާސަލާތީ ކުންފުނިތަކުން ބޭނުންކުރަމުންދާ ލެގަސީ ޗެނަލްތަކުގެ ބަދަލުގައި އުރީދޫގެ 4ޖީ+ ވިއުގަ ބޭނުންކޮށްގެން ގުޅާދަލޭ އެޗް.ޑީ ވޮއިސްގެ ޚިދުމަތުގެ ފެންވަރު ރަގަޅުވެ، ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދެއެވެ.
މީގެތެރޭގައި 4ޖީ+ ނެޓްވަރކުގެ އެހީގައި، ކޯލުގެ ފެންވަރާއި ސާފުކަމަށް ފާހަގަކުރަނިވި ބަދަލުތަކެއް އައުމާއި ކޯލު ގުޅާލުމަށް ދާ ވަގުތު ކުޑަވެ، ދެތިން ސިކުންތުކޮޅެއް ތެރޭގައި ކޯލް ކަނެކްޓުވުމާއި ފޯނުކޯލެއްގެ މެދުތެރޭގައިވެސް، 4ޖީ+ ޑޭޓާ ބޭނުން ކުރެވުން ހިމެނެއެވެ. އަދި ވީ.އޯ.އާއި.ޕީ ނުވަތަ ޓްރެޑިޝަނަލް ކޯލުތަކާއި ބަލާއިރު، އެޗް.ޑީ.ވޮއިސް ބޭނުންކުރުމަށް ބޭނުންވާ ޗާޖު މަދުވުމާއެކު، ފޯނުގެ ބެޓަރީ ލައިފް އިތުރުވެގެންދިއުންވެސް ހިމެނެއެވެ.
މި ޚިދުމަތާއިބެހޭގޮތުން އުރީދޫގެ ސީ.އީ.އޯ، ނަޖީބް ޚާން ވިދާޅުވީ ރާއްޖޭގައި އުރީދޫގެ ޚިދުމަތް ފެށުނީއްސުރެ، ދިވެހިންނާއި ހަމައަށް އައު ޚިދުމަތްތަކާއި ޓެކްނޮލޮޖީ ފޯރުކޮށްދީ، ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމަށް އުރީދޫއިން ޚާއްސަ އަހަމިއްޔަތުކަމެއްދީ، މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.
“ މިއަދު ރާއްޖެއަށް މި ތައާރަފްކުރި އެޗް.ޑީ ވޮއިސްގެ ސަބަބުން އުރީދޫ ނެޓްވަރކް މެދުވެރިކޮށް ކުރާ ކޯލުތަކުގެ ފެންވަރު ވަރަށް ފުރިހަމަވެ، ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ރަގަޅުވެގެންދާނެ.“ ނަޖީބު ޚާން ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ އުއްމީދަކީ މި ޚިދުމަތުގެ ސަބަބުން އެކުންފުނީގެ ކަސްޓަމަރުންގެ ޢާންމު ދިރިއުޅުމަށާއި ވޮއިސް ކޯލް މެދުވެރިކޮށް ކުރާ ތަފާތު މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދިއުން ކަމަށެވެ.
އުރީދޫ އިން އެޗް.ޑީ ވޮއިސްގެ ޚިދުމަތަށް އެއްވެސް އިތުރު އަގެއް ނުނަގައެވެ. ހަމައެހެންމެ، މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ އުރީދޫގެ 4ޖީ ނެޓްވަރކް ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށްވެސް، ވީ.އޯ.އެލް.ޓީ.އީގެ ޚިދުމަތް ލިބޭ ސްމާޓް ފޯނުތައް މެދުވެރިކޮށް، އެޗް.ޑީ ވޮއިސް ބޭނުންކުރެވޭނެއެވެ.
މިކަމާއިބެހޭ އިތުރު މަޢުލޫމާތު www.ooredoo.mv އަށް ޒިޔާރަތްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.