ހާފިޒް (ހާއްޕެ)، ރާއްޖޭގެ ފުޓްސަލް ކިންގް ؟

ރާއްޖޭގައި މިވަގުތު ކުޅެމުން އަންނަ އެންމެ މަސްހޫރު ކުޅިވަރަކީ ފުޓްސަލް އެވެ. ރާއްޖޭގެ ރަށްރަށުގައި ބާއްވަމުން އައި ބޮޑެތި ފުޓްބޯޅަ މުބާރާތްތަކުގެ ބަދަލުގައި މިހާރަކަށް އައިސް ގިނައިން ބާއްވަމުން އަންނަނީ ފުޓްސަލް މުބާރާތްތަކެވެ. އެއާއެކު މުޅި ރާއްޖޭގައި ފުޓްސަލްގެ ފޯރި ގަދަވެ. ފުޓްސަލް މޮޅަށް ކުޅޭ ކުޅުންތެރިންނަށް އޮތް ޑިމާންޑް އިންތިހާއަށް ބޮޑުވެއްޖެއެވެ. އެފަދަ ކުޅުންތެރިންނަށް ލިބޭ އާމްދަނީ އިތުރުވެއްޖެއެވެ. މަސްހޫރު ވެއްޖެއެވެ. އެފަދަ ދެވަނައެއް ނުވާ އެއް ކުޅުންތެރިޔަކީ ރ. އިނގުރައިދޫއަށް އުފަން އުރުން 21 އަހަރުގެ އަލީ ހާފިޒް (ހާއްޕެ) އެވެ.

53008424 820266774986524 3044068688199155712 o

އިޝްތިހާރު Heyobas Ruqya Course Ad square

ޒުވާން ހުނަރުވެރި ހާއްޕެ އަކީ ފުޓްސަލްގައި މިހާރު އެންމެ މަޝްހޫރު ކުޅުންތެރިޔާއެވެ. އެގޮތުން ފުޓްސަލް މުބާރާތެއްގައި ވާދަކުރުމަށް ހާއްޕެ ޒިޔާރަތް ނުކުރާ ރަށެއް ރާއްޖޭގައި  މަދުވާނެއެވެ. ބޮޑު ތިލަދުންމަތިން ފެށިގެންގޮސް އައްޑޫއާ ހަމަޔަށް އެކި ރަށްރަށުގައި ބާއްވާ ފުޓްސަލް މުބާރާތްތަކުގައި ކުޅެން ހާއްޕެއަށް ފުރުސަތު ލިބެއެވެ. އަދި އެމުބާރާތްތަކުގައި އޭނާ ކުޅޭ ޓީމުތަކަށް ހޯދައިދޭ ކާމިޔާބީގެ ސަބަބުން ހާއްޕެ ހިމެނިފައިވަނީ ފުޓްސަލްގައި ގިނަ ބަޔެއްގެ ހިއް އަތުލާގެންފައިވާ އެންމެ އިތުބާރު ކުޅުންތެރިޔާއަށެވެ.

އެންމެ ކުޑައިރުއްސުރެ ފެށިގެން ފުޓްބޯޅައަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަމުން އަންނަ ހާއްޕެ ސްކޫލް ދައުރު ނިންމުމަށްފަހު ފެނުނީ މިހާރު ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކްލަބް ކަމަށްވާ ޓީސީ އާއި ގުޅުނު ތަނެވެ. 2015 ވަނަ އަހަރު ޓީސީއާއެކު ފެށި ދަތުރުގައި ފުރަތަމަ ޖާގަ ލިބުނީ ބެންޗުންނެވެ. ފުރަތަމަ އަހަރު ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ ޓީސީ އަށް ގިނަ މެޗްތަކެއް ކުޅުނެވެ. އަދި ޖެހިގެން އައި އަހަރު ޓީސީގެ ފުރަތަމަ އެގާރައިގައި ހިމެނި ގިނަ މެޗްތަކެއް އެ ކްލަބަށް ކުޅެދީފައިވެއެވެ. ފުޓްބޯޅައިގައި ހާއްޕެއަށް ލިބެމުންއައި ކުރިއެރުމާއެކުވެސް އޭނާގެ ހިތް އެނބުރުނީ މުޅިން އެހެން ދިމާލަކަށެވެ. އެއާއެކު ފުޓްބޯޅަ ދޫކޮށް ފުޓްސަލް އަށް އޭނާ މުޅިން ހުސްވިއެވެ.

ފުޓްސަލްގެ ބޮޑު މުބާރާތެއްގައި ހާއްޕެގެ ހުނަރު ފުރަތަމަ ފަހަރަށް ފެނުނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ގޯލްޑެން ފުޓްސެލް މުބާރާތުގައި ރަށުޓީމުންނެވެ. 2014 ވަނަ އަހަރުގެ މުބާރާތުގައި ރަށު ޓީމަށް ހާއްޕެ ކުޅުނު އިރު އޭނާގެ އުމުރަކީ އެންމެ 17 އަހަރެވެ. އޭގެ ފަހުން އެމްޕީއެލްގައި ވަޒީފާ އަދާކުރި ދުވަސްވަރު އެ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ މެދުގައި ބޭއްވި ފުޓްސަލް މުބާރާތެއްގައި ހާއްޕެ ކުޅުނެވެ. މީހުންގެ ލޮލުގައި ހާއްޕެ އަޅައިގަތީ އެހިސާބުން ކަމުގައި ބުނެވިދާނެއެވެ. އެހިސާބުން ފެށިގެން ހާއްޕެއަށް ގިނަ ހުށަހެޅުންތަކެއް އެކި ދިމަދިމާލުން ލިބެންފެށިއެވެ. އެއާއެކު ކޮންމެ ފުރުސަތަކަށް އާއެކޭ ބުނުންވެސް ވީ ހާއްޕެއަށް އުނދަގޫކަމަކަށެވެ.

52450128 820265378319997 4491157046984441856 o

މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޓްސަލްގެ ޖާދޫ ހާއްޕެ ދައްކާފައިވާއިރު ރާއްޖެއިން ބޭރުގައިވެސް ބައެއް މުބާރާތްތަކުގައި ހާއްޕެ ވަނީ ކުޅެފައެވެ. އެގޮތުން މެލޭޝިޔާގައި އުޅޭ ދިވެހިން އިންތިޒާމްކުރި ފުޓްސަލް މުބާރާތެއްގައިވެސް ހާއްޕެ ވަނީ ވާދަކޮށްފައެވެ. ފުޓްސަލްގައި ހާއްޕެއަކީ ބިޒީ މީހެކެވެ. މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޓްސަލްގެ މަދުވެގެން ދިހަވަރަކަށް މުބާރާތުގައި ހާއްޕެ ވާދަނުކުރާ އަހަރެއް މިހާރަކު ނުދެއެވެ.

ފުޓްސަލްގައި ހާއްޕެގެ ކާމިޔާބީތައް އެހާވެސް ގިނައެވެ. ހާއްސަކޮށް އަތޮޅު ތެރޭގައި ބާއްވާ މުބާރާތްތަކުން އޭނާ ހޯދައިފައިވާ ކާމިޔާބީތައް ގިނައެވެ. އެގޮތުން އައްޑޫގައި ބޭއްވުނު “ވަގުތު” ފުޓްސަލް މުބާރާތް  “ބޭރުމަތި” އިން ހޯދި އިރު އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއަކީ ހާއްޕެއެވެ. ހާއްޕެވަނީ އެމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. މީގެއިތުރުން މިދިޔަ ރޯދަމަހުގެ ތެރޭގައި ކުރިއަށްގެންދިޔަ “ގޯދިޔާ ކަޕް” ހަމަ އެޓީމަށް ހޯދައިދީފައެވެ. އެއީ ހާއްޕެގެ ފުޓްސެލް ހަޔާތުގައި ލިބުނު ވަރަށް ބޮޑު އުފަލެއްކަމުގައި ހާއްޕެ ދެކެއެވެ. ހާއްޕެ ވަނީ މިއަހަރު ބޭއްވި ކްލަބް މޯލްޑިވްސް ކަޕްގައި މެމްކޯގެ ޓީމަށް ކުޅެ މުބާރާތުގެ ގަދަ ސޯޅައަށް އެޓީމް ގެންގޮސްދިނުމަށް އެހީތެރިވެދީފައެވެ.

52571315 820266634986538 3153681167035662336 o

ދިހަ ބެއިން ހިމެނޭ ބޮޑު ޢާއިލާއަކަށް ނިސްބަތްވާ ހާއްޕެގެ މިހާރުގެ އަމާޒަކީ ފުޓްސަލްގެ އެންމެ ބޮޑު އެއްމުބާރާތްކަމަށްވާ ކްލަބު މޯލްޑިވްސްކަޕް ހާސިލްކުރުމެވެ. އެކަމަށް ފިސާރި ވަރުގަދައަށް ކަމަރު ބަދެގެން ހުރި މިޒުވާނާ ބުނާގޮތުގައި ރަނގަޅު އާމްދަނީއެއް ހޯދުމަށްޓަކައި ފުޓްސަލްއަކީ އޭނާއަށް ރަނެވެ. ފުޓްސަލްގައި މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކަހަލަ ގޮތަކަށް އުމުރުން 21 އަހަރުވީއިރު ހަރަކާތްތެރިވެފައިވާ މިޒުވާނާގެ ކެރިއަރ އަދި އޮތީ ކުރިއަށެވެ. އަހަރުމެންގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ރާއްޖެއިން ބޭރުގައި ރާއްޖޭ ތަމްސީލުކުރާ ކުޅުންތެރިއެއްގެ ގޮތުގައި ހާއްޕެ ފެނުމެވެ. އަދި ފުޓްސަލްއިން ރާއްޖެއަށް ރީތި ނަމެއް ހޯދައިދޭތަން ފެނުމެވެ.

 

މަސްދަރު: ހާއްޕެއާއި ބެހޭ މި މައުލޫމާތް ކޮޅު ނަގާފައިވަނީ  ފަހުމިނެޓް ވެބްސައިޓުން

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.