![56157823 2326816364242696 4811559592926380032 n](/wp-content/uploads/2019/04/56157823_2326816364242696_4811559592926380032_n.jpg)
ލ.ފޮނަދޫގައި ހުންނަ އެމްޑީޕީ ”ޖަޒީރާ ޖަގަހަ“ ގައި އަލިފާން ރޯކޮށްލައިފި
ލ.ފޮނަދޫގައި ހުންނަ އެމްޑީޕީގެ ކެމްޕޭން ޖަގަހައެއްގައި ރޭ ބަޔަކު އަލިފާން ރޯކޮށްލައިފި އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.
ފޮނަދޫ ކުރިގަމު އަވަށުގައި ހުންނަ “ ޖަޒީރާ ޖަގަހަ“ ގައި އަލިފާން ރޯކޮށްލާފައިވަނީ ރޭ ދަންވަރު 12:30 ކަންހާއިރު ކަމަށް މައުލޫމާތް ލިބެއެވެ. އެހެން ނަމަވެސް ޖަގަހައަށް މާބޮޑު ގެއްލުންތަކެއް ނުވެއެވެ.
ރޭ ދަންވަރު “ ޖަޒީރާ ޖަގަހަ“ ގައި ބަޔަކު ރޯކޮށްލާފައި ވާއިރު، އެމަންޒަރު ފެނިފައި ވަނީ ޖަގަހަ ހުންނަމަގުން ސައިލެއްގައި ދުއްވާފައި ދިޔަ ދެ ޒުވާނަކަށެވެ. އެ ދެ ޒުވާނުން އެޓޯލް ނިއުސްއަށް މައުލޫމް ދިން ގޮތުގައި އެދެ ޒުވާނުންނަށް އަލިފާން ރޯވެފައި ހުއްޓާ ފެނިފއިވަނީ ޖަގަހަ ހުރި މަގުން ސައިކަލުގައި ދިޔަ މަގުމަތީގައެވެ.
އަދި އަލީފާން ރޯވެ އަނދަމުން ދިޔަ މަންޒަރު ފެނިގެން ސައިކަލުން ފައިބައިގެން ގޮސް އަވަސްއަވަހާ ދެ މީޙުންވެގެން އަލިފާން ގަނޑު ނިންވާލީކަމުގައި އެ ދެ ޒުވާނުން ބުންޏެވެ. އެޓޯލް ނިއުސްއަށް މައުލޫމާތު ދެމުން އެމީހުން ބުނީ އަލިފާން ރޯވެވެފައި ހުރީ ޖަގަހައަށް ވަންނަ ދޮރުކައިރީ ދަމާފައި ހުރި ފަންގަނޑުގައި ކަމަށާއި، މުޅި ޖަގަހައަށް އަލިފާން ގަނޑު ނުފެތުރެނީސް ރޯވެފައިވާ އަލިފާންގަނޑު ނިވާލީކަމަށެވެ.
“ ކައިރީގައި ހުރި ހޮޓަލަކުން ރިލޯޑެއް ކޮށްގެން އަރެމެން ދެމީހުން ދިޔައީ އަވަހަށް ގެއަށްދާންވެގެން، އެދިޔަ މަގުމަތީ އަލިފާން ރޯވެ އަނދަމުން ދާތަން ފެނުނީ. ދެން ދެމީހުންވެސް ވަރަށް އަވަސް ކޮށް ސައިކަލުން ފައިބައިގެން ދުވެފައި ގޮސް ރޯވެފައިހުރި ހުޅުގަނޑު ނިންވާލީ.“ އެ ދެ ޒުވާނުން ކިޔައިދިނެވެ.
”ޖަޒީރާ ޖަގަހަ“ އަކީ އެމްޑީޕީ ކެނޑިޑޭޓް މުސާ ސިރާޖްގެ ކެމްޕެއިންގެ ހަރަކާތްތަށް ހިންގަމުންގެންދާ ޖަހަގަހައެވެ. މި ހާދިސާއާ ގުޅޭގޮތުން މައުލޫމާތް ސާފުކޮށްލުމަށް އެޓޯލް ނިއުސްގެ ފަރާތުން ގުޅާލުމުން މައުލޫމާތް ދެމުން މޫސާ ސިރާޖް ވިދާޅުވީ މި ހާދިސާގެ ޚަބަރު ލިބުނީ ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފް ރިސީވް ކުރަން އެއަރޕޯޓަށް ގޮސްހުއްޓާކަމަށެވެ. އަދި އެ ޚަބަރު ލިބިގެން ޖަގަހައަށް އައިއިރު، އަލިފާން ގަނޑު ނިވާލާފގައިވާ ކަމަށާއި، މި ހާދިސާގެ ސަބަބުން ޖަގަހައަށް މާ ބޮޑު ގެއްލުމެއް ލިިބިފައި ނުވާކަމަށެވެ. އަދި މި އަމަލު ހިންގި ބައެއް ނޭންގޭ ކަމަށްވެސް ސިރާޖް ވިދާޅުވިއެވެ.
ސިރާޖް ވިދާޅުވީ މި އަމަލު ހިންގާފައިވަނީ ރޭ ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފް ރިސީވްކުރަން އެއަރޕޯޓަށް އެންމެން ދިޔަ ދަނޑިވަޅު ބަލާފައިކަމަށާއި، ކޮންމެ ބަޔަކު ކުރިކަމެއްނަމަވެސް މިއީ ވަރަށް ފިނޑި އަމަލެއްކަމަށެވެ. އަދި މި އަމަލު ކުއްވެރި ކުރާކަމަށްވެސް ސިރާޖް ވިދާޅުވިއެވެ.
“ މިއީ ވަރަށް ދެރަ މައްސަލައެއް، ސިޔާސީ ގޮތުން ފިކުރު ތަފާތު ވިނަމަވެސް މިފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގައިގެން ވާނެކަމަކަށް ނުދެކެން. މި ކަން ކުރިބަޔަކު ކަން ކޮށްފަ ވަނީ އަޅުގަނޑުމެން ޖަގަހައިގައި ތިބި އެންމެން ޔޫތް މިނިސްޓަރ ރިސީވްކުރަން އެއަރޕޯޓަށް ދިޔަ ގަޑި ބަލާފަ. މިއީ ފިނޑި އަމަލެއް. މި އަމަލު ކުއްވެރި ކުރަން.“ އެމްޑީޕީ ކެނޑިޑޭޓް މޫސާ ސިރާޖް ވިދާޅުވިއެެވެ.
ސިރާޖް އިތުރަށް ވިދާޅުވީ ޖަގަހައިގައި ވަރަށް އަގު ބޮޑެތި ސާމާނު ހުންނާނެ ކަމަށާއި، އޭގެ ތެރޭގައި ކެމްޕެއިންގައި ބޭނުންކުރާ ސައުންޑް ސިސްޓަމާއި އެހެނިހެން ސާމާނު ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް ނަސީބުގައި ކަން ދިމާކުރި ގޮތުން ޖަގަހައިގައި ހުރި މި ބާވަތުގެ އެއްވެސް އެއްޗަކަށް ގެއްލުމެއް ނުލިބެއެވެ. ގެއްލުމެއް ނުލިބުނީ އަލިފާންގަނޑު މާ ބޮޑުވަރު ނުވަނީސް ނިވާލީމަކަމަށްވެސް ސިރާޖް ވިދާޅުވިއެވެ.
ސިރާޖް ވިދާޅުވީ ޖަގަހައިގައި އަލިފާން ރޯކޮށްލުމުގެ އިތުރުން، އޭނާ ދިރިއުޅުއްވާ ގޭގެ ދޮރުމަށްޗަށް ކަޅުތެޔޮވެސް ޖަހާފައިވާކަމަށެވެ. އަދި އެ ގެއާ އިންވެގެން ހުރި އެހެން ގެއެއްގެ ދޮރުމައްޗަށްވެސް ކަޅުތެޔޮ ޖަހާފައިވާކަމަށް ސިރާޖް ވިދާޅުވިއެވެ.
“ އަލިފާން ރޯކޮށްލާފަ އެވަރުން ނިންމާލީކީނޫން، އަޅުގަނޑު ދިރި އުޅުއްވާގެއާއި، އަދި ގޭ ކައިރީ އިންވެގެން ހުރި ގޭގެ ދޮރުމައްޗަށް ވެސް ކަޅުތެޔޮ އަޅާފަހުރީ.“ ސިރާޖު ވިދާޅުވިއެވެ.
ސިރާޖް އިތުރަށް ވިދާޅުވީ، މި ހާދިސާގެ ހުރިހާ ކަމެއްވެސް މިހާރު ޕޮލިހުންނާއި ހިއްސާކޮށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ރިޕޯޓް ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޕޮލިހުން އެ ހާދިސާތަށް ހިނގާފައިވާ ސީން އަށް އައިސް ބަލާ ޗެކްކޮށް ރިޕޯޓް ނަގާފައިވާކަމަށްވެސް ސިރާޖް ވިދާޅުވިއެވެ.
މި ހާދިސާ ހިނގާދިޔަގޮތް، ޕޮލިހުން ދަނީ ތަހްޤީޤު ކުރަމުންނެވެ. އަދި މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަން އެނގިފައެއް ނުވެއެވެ.