މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ހިނގާލުމެއް ބާއްވައިފި
ބައިނަލްއަޤްވާމީގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ހިނގާލުމެއް މިއަދު ބާއްވައިފިއެވެ.
ޓުއަރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަނާއި މަސައްކަތްތެރިންގެ ޖަމިއްޔާތައް ގުޅިގެން ބޭއްވި މި ހިނގާލުން ފަށާފައިވަނީ ރަސްފަންނުންނެވެ. އަދި ނިންމާލީ ކާނިވާ ސަރަހައްދަށެވެ.
މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ގޮވާލާ ބޭއްވި މިހިނގާލުމުގައި ހިނގާލުމުގެ ބައިވެރިން ވަނީ އެކި ޝުއޫރުތައް ލިޔެފައި ހުރި ޕޯސްޓަރުތަކާއި ބެނާތައް ހިފައިގެން މަސައްކަތްތެރިންގެ ޙައްޤުތައް ހޯދައިދިނުމަށް ގޮވާލާ އަޑު އުފުލާފައެވެ.
އެގޮތުން މަސައްކަތެރިންނަ ޙައްޤުވާ އުޖޫރަ ދިނުމަށާއި އެންމެ ކުޑަ އުޖޫރަ ދިނުން އަވަސް ކުރުމަށް ވަނީ އަޑު އުފުލާފައެވެ.
ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ އެއްވަނަ ދުވަހެވެ.