ތަރާވީޙް ނަމާދަކީ ކޮބައި ؟

ރޭގަނޑު ޢިޝާނަމާދު ފަހުން އަދި ފަތިސް ނަމާދު ކުރިން ކުރާ ނަމާދުތަކަށް ”ތަހައްޖުދު” އަދި ”ޤިޔާމުއްލައިލި” އޭ ކިޔެއެވެ. ޤިޔާމުއްލައިލި” ގެ މާނައަކީ ރޭގަނޑު ނަމާދު ކުރުމެވެ. ތަހައްޖުދުގެ މާނައަކީ ނިދުމަށްފަހު ތެދުވުމެވެ. އެހެންވެ މި ގޮތުން ތެދުވުމަށްފަހު ކުރާ ނަމާދަށް ތަހައްޖުދު ނަމާދޭ ކިޔެއެވެ. ގިނަ ޢިލްމުވެރިން މި ދެނަމުގެ ވަކިތަފާތެއް އޮންނަކަމަކަށް ދެކިނުލައްވައެވެ.

ނަމަވެސް ބައެއް ޢިލްމުވެރިން ވިދާޅުވަނީ ނިދުމުގެ ކުރިން ކުރާ ނަމާދަކީ އެއީ ޤިޔާމުއްލައިލި ކަމަށެވެ. ނިދުމަށްފަހު ތެދުވެ ނަމާދު ކުރަންޏާ އެއީ ތަހައްޖުދު ކަމަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ޤިޔާމުއްލައިލި އަކީ އަހަރުގެ ހުރިހާ ރެޔަކުވެސް ކުރުން ސުންނަތް ކަމެކެވެ. ނުހަނު ފައިދާހުރި ﷲގެ ދަރުމަ ލިބޭ ހެޔޮ ޢަމަލެކެވެ. ނަމަވެސް އެހެން މަސްތަކަށްވުރެ ރަމަޟާން މަހުގެ މާތްކަން އިތުރުވުމާއެކު އެމަހުގައި ޤިޔާމުއްލައިލި ވެސް މާތްކަން ބޮޑުވެއެވެ. އަދި ލައިލަތުލްޤަދުރި ވިލޭރޭ ވަކިން ހެޔޮަކަން އިތުރުވުން ވަންހަނާއެއް ނޫނެވެ.

ތަރާވީޙަކީ ވެސް، ޤިޔާމުއްލައިލި ގެ ނަމުގެ ތެރޭގައި ހިމެނޭ އަޅުކަމެކެވެ.

މިހާރު ޢާއްމުކޮށް ބޭނުންކުރެވޭ، އަދި ޢިލްމުވެރިން ވާހަކަދައްކަވާއިރު، ތަރާވީޙް މި ބަސް ބޭނުން ކުރަނީ ހަމައެކަނި ރޯދަމަހު ކުރާ ނަމާދަކަށެވެ. އެ ނުން މަސްތަކުގެ ޤިޔާމުއްލައިލި އަށް ތަރާވީޙް އެކޭ ނުކިޔައެވެ. ރަމަޟާން މަހު ތަރާވީޙް ނަމާދު ކުރުން ސުންނަތްކަން ބޮޑީ ޖަމާޢަތުގައި، މިސްކިތުގައެވެ.

ރަމަޟާން މަހު ނޫން މަސްމަހު ޤިޔާމުއްލައިލް (ރޭގަނޑު ކުރެވޭ ނަމާދު) ކުރުން ސުންނަތްކަން ބޮޑީ ގޭގައެވެ. ޖުމްލަކޮށް ހުރިހާ ސުންނަތް ނަމާދެއް ވެސް (ފަރުޟު ނަމާދެއް ނޫން) މޮޅު އިތުރު ތަނަކީ ގެއެވެ. އެއީ ގެއަކީ އަޅުކަމެއް ނުކުރެވޭ ”ފަޅު” ތަނަކަށް ނުހެދުމަށާއި، ފަސޭހަ ކުރުމުގެ ގޮތުންނެވެ. މިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ: ”ކަލޭމެންގެ ގެޔަކީ ޤަބުރު ތަކެއްކަމުގައި” ނުހަދާށެވެ.

* ތަރާވީސް ދިވެހިބަހުން ކިޔާފައިވަނީ ޢަރަބި ބަހުން ކިޔާ ”އައްތަރާވީޙް” އަށެވެ.

* ތަރާވީޙް މި ބަސް ނެގިފައިވަނީ ”ތަރްވީޙް” މި ބަހުންނެވެ. އޭގެ މާނައަކީ އަރާމުކޮށްލުމެވެ. މި ނަން ކިއުނު ގޮތަކީ، ޞަޙާބީންގެ ދުވަސްވަރު ނަމާދު ކުރާއިރު (ޤިޔާމު ރަމަޟާން) ގިނަ އިރު ޤުރުއާން ކިޔަވަން ތިބުމުގެ ސަބަބުން ލިބޭ ވަރުބަލިކަން ފިލުވުމަށް، ކޮންމެ ހަތަރު ރަކްޢަތް ދެމެދު، ކުޑަ ވަގުތުކޮޅަކު އަރާމުކޮށްލަން ނުވަތަ ވަރުބަލިކަން ފިލުވުމަށް މަޑުކޮށްލާތީއެވެ.

ކުރާ ގޮތް:

* ތަރާވީޙް ނަމާދު ކުރަން އެންމެ ރަނގަޅު ގޮތަކީ ދެ ރަކުޢަތުން ދެރަކުޢަތުން ކޮށްފައި ބޭނުންވާ ޢަދަދެއް ވިތުރިން ނިންމާލުމެވެ.‏ ‏صَلَاةُ اللَّيْلِ وَالنَّهَارِ مَثْنَى مَثْنَى

މާނައަކީ: ”ރޭގަނޑާއި ދުވާލުގެވެސް ނަމާދު (ސުންނަތް) ކުރާނީ ދެ ރަކުޢަތުން ދެ ރަކުޢަތުންނެވެ.”

أَنَّ رَجُلًا سَأَلَ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏عَنْ صَلَاةِ اللَّيْلِ فَقَالَ رَسُولُ اللَّهِ ‏ ‏عَلَيْهِ السَّلَام ‏ ‏صَلَاةُ اللَّيْلِ مَثْنَى مَثْنَى فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى

މާނައަކީ: ”ދަމުނަމާދާއި ބެހޭގޮތުން މީހަކު ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހު ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ: ”ދަމު ނަމާދު ކުރާނީ ދެރަކުޢަތުން ދެރަކުޢަތުންނެވެ. އަދި ފަތިސްނަމާދު ފާއިތުވެދާނެ ކަމަށް ހީވާނަމަށް ވިތުރު ގެ ގޮތުގައި ރަކްޢަތެއް ކުރާށެވެ.”

* ރާޖިޙް ރައުޔަށް ބަލާއިރު އެއް ރަކުޢަތް، ތިން ރަކުޢަތް ފަސް ރަކުޢަތް، ހަތް ރަކުޢަތް، ނުވަ ރަކުޢަތް އަދި އެގާރަ ރަކުޢަތް ވެސް ވިތުރި ކުރެވިދާނެއެވެ. ނަމަވެސް ބައެއް ޢިލްމުވެރިން ވިދާޅުވަނީ ވިތުރި ކުރެވޭނީ އެންމެ މަދުވެގެން ތިން ރަކުޢަތުން ކަމަށެވެ.

ދެން ތިން ރަކުޢަތުން ވިތުރި ކުރާއިރު ހަނދާން ބަހައްޓަން ޖެހޭ ކަމަކީ، މަޣްރިބު ނަމާދު ކުރާ ގޮތާއި އެއް ގޮތަށް ނުކުރުމެވެ. އެހެނީ މަޣްރިބާއި އެއްގޮތަށް ތިން ރަކުޢަތުން ވިތުރި ކުރުން ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ނަހީ ކުރައްވާފައިވެއެވެ. ވީމާ މީގައި ދެ ހައްލެއް އެބަ އޮތެވެ. އެއީ ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރައްވާފައިވާ ދެގޮތެކެވެ.

ފުރަތަމަ ގޮތް: ދެ ރަކުޢަތް ކޮށްފައި ސަލާމް ދިނުމަށްފަހު، ވިތުރި އެއް ރަކުޢަތް ކުރުން.

ދެވަނަ ގޮތް: ތިން ރަކްޢަތްވެސް އެއް ތަޝައްހުދަކުން (އައްތަހިއްޔާތަކުން) ނިންމާލުން، މާނައަކީ ޝަފްޢާ ވިތުރިއާ ދެމެދު ނު އިށީނުން.

ތަރާވީޙް ނަމާދުގެ މޮޅު އިތުރުކަން:

 ‏مَنْ قَامَ رَمَضَانَ إِيمَانًا ‏ ‏وَاحْتِسَابًا ‏ ‏غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

މާނައަކީ: ”ރަމަޟާން މަހުގެ ރޭގަނޑު، ތެދުވެރި އީމާންތެރިކަމަކާއެކު ﷲގެ ދަރުމައަށް އެދި ނަމާދުކޮށްފި މީހާގެ، ވޭތުވެދިޔަހާ ފާފައެއް ފުއްސެވިއްޖެއެވެ.”

* ތަރާވީޙް ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. އަދި ތަރާވީޙް ނަމާދުގެ މޮޅު އިތުރު ގޮތަކީ ޖަމާޢަތުގައި ކުރުމެވެ. ނަމަވެސް ޖަމާޢަތުގައި ނުކުރެވޭ މީހަކު ގޭގައި ކުރުމުންވެސް އެކަމުގެ ޘަވާބު ލިބޭނެއެވެ.

* ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންވެސް ޖަމާޢަތުގައި މި ނަމާދު ކުރުމަކީ ސުންނަތެކެވެ.

ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަޔާތްޕުޅުގައި ޖަމާޢަތުގައި ތަރާވީޙް ނަމާދު ކުރެއްވީ 3 ރޭގައި ކަމަށް، ޞަޙީޙް ބުޚާރީގެ ތަރާވީޙް ނަމާދު ބާބުގައި އޮތް ޙަދީޘާއި އަދި އެނުންވެސް ކިތަންމެ ޙަދީޘަކުން އެގެން އެބަ އޮތެވެ.

އެ ޙަދީޘްގައި ވާގޮތުން، ފުރަތަ ރޭ ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޖަމާޢަތުގައި ނަމާދު ކުރެއްވުމުން މީހުންތައް ޖަމާޢަތުގައި ނަމާދު ކުރުމަށްފަހު، ހެނދުނު އެ ވާހަކަ ދެއްކުމުން ދެވަނަ ރޭ ކުރީ ރެޔަށް ވުރެ ގިނަ މީހުން އައެވެ. ތިންވަނަ ރޭ އެއަށްވުރެ ގިނަވިއެވެ. ހަތަރުވަނަ ރޭ، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޖަމާޢަތުގައި ތަރާވީޙް ނުކުރައްވައި، ފަތިސްނަމާދަށްފަހު ޙަދީޘްކުރެއްވީ، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަން ދޫކޮށްލެއްވީ، އެއީ މުސްލިމުންނަށް ފަރުޟެއް ކަމަށް ވެދާނެ ކަމުގެ ބިރުފުޅަށްޓަކައި ކަމަށެވެ.

މި ގޮތަށް މިކަންތަށް އޮއްވާ، ޢުމަރު ބިން ޚައްޠާބް ޚަލީފާއަކަށް ހުންނެވި ދުވަސްވަރު، މީހުން މިސްކިތުގެ އެކިތަންތާގައި ވަކިވަކިން ތިބެ ތަރާވީޙް ނަމާދު ކުރާތަން ފެނިވަޑައިގަތުމުން، މުސްލިމުންގެ އެއްބައިވަންތަ ކަމާއި އެކުވެރިކަން އާލާ ކުރުމުގެ ގޮތުން، ތަރާވީޙް ނަމާދު ޖަމާޢަތުގައި ކުރުމަށް އަމުރު ކުރައްވާ އުބައްޔު ބިން ކަޢްބު އިމާމުކުރެއްވިއެވެ.

ޢުމަރުގެފާނު މިހެން ހެއްދެވީ، ޖަމާޢަތުގައި މި ނަމާދު ކުރެއްވުން ރަސޫލާ ހުއްޓަވާލެއްވި ސަބަބު ކަމުގައިވާ(ވާޖިބުކަމެއްކަމަށް މީހުންނަށް ހީވުން) ނެތުމުންނެވެ. އެހެނީ ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހު ކަމަކީ ވާޖިބު ކަމެކޭ މީހުންގެ ހިތަށް ވަހުމް ވުމުގެ ފުރުސަތެއް ނެތެވެ. ކަމުގެ ޙަޤީޤަތް ނޭނގޭ ބައެއް މީހުން ބުނާ ފަދައިން، ތަރާވީޙް ޖަމާޢަތުގައި ކުރުން އެއީ ޢުމަރުގެފާނު އަމިއްލަފުޅަށް އުފެއްދެވި ކަމެއް ނޫނެވެ. ކިއެއްތަ އެއީ ރަސޫލާގެ ސުންނަތެއް، ވަކި ސަބަބަކަށްޓަކައި ވަގުތީ ގޮތުން ހުއްޓަވާލައްވާފައި އޮތުމަށްފަހު އެ ސަބަބު ނެތުމުން އަލުން ސުންނަތް ފެއްޓެވީއެވެ. ވީމާ މުސްލިމުންގެ އިޖުމާޢުން، ތަރާވީޙަކީ ޖަމާޢަތުގައި ކުރުން ސުންނަތްވެގެންވާ ކަމެކެވެ.

ތަރާވީޙް ނަމާދުގެ ރަކުޢަތުގެ ޢަދަދު :

ތަރާވީޙް ނަމާދުގެ ޢަދަދަކީ ޢިލްމުވެރިން އިޚްތިލާފުވެފައި އޮންނަ ކަމެކެވެ. އަދި ކުރީގެ ޢިލްމުވެރިން މި އިޚްތިލާފަކީ މާކަ ބޮޑު މައްސަލައެއްގެ ގޮތުގައި ބައްލަވާފައި ނެތެވެ. އެ ބޭފުޅުން އިސްކަން ދެއްވީ ، ދީނުގެ މިކަހަލަ އިޖްތިހާދީ މައްސަލަތަކުގައި ހިފާ ދަމާ ، އެއްބަޔަކު އަނެއް ބަޔަކު ” ނުބައި ” ކޮށް އެއްބަޔަކު ނަމާދު ކުރާ މިސްކިތަށް ނުގޮސް މުސްލިމުންގެ މެދުގައި ބައިބައިވުން އުފެއްދުމުގެ ބަދަލުގައި ، އެއްބައިވަންތަކަން ޤާއިމު ކުރުމަށެވެ. އޭގެ މިސާލެއް ބުނެލާނަމެވެ. ތަރާވީޙް ނަމާދާއި ބެހޭ ގޮތުން އިމާމް ޝާފިޢީ ވިދާޅުވެފައިވަނީ ” މަދީނާގައި ތަރާވީޙް ނަމާދު 39 ރަކްޢަތް ، އަދި މައްކާގައި 23 ރަކްޢަތް ކުރިތަން އަހަރެން ދެކުނީމެވެ. އެދެގޮތުން ކުރެ ގޮތަކީ އެއީ މައްސަލައެއް އޮތް ކަމެއް ނޫނެވެ.”

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވެސް ފަތުވަ ދެއްވާފައި އޮންނަނީ، އިޖްތިހާދީ ކަންކަމުގައި އިމާމާއި މައުމޫމް ތަފާތުވިޔަސް އެއީ މައްސަލައެއްކަމަށް ނުބަލައި ޖަމާޢަތުގައި ނަމާދު ކުރުމަށެވެ. މިސާލަކަށް މީހަކު ނަމާދު ކުރާއިރު ބިސްމި ކިއުމުން، މައުމޫމް މީހާ އެ ކިޔަން ނުޖެހޭނެއޭ ބުނެ ނަމާދު ނުކުރުން އެއީ ރަނގަޅު ގޮތެއް ނޫނެވެ. އެހެންވެ ތަރާވީޙް ނަމާދަށް ހުރެފައި އިމާމު ނިމުމުގެ ކުރިން ސަފުން ވަކިވެގެން ފައިބައިފިނަމަ، އޭނާގެ ޤިޔާމުއްލައިލުން ލިބޭ އަޖުރު ގެއްލުނީކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.

އިސްލާމް ދީނުގައި ޖަމާޢަތުގައި ކުރާ ނަމާދުގެ މަޤްޞަދަކީ އެއްބައި ކުރުމެވެ. ބައިބައި ކުރުމެއް ނޫނެވެ. ޞަޙާބީންގެ ދުވަސްވަރު މިފަދަ މައްސަލަތަކުގައި ބެއްލެވީ ޖަމާޢަތުގެ އެއްބައިވަންތަ ކަމަށެވެ. އިމާމަށް ތަބާވުމަށެވެ. ވީމާ ފޮތަކުން، ނުވަތަ ދެވުނު ޤައުމެއްގައި ތަރާވީޙް ނަމާދުގެ ރަކްޢަތުގެ ޢަދަދު ތަފާތުވުމުން ، މުޖްތަމަޢުގައި އޮތީ ” ނުބައި ” ކޮށް ކަމަށް ބުނެ، މިސްކިތުން ފައިބައި ހެދުން އެއީ ދީނުގެ ރޫޙާއި ޚިލާފު ކަމެކެވެ.

މިފަދަ އިޖްތިހާދީ މައްސަލަތަކުގައި ނުހިފުމަށް، އިސްލާމީ ބޮޑެތި ޢިލްމުވެރިން އެދިލައްވައެވެ. އެގޮތުން މަސްޖިދުލް ޙަރާމްގައިވެސް މިފަދަ ޢަމަލުތައް ހިނގާތީ އެކަން ނުކުރުމަށް، ޝައިޚް މުޙައްމަދު ބިން ޞާލިޙް ބިން އަލްޢުޘައިމީން، ގޮވާލައްވާފައިވެއެވެ. އަދި ބިން ބާޒްވެސް ވިދާޅުވެފައި އޮންނަނީ ދީނުގައި މިހާ ތަނަވަސްކޮށް، އެކި މިންވަރަށް ރަކްޢަތް ކުރުމުގެ ފުރުސަތު ދީފައި އޮތްވާ 11، ނުވަތަ 13 ރަކްޢަތް ނުކުރުމުން އެކަން އިންކާރު ނުކުރުމަށެވެ. އެހެނީ މިކަމަކީ ރަސޫލާ ވަކި މިންވަރެއް ކަނޑައެޅުއްވި ކަމެއް ނޫނެވެ. އަދި ޢުމަރުގެފާނުގެ ޒަމާނުއްސުރެވެސް މީހުން 23 ރަކްޢަތް ކުރަމުން އައެވެ. އަދި އިމާމް މާލިކް މިއަށްވުރެ ގިނަކަމަށްވެސް ދެކިލެއްވިއެވެ. ވީމާ މިގޮތަށް އޮތް މައްސަލައަކާހެދި އެ އެންމެން ތިބީ ނުބައި ގޮތުގައި ކަމަށް ނުބުނުމަށެވެ.

އަބޫ ސަލަމާ ބިން ޢަބްދުއްރަޙްމާން ، ޢާއިޝަތުގެފާނު އަރިއަހުން ރިވާ ކުރައްވާފައިވަނީ عَنْ ‏ ‏أَبِي سَلَمَةَ بْنِ عَبْدِ الرَّحْمَنِ ‏ ‏أَنَّهُ سَأَلَ ‏ ‏عَائِشَةَ ‏ ‏رَضِيَ اللَّهُ عَنْهَا ‏ كَيْفَ كَانَتْ صَلَاةُ رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ فِي رَمَضَانَ فَقَالَتْ ‏ ‏مَا كَانَ يَزِيدُ فِي رَمَضَانَ وَلَا فِي غَيْرِهِ عَلَى إِحْدَى عَشْرَةَ رَكْعَةً

މާނައަކީ: ”އަހަރެން ޢާއިޝަތުގެފާނު އަރިއަހުގައި ދެންނެވީމެވެ. ރަމަޟާން މަހު ރަސޫލާ ނަމާދު ކުރެއްވީ ކިހިނެއްތޯއެވެ؟ ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ރަމަޟާން މަހުގައިވެސް އަދި އެ ނުން މަހެއްގައިވެސް، ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ އެގާރަ ރަކުޢަތަށް ވުރެ ގިނަ ނުކުރައްވައެވެ. ” ( ޞަޙީޙް ބުޚާރީ ، ތަރާވީޙް ނަމާދު ބާބު )

ރަސޫލާ 13 ރަކްޢާތް ކުރެއްވިކަން ވެސް ޞައްޙަ ރިވާޔަތުން ސާބިތުވާން އެބަ ހުއްޓެވެ. ޢިލްމުވެރިން ވިދާޅުވެފައިވަނީ މިތާގައި ގެނެވިފައި މިވާ ޢާއިޝަތުގެފާނު ރިވާ ކުރެއްވި ޙަދީޘްގައި ވިދާޅުވެފައިވަނީ، އެއީ ރަސޫލާ ޢާއްމުކޮށް ކުރައްވާ ޢަދަދެވެ. އެކަމަކު ބައެއްފަހަރު 13 ރަކުޢަތްވެސް ކުރެއްވިއެވެ.

ވީމާ ތަރާވީޙްގައި 11 ރަކްޢަތް ކުރިއަސް އަދި 13 ރަކްޢަތް ކުރިއަސް އެއީ ސުންނަތް ގޮތެކެވެ.

އަދި އެއަށްވުރެ ގިނައިން ކުރިއަސް އެއީ ރަނގަޅު ގޮތެކެވެ. ފަހަރެއްގައިވެސް ބިދުޢައެއް ނޫނެވެ. ސަބަބަކީ ޢުމަރުގެފާނުގެ އަމުރަށް 23 ރަކްޢަތްވެސް ކުރެވުނެވެ.

*ނޯޓް : މިތާގައި ޢަދަދު ބުނެފައިވަނީ ވިތުރި ލައިގެންނެވެ. ވިތުރި ނުލާ ގުނާނަމަ ވާނީ 8 ، 10 ، 20 ، 36 އެވެ.

މަޛްހަބުތަކުގެ ރައުޔަށް ބަލާއިރި ޙަނަފީ މަޛްހަބުގެ އިމާމެއް ކަމުގައިވާ ”އައްސަރްޚަސީ ”ވިދާޅުވެފައި އޮންނަނީ ވިތުރިއާއި ނުލައި ވިހި ރަކްޢަތް ކަމަށެވެ. އިބްނު ޤުދާމާ ވިދާޅުވެފައި އޮންނަނީ، އިމާމް އަޙްމަދު އިޚްތިޔާރު ކުރެއްވީވެސް ވިހި ކަމަށެވެ. އައްޘައުރީ، އަބޫ ޙަނީފާ، ޝާފިޢީވެސް ވިދާޅުވީ ވިހި ކަމަށެވެ. މާލިކް ވިދާޅުވީ ތިރީސްހައެއް ކަމަށެވެ. އިމާމް ނަވަވީވެސް ވިދާޅުވެފައިވަނީ މަޛްހަބަކީ ވިހި ކަމަށެވެ.

ޚުލަފާއުއް ރާޝިދީންގެ ސުންނަތުގައި ހިފުމަކީ ރަސޫލާ އަމުރު ކުރައްވާފައިވާ ކަމެކެވެ. އަދި ދަމު ނަމާދަކީ ކޯޗެއްކަން ނޭނގޭ މީހަކު އައިސް ރަސޫލާ އަރިއަހުން ދަމު ނަމާދު ކުރާނީ ކިހިނެއްތޯ ދެންނެވުމުން ރަސޫލާ، ވަކި ޢަދަދެއް ކަނޑައެއް ނާޅުއްވައެވެ. އެކަމަކު ވިދާޅުވީ ” ދަމު ނަމާދު ކުރާނީ ދެރަކުޢަތުން ދެރަކުޢަތުން ” ކަމަށެވެ. ޢިލްމުވެރިން މި ތަންކޮޅުން ނަގާ ދަލީލަކީ ދަމުނަމާދު ކިތަންމެ ގިނައިން ކުރިއަސް މައްސަލައެއް ނެތް ކަމުގައެވެ.

އަދި ސުނަން އިބްނު މާޖާގެ ނާމާދު ކުރުމުގެ ބާބުގެ ގިނައިން ސަޖިދަޖެހުމުގެ ބައިގައި އައިސްފައިވާ ޙަދީޘެއްގައިވަނީ : قَالَ رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّم إِنَّكَ لَا تَسْجُدُ لِلَّهِ سَجْدَةً إِلَّا رَفَعَكَ اللَّهُ بِهَا دَرَجَةً وَحَطَّ بِهَا عَنْكَ خَطِيئَةً ‏

މާނައަކީ: ”އޭގެ ސަބަބުން، ކަލޭގެ ދަރަޖައެއް ނު އުފުލޭ އަދި ފާފައެއް ނުފުއްސެވޭ ސަޖިދައެއް ކަލޭ ނުޖަހައެވެ.”

ކިޔަވަންޖެހޭ މިންވަރު:

ތަރާވީޙް ނަމާދުގައި ކިޔަވަންޖެހޭ އެންމެ ކުރުމިނެއް ނުވަތަ އެންމެ ދިގު މިނެއް، ރަސޫލާ ކަނޑައަޅުއްވާފައި ނުވެއެވެ. ކިއެއްތަ ރަސޫލާ އެކި ފަހަރު ކިޔަވާވިދާޅުވެފައިވަނީ އެކި މިންވަރަށެވެ. ވީމާ ޢިލްމުވެރިން ވިދާޅުވަނީ އެކަނި ނަމާދުކުރާނަމަ ނުވަތަ އިމާމުވެ ކިޔަވާއިރު ފަހަތުގައި ތިބޭ އެންމެން ބޭނުންވަނީ ދިގުކޮށް ކިޔަވަންނަމަ، އެ ގޮތަށް ހެދިޔަސް އެންމެ ރަނގަޅު ކަމަށެވެ. ވީމާ ބޭނުން ނަމަ ދިގުކޮށް ކިޔަވާފައި ރަކްޢަތް މަދުވެސް ކުރެވިދާނެއެވެ. ނުވަތަ ކުރުކޮށް ކިޔަވާފައި ރަކްޢަތް ގިނަވެސް ކުރެވިދާނެއެވެ. ގިނަ ޢިލްމުވެރިން އިރުޝާދު ދެއްވާ ގޮތަކީ މިއީއެވެ. މިއީ ލާޒިމު ކަމެއް ނޫނެވެ.

ނަމަވެސް ރަސޫލާ ޙަދީޘެއްގައި އިރުޝާދު ދެއްވާފައިވާ ފަދައިން، އިމާމުވެ ހުރެ ކިޔަވާއިރު، ތިމަންނަގެ ފަހަތުގައި ބަލި މީހުންނާއި، ކުޑަ ކުދިންނާއި، މުސްކުޅިންވެސް ތިބޭނެކަން ދަނެގެން އެ މީހުންނަށް ރިޢާޔަތް ކުރުން އެއީ މޮޅު އިތުރު ގޮތެވެ.

 

މަސްދަރު:ކަވާސާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.