ފަހު ދިހަވެސް ފެށުނީ ނޫންތޯއެވެ. ހިއްވަރުކޮށްލާށެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ފަހުދިހަވެސް މިވަނީ ފެށިފައެވެ. ދާދި އިހަކަށް ދުވަހު އެންމެން ހެއްވަމުން އުފަލުން ފޮޅުވަމުން އައި ބަރަކާތްތެރި ރަމަޟާންމަސް ބާރު ސްޕީޑުގައި ނިމިދަނީއެވެ. ދެން އޮތީ މި މައްސަރުގެ އެންމެ ބޭނުންތެރި މާތް ދިހަ ދުވަހެވެ. އެ ދިހަ ދުވަހަކީ ލައިލަތުލް ޤަދުރި ވިލޭރޭ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރަންވި ދުވަސްތެކެވެ.

އެހެން ކަމުން ފިސާރި ހީވާގި ކަމާއި އެކު ކެރިންގެން މި ދުވަސްތަކާއި ކުރިމަތިލާ ލައިލަތުލް ޤަދުރި ހާސިލް ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރާށެވެ. ފަރުވާ ކުޑަކޮށްފި ނަމަ މިކަން ތިބާއަށް ހާސިލް ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. ރަމަޟާން މަހެއް ލިބި މި މާތް ރޭ ހާސިލް ނުކުރެވިއްޖެ މީހަކީ ނަސީބު ދެރ މީހެކެވެ. އެކަން އަޅުގަނޑު މެންނަށް ޢިލްމުވެރިންގެ ބަސްތަކުން ވަރަށް ރަނގަޅަށް ދޭހަވެއެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ރަމަޟާން މަސް ނިމިދާއިރު، މި މަހާއި މެދު އަމިއްލަ ސިނކުޑިން ވިސްނާލުން:

ދެން އޮތީ މި ރަމަޟާން މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާ މި މަހުގެ ދަރުމަޔާއި ސަވާބު އެންމެ ފުރިހަމަޔަށް ހޯދަން މަސައްކަތް ކުރީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯ ސުވާލުކޮށްލުމެވެ. ހަމަ ޔަގީނުންވެސް މި ރަމަޟާން މަހުގެ ފުރިހަމަ ދަރުމަޔާއި ސަވާބު ހޯދަން މަސައްކަތް ކުރި މީހުން އަޅުގަނޑުމެންގެ ތެރެއިން މަދެއް ނުވާނެއެވެ. ކޮންމެ މީހަކުވެސް މިކަން ހާސިލް ކުރުމަށް އެމީހަކަށް ކުރެވުނު މިންވަރަކުން މަސައްކަތް ކުރާނެ މީހެއް ކަމާއި މެދު ޝައްކެއް ނެތެވެ.

ވިސްނާލަމާ ހިނގާށެވެ. އިބުރަތެއް ހާސިލް ކުރެވޭނީ ވިސްނާ ފިކުރުކުރާ ބަޔަކަށެވެ. މި ރަމަޟާން މަސް އައުމުގެ 2 ދުވަސް ނޫނީ އެއް ދުވަސް ކުރިން މި ރަމަޟާން މަހުގެ ދަރުމައާއި ސަވާބުން މަޙުރޫމްވެ މި ދުނިޔެ ދޫކޮށް ގޮސްފައިވަނީ އަޅުގަނޑުމެންގެ ތެރެއިން ކިތަށް އަޚުންނާއި އުޚުތުންތޯއެވެ. އުމުރުން ދުވަސްވީ ކިތަށް އަޙުންނާއި އުޚުތުން ތޯއެވެ. ދެބައި އުމުރުގެ ކިތަށް އަޙުންނާއި އުޚުތުންތޯއެވެ. ކިތަށް ޒުވާނުން ތޯއެވެ. ކިތަށް ކުޑަ ކުދިން ތޯއެވެ. ވިސްނާލަ ބަލާށެވެ.

ނަމަވެސް ތިބާ އެ މީހުންގެ ތެރޭގައި ނުހިމެނުނެވެ. ފުންކޮށް ވިސްނާލަ ބަލާށެވެ. މި ރަމަޟާން މަހުގެ ބޮޑުބައި ތިބާއަށް ލިބިއްޖެ ނޫން ތޯއެވެ. އިންޝާ ﷲ ފަހު ދިހަވެސް ލިބޭނެ ކަމަށް އުންމީދު ކުރަމާތޯއެވެ. ތިބާ އަކީ ކިހާ ނަސީބު ރަނގަޅު މީހެއް ތޯއެވެ. ރަމަޟާން މަހަށް މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔާފައިވާ އަޚުންނާއި އުޚުތުން ތެރޭގައި ތިބާ ނުވީތީއެވެ. އެކަމަށް ތިބާ ދުނިޔެއަށް ފޮނުއްވި އެއްކައުވަންތަ މާތް ﷲ އަށް ހަމްދުކޮށް ޝުކުރު ކުރާށެވެ. އަދި މި ބަރަކާތް ތެރި ރަމަޟާން މަހުގެ ފަހު ދިހަ ފުރިހަމަ ގޮތުގައި ހާސިލް ކުރެވޭތޯ މަސައްކަތް ކުރާށެވެ. ކުރިން ތިބާ އުޅުނު ގޯސް މަގު ޚިޔާރުކޮށް އެމަގުން ނުދާށެވެ. އިސްލާޙް ވާށެވެ.

ދެންވެސް ވިސްނާލަން ވީ މުހިންމު ކަމަކީ ތިބާއަށް މި ރަމަޟާން މަސް ރުރިހަމަ އަށް ލިބުނު ނަމަވެސް ދެން އަންނަ ރަމަޟާން މަސް ތިބާއަށް ނުލިބުމަކީވެސް ވެދާނެ ކަމެކެވެ. މިއީ ފަހަރުގައި ތިބާގެ ހަޔާތުގައި ލިބޭ އެންމެ ފަހު ފުރުސަތަށް ވުން ވެސް އެކަށީގެންވެއެވެ.

އެހެން ކަމުން ވިސްނާށެވެ. ދެން އޮތީ ފަހު ދިހައިގެ އެންމެ މާތް ދުވަސްތަކެވެ. ކީރިތި ޤުރުއާން ބާވައިލެއްވިގެން ވާ ލައިލަތުލް ޤަދުރިވިލޭރެއެވެ. 1000 މައްސަރައްވުރެ މާތް ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ. އޭ އަޚުންނާއި އުޚުތުންނޭވެ. އެރޭ ތިބާއަށް ލިބޭތޯ ގަދަ އަޅާ މަސައްކަތް ކޮށް ގިނަގިނައިން ދުޢާ ކުރާށެވެ. އެރޭ ލިބިއްޖެނަމަ ނަސީބުގެ ކޮޅެއްވެސް ނެތެވެ. ނަމަވެސް އެރޭ ނުލިބިއްޖެ ނަމަ ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

އެހެން ކަމުން ތިބާ ހިތްވަރާއެކު އަޅުކަމުގައި ވަރުބަލިކަމެއް ނެތި ދެމިހުންނާށެވެ. އެއްގޮތަކައްވެސް ތިމާ ހިތައް އެރީމަ ކޮށް ހިތައް އެރީމަ ނުކޮށް ދޫކޮށްލާ ގޮތަށް ކުރާ ކަމެއް ކަމުގައި ނުހަދާށެވެ. މާތް ﷲ ގެ ރަޙުމަތް ވަނީ ތަނަވަސްވެގެންނެވެ. ތަވުބާވާން އެދޭ އަޅަކަށް މިއޮތީ ރަނުގެ ފުރުޞަތެކެވެ. ފުރުޞަތުގެ ބޭނުން ހިފާށެވެ.

ލައިލަތުލް ޤަދުރި ވިލޭރޭގެ ވާހަކަ:

ލައިލަތުލް ޤަދުރި އޭ ކިޔުނު އެ ރެޔަކީ ރޯދަމަހުގެ ފަހު ދިހައެއްގެ އޮނަހިރި ރޭތަކުންގެ ތެރެއިން ރެއެއްކަމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. އަދި އެރޭގެ ޢަލާމާތްތަކާއި ބެހޭ ހުރިހާ ޙަދީޘެއް ޖަމާކުރެއްވުމަށްފަހު އިމާމު ނަވަވީ އަދި އިމާމު އިބުނު ތައިމިއްޔާ ރަޙިމަހުމުއްﷲ ބަޔާންކުރައްވަނީ އޮނަހިރި ރޭތަކުގެ ތެރެއިން ރޭތަކުގެ މެދުގައި އެކި އަހަރު ލައިލަތުލް ޤަދުރި ނަޤުލުވާކަމުގައެވެ. އެންމެ ވަރުގަދަ ބަހަކީ މިއެވެ. އެހެން ކަމުން އެންމެ މޮޅު އިތުރީ ހުރިހާ ފަހުދިހައެއްގައި ގަދައަޅައި މަސައްކަތްކުރުމެވެ.

ލައިލަތުލް ޤަދުރި ވިލޭރެއަކީ މާތްވެގެންވާ މަތިވެރި ރެއެކެވެ. އެރޭގެ މާތްކަމަށް ބަލާއިރު،

ހ.އެރެޔަކީ އެރޭގައި ޤުރުއާން ބާވާލައްވާ ﷲ ބަރަކާތް ލައްވާފައިވާ ރެޔެކެވެ.
ށ. އެރޭގައި މީސްތަކުންގެ އުމުރުއާއި އަދި ރިޒުޤު ކަނޑައަޅައި ލިޔުއްވެއެވެ.
ނ. އެހެން ރޭތަކަށްވުރެ އެރޭގެ އަޅުކަން މަތިވެރިކުރެއްވިއެވެ.
ރ. ﷲގެ ރަޙުމަތާއި ފާފަފުއްސެވުމާއި ހެޔޮކަމާއެކު ޖިބްރީލު ޢަލައިހިއްސަލާމް އާއި އެކު މަލާއިކަތް ބޭކަލުން ބިމަށްފައިބާވަޑައިގަންނަވައެވެ.
ޅ. އެރެއަކީ ހުރިހާ ނުބައިކަމަކުން ސަލާމަތްވެގެންވާ ފަތިސްވަންދެން ހެޔޮކަން އެކުލެވިގެންވާ ރެޔެކެވެ.
އ. އެރޭގެ ނަމުން ސޫރަތެއް ﷲ ތަޢާލާ ބާވާލެއްވިއެވެ.
އ. އެރޭ ރޭއަޅުކަން ކުރިމީހާގެ އިސްވެ ދިޔަ ހުރިހާ ފާފައެއް ފުއްސަވައިދެއްވައެވެ.

އޭ އަޙުންނާއި އުޚުތންނޭވެ. ނިކަން ވިސްނާ ތިބާ ކުރާ ހުރިހާ ކަމެއް ބައްލަވާ ވޮޑިގެންވާ އިލާހަށް ބިރުވެތިވެ ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރައްވާށެވެ. އިރާދަ ކުރެއްވިއްޔާ ޚާލިޞް ނިޔަތަކާ އެކު އެކަން ކޮށްފިނަމަ ތިބާ އަށް އޮތީ ކާމިޔާބެވެ.

މި ފަހުދިހައިގާ މާތްވެގެންވާ ލައިލަތުލް ޤަދުރި ވިލޭރޭ ވާކަން ދަނެ، އެރޭގެ މާތްކަމާއި މަތިވެރިކަން ހޯދައިގަތުމަށް އަވަސްވެގަންނާށެވެ. ސަޖިދައިގާ އޮވެ ފާފަފުއްސެވުމަށް ދަންނަވާށެވެ. އެއީ 1000 މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ މަތިވެރި ރެއެއްކަން ދަންނާށެވެ.

ޤަދުރު ސޫރަތުގެ 3 ވަނަ އާޔަތުގެ މާނައިގާ ވާފަދައިންނެވެ. އެންމެ ރެޔަކުން އެހާ ގިނަ ހެޔޮ ދަރުމަޔާއި ޘަވާބު ލިބެން އޮއްވާ ދޫކޮށް ނުލާށެވެ. ހިއްވަރާއި އެކު ކުރިއަށް ވަޑައިގެން އެރޭ ލިބިގަތުމަށް އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި ތިބާއަށް ނަޞޭޙަތްތެރިވަމެވެ. ޔާﷲ، އަޅަމެންނަށް އިބަ ﷲ ވަޙީކުރައްވާފައި އެވާ މަތިވެރި މާތްރޭ ( ލައިލަތުލް ޤަދުރި ވިލޭރޭ ) ލިބުމުގެ ހެޔޮތަޢުފީޤު ދެއްވާށިއެވެ. އާމީން.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.