ދީނީގޮތުންނާއި ދުނިޔަވީގޮތުން: ކައިވެނި

ކައިވެންޏަކީ އަރާމާއި ހިތްހަމަޖެހުން ލިއްބައިދޭ ކަމެކެވެ. އެއީ ދުނިޔޭގެ އެންމެ މަތީ އުފާވެރި ކަމެވެ. އަދި މާތް ﷲ ގެ ގުދްރަތްތެރިކަމުގެ ދަލީލުތަކުގެ ތެރެއިންވާކަމެކެވެ. މާތް ﷲ ރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި ވަޙީ ކުރައްވާ ބަސްފުޅުގެ  މާނައަކީ: “ތިޔަބައިމީހުން އާދަމްގެފާނުގެ ޖިންސުން ޙައްވާގެފާނުގެ ޖިންސު އުފައްދަވައި، އެދެމެދުގައި ހިތްހަމަޖެހުމަށް ރަޙްމަތާއި، ގުޅުން ލެއްވުން، އެއީ، އެކަލާންގެ ކުޅަދުންވަންތަކަމުގެ ދަލީލުތަކުގެ ތެރެއިންވާކަމެކެވެ. ހަމަކަށަވަރުން އެއީ، ވިސްނާމީހުންނަށް ހުރި ދަލީލުތަކެކެވެ.

ކައިވެންޏަކީ އިންސާނާގެ ޙަޔާތް ބާއްޖެވެރިވުމަށް މެދުވެރިވާ ކަމެކެވެ. މާތް ﷲ ރުއްސުން ލެއްވި ސަޢީދު ބިން އަބީ ވައްގާޞް ރިވާ ކުރެއްވި ޙަދީޘް އެއްގައިވެއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (مِنْ سَعَادَةِ ابْنِ آدَمَ ثَلاَثَةٌ ، وَمِنْ شِقْوَةِ ابْنِ آدَمَ ثَلاَثَةٌ ، مِنْ سَعَادَةِ ابْنِ آدَمَ : الْمَرْأَةُ الصَّالِحَةُ ، وَالْمَسْكَنُ الصَّالِحُ ، وَالْمَرْكَبُ الصَّالِحُ ، وَمِنْ شِقْوَةِ ابْنِ آدَمَ : الْمَرْأَةُ السُّوءُ ، وَالْمَسْكَنُ السُّوءُ ، وَالْمَرْكَبُ السُّوءُ). މާނަ އަކީ: “އާދަމުގެ ދަރިޔާ ބާއްޖެވެރިވުމަށް މެދުވެރިވާ ތިން ކަމެއްވެއެވެ. އަދި އަބާއްޖެވެރިވުމަށް މެދުވެރިވާ ވެސް ތިން ކަމެއްވެއެވެ. ބާއްޖެވެރިވުމަށް މެދުވެރިވާ ކަންތަކުގެ ތެރޭގައި: ޞާލިޙް އަންބަކު ލިބުމާއި، އުޅޭނެ ރަގަޅު ތަނެއް ލިބުމާއި، ދުއްވާނެ ރަގަޅު ސަވާރީ އެއް ލިބުން ހިމެނެއެވެ. އާދަމުގެ ދަރިޔާ އަބާއްޖެވެރި ކުރުވާ ކަންތައްތަކުގެ ތެރޭގައި: ނުބައި އަންހެނަކާއި ޖެހުން، ދިރިއުޅެން ރަގަޅު ތަނެއް ނުލިބުން، އަދި ދުއްވާނެ ރަގަޅު ސަވާރީ އެއް ނުލިބުން ހިމެނޭ”.

އިޝްތިހާރު Heyobas Ruqya Course Ad square

ކައިވެންޏަކީ ދީނުގެ ދެބައިކުޅަ އެއްބައެވެ. މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކްގެ ކިބައިން ރިވާވެގެންވާ ޙަދީޘް އެއްގައި އަންނަނީ ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (مَن رزقه الله امرأة صالحة فقد أعانه الله على شطر دينه ، فليتق الله في الشطر الثاني) މާނައަކީ: މާތް ﷲ މީހަކަށް ޞާލިޙް އަންބަކު ދެއްވައިފިނަމަ އޭނާގެ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަ ކުރުމުގައި އެހީތެރިވެދެއްވައިފިއެވެ. ބާކީ އޮތް ބަޔާމެދު ތިޔަބައިމީހުން މާތް ﷲ އަށް ބިރުވެތިވެ ތަގްވާވެރިވާށެވެ. އެހެން ރިވާޔަތެއްގައި އާދެއެވެ. (إذا تزوج العبد فقد استكمل نصف الدِّين فليتق الله فيما بقي) މާނައަކީ: “އަޅާ ކައިވެނި ކޮށްފިނަމަ އޭނާގެ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަ ވެއްޖެއެވެ. ބާކީ އޮތް ބަޔާއިމެދު މާތް ﷲ އަށް ބިރުވެތިވެ ތަގްވާވެރިވާށެވެ”.

މިޙަދީޘްގެ ދޭހަ އަކީ އަޅާ ކައިވެނި ކުރުމުން އޭނާގެ ފޮރުވިފައިވާ ގުނަވަންތައް ރައްކާތެރިކޮށްދީ އޭނާ ޢިއްފަތް ތެރި ކުރުވައެވެ. އެހެންކަމުން ނުބައިކަމުގެ އެންމެ ބޮޑު ދެދޮރު ގެ ތެރެއިން އެއްދޮރު ބަންދުވީއެވެ. ބާކީ އޮތް ދެވަނަ ދޮރާއިމެދު ސަމާލުވާށެވެ. އެއީ އިންސާނާގެ ދުލެވެ. އެހެނީ އިތުރު އެކަލޭގެފާނުގެ އެހެން ބައެއް ޙަދީޘް ތަކުން ދޭހަވާ ގޮތުގައި އިންސާނުން އެންމެ ގިނައިން ނަރަކަ އަށް ވައްދަވަނީ ފޮރުވިފައިވާ ގުނަވަންތައް ޢިއްފަތްތެރި ކަމާއިއެކު ރަައްކާތެރި ނުކުރެވުމުގެ ސަބަބުންނާއި ދޫ ރައްކާތެރި ނުކުރެވުމުގެ ސަބަބުންނެވެ. އެހެންކަމުން ޙަދީޘް ކުރައްވާފައިވެއެވެ. (من يضمن لي ما بين لحييه وما بين رجليه أضمن له الجنة) މާނަ އަކީ: “ތިޔަބައިމީހުން ގެ ދެކޯދޭތެރޭގައިވާ ތަނާއި (ދޫ)، ދެފައިދޭތެރޭގައިވާތަން (ފަރްޖު) ރައްކައުތެރި ކުރާނެ ކަމުގެ ޖާމިނުކަން ދިން މީހަކަށް ސުވަރުގެ ލިބޭނެކަމުގެ ޖާމިނުކަން ތިމަންކަލޭގެފާނު ދެއްވަމެވެ”.

 އެހެންކަމުން ކައިވެނި ކުރުމުގެ ބޮޑު ނިޢުމަތް މާތް ﷲ ދެއްވުމުން ދީނުގެ ބާކީ އޮތްބައި ކަމުގައިވާ ދުލާއި މެދު ޚާއްޞަ ފަރުވާތެރި ކަމެއް ބަހައްޓަންވާނެ އެވެ. މީހުންގެ ވާހަކަ ދެއްކުމާއި ދެބައޮޑުވުމާއި މިފަދަ ނުބައި ނޭއްގާނީ ކަންތަކުން ދުރުހެލިވެ، މާތް ﷲ ޛިކުރުކުރުމާއި ހެޔޮބަސް ބުނުމަށް މެނުވީ ދުލުގެ ބޭނުން ހިފައިގެން ނުވާނެއެވެ.

ޒަވާޖީ ޙަޔާތް އެންމެ ފުރިހަމަ ގޮތުގައި ބާއްޖެވެރި ކުރުވުމަށްޓަކައި ކައިވެނީގެ ކުރިންނާއި ފަހުން، އަދި ކައިވެނީގެ ހުރިހާ ކަންތަކެއްވެސް ގެންދަންވާނީ ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ދެއްވި މަތިވެރި އިރްޝާދުތަކުގެ އަލީގައެވެ.

·      ކައިވެނީގެ ކުރިން ކުރަންޖެހޭ ކަންތައްތައް:

ކައިވެނީގެ ކުރިން ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ކައިވެންޔަށް އިޚްތިޔާރު ކުރެވޭ ކުއްޖާ އަކީ ތިރީގައިމިވާ ޞފަތައް ފުރިހަމަވާ ކުއްޖެއް ކަމުގައިވާންވާނެ އެވެ.

1.    ދީންވެރި ޞާލިޙް ކުއްޖަކު އިޚްތިޔާރު ކުރަންޖެހެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (تُنكَحُ المرأةُ لأربَعٍ : لِمَالِهَا وَلِحَسَبِهَا وَجَمَالِهَا وَلِدِينِهَا فَاظفَر بِذَاتِ الدِّينِ تَرِبَت يَدَاكَ) މާނަ އަކީ: “ހަތަރުކަމަކަށް އަންހެނުންނާއި ކައިވެނިކުރެވެ އެވެ. އޭނާގެ މުދާވެރިކަމާއި، ހަސަބާއިނަސަބުގެ މަތިވެރިކަމާއި، ރިވެތިކަމާއި، ދީންވެރިކަމަށެވެ. ތިޔަބައިމީހުން ދީންވެރި ކަމަށް އިސްކަންދޭށެވެ”.

މިޙަދީޘްގައި ދީންވެރިކަމަށް އިސްކަންދޭށޭ އޮތުމުން އޭގެ މާނަ އަކީ އަންހެން ކުއްޖާގެ ރީތި ކަމާއި މެދު އަޅާ ނުލުމެއް ނޫނެވެ. މިޙަދީޘްގައި އެވަނީ މީސްތަކުން އާއްމު ގޮތެއްގައި ކައިވެނި ކުރުމުގައި ބަލައި އުޅޭ ކަންތައްތަކުގެ ވާހަކަ އެވެ. އެހުރިހާ ކަމަކަށްވުރެ ދީންވެރިކަން މުހިންމު ވާހަކަ އެވެ. ހަމައެކަނި ރީތިވުމަކުން ނުފުދޭނެކަމާއި، ރީތިކަމާއި އެކު ދީންވެރިކަންވެސް ހުންނަންޖެހޭނެ ވާހަކައެވެ.

2.    އަންހެން ކުއްޖާގެ ރީތިކަމަށް ވެސް ކޮންމެވެސް ވަރަކަށް ބަލަންވާނެއެވެ. ރަސޫލް ޞައްލަ ﷲ އަލައިހި ވަސައްލަމް ގެ އަރިހުން އެންމެހެޔޮކަންބޮޑު އަންހެނަކީ ކޮބައިތޯ ސުވާލު ކުރެވުމުން ޙަދީޘް ކުރެއްވިއެވެ. (التِي تَسُرُّهُ إِذَا نَظَرَ إِليهَا ، وَتُطِيعُهُ إِذَا أَمَر ، وَلا تُخَالِفُهُ فِي نَفسِهَا وَلا فِي مَالِهِ بِمَا يَكرَهُ) މާނަ އަކީ: “އެންމެ ހެޔޮ އަންހެނަކީ ފިރިމީހާ އޭނާ އަށް ބަލައިލުމުން އުފާވެރިކަންލިބޭ، ކަމަކަށް އަމުރުވެވިއްޖެނަމަ ކިޔަމަންތެރިވާ،  ނަފްސާއި މުދަލުން ފިރިމީހާ ނުރުހޭފަދަ ކަންތަކުން ދުރުހެލިވެގެންތިބޭ އަންހެނުންނެވެ”.

އަންހެން ކުއްޖާގެ ރީތިކަމަށް ބެލުމަކީ އިސްލާމްދީން ހުއްދަ ކުރާކަމެއްކަން ދޭހަވާ އަނެއް ދަލީލަކީ ކައިވެނީގެ ކުރިން އަންހެން ކުއްޖާއަށް ބެލުމަށް ކީރިތި ރަސޫލް ޞައްލަ ﷲ އަލައިހި ވަސައްލަމަ އިރްޝާދު ދެއްވާފައިވުމެވެ. ޙަދީޘް ކުރެއްވިއެވެ.(أنظر إليها فإنه أحرى أن يؤدم بينكما ) މާނަ އަކީ: “ކައިވެނި ކުރަން އުޅޭ އަންހެންކުއްޖާ އަށް ބަލާށެވެ، އެއީ ތިޔަ ދެމީހުންގެ ކައިވެނި ދެމިއޮތުމަށް އެޅޭ ބާރެކެވެ”. ކައިވެނީގެ ކުރިން ބެލުން ހުއްދަވެގެންވަނީ ހަމަ އެކަނި އަންހެން ކުއްޖާގެ މޫނަށާއި ދެއަތްތިލަ އަށް އެކަންޔެވެ. އެހެނީ މޫނަށް ބެލުމުން ކުއްޖާގެ ރީތިކަން ރަގަޅަށް ދޭހަވެގެންދާނެއެވެ.

މިކަމުގައި އިތުރަށް ހިތުގައި ބަހައްޓަން ޖެހޭނެ ތަންކޮޅަކީ ކިތަންމެ ރީތި އަންހެން ކުއްޖަކަސް އޭނާގެ ކިބައިގައި ދީންވެރިކަމާއި ރިވެތި އަޚްލާގެއް، އަދި ފިރިމީހާއަށް ކަމޭ ހިތުމުގެ އިޙްސާސް ނެތްކަމަށް ވަނީނަމަ ރީތިކަމުގެ ބޭނުމެއްނެތެވެ. އަނބިރީތީ ހެވީއްޔާއޭ ދިވެހި ހަރުބަހުގައިވެސް ބުނެއުޅެއެވެ.

3.    ކައިވެނިކުރެވޭ އަންހެން ކުއްޖާގެ ހުންނަންޖެހޭ އަނެއް ޞިފަ އަކީ ގިނައިން ވިހާ ކަހަލަ ކުއްޖަކަށް ވުމެވެ. މާތް ﷲ ރުއްސުންލެއްވި މަޢުގަލް ބިން ޔަސާރު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުން ގިނައިން ވިހާކަހަލަ އަންހެނުންނާ ކައިވެނި ކުރާ ހުށިކަމެވެ. ހަމަކަށަވަރުން ތިމަންކަލޭފާނުގެ އުއްމަތުގެ މީސްތަކުން ގިނަވުމުން ފަޚުރުވެރިވަޑައިގަންނަވަމެވެ”.

 

·      ކައިވެނީގެ ތެރޭގައި ކަންތައް ބަހައްޓަންވީ ގޮތް:

ކައިވެނީގެ ޙަފްލާއަކީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ބޭއްވޭ ޙަފްލާއަކަށް ވާންވާނެއެވެ. ޒަވާޖީ ޙަޔާތުގެ ބިންގާ އެޅުމުގެ އުފާ ފާޅުކުރުމުގެ ގޮތުން ބާއްވާ ޙަފްލާގައި އިސްލާމްދީން މަނާކުރާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. މިޒަމާނުގައި ކައިވެނީގެ ޙަފްލާތަކުގައި މިއޮންނަ މުއުޒިކްޝޯތަކާއި، ދެޖިންސުގެ މީހުން މަސްހުނިވެގެން ތިބުމާއި، ބޮޑެތި އިސްރާފުކުރުމާއި އެނޫންވެސް މުންކަރާތް ތަކުން މިއުފާވެރި ޙަފްލާ ކިލަނބު ކޮށްލައިގެން ނުވާނެއެވެ. މިއީ ޒަވާޖީ ޙަޔާތުގެ ބިންގަލެވެ.ޙަޔާތުގެ އެންމެ އުފާވެރި އެއް ދުވަހެވެ. ވީމާ، މިބިންގާ ސީދަލަށް އެޅޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ. ކައްޗަށްއެޅި ބިންގާ ކެއްޗާ ހަމައަށް ދިޔަނަމަވެސް ހުންނާނީ ކަތިކޮށްނޭ ދިވެހި ހަރުބަހުގައިވެސް ބުނެއުޅޭފަދައިންނެވެ.

ކައިވެނީގެ ޢަގްދުކޮށް ދެމަފިރިން އެކަހެރިވާ ވަގުތުގައިވެސް ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ދެއްވި އިރްޝާދާއި އެއްގޮތްވާ ގޮތުގެ މަތިން އަނބިމީހާ އަށް އޯގާތެރިވާންވާނެއެވެ. ފިރިމީހާ އިސްވެހުރެ ދެމަފިރިން ޖަމާޢަތުގައި ދެރަކްޢަތް ނަމާދެއް ކުރުމަށްފަހު އަނބިމީހާގެ ނިތްކުރީގައި ކަނާއަތް އަޅާފައި އަންނަނިވި ދުޢާ ކިޔަންވާނެއެވެ. (اللهم إني أسألك خيرها وخير ما جبلتها عليه، وأعوذ بك من شرها وشر ما جبلتها عليه).  މާނައަކީ: “ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މީނާގެ ކީބާގައިވާހާ ހެޔޮކަމަކާއި މީނާގެ ޠަބީޢަތުގައިވާހާ ހެޔޮކަމެއް މިއަޅާއަށް މިންވަރުކޮށްދެއްވާފާންދޭވެ. އަދި މީނާގެ ކިބައިގައިވާހާ ނުބައިކަމަކާއި މީނާގެ ޠަބީޢަތުގައި ލައްވާފައިވާހާ ނުބައިމަކުން މިއަޅާ ދުރުހެލިކޮށްދެއްވާފާންދޭވެ”.

 ދެން ކިރުތައްޓެއްގެ އެއްބައި ފިރިމީހާ ބޮއިފައި އަނެއްބައި ފިރިމީހާގެ އަތުން އަނބިމީހާއަށް ދޭށެވެ. އަދި ތަށީގައި ފިރިމީހާ އަނގަޖެހި ހިސާބުގައި އަނބިމީހާވެސް އަނގަޖައްސުވާށެވެ.

އެޔަށްފަހު އަނބިފިރިކަމުގެ ގުޅުން ހިންގަން ފެށުމުގެ ކުރިން ވުޟޫކޮށް ރަގަޅަށް ތައްޔާރުވެ، އަނބިމީހާ އަށް އޯގާތެރިކަމާއި އެކު ލޯބިދޭންވާނެއެވެ. އަދި އަންެހެނުންނަށް ވުރެ އަވަހަށް ފިރިހެނުން ގެ އެދުންވެރިކަން ދާނެ ކަން އެނގި އެކަމަށް ފިޔަވަޅު އަޅަންވާނެއެވެ. އެގޮތުން އަނބިފިރިކަމުގެ ގުޅުން ހިންގަންފެށުމުގެ ކުރިން ފާޚަނާކޮށް ވުޟޫކޮށް،އަނބިމީހާ އާއި ރަގަޅަށް ލޯބިކުރުމަށްފަހު މެނުވީ ޖިމާޢުވާން ފަށައިގެން ނުވާނެއެވެ. އަދި ޖިމާޢު ވުމުގެ ކުރިން ދުޢާ ކިޔަންވާނެއެވެ. އެދުޢާ އަކީ: (اللهم جنبنا الشيطان وجنب الشيطان ما رزقتنا) މާނައަކީ: “ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަޅަމެންގެ ކިބައިން ޝައިޠާނާ ދުރުކުރައްވަފާންދޭވެ، އަދި އަޅަމެންގެ ދަރިފަސްކޮޅުގެ ކިބައިންވެސް ޝައިޠާނާ ދުރުކުރައްވަފާންދޭވެ”.

ކައިވެނީގެ ފަހުގައި ޢަމަލުތައް ބަހައްޓަންވީގޮތް:

އަނބިމީހާއަކީ ތިމާއާއި ޙަވާލުވެފައިވާ ވަރަށްވެސް ބޮޑު އަމާނާތެއްކަން ހަނދާނުގައި ބަަހައްޓާށެވެ. އޭނާގެ ބައްޕަގެ ބެލުމުގެ ދަށުން ތިމާގެ ބެލުމުގެ ދަށަށް ގެނައީ ހެޔޮކޮށް ހިތުމަށް ވަޢުދުވެފައިކަން ދަންނާށެވެ. އެހެންކަމުން އިޙްސާންތެރިކަމާއި އޯގާތެރިކަމާއި އެކު ކަންތައްކޮށްދޭށެވެ. އަދި އަނބިމީހާ އަށް ދޭންޖެހޭ އެންމެހައި ޙައްގުތައް އެންމެ ފުރިހަމަގޮތުގައި ދެވޭތޯބަލާށެވެ. ދީނީގޮތުން އަނބިމީހާއަށް ބުނެދޭންހުރި ކަންތައްތައް ބުނެދޭށެވެ. ރަސޫލު ﷲ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (خيركم خيركم لأهله، وأنا خيركم لأهلي) މާނައަކީ: ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮކަންބޮޑުމީހަކީ އެމީހެއްގެ އަހުލުވެރިންނަށް (އަނބިންނަށް) އެންމެ ހެޔޮ މީހާ އެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނީ ތިމަންކަލޭގެފާނުގެ އަހްލުންނަށް (އަނބިންނަށް) އެންމެހެޔޮމީހާ އެވެ.

ދެމަފިރިންގެ މެދުގައި މައްސަލަ ޖެހުމުން ކަންތައް ކުރާނެގޮތް:

ފިރިމީހާ އަނބިމީހާގެ މައްޗަށް ލާޒިމްވެގެންވާ ޙައްގުތަކެއްވާފަދައިން އަނބިމީހާ ފިރިމީހާގެ މައްޗަށް ލާޒިމްވާ ޙައްގުތަކެއްވެސްވެއެވެ. އެގޮތުން އެންމެ މުހިންމުކަމަކީ މާތް ﷲ އަށް އުރެދުމެއްނުވާ ކޮންމެ އަމުރަކަށް ފިރިމީހާއަށް ކިޔަމަންތެރިކަން އަދާ ކުރުމެވެ. އަދި ފިރިމީހާ އަނބިފިރިކަމުގެ ގުޅުން ހިންގަން އެދިއްޖެ ޙާލަތެއްގައި އެކަމަށް ފުރަގަސްދީގެން ނުވާނެއެވެ. އަދި ފިރިމީހާގެ އިޒުނައަކާއި ނުލައި އެއްވެސްމީހަކު އޭނާގެ ގެއަށްނުވެއްދުމެވެ. އަދި ފިރިމީހާގެ އިޒުނައަކާ ނުލައި ގެއިންބޭރަށް ނުނިކުތުމެވެ. އަދި ފިރިމީހާއަށްޓަކައި ޒީނަތްތެރިވެ އެހެންމީހަކަށް އެޒީނަތް ނުދެެއްކުން ހިމެނެއެެވެ.

އިސްވެބަޔާން ކުރެވުނު ޙައްގުތައް އަދާކުރުމުގައި އަނބިމީހާ ފަސްޖެހިއްޖެނަމަ އޭނާއަަށް ހެޔޮގޮތުގައި މަޑުމައިތިރިކަމާއި އޯގާތެރިކަމާއި އެކު ނަޞޭޙަތްދޭންވާނެއެވެ. އަދި އޭނާ ކިޔަމަންތެރި ނުވެއްޖެނަމަ މާތް ﷲ ރުހިވޮޑިގެންނުވާ ކަންތައްތަކަކަށް އަރައިގަނެވެނީކަން ހަނދާންކޮށްދޭންވާނެއެވެ. އަދި ނުކިޔަމަންތެރިކަންމަތީ ދެމި ހުރެއްޖެނަމަ ދެން ކަންތައްވެގެން ހިނގަިއިދާނެ ގޮތްތައް ކިޔައިދީ ހަނދާންކޮށްދޭންވާނެއެވެ. އެކަންތަކުގެ ތެރޭގައި ފިރިމީހާ އޭނާ އަށް ކުރާ ޚަރަދު ހުއްޓަާލަންޖެހިދާނެކަންވެސް ބުނެދޭންވާނެއެވެ. ނަޞޭޙަތްދީގެން ރަގަޅު ނުވެއްޖެނަމަ ތަންމަތިންވަކި ކުރާނީއެވެ. އެގޮތުންވެސް ރަގަޅު ނުވެއްޖެނަމަ އަނިޔާނުވާ ވަރަށް ޖެހުންވެސް ހުއްދަވެގެންވެއެވެ. މިގޮތުންވެސް ޙައްލަކަށް ނާދެވިއްޖެނަމަ ފިރިމީހާގެ ފަރާތުން މީހަކާއި، އަނބިމީހާގެ ފަރާތުން މީހަކު އައިސް ދެފަރާތުގެ ވާހަކަތައް އަޑުއަހާ ޙައްލެއް ހޯދޭތޯ މަސައްކަތް ކުރާނީއެވެ. މިގޮތުންވެސް ކާމިޔާބު ނުވެއްޖެނަމަ ވަރިއާއިހަމަ އަށް ދާނީ އެވެ. والله أعلم.

މި ލިޔުމަކީ ޑރ މުޙައްމަދު އިޔާޟް އަބުދުއްލަތީފް ދިއިސްލާމް ވެބްސައިޓަށް ލިޔުއްވާފައިވާ ލިޔުމެއްގެ ނަކަލެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.