ސިންގަލް ޑޮމިނެންޓް ޕާޓީ ސިސްޓަމް

ސިންގަލް ޑޮމިނެންޓް ޕާޓީ ސިސްޓަމަކީ ޤާނޫނު ހުއްދަކުރާ އެއް ސިޔާސީ ޕާޓީއަކުން ސަރުކާރު ހިންގުމާއި ވެރިކަން ކުރުމުގެ އެންމެހާ ބާރުތަކެއް ހިސާރުކޮށް ހިފެހެއްޓުމަށް ހުއްދަކުރެވިފައިވާ ޕާޓީ ސިސްޓަމެވެ. މިފަދަ ޕާޓީ ސިސްޓަމެއްގެ ތެރޭގައި ކުދި ޕާޓީތައް ހަރަކާތްތެރިވަމުންދާނީ މާބޮޑު ނުފޫޒެއްނެތިއެވެ. ޗައިނާ އަކީ މީގެ މިސާލެކެވެ. އަދި 1934ން 1945 އާއިހަމައެހެންމެ އާއި ހަމައަށް ޖަރުމަނުގައި ވެރިކަންކޮށްފައިވާ ނާޒީ އަކީ މިފަދަ ވެރިކަމެއް ކޮށްފައިވާ ސިންގަލް ޑޮމިނެންޓް ޕާޓީއެކެވެ .

ގިނަ ޕާޓީތަކެއް އުފެދިފައި އޮތް ނަމަވެސް މިފަދަ ގޮތަކަށް ޕާޓީ ސިސްޓަމް ބަދަލުވުމުން މުޅި ސިޔާސީ ޖައްވުގެ އެކަށައެޅުން ފެނިގެންދާނީ ހުދުމުހުތާރުވެރިކަމެއް )ޑިކްޓޭޓަރ ޝިޕެއް( ގެ ގޮތުގައެވެ .އެހެނީ ސިންގަލް ޑޮމިނެންޓް ޕާޓީ ސިސްޓަމެއްގައި ވަރުގަދަ އެއް ޕާޓީއަކުން ސަރުކާރާއި ދައުލަތް ކޮންޓްރޯލްކޮށް ކުދި ޕާޓީތަކަށް ނުވަތަ އިދިކޮޅު ޕާޓީއަށް އެއްވެސް ސިޔާސީ ބާރެއް ނުލިބޭ މިންވަރަށް ބަލިކޮށްލައެވެ .އަދި މިކަމުގެ ނަތީޖާއަކީ އިދިކޮޅު އެހެން ޕާޓީތައް ފެއިލްވެގެންދިއުމެވެ . ސިޔާސީ މާހިރުން ދެކޭގޮތުގައި މިގޮތަށް ދިމާވުމަށް މެދުވެރިވާ ސަބަބަކީ ޕާޓީ ނިޒާމް އެކަށައެޅިފައި އޮންނަގޮތެވެ .އަދި މިކަމުގެ ސަބަބުން ޑިމޮކްރެޓިކް ސިޔާސީ ޖައްވެއް އުފެދުމަށް އޮންނަ ފުރުޞަތު ހަނިވެގެންދެއެވެ . ސިންގަލް ޑޮމިނެންޓް ޕާޓީ ސިސްޓަމެއްގައި ވެރިކަން ކުރަމުންދާ ޕާޓީން ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ވެރިކަން ކުރާ ޕާޓީއާއި ނުގުޅި ބައެއްކަހަލަ ކަންތައް ޙާޞިލްނުވާނޭ ގޮތަށް ކަންތައްތައް ރާވައިފައި ހުރެއެވެ .މިފަދަ ޕާޓީތަކުގެ ތެރޭގައި ސިންގަޕޯރ ގެ “ޕީޕަލް އެކްޝަންޕާޓީ “އާއި ސައުތު އެފްރިކާގެ “އެފްރިކަން ނޭޝަނަލް ކޮންގްރެސް “އާއި މޮންޓެނެގްރޯ ގެ “ޑިމޮކްރަޓިކް ޕާޓީ އޮފް ސޯސަލިސްޓް އޮފް މޮންޓެނިގްރޯ “ހިމެނެއެވެ . 1990 ގެ އަހަރުތަކާ ހަމައަށް މެކްސިކޯގައި އޮތް ”އިންސްޓިޓިއުޝަނަރީ ރިވޮލިއުޝަނަރީ ޕާޓީ ” އަކީ ސިންގަލް ޑޮމިނެންޓް ޕާޓީއެކެވެ . އެމެރިކާގެ ދެކުނު ސަރަހައްދުގައި 19 ވަނަ ގަރުނުގެ އަހަރުތަކާއި ހަމައަށް އޮތް “ޑިމޮކްރެޓިކް ޕާޓީ “އަކީ ސިންގަލް ޑޮމިނެންޓް ޕާޓީއެކެވެ .އަދި ހަމައެހެންމެ 2009 ވަނަ އަހަރާއި ހަމައަށް ޖަޕާނުގައި އޮތް “ލިބެރަލް ޑިމޮކްރެޓިކް ޕާޓީ “އަކީ ސިންގަލްޑޮމިނެންޓް ޕާޓީ އެކެވެ .

އިޝްތިހާރު Heyobas Ruqya Course Ad square

ދިވެހިރާއްޖޭގެ ސިޔާސީ ޖައްވަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ބިރުވެރިކަމަކީ ޕާޓީނިޒާމް އެކަށައެޅިފައި އޮތްގޮތުން “ސިންގަލް ޑޮމިނެންޓް “ޕާޓީ ސިސްޓަމަށް ބަދަލުވުމުގެ ނާމާންކަމެވެ .މިގޮތަށް މިކަން މެދުވެރި ވުމުގައި އިނގިލިދިއްކުރަންޖެހޭ ފަރާތަކީ ޕާޓީ ސިސްޓަމެވެ .ޕާޓީތައް ހިންގުމަށް އެކަށައެޅިފައި އޮތް ސިސްޓަމްގެ ކަމީނާކަމުން ނުވަތަ އެއްވެސް އުޞޫލެއް އެކަމުގައި ނެތުމުގެ ސަބަބުން އަބަދުވެސް ސަރުކާރު ހިންގުމުގެ ބާރު އެއްޕާޓީއެއްގެ މައްޗަށް ބިނާވެ ހިނގަމުންދާތަން އަހަރެމެން ދެކެން ޖެހި އެކަމުގެ ނާމާންކަން ވެރިވަނީއެވެ. .މިގޮތަށް ކަންތައްތައް މެދުވެރިވަނީ އަހަރެމެން ރައްޔިތުންނަށް ޕާޓީ އާއި މެދު ވިސްނޭ ގޮތްތަކެއްގެ ސަބަބުން ކަމުގައި ހީވި ނަމަވެސް ހަޤީޤަތަކީ ޕާޓީތަައް އެކަށައެޅިފައި އޮތް އުޞޫލުތަކާއި ޕާޓީތައް ހަރަކާތްތެރިވާ ޖައްވުގެ ސަބަބުން އަހަރެމެންނަށް ޕާޓީތަކާއި މެދު ވިސްނޭ ގޮތެެއްގެ ސަބަބުން ދިމާވާ މައްސަލައެކެވެ .އިދިކޮޅުޕާޓީ އެއްގައި ހަރަކާތްތެރިވާ ކޮންމެ މީހަކު ސަރުކާރުގެ ހިނގުމާއި ދެކޮޅަށް މަސައްކަތްކުރަންޖެހޭނެ ކަމަށް ވިސްނިފައި އޮންނަ ވިސްނުމާއި ، އިދިކޮޅު ސިޔާސީ ޕާޓީއަކީ ވެރިކަންކުރާ ޕާޓީ ފެެއިލްކޮށްލުމަށް ކުރެވުނުހާ މަސައްކަތެއް ކުރަންޖެހޭނެ ޕާޓީއެއް ކަމަށް ވިސްނައިދެވޭ ވިސްނުމެވެ .

ބަދަލުވުމެއްގެ ތެރޭގައި މަސައްކަތްކުރާ އިރު އިދިކޮޅު ސިޔާސީ ޕާޓީތައް ހަރަކާތްތެރިވަނީ ހިނގަމުންދާ ސިޔާސީ ނިޒާމް ފުނޑުފުނޑު ކޮށްލައި އަލުން އައު ނިޒާމެއް ގެނުމަށްކަމުން އިދިކޮޅު ޕާޓީތަކުގެ ރޫޙާއި ޖަޒްބާތަކީ ތަފާތު އެއްޗެކެވެ .އެހެނަސް އަހަރެމެން އެންމެން ޤަބޫލުކުރާ ސިޔާސީ ވިސްނުމަކަށް ޤައުމު ބަދަލުވުމަށްފަހު ސިޔާސީ ޕާޓީތައް ހިމެނެނީ ރިވޮލިއުޝަނަރީ (އިންޤިލާބީ ) ހަރަކާތްތަކާއި ދުރު ގުޅިގެން މަސައްކަތްކުރާ ސިޔާސީ ވިސްނުން ތަކެއްކަމުގައެވެ .މިގޮތުން ސިޔާސީ ޖައްވެއްގައި މަސައްކަތްކުރާ ކޮންމެ ޕާޓީއެއްގެ ވެސް އަމާޒަކީ މައިގަނޑު ގޮތެއްގައި އެއް އަމާޒެކެވެ .ޤައުމަށް ފާގަތި ދުވަސްތަކެއް ހޯދައިދިނުމާއި ތަރައްޤީ އާއި ކެރިފޯރުންތެރިކަން ރައްޔިތުންނަށް ގެނެސްދިނުމެވެ .ތަޢުލީމާއި ދުޅަހެޔޮ ޞިއްޚަތު ޤައުމުގެ ފަރުދުންނަށް ހޯދައިދިނުމެވެ .މިގޮތުން ކުރެވޭ މަސައްކަތްތަކުގައި ހުންނަ ޚިޔާލުތަފާތުވުންތަކަކީ ސިޔާސީ ޚިޔާލު ތަފާތުވުން ތަކެކެވެ .މިއިން އެއްވެސް ކަމެއް ޤައުމުގެ ފަރުދުންނަށް ޙާސިލްވުމަށް މަގުފަހިނުވާގޮތަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ނަމަވެސް މަސައްކަތްކުރާނަމަ އެ މަސައްކަތަކީ ސިޔާސީ ވިސްނުމާއި ވަރަށްދުރު ތަންދޮރު ނުދަންނަ ޖާހިލު ޢަމަލެކެވެ .އަހަރެމެންނަށް ދިވެހިރާއްޖޭގެ ސިޔާސީ ޖައްވުން މިކަން ކޮންމެވެސް މިންވަރަކަށް ފެންނަމުންދެއެވެ .މިހެންވަނީ ސިންގަލް ޑޮމިނެންޓް ޕާޓީ ސިސްޓަމަކަށް ދިވެހި ސިޔާސީ ޖައްވު ފިރުކާލާނެ ކަމުގެ ބިރުވެރިކަން ސިޔާސީ ޕާޓީތަކަށް ވިސްނޭތީކަމުގައި ވެދާނެއެވެ . ދިވެހިރާއްޖޭގައި އޮތް ޕާޓީ ސިސްޓަމް އިސްލާޚްނުކޮށްފިނަމަ މިގޮތަށް ގިނަ ދުވަސްތަކެއްވަންދެއް އެއް ޕާޓީއަކުން ވެރިކަން ކުރުމުގެ ސިޔާސަތާއި ދިވެހިސިޔާސީ ޖައްވު ކުރިމަތިލާންޖެހިދާނެ ކަމަށް ޤަބޫލުކުރެވެއެވެ . މަސައްކަތް ކުރެވޭނޭ ޕާޓީ ނިޒާމެއް އެކުލަވާލުމަކީ މުހިއްމުކަމެކެވެ .މިއަދު އަހަރެމެންނަށް ހީވެފައި އޮންނަ ފަދައިން “އިދިކޮޅު ޕާޓީ “ތައް ނައްތާލައި އުވައިލުމަކީ ޑިމޮރެޓިކް ވެއްޓެއްގައި “ހެޔޮވެރިކަމެއް “ކުރުމަށް އޮތް ފުރުޞަތު ހަނިވެގެންދާނެ ކަމެކެވެ .

ނޯޓް: މިއީ ޔޫސުފް ޔޫޝައު 2012 ވަނަ އަހަރު ޕަބްލިޝް ކޮށްފައިވާ “ހެޔޮވެރިކަމެއްގެ ނިމުން” މިފޮތުގައިވާ ލިއުމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.