ތުއްތު ދަރިފުޅު ދެނެގަތުން
ބޮޑެތި މީހުންނެކޭ އެއްފަދައިން ތުއްތު ކުދިންވެސް އެކުދިންގެ ވަށައިގެންވާ މާޙައުލުގައި ހިނގާ އެކި އެކި ކަންކަން ހޯދާ ބަލާ ދަސްކުރަނީ ތަޖުރިބާ އާއި ކުރެވޭ މުޢާމަލާތްތަކުންނެވެ. ތުއްތު ދަރިފުޅު ތިބާގެ މޫނަށް ބަލާލާފަ ހިނިތުން ވެލުމުން އެ ހިނިތުން ވެލީ ކޮން ސަބަބަކާ ގުޅިގެން ތޯ ވިސްނާލެވޭ ފަހަރު އާދެއެވެ.
މި ގޮތުން ދަރިފުޅުގެ ކުދިކުދި އެކިއެކި ހަރަކާތް ތަކާއި ހިނިތުންވުން ތަކަށް ސަމާލުކަން ދިނުމަކީ ތުއްތު ދަރިފުޅާއި ތިބާގެ ގުޅުން އިތުރު ކުރުމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ.
ދަސްކުރުން:
ވޮޝިންގޓަން ޑީ.ސީ ގެ ކްލިނިކަލް ސައިކޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އެލީޝާ ކްލާކް ބުނާ ގޮތުން ތުއްތު ދަރިފުޅުގެ ވިސްނުން ތަރައްޤީ ކުރުމަށް މައިންބަފައިންނަށް ކުރެވިދާނެ އެއްމެ މުހިއްމު އެއް ކަންތަކުގެ ތެރޭގައި ކުއްޖާގެ ސަމާލުކަން ހޯދައިގަނެވޭނެ އެކި ކަހަލަ އަޑު ތަކާއި ގަދަ ކުލަތައް ދެއްކުމާއި އަދި ދަރިފުޅާއި މުޚާޠަބުކޮށް ވާހަކަ ދެއްކުން ހިމެނެއެވެ.
އެލީޝާ ދެކެވަޑައިގަނަނވާ ގޮތުގައި މި ގޮތަށް ޢަމަލު ކުރުގެ ބޭނުމަކީ ތުއްތު ކުދިން ޅަފަތުގައި ކަންކަން ނަގައިގަނެ ދަސްކުރަނީ އިވޭ އަޑު ތަކުންނާއި ފެންނަ މަންޒަރު ތަކުން ކަމަށް ވާތީއެވެ.
ނިދުން:
ބޮޑެތި މީހުން ރޭގަނޑު ހަތެއް ނުވަތަ އަށް ގަޑި އިރު ނިދި މުހިއްމު ކަމުގައި ވީނަމަވެސް ތުއްތު ކުދިން ރޭގަނޑު ޢާންމު ގޮތެއްގައި ބާރަ ގަޑިއިރު ނިދައެވެ. ފުރިހަމަ ނިންޖަކީ ތުއްތު ކުއްޖާ ހެދި ބޮޑު ވަމުން އަންނައިރު ވަރަށް މުހިއްމު ކަމެކެވެ. ކުއްޖާގެ ޢުމުރުގެ ފުރަތަމަ އަހަރަކީ މިގޮތުން ކަންކަން އުނގެނި ދަސް ކުރުމުގައި ހޭދަ ކުރާނެ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު އެއް އަހަރު ކަމުން ފުރިހަމަ ނިދި ކުއްޖާއަށް ލިއްބައި ދިނުމަކީ ދަރިފުޅުގެ ދަސްކުރުމުގެ ޤާބިލް ކަމާއި ސިކުޑީ ތަރައްޤީ ކުރުމަށް އެޅިގެންދާނެ ވަރަށް ބޮޑު ބާރެކެވެ.
ގަދި އަލި އާއި ކުލަތައް
ދަރިފުޅުގެ ޢުމުރުން ހަ ހަފްތާއިން ފެށިގެން ލޮލަށް އެއްމެ ސާފުކޮށް ނޫން ނަމަވެސް ފެންނަން ފަށާނެއެވެ. އުފެދުމުގައިވެސް ތުއްތު ކުދިން ގަދަކުލަ އާއި ގަދަ އަލި ތަކަށް ސަމާލު ކަން ދެއެވެ. މިގޮތުން ގަދަ ކުލަތައް އެކުލަވާލައިގެން ތުއްތު ކުދިންނަށް ޚާއްޞަ ކޮށްފައި ހުންނަ ކުޅޭ އެއްޗެތި ދައްކައި ދަރިފުޅާ މުޢާމަލާތު ކުރުމަކީ ކުއްޖާގެ ސިކުނޑި ތަރައްޤީ ކުރުމަށް އެހީވެދޭނެ ކަމެކެވެ.
ތަޞައްވަރު ކުރުން
ސައިންޓިފިކް އެމެރިކަން ގެ ނަމުގައި ޔުނިވަރސިޓީ އޮފް ކެލިފޯރނިއާގެ ޕްރޮފެސަރ އޮފް ސައިކޮލޮޖީ އެލިސަން ގޮޕްނިކް ލިޔުއްވާފައި ގޮތުގައި ތުއްތު ކުއްޖާގެ ވިސްނުމާއި ތަޞައްވުރަކީ އެކުޖާ ދުނިޔެއަށް އަންނަ ފުރަތަމަ ދުވަހުން ފެށިގެންވެސް އުފެދެމުން ތަރައްޤީ ވަމުން ދާ އެއްޗެއްކެވެ.
ދަރިފުޅަށް ބަހުގެ ޒަރީއާއިން ބުނެދޭން ނޭނގުނު ކަމުގައި ވިޔަސް ދަރިފުޅުގެ ޙަރަކާތް ތަކަށް ނަޒަރު ހިންގާލައިފިނަމަ ދަރިފުޅު ވިސްނަނީ ނުވަތަ ބުނެދޭން ބޭނުން ވަނީ ކޮންކަމެއްކަން ދަނެގަންނާން އުނދަގުލެއް ނުވާނެއެވެ. މިސާލަކަށް،ގިނަ އެއްޗެހި ތަކެއް ހުރި ތަނަކުން ވަކި އެއްޗަކާ ދިމާލަށް ކުއްޖާގެ ނަޒަރު ހުރުން ނުވަތަ ފިރުކިފައި ގޮސް ނެގުމުން އެހެން އެއްޗެހީގެ ތެރެއިން އެ އެއްޗަށް ކުއްޖާގެ ޝައުޤު ވެރިވާ ކަން ހާމަވެއެވެ.
އަދި ހަމަ އެގޮތަށް ވަކި ކަމެއް ކުރުމުން ވާނެގޮތާއި އެހެން މީހުން އެކަމާ ދޭތެރޭ ދެކޭނެ ގޮތާއި އަދި ނިކުމެދާނެ ނަތީޖާ ވެސް ބޮޑު ވަމުން އަންނަ ކުދިން ތަޞައްވަރު ކުރެއެވެ. މިސާލަކަށް، ބަނޑު ހައިވީމަ ބުނެދޭން ނޭނގުނު ކަމުގައި ވިޔަސް ރޯން ފެށުމުން ބޮޑެތި މީހުންގެ ސަމާލުކަން ކުއްޖާ އަށް ލިބި ކާންދޭނެ ކަން ދަނެގަނެއެވެ.
އިޙްސާސް
ކުއްޖާގެ ހިއްސުތައް، ކަންކަން ނަގައިގަތުމާއި ދަސްކުރުގައި ވަރަށް މުހިއްމު ބައެއް އަދާކުރެއެވެ. މިގޮތުން ބަނޑުހައި ހޫނުކަމުގެ އިޙްސާސް އާއި ހަޖަމް ކުރުމުގައި ދިމާވާ އެކި އުނދަގޫ އިޙްސާސް ތަކަކީ ކުއްޖާއަށް ވަރަށް އަސަރު ކުރުވަނިވި ކަންކަމަށް ވީ ހިނދު ތުއްތު ދަރިފުޅުގެ މި ދެ ކަންތަކަށް ލޯތްބާއި އޯގާތެރިކަމާއެކު އިޖާބަ ދިނުމަކީ ކުއްޖާގެ ޒަރޫރީ ބޭނުން ފުދުމުގެ އިތުރުން ލޯތްބާ އަޅާލުމުގެ އިޙްސާސް ވެސް ކުއްޖާއަށް އިޙްސާސް ކުރުވައިދޭ އަދި ކުއްޖާ އާއި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަ
ކުރުމަށް އެހީވެދޭ ކަމެކެވެ
ފާހަގަ ކުރުން
ދުނިއެއަށް އުފަންވާ ވަގުތުން ފެށިގެން އިންސާނުން ގެ މޫނު ފާހަގަ ކުރުމުގެ ޤާބިލް ކަމާއި މޫނުމަތީގެ އުފާވެރި އަދި ހިތާމަވެރި ސިފަ ދަނެގަންނަން ތުއްތު ކުދިންނަށް އެނގޭ ކަމަށް އެމެރިކާގެ އާރބަން ޗައިލްޑް އިންސްޓިއުޓް އިން ކޮށްފައިވާ ދިރާސާއެއްގައި ހާމަކޮށްފައި ވެއެވެ. ތުއްތު ދަރިފުޅުގެ މޫނަށް ބަލާ ވާހަކަ ދައްކައި ހިނިތުންވެ މޫނުން ވަސްގަނެ ހެދުމުން ދަރިފުޅުގެ ވިސްނުމުގެ ބާރު އިތުރުވެ ދަރިފުޅާ އޮންނަ ގުޅުން ބަދަހި ކޮށްދޭ ކަމަށްވެސް މި ދިރާސާގައި ބަޔާން ކޮށްފައިވެއެވެ
ގުޅުން ބަދަހި ކުރުން
ތުއްތު ކުދިން އެ ކުދިން ގެންގުޅޭ މީހުންނާ ގުޅުން ބަދަހި ކުރުމުގައި އެކުދިންނަށް ކޮށްދޭ އެކިއެކި ކަންކަން، މިސާލަކަށް ކާން ދިނުން، ނެޕީ ބަދަލު ކުރުން، ފެންވެރުވުމާއި ނިންދެވުން، ފަދަ ކޮންމެ ކަމެއްގައިވެސް އެ ކުއްޖާ ގެންގުޅޭ މިހާ އާއި ވާހަކަ ދައްކާ ގުޅުން ބަދަހި ކުރަން ދަސްކުރެއެވެ. ބަދަހި ގުޅުމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތުއްތު ދަރިފުޅާއި ދެމެދު ބިނާ ކުރަން ބޭނުންކަމުގައި ވާނަމަ ތުއްތު ދަރިފުޅާއި ހީ ސަމާސާކޮށް އުފާވެރި ކަމާ ލޯތްބާއެކު މުޚާތަބު ކުރުމަކީ އޭގެ ހެޔޮ އަސަރުތައް ކުއްޖާގެ ހެދި ބޮޑުވުމުގައްޔާއި ވާހަކަ ދައްކަން ދަސް ވުމަށްވެސް އެހީވެދޭ ކަމެކެވެ.