ކައިވެނީގެފަހުން ޓޭޑަކަށް ގޮއްސިންތަ؟ (1)

ޑޭޓް ކުރުމަކީ ކޮންކަމެއްކަން ނޭގޭމީހަކު ވަރަށް މަދުވާނެއެވެ. ކާވެނީގެ ކުރިން ޑޭޓްކުރާމީހުން ވަރަށް ގިނަވިޔަސް ކާވެންޏަށްފަހު ޑޭޓްކުރާ މީހުން ވަރަށް މަދެވެ.

ޑޭޓް ކުރުމަކީ ހާދަހާވާ ނުރަނގަޅު ބޭއަދަބީ، ބަދުއަޚުލާޤީ، ލާދީނީ ޢަމަލެކެވެ. ޑޭޓުކުރުމަކީ ދެޖިންސުގެ މީހުން ކާވެނިން ބޭރުން އެކިއެކި ޒާތްޒާތުގެ ގުޅުން ހިންގުމަށް ބޭނުންކޮށްއުޅޭ ޝިއާރެކެވެ. މިއީ އިސްލާމްދީނާ ވަރަށް ބީރައްޓެހި ކަމެކެވެ. އެދީނުގެ އުޞޫލުތަކާއި ސުލޫކުތައް މުޅިން ފޫވައްޓާލާ ނެތިކޮށްލާ ވިޔާނުދާ ޢަމަލެކެވެ. އެހެނަސް ހިތާމައަކީ މުސްލިމުން މިިއަދު މިތިބެނީ ހުޅަނގުންދެއްކި ދަޅަތަކުގައި ޖެހި ހާންތިވެފައެވެ. ތިމާގެ ދީނުން ތިމާ ބޭރުވެހިނގައިދާނެ ކަންކަމާއި އެދީނުގެ އިމުގައި ތިބެވޭނީ ކިހިނެއް އުޅެގެންކަން މިއަދު ގިނަ މުސްލިމުން ދަސްކޮށްފައެއް ނުވެއެވެ. އެހެންކަމުން ޝައިޠާނާގެ ވަސްވާހުގައި ޖެހޭކަށް ލަހެއްފަހެއް ނޯއެވެ. ދުނިޔޭގެ ޒީނަތްތެރި ކަމުގެ ތެރެއިން ފެންނަ ކޮންމެ ކަމަކާއި އެއްޗެއް ބަލައިގަތުމަށް ތިބެވެނީ ތައްޔާށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ދުނިޔެ ދައްކާ ކުލަމަޖާތަކުގެ ތެރެއިން، އިންސާނާ ހައްލުވާލާ މައިގަނޑު ދެ އެއްޗެއްވެއެވެ. އެއީ ފައިސާއާއި އަންހެނުންނެވެ. ފައިސާގެ ސިހުރުގައި ނުޖެހި ސަލާމަތްވާ މީހުންވެސް މަދު ފަހަރަކު ނޫނީ އަންހެނެއްގެ އަވައިގާޖެހި މަގު ގެއްލޭގޮތްވެއެވެ. ޚާއްޞަ ގޮތެއްގައި ޒަވާޖީ ޙަޔާތެއްގައި މަޝްޣޫލުވުމުގެ ކުރިން ޒުވާން ޢުމުރު މަޖަލާ އުފަލުގައި ހޭދަކޮށްލާއިރު، ދެޖިންސު މަސްހުނިވެގެން އުޅުން ވެފައި އޮންނަނީ މަޖަލުގެ އެންމެ މަތީ ދަރަޖަ ކަމުގައެވެ. ޖޯޑުހަމަނުކޮށް އުޅޭ ކޮންމެ ޒުވާނަކީ އޭނާގެ އެކުވެރިންގެ ކައިރީ ފިނޑިއެއްގެ ގޮތުގައި ބެލެވެއެވެ. އެހެންކަމުން ތިމާގެ ހިތް ކިތަންމެ ބިރުގަތަސް، ނަފްސު އެކަމަށް ނޭދުނަސް، އެފަދަކަމަކަށް ނޫނެކޭ ނުބުނެވި އެއްފަހަރުވެސް ނުބަޔަކަށް އަރައިގަނެވިއްޖެނަމަ، ދެން އެކަމުގެ ބިރު ހިތުން ފިލާގޮސް އެފަދަ ނުބައި ތަކުރާރު ކުރެވޭގޮތް ވެއެވެ. އެގޮތުން ދެޖިންސު އެކުވެ އުޅުމަށް ބޭނުންކުރާ ޝިޢާރު ކުރިއަށްނެރެ ބިރަކާނުލާ ޑޭޓްކުރުންފަދަ ހަޑިމުޑުދާރު ޢަމަލުތަށް ހިންގޭތަން އާދެއެވެ.

ޑޭޓް ކުރުމަކީ ހަޑި ކަމެކޭ ބުނުމުން އެކަމުގެ މުޤާބިލުގައި ބަސްބުނާ ބަޔަކު ތިބެދާނެެއެވެ. އެއީ ފާހިޝް ޢަމަލެއް ނޫންކަމަށް ވަކާލާތުކުރާނެ ހެކިތައް އެމީހުން ދައްކަފާނެއެވެ. އެއީ ހަމައެކަނި ރޭގަނޑުގެ ކެއުމަކަށް ގޮސްލުމޭ ބުނެފާނެއެވެ. އެކުވެރިއަކަށް ކާންދިނުމަކީ މައްސަލައެއްނޫން ކަމުގައި ވިސްނަދީފާނެއެވެ. ތެދެކެވެ! މީހަކަށް ކާންދިނުމަކުން މައްސަލައެއް ނެތެވެ. ސުވާލަކީ ތިބާ އެ ޑޭޓަށް ދިޔަ މަގުމަތީ ތިމާކުރިމައްޗަށް އަރާ ސަލާންޖަހަން އަތްދިއްކޮށްލި އަންހެންމީހާ ގޮވައިގެން ކާން ނުދިޔައީ ކީއްވެގެން ހެއްޔެވެ. އޭނާވެސް ހުރީ އަދި ރޭގަނޑު އެއްޗެއް ނުކައިކަމުގައި ވެދާނެއެވެ. ނުވަތަ މުޅިދުވަހު ކާނެއެއްޗެއް ނެތިފައިކަމުގައިވެސް ވެދާނެއެވެ. ދެން އެންމެ ރަނގަޅެވެ. އެއީ ތިމާގެ ރައްޓެއްސަކަށް ނުވީތީ އޭނާއަށް ކާނެ ފައިސާ ދީފައި އޭނާ ފޮނުވާލީ ތިމާގެ ރައްޓެހި ކުއްޖާއާއި އެކު ކެއުމަކަށް ދާންވެގެންނެވެ. އެއީ ފާޙިޝްކަމުގެ އެއްވެސް ނިޔަތެއް ނެތިކަމުގައިވެސް ވެދާނެއެވެ. އެހެންނަމަ، އެކުއްޖެއްގެ ޢާއިލާ މީހަކު އެކުއްޖާއާއިއެކު ނުގެންދިޔައީ ކީއްވެހެއްޔެވެ؟ ދެޖިންސުގެ ދެމީހުން އެކަނިވަނީ ކީއްކުރަންބާއެވެ؟ އަންހެނަކާއި ފިރިހެނަކު އެކަނިވެއްޖެނަމަ ތިންވަނަމީހަކަށް ޝައިޠާނަކު ހުންނާނެކަމަށް މިއުއްމަތުގެ މުރްޝިދް ޙަދީޘް ކުރައްވާފައިވާކަން ތިބާއަށް އެނގޭނޫންތޯއެވެ؟ ޒުވާން އުމުރުގައި ލޯބީގެކުޑަ ނަގައިގެން އޭގެނިވަލުގައި ފާޙިޝް ޢަމަލުކުރަމުން ގެންދަނީ ކިތަށް ޒުވާނުންހެއްޔެވެ؟ މީ ހިތާމަހުރި ކަމެކެވެ.
ދެޖިންސު އެކަހެރިނުވާން އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރުއަޅުއްވާފައި ވާއިރުވެސް، އަންހެން ކުދިންނާއި ފިރިހެންކުދިން އެއްކޮށް ޑޭޓް ކޮށްހަދަނީ ކާވެނިކުރާނެ ރަނގަޅު ކުއްޖަކު ހޯދުމުގެ ނަމުގައެވެ. ކާވެންޏަކައި ހަމައަށް ދެވެންދެން ޖީބުހުސްވަންދެން ކާންދީ ހަދައެވެ. އަދި އެވަރުން ނުވެގެން ދަރަންޏަށް ނަގައިގެންވެސް، ބާރތުޑޭ ޑީނާރ އާއި އެނިވާރސަރީ ޑޭޓް ކޮށްނުލައިފިނަމަ، ކަމަކުނުދެއެވެ. ތިމާ އެމީހަކާއެކު ޢުމުރު ދުވަހު އުޅެން ހޯދާ އަނބިމީހާ ކާވެނީގެކުރިން ތިތައްޔާރު ކުރަނީ ޙަޤީޤަތެއްނެތް އިސްރާފުތަކަކަށް ރުހޭ މީހަކުކަމުގައެވެ. އަދި ތިބާ އޭނާއަށް ތިދައްކަނީ ޙަޤީޤަތެއްނެތް މުއްސަނދި ކަމެކެވެ. މިފަދަ ޚިޔާލީ ކޯރެއްގައި އޮޔާދެމެމުންގޮސް ކާވެންޏެއްގެ އައްސޭރިއަށް އާދެވެނީ މަދު ބަޔަކަށެވެ. އެމީހުން ކައިވެނީގެ ފަހުންވެސް ޑޭޓް ކުރާބަޔަކަށް ވެއްޖެނަމަ ވާނީ ކިހިނެއްބާއެވެ؟
– ނުނިމޭ –

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.