ކައިވެނީގެފަހުން ޓޭޑަކަށް ގޮއްސިންތަ؟ (2)

ކާވެނީގެފަހުން ޑޭޓް ކުރާނަމަ ނިކުންނާނީ ނޭދެވޭ ނަތީޖާއެއްކަން ކޮންމެ މީހަކަށްވެސް ޤަބޫލުކުރެވޭނެވެ. އެހެނަސް އެއީ އެންމެ ޙާލަތެއް ފިޔަވައެވެ. އެއީ ތިބާ ތިބާގެ އަނބިމީހާއާއިއެކު ޑޭޓް ކުރުން ފިޔަވައެވެ. ދެމަފިރިން ޑޭޓްކުރާނަމަ ނިކުންނާނީ އެދެވޭ ރަނގަޅު ނަތީޖާއެކެވެ. މާބޮޑަށްވެސް ހިތްގައިމު އުފާވެރި ޙާލަތެކެވެ.

ގޭގައި ގިނަވަގުތު އުޅޭ މީހަކީ އަނބިމީހާއެވެ. އޭނާގެ ދަރިން ބެލުމުގައި އަވަދިނެތި ދުވާލުގެ ވަގުތަށް އެއްކޮށްކަހަލަ ގޮތަކަށް ހޭދަކޮށްލަނީ 10 ފޫޓު 12 ފޫޓު ކޮޓަރިއެއްގައެވެ. ތެދެކެވެ. ފިރިމީހާ އުޅެނީ އަނބިމީހާގެ ޙައްޤުގައި މަސައްކަތްކުރާށެވެ. ދެމީހުންވެސް ބުރައެވެ. އެހެނަސް ތަފާތު ކަމެއް އެބަހުއްޓެވެ. މާޙައުލު ބަދަލުވުމެވެ. ކޮންމެ ދުވަހަކު ފިރިމީހާގެ މާޙައުލު ދެތިން ފަހަރު ބަދަލުވާއިރު އަނބިމީހާ އިންނަނީ އެއްމާޙައުލެއްގެ ތެރޭގައި ހަފްތާ ގުނާލަ ގުނާލައެވެ. ދަރިން ތިބިނަމަ އެއްކަމެއް ތަކުރާރު ކޮށްލަ ކޮށްލާ ހަމަ އެމާހައުލުގައި މަސްދުވަސް އިންނަންޖެހޭ ފަހަރުވެސް އާދެއެވެ. އެއީ އޭނާގެ މުޅި ދުނިޔެއެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

މިގޮތަށް ކަންތައްވާނަމަ ދެމަފިރިންގެ ދެމެދުން ނުފެށި ނުދާނެ ގިނަމައްސަލަތަަކެއް ފެންމަތިވަމުން އަންނަކަން ތިބާއަށް ފެންނާނެއެވެ. އެއީކީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއްނޫނެވެ. އެޙާލަތު ބަދަލު ކުރުމަށްޓަކައި ދޭތެރެ ދޭތެރެއިން މާޙައުުލު ބަދަލު ކޮށްލަން ވާނެއެވެ. އެކަމަށްޓަކައި އެންމެ ރަނގަޅު އެއްފަރުވާއަކީ ދެމަފިރިން އެކުގައި ޑޭޓްކޮށްލުމެވެ. ގޭތެރޭގެ މާޙައުލު ދޫކޮށް ބޭރު ކޮންމެވެސް ތަނަކަށް ކެއުމަކަށް ގޮސްލުން އެއީ ވަރަށް ރަނގަޅުކަމެކެވެ. ދެމަފިރިންގެ ހިތުގައި އިންތިޒާރީއެއްގެ ޖޯޝް އުފައްދާނެކަމެކެވެ. ލޯބީގެ ޙާޤީޤީ ފޮނިކަމަކީ އިންތިޒާރެވެ. ގޭގައި އިންނަ އަނބިމީހާ އޭނާގެ ފިރިމީހާދެކެ މާބޮޑަށް ލޯބިވާސަބަބަކީ އޭނާއަށް ކުރެވޭ އިންތިޒާރެވެ.

މިގޮތަށް ޑޭޓް ކުރުމަށް ތަރުތީބު ކޮށްލާނެ ބައެއް ގޮތްތަށް ލިޔެލާނަމެވެ.

1- މިކަމަށްޓަކައި ދުވަހެއް ހުސްކޮށް ކުރިޔާލާ ތާރީޚެއް ކަނޑައެޅުން
މީ ވަރަށް މުޙިއްމު ކަމެކެވެ. އެދުވަހުގެ އެވަގުތަށް އިތުރު އެއްވެސްކަމެއް ހަމަޖައްސައިގެން ނުވާނެއެެެވެ. އެއީ އެވަގުތަކީ އިންތިޒާރު ކުރެވޭ ވަގުތަކަށް ހެދުމަށްޓަކައެވެ. އަދި ހަމަ އެހެންމެ އެވަގުތަށް ތައްޔާރުވުމަކީ އެކަމުގެ އަހައްމިއްޔަތު ތިބާއަށާއި ތިބާގެ ބައިވެރިޔާއަށް ވިސްނޭނެކަމެކެވެ. ޤުދުރަތީ ކާރިޘާއެއް ނުވަތަ މައިންބަފައިންގެ އެދުމެއް ނާންނަނަމަ އެއްގޮތަކަށްވެސް ޑޭޓަށް ކަނޑައަޅާ ވަގުތަށް އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެވެ. އަދި އެކަނޑައެޅި ވަގުތަށް ދެމަފިރިންވެސް އިޙްތިރާމު ކުރަންވާނެއެވެ.

2- ދެމަފިރިން ފުރުޞަތު ނަގައިގެން ދެފަހަރު ދެމީހުން ޑޭޓް އިންތިޒާމް ކުރުން
ކޮންމެ މީހެއްގެ ކިބައިގައިވެސް އަމިއްލަ ޚިޔާލާތާއި ފިކުރު ހުންނާނެއެވެ. އެހެންކަމުން ތިބާ އިންތިޒާމްކުރި ގޮތެއްގައި ހުރި ފުރިހަމަކަމެއްފެނި ތިބާގެ ބައިވެރިޔާވެސް އެފަދަ ފުރިހަމަކަމެއް ތިބާއަށްޓަކައި އިންތިޒާމުކޮށްދިނުމުގެ އެދުން އޮވެދާނެއެެވެ. ދެމަފިރިންނަށް ބަހައިލައިގެން ޑޭޓް އިންތިޒާމު ކުރާނަމަ، އެކަކު އަނެކަކު އުފާކޮށްދިނުމުގެ ގޮތުން ޙައިރާން އަންތަރީސް ކުރުވާ ވަރުގެ މޮޅެތި އިންތިޒާމުތަށް ފެނިގެން އަންނާނެއެވެ. މިކަމުގެ ސަބަބުން ދެމަފިރިންގެ ގުޅުން ބަދަހިވެ، އެކަކު އަނެކަކަށް އިތުރަށް ދަސްވަމުން އަންނާނެއެވެ.

3- ޑޭޓްގެ ވަގުތު، ވީހާވެސް ސާދާ ވުން
ޑޭޓްގެ ވަގުތުގައި ސާދާވުމަކީ، ހީ ސަކަރާތްޖަހާލާ، މަޖާކޮށްލާ ހެދުމެވެ. ސީރިއަސް ކަމާއި ވިސްނުންތަކުން ފުރިފައިވާ ސިކުނޑިއަކައިގެން ޑޭޓް ކުރާނަމަ، ބައިވެރިޔާއަށް ބީރައްޓެހިގޮތް އިހުސާސް ކުރެވި އޭނާގެ އިންތިޒާރީގެ ފޮނިކަން ހިތި ވެދާނެއެވެ. ކުޑައިރު އުޅުނު މަޖާ، ސަކަ މިޒާޖު ތިބާގެ އެތެރެއިން ނެރެ ބައިވެރިޔާ އުފާކޮށްދޭންވާނެއެވެ.

4- ޑޭޓަށް ތައްޔާރުވުމުގެ ގޮތުން ކުޑަކުޑަ ޚާއްޞަ ހަދިޔާއެއް ތައްޔާރުކުރުން
ތިބާގެ ބައިވެރިޔާއަށް ހަަދިޔާއެއް ދިނުމަކީ، ލޯބި އިތުރުވާނެކަމެއެވެ. ޑޭޓެއްގެ ކުރިން ހަދިޔާއެއް ހޯދަން އުޅޭނަމަ، ޑޭޓަށް ކުރާ އިންތިޒާރީގެ ތެރޭގައި ޢަމަލީ ޙަރަކާތްތަކެއް ހިމެނިގެން ދާނެއެވެ. އޭގެސަބަބުން ތިބާގެ ހިތުގައި ބައިވެރިޔާގެ ހަނދާން އާވެއާވެ ހުންނާނެއެވެ. ތިބާގެ ސިކުޑީގައި އޭނާގެ ސޫރަ އަބަދު ސިފަވަމުން ދާނެއެވެ. އޭނާއަށް މިފަހަރު ގެންދާނެ އެންމެ ރަނގަޅު އެއްޗަކީ ކޮބައިތޯ އަބަދު ވިސްނޭނެއެވެ. އަދި ހަމައެހެންމެ ތިބާގެ ބައިވެރިޔާ މިފަހަރު ތިބާއަށް ދޭނީ ކޮން ހަދިޔާއެއްބާއޭ އަބަދު އަބަދު ތިބާގެ ހިތާހިތުން ސުވާލު ކުރެވޭނެވެ. މާނައަކީ ދެމަފިރިންވެސް އޭރުން އަބަދު ތިބޭނީ އެކަކު އަނެކަކުގެ ޚިޔާލާތާއި ފިކުރާތު ތަކުގެތެރޭގައެވެ.

5- ޚަރަދު ބޮޑުކުރުމެއްނެތި ހޭދަކުރުމާއި، އެކަމުގެ މައްޗަށް ހިތްހަމަޖެހުން
މިއީ ދެނެގަތުން ވަރަށް މުހިއްމު ނުކުތާއެކެވެ. މިފަދަ ކަންކަމުގައި ޚަރަދު ކުޑަކުރެވޭތޯ ބަލަންވީއެއްނޫނެވެ. އަދި ތިމާއަތުގައި ނެތްވަރުން ހޭދަކުރަން ވިސްނަންވީއެއްވެސްނޫނެވެ. އެކަށީގެންވާ މުނާސަބު އަގެއްގައި ކަންކުރެވޭތޯ ބަލަންވީއެވެ. ޚަރަދު ބޮޑުކުރުމަކީ އިސްރާފެކެވެ. އަދި ހަމައެއާއިއެކު ހޭދަކުރި އެއްޗެއްގެ މައްޗަށް ވަރަށްބޮޑަށް ރުހެންވާނެއެވެ. އޭތި ނުގަނެވުނުނަމައޭ ނުވަތަ މިލާރިން އެހެން ކަމެއްކުރެވުނު ނަމައޭ ކިޔާ ކުރެވުނު ކަމުގެ މަތިން ފޫހިވެ މާޔޫސްވެގެން ނުވާނެއެވެ. އެހެނީ އެކުރެވިދިޔަ ހޭދައަކީ ތިބާގެ އަމިއްލަ އާއިލީ ހަމަޖެހުމާއި ހިތްގައިމުކަމަށް ކުރެވުނު ހޭދައެކެެވެ.

6- ދޭތެރެ ދޭތެރެއިން ޑޭޓްކުރުން ތަކުރާރުކުރުން
އެއްތަރުތީބަކުން ނުކުރިކަމުގައިވިޔަސް މާބޮޑަށް ދޭތެރެ ދޫރުނުވާނޭހެން ޑޭޓް ކުރުން ތަކުރާރުކުރެވޭތޯ ބަލަންވާނެއެވެ. ކުރިޔަށްްއޮތް ޑޭޓަށް ދެމަފިރިންނަށް އިންތިޒާރު ކުރެވޭނީ އޭރުންނެވެ.

ޙަޤީޤަތުގައި ޑޭޓް ކުރަންވީ ކާވެންޏަށް ފަހުއެވެ. އޭގެކުރިން އެކުރެވެނީ ޙަރާމްކަމެކެވެ. ކާވެންޏަށްފަހު ތިބާ ތިވަނީ ތިބާގެ އަނބިމީހާއާއި އެކުއެވެ. ވީމާ އެއީ ޙަރާމްކަމަކަށް ނުވާނެއެވެ. ދެމަފިރންގެ ދެމެދު މައްސަލަޖެހެން ދޫކޮށްލެވިފައި އޮތުމުގެ ނުބައިކަން މާބޮޑެވެ. ކާވެނިތަށް ފުރިހަމަ ޞިއްޙަތެއްގައި ދެމެހެއްޓުމަށްޓަކައި ކާވެނި ޝަރުޢު ކުރެއްވި ފަރާތަށް ދުޢާކުރުމަށްފަހު ތިބާއަށް ކުރެވެންހުރި ހުރިހާ ކަމެއް އެކަމުގައި ކުރަންވާނެއެވެ. ހުރިހާ ވަޞީލަތެއްގައި ހިފަންވާނެއެވެ. ކާވެންޏެއް ރޫޅި ދިޔުމަކީ ހާދަހާވާ ހިތާމަވެރި ކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.