ބޮޑު ހިސާބުގައި ޖެހިއްޖެ، ދެން ހުއްޓާލާ!

އިންސާނުން ބޮޑާވެ ކިބުރުވެރިވާން ވާނީ ވެސް ވަކި މިންވަރަކަށެވެ. ކޮންމެ ކަމެއްގައި ވެސް ވަކި ހައްދެއް އޮތުމަކީ އިންސާނީ ފިޠުރަތު ގަބޫލުކުރާ ހަމައެކެވެ. އިންސާނާއަށް ދުނިޔެމަތީގައި ލިބޭ އެންމެ ބޮޑު އެއް ނިކަމެތިކަމަކީ ތިމާގެ ބަލިކަށިކަމާއި ނިކަމެތިކަން ހަނދާން ނެތި، ތިމާ ދުނިޔެއަށް ފޮނުވުމުގެ ޙަޤީޤީ މަޤްޞަދުތަކުގެ މަތިން ހަނދާން ނެތުމެވެ. މިއަށްވުރެ ވަކި ބޮޑު ޖާހިލުކަމެއް ކޮބާހެއްޔެވެ؟
އެއްވެސް އާރެއް ބާރެއް ނެތް ގޮތުގައި ޚަލްޤުކުރައްވައި، ދުނިޔެއަށް ފޮނުއްވި މި އިންސާނާއަށް އޭނާގެ ރައްބަކީ އެއްވެސް އާރެއް ބާރެއް ނެތް ފަރާތަކަށް ހަދައި، އެ މަތިވެރި ރައްބުގެ އިލާހުވަންތަކަމަށާއި، އެ އިލާހުގެ ކަލާނފުޅަށް ގޮންޖަހައި ވާހަކަ ދެއްކޭނެ ހަމައެއް، މިނިވަންކަމެއް، ޤާނޫނެއް، އޮންނާން ވާނެކަމަކަށް، އަޅުގަނޑުމެންގެ ތެރެއިން “ހަމައިގައި ތިބޭ މީހުން ދެކޭނެކަމަކު ނެތޭ” ބުނުމަކުން މައްސަލައެއް އޮންނާނެތޯއެވެ؟ ހަމަގައިމު ވެސް އެކަމަކީ މުސްލިމުންގެ އަޤީދާއެއް ނޫނެވެ. އެއީ ކޮންބައެއްގެ އަޤީދާއެއްތޯ ކަނޑައަޅުއްވާނީ ތިޔަ ކިޔުންތެރިންނެވެ.

އަޅުގަނޑުމެން ދިވެހިންނަކީ، މާތް ﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، ޒަމާނުއްސުރެ އިސްލާމް ދީނުގެ ހިދާޔަތުގައި ތިބި ބަޔެކެވެ. ރާއްޖެއަށް އިސްލާމްދީން އައި ގޮތާއި، ރާއްޖެ އިސްލާމްވުމަށް ކުރި ދަތުރުގެ ވާހަކަ މި މަޢުޟޫގެ ތެރެއިން ދައްކާކަށް ނެތީމެވެ. އަޅުގަނޑުމެން މިފަދަ މާތް، ސާފު އަޤީދާއެއްގެ މަތީގައި މި ތިބޭ ތިބުމަކީ އެކަމާމެދު ބަޔަކު ހިތަށް ކެތް ނުވާހާ އަސަރު ކުރާނެ ކަމެކެވެ. އެކަމާމެދު އެތައް ގޮތަކުން ހަސަދަވެރިވާނޭ ކަމެކެވެ. މިފަދަ ފަރާތްތަކަކީ އެބައިމީހުންގެ ވިސްނުމާއި ފިކުރުން އަޅުގަނޑުމެންގެ އަޤީދާ ބަދަލު ކުރުމުގެ މަސައްކަތް ކެނޑި ނޭޅި ކުރަމުންދާ ފަރާތްތަކެކެވެ. ހިތާމައަކީ މިފަދަ ކަންކަމަށް ވާގިވެރިވާނޭ ފަރާތްތަކެއް މި ލޮބުވެތި ބިމުން އުފަންވެފައިވާ ކަމެވެ. އެ “ބައިގަނޑު”ގެ ވަބާ ފެތުރިގެން ގޮސް، އަޅުގަނޑުމެންނަށް ނޭނގި ތިއްބައި ވަނީ މި ގައުމުގެ “ކަށީގައި” ހިފައި ތަތްކޮށްލާފައެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ހަމަބުއްދިން ވިސަނައި ފިކުރު ކުރުމުން އެނގިގެން ދަނީ، އެފަދަ ފަރާތްތަކުގެ އަސަރު މުޅި ގައުމުން ފެންނަމުންދާކަމެވެ.
ތެދުތެދަށް ދަންނަވާނަމަ، އަޅުގަނޑުމެންގެ ހާލަތު ވަރަށް ގޯހެވެ. ގައުމުގެ މަތީ ފަޑީގައި، ގައުމު ހިންގުމުގެ އިސް ވާޖިބު ކޮނޑުއަޅައިގެން، މަތިވެރި ހުވައަކުން ހުވާކޮށްގެން ތިބި ފަރާތްތަކަކީ، ހަޤީޤީ ސިފައެއްގައި މާތްވި އިސްލާމް ދީނަށް ނަސްރު ދޭން ތައްޔާރަށް ތިބި ފަރާތްތަކެއްކަމާމެދު ސުވާލު އުފެދޭ ދަރަޖައަށް ކަންކަން މިވަނީ ގޮސްފައެވެ. ރައްޔިތުންގެ ސަރުކާރުން ރައްޔިތުންގެ އަޑަށް ބީރު ކަންފަތެއް ދީގެން، ހަނު ތިބޭ ތިބުމަކީ، އެކަން އެގޮތުގައި ދެމިގެންދާ ކޮންމެ ދުވަހެއްގެ މައްޗަށް، އެފަރާތްތަކާމެދު އޮތް އިތުބާރާއި ޔަޤީންކަން ކުޑަވެގެންދާ ދުވަހެކެވެ. މިއަދު ގައުމަށް ދިމާވެފައިމިވާ ނުރައްކާތެރިކަމަކީ އާދައިގެ ކަމެއްކަމުގައި ދެކެވިއްޖެނަމަ، އަޅުގަނޑުމެންގެ އިސްލާމީ ނޫރު މި ބިމުން ފޮހެވިގެން ދިއުމަކަށް މާ ގިނަ ދުވަހެއް ނުނަގާނެއެވެ.

ހަޤީޤީ އަސްލު ނުކުތާއަށް ދަމާތޯއެވެ. މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކު (އެމް.ޑީ.އެން)ގެ ފަރާތުން، “ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް”ގެ ނަމުގައި އާންމުކުރި ލާދީނީ ރިޕޯޓަކީ އަޅުގަނޑުމެންގެ އަޤީދާއާއި ދީނަށާއި، އަޅުގަނޑުމެން އެފަރާތެއް ދެކެ އިންތިހާއަށް ލޯބިވާ މާތް ނަބިއްޔާގެ ކަރާމަތާއި ޤަދަރާއި ޢިއްޒަތަށް އުނިކަން ލިބޭނެ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަން، މެންދުރުގެ އިރުފަދައިން ހާމަކަން ބޮޑު ގޮތެއްގައި ފާޅުވާން އޮތް އިރު، އެ ލާދީނީ ޢަމަލު ހިންގި ފަރާތްތަކަށް ޙައްޤުވާ އަދަބު ނުދެވި ލަސްވަނީ ކީއްވެތޯއެވެ؟ މުސްލިމުންގެ ޖާނާއި މާލަށްވުރެ އެ ރަސޫލެއްދެކެ ލޯބިވާ، މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމައަށް ފުރައްސާރަކޮށް ބަދުބަސް ބުނުމަކީ އެކަމާ އަޅާނުލާ ހުރެވޭނެ ކަމެއް ނޫނެވެ. އެފަދަ ނުބައި ޢަމަލެއް މި ފަސްގަނޑުގައި ހިނގައިގެން ދިޔުމަށް، އިސްލާމް ދީނާއި މާތް ނަބިއްޔާގެ މައްޗަށް ޒައްރެއްގެ މިންވަރު ވެސް ލޯބި ހުރި އެއްވެސް ދިވެއްސަކު ބޭނުމެއް ނުވާނެއެވެ.
ކީރިތި މާތް ނަބިއްޔާއަށް ފުރައްސާރަ ކުރުމުން ތިޔަ ޖެހެވުނީ “ބޮޑު ހިސާބުގަ”އެވެ. މިހާރު ތިޔަ ހުރީ ދެކެވޭ ވާހަކައިގައި ތިމާ ކުށްވެރިވާ ހިސާބަށް ގޮސްފައެވެ. އަދި ދެކެވޭ ވާހަކައަށް އަޑުއަހާ މިހާއަށް ޖަވާބު ނުދީ ނުހުރެވޭ ހިސާބަށް ގޮސްފައެވެ. އެހާހިސާބުން، ޢީމާންކަމުގެ ޒައްރެއްގެ މިންވަރު ވެސް ހިތުގައިވާ މީހާ ބަސްބުނާނެއެވެ. އެކަމާ ނުރުހުން ވާނެއެވެ. ދީނަށާއި ގައުމަށް ޤައްދާރުވެފައިވާ ޚާއިނުންތައް “ދަލުބޭރުން ޖެހިގެން” އެ ލާދީނީ ޢަމަލުގެ ދިފާއުގައި ނިކުންނަން ކެރުމަކުން މި ގައުމުގެ މީހުން ހައިރާނެއް ނުވާނެއެވެ. މިއީ މިގައުމުގެ ރައްޔިތުންނަށް އައު ކަމެއް ވެސް ނޫނެވެ. އަދި އެ ބައިގަނޑުގެ ޙަޤީޤީ މަޤްޞަދު ނޭނގޭ މީހުން މިހާރު މިރާއްޖޭގައި މަދުވާނެއެވެ. ދެން ރަނގަޅުވާނީ ތިޔަ ކުޅި ކުޅެން ނޫޅުނިއްޔާއެވެ. ދެން ހުއްޓާލާށެވެ. އިތުރަށް ވާނެ ފަޟީޙަތެއް، ބޭޒާރެއް ނެތެވެ. ދިވެހި ގައުމުން ދުވަހަކު ވެސް މަޢާފު ކުރުމެއް ނެތެވެ. ދަރިންގެ ދަރިންނަށް ތިޔަ ޤައްދާރުންގެ ވާހަކަ މި ގައުމު ޒިކުރު ކުރާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.