ހިތުގައި އޮތީ ކޮރޯނާގެ ބިރު ތޯއެވެ؟
މުޅި އިންސާނިއްޔަތު ހުއްޓުމަކަށް ގެނުވާވަރު ބިރުވެރިކަމެއް ފެތުރި ޢާއްމުވަމުން މިހިރަ ދަނީއެވެ. ކޮވިޑް-19 ވަނީ މީސްތަކުންގެ ހިތްތަކުގައި ނާމާން އިހުސާސެއް ކުރުވާފައެވެ. ތިބާވެސް މީގެ ޚަބަރު އަހައިފީމު ނޫންހެއްޔެވެ؟ ބިރުވެސް އެބަގަނޭ ހެއްޔެވެ؟ އެކަމަކު ބުނެބަލާށެވެ! ތިބާގެ ހިތުގައި އޮތީ ކޮރޯނާގެ ބިރު ތޯއެވެ؟
ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗެއް އުފައްދަވާ، މުޅި ކާއިނާތު ހިންގަވާ މަތިވެރި ޚާލިގު އުފެއްދެވި މަޚްލޫޤެއްކަމުގައިނޫނީ އެކޮރޯނާ ނުވެއެވެ. އެއީ ކާއިނަތުގައިވާ ގުރަހަތަކާއި، އަހުރުމެން އިންސާނުންނާއި، ފަނިފަކުސާތަކުގެ އިތުރުން ލޮލަށް ނުފެންނަ ޖަރާސީމުތައްވެސް ވުޖޫދު ކުރެއްވި އިލާހެވެ.
ހުންރޯގާއެއް ޖެހިއްޖެނަމަ އަޅުގަނޑުމެން އެކަކުވެސް ހާސްވެގެން އުޅޭތީ ނުފެނެއެވެ. ޕެނެޑޯލްފަދަ އަތްމަތީބޭހެއް ބޭނުންކޮށްލުމުން ދެތިން ދުވަސްތެރޭ އެފިލާ ހިނގައިދާނެތީއެވެ. އެއަށްވުރެ ގިނަދުވަހަށް ބަލި ދެމި ހުރެއްޖެނަމަ ޞިއްޙީމާހިރެއްގެ ލަފަޔާއެކު އެންޓިބަޔޮޓިކް ބޭނުންކުރުމުން، އެރޯގާއަށް ތިބާގެ ހަށިގަނޑުގައި ދެމި ނުހެރެވޭނެކަން ތިބާ ޔަގީން ކުރެއެވެ. ކޮރޯނާއަކީވެސް ވައިރަހެކެވެ. އެހެނަސް އެއަށްދޭނެ ދިފާއީ ދަވާއެއް ނެތް ރޯގާއެކެވެ. ބަލިވީކަންވެސް ނޭނގި ދުވަސްތަކެއް ހޭދަވާ ވަބާއެކެވެ. ނޭވާލާ ނިޒާމުގެ ވަޒީފާއަށް ހުރަސްއަޅާ، ތިބާ މި ދުނިޔެއާ ވަކިކޮށްލާނީ ކޮންވަގުތަކުކަން އަންދާޒްކޮށްލަންވެސް ނޭނގޭ ހަމަލާއެކެވެ. އާނއެކެވެ. ކޮރޯނާގެ ޢާއްމު ނަތީޖާއަކީ މަރެވެ.
މުލްކު ސޫރަތުގެ 2ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ ﴿الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَهُوَ الْعَزِيزُ الْغَفُورُ﴾ (الملك: 2). މާނައީ:- ”އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.“
އެއްވެސް ބައްޔެއްވެ ރަނގަޅުވެއްޖެނަމަ އެއީ ދިރިހުރުމެކެވެ. އެހެނަސް ބައްޔެއްގެސަބަބުން ރަނގަޅުވުމުގެ އުއްމީދު ނެތްނަމަ ދެން ތިބާގެ ކުރިމަތީ ވަނީ ﷲ އުފެއްދެވި މަޚްލޫގެއްކަމަށްވާ މަރެވެ. ތިބާ ތިބިރުގަންނަނީ ކޮރޯނާދެކެ ތޯއެވެ؟ ނުވަތަ ތިބާއަށް ތިޔަ ބިރުގަނެވެނީ މަރުދެކެތޯއެވެ؟
މަރު އެއީ ކޮންމެ ނަފްސަކަށްމެ ކުރިމަތިވާނޭ ކަމެކެވެ. ﴿ كُلُّ نَفْسٍ ذَائِقَةُ الْمَوْتِ … ﴾ (آل عمران: 185). މާނައީ:- ”ކޮންމެ نفس އަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. …“ ބިރުގަނެ ވިސްނާ ފިކުރުކުރަންވީ މަރުވާނެތީއެއްނޫނެވެ. ގަދައަޅާ މަސައްކަތް ކުރަންވީ ތިބާއާއި މަރު ބައްދަލު ކުރާހިނދު އީމާންތެރިކަމުގެ ގޮތުން ރަނގަޅު ޙާލަތެއްގައި ތިބާއަށް ހުރެވޭތޯއެވެ.
اَللّهُمَّ هَوِّنْ عَلَيْنَا سَكَرَاتِ الْمَوْتِ. وَأَحْسَنَ خَاتِــمَتَنَا ޔާ ﷲ! އަޅަމެންނަށް މަރުގެ ސަކަރާތް ލުއިކޮށްދެއްވާނދޭވެ! އަދި އަޅަމެންގެ ނިމުން ރިވެތިކޮށްދެއްވާނދޭވެ!