އުފާވެރި ޒަވާޖީ ޙަޔާތް (3)
ތިބާގެ ޙަޔާތް އުފާވެރިވާން އެދޭނަމަ އެހެންމީހެއްގެ ޙަޔާތް ހިތާމަވެރި ވާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އެއީ އެހެންމީހަކު ތިމާގެ ޙަޔާތަށް އަނިޔާއެއް ދޭން ނޭދޭ ފަދައިންނެވެ. ތިމާ ފަދަ އަނެއް މުސްލިމް އަޚާއަށް ހެޔޮގޮތް އެދުމަކީ އީމާންކަން ފުރިހަމަ ވުމުގެ ތެރެއިން ވާކަމެކެވެ. عن أبي حمزة أنس بن مالكٍ رضي الله عنه خادم رسول الله صلى الله عليه وسلم، عن النبي صلى الله عليه وسلم قال: ((لا يؤمن أحدكم حتى يحب لأخيه ما يحب لنفسه))؛ رواه البخاري ومسلم. މާނައީ:- ރަސޫﷲ ﷺއަށް ޚިދްމަތް ކުރެއްވުމަށް އުޅުއްވި އަބޫ ހަމްޒާ އަނަސް ބިން މާލިކުގެ ކިބައިން ރިވާވެގެން ވިއެވެ. ރަސޫލުﷲ ﷺޙަދީޘްފުޅު ކުރެއްވިއެވެ. ތިބާގެ އަމިއްލަ ނަފްސަށް އެދޭ އެދުން، ތިބާގެ (މުސްލިމް) އަޚާއަށް އެދިއްޖައުމަށް ދާންދެން، ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އީމާންވީ ކަމުގައި ނުވެއެެ. (އެބަހީ އީމާންކަން ފުރިހަމަ ވީކަމުގައި ނުވެއެވެ.) މިއީ މުސްލިމުން އެކަކު އަނެކަކަށް ރައްކާތެރިކަން ލިބިދޭނެކަމުގެ ޔަޤީންކަން ލިއްބައިދޭ އިރުޝާދެކެވެ.
އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވާނީ އެކުގައި އުޅޭ މީހުންގެ ކިބައިން ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަޤީންކަން އޮތުމެވެ. އެގޮތުން ބަލާނަމަ އިތުރު އިންސާނަކުނެތި އެކަހެރިކަމާއެކު ބައްދަލުވެ އުޅޭ ދެމަފިރިންގެ ކިބައިން އެކަކު އަނެކަނު ރައްކާތެރިވެގެންވާކަން ޔަޤީންވުމަކީ އެދެމަފިރިޔަކަށް ލިބޭނެ އެންމެ ބޮޑު ހިތްގައިމުކަމެވެ. މިއަަދުގެ ނޫސްތަކުން އެންމެ ގިނަ ޖާގަ ހޯދާފައިވާ ފަލަސުރުޙީއަކީ ގެވެށި އަނިޔާއެވެ. ގެވެށި އަނިޔާގެ ވާހަކަ މި ލިޔުންތަކުގެ ތަންކޮޅެއް ފަހަތަށް ދޫކޮށްލާނަމެވެ. އެހެނަސް ގެވެށި އަނިޔާއިން ސަލާމަތްވެ ތިބުމަށްޓަކައި ކުރާނެ ކަންތަކުގެ ވާހަކައަކީ ފަސްކުރެވޭނެ ވާހަކައެއް ނޫނެވެ. އެކަމަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅަކީ ތިމާގެ ޙަޔާތަށް ރަނގަޅު ބައިވެރިޔަކު ހޯދުމެވެ. އޭނާގެ އަމިއްލަ ނަފްސަށް އެދޭ އެދުން ތިމާއަށްވެސް އެދޭފަދަ ބައިވެރިއެކެވެ.
ހަޔާތުގެ ބައިވެރިޔަކު ހޯދުން.
ޙަޔާތައް ވަކިޚާއްޞަ ބައިވެރިއަކު ހޯދުން އެއީ މުޙިއްމު ކަމެއްތޯއެވެ؟ އަދި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްބާއެވެ؟ މިއީ ކޮށްލުން އެންމެ ރަނގަޅު ސުވާލުތަކެކެވެ. މިސުވާލުތަކަށް އިލާހީޖަވާބެއް އޮތްތޯ ބަލާލަމާ އަންނާށެވެ!
އިންސާނީ ނަސްލު ޤިޔާމަތްދުވަހާއި ޖެހެންދެން ދުނިޔޭގައި ދެމިއޮތުން އެއީ އިންސާނުން ވުޖޫދުކުރެއްވުމުގެ ކުރިންވެސް، ޚާލިޤްވަންތަ ﷲ، ބަޝަރިއްޔަތުގެ ކިބައިގައި ލައްވާފައިވާ އަސާސީ ސިފައެކެވެ. އެ އިލާހު ވަޙީކުރައްވަނީ، ﴿وَإِذْ قَالَ رَبُّكَ لِلْمَلاَئِكَةِ إِنِّي جَاعِلٌ فِي الأَرْضِ خَلِيفَةً …﴾ (البقرة: 30). މާނައީ:- ”ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكةންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ!“ މިއެވެ. މި އާޔަތުގައި އަންގަވާފައިއެވާ خليفة އަކީ އިންސާނުންނެވެ. އެއިން މުރާދު ކުރެވެނީ ޖީލަކަށްފަހު ޖީލެއް (ޤިޔާމަތާއި ޖެހެންދެން) ދެމިގެން ދިއުމަށެވެ. އިންސާނީ ނަސްލު ދެމި އޮންނާނީ ދަރިމައިވުމުގެ ތެރެއިންނެވެ. ދަރިމައިވުން ވަނީ ކާވެނީގެ ތެރެއިންނެވެ.
ނަބިއްޔުންނާއި ރަސޫލުންގެ ފިޠުރަތުގެ ތެރޭގައިވެސް ކާވެންޏާއި ދަރިފަސްކޮޅު ހިމެނިގެންވިއެވެ. ކީރިތި ޤުރްއާނުގައި ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ. ﴿وَلَقَدْ أَرْسَلْنَا رُسُلاً مِنْ قَبْلِكَ وَجَعَلْنَا لَهُمْ أَزْوَاجًا وَذُرِّيَّةً …﴾ (الرعد: 38). މާނައީ:- ”ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ رسولން ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް އަނބިންނާއި، ދަރިން ލެއްވީމެވެ. …“ އަދި ހަމަ އެހެންމެ މި ފިތުރަތު ވަނީ އެހެން ހުރިހާ އިންސާނުގެ ކިބައިގައިވެސް ލައްވާ، އެކަމަށް އަމުރުވެސް ކުރައްވާފައެވެ. ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވަނީ، ﴿وَأَنكِحُوا الأَيَامَى مِنْكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ …﴾ (النور: 32). މާނައީ:- ”އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ! އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެން އަޅުންގެ ތެރެއިން ހެޔޮލަފާ މީހުންވެސްމެއެވެ. …“ އަދިވެސް އެއިލާހު އެންގެވިއެވެ. ﴿…فَانكِحُوا مَا طَابَ لَكُمْ مِنَ النِّسَاءِ مَثْنَى وَثُلاَثَ وَرُبَاعَ فَإِنْ خِفْتُمْ أَلاَّ تَعْدِلُوا فَوَاحِدَةً …﴾ (النساء: 3). މާނައީ:- ”… އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ. ފަހެ، عدل ވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. …“. މިއެވެ.
ކާވެނި ކުރަންވީ ތިބާގެ ނޫކަށީފުރާގެ އެންމެ ޗާލޫކީ ދުވަސްވަރުއެވެ. ހަށިގަނޑުގައި ޖޯރުހުރި ޒުވާން ޢުމުރުގައެވެ. ދަތްހުރި ދުވަހު ކާށިކާން އުޅުމަކީ އެއީއެވެ. އެދުވަސްވަރު ކާވެންޏާ ދުރުދުރުން އުޅޭނަމަ ޒިނޭކުރުންފަދަ ފާޙިޝް ޢަމަލުތަކަށް އަރައިގަނެވިދާނެއެވެ. މަގުހޯދާއަރަތެއްގައި ދާނެ، ނުދާނެ ދިމާއެއް ނޭނގި ވިހާލި ވެދާނެއެވެ. މިކަމަށް އިޝާރާތްކުރަށްވާ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ﷺ ވަނީ ޒުވާން އުމުރުގައި ކާވެނިކުރުމަށް ބާރުއަޅުއްވާފައެވެ. ޙަދީޘް ފުޅުކުރައްވަނީ ”يَا مَعْشَرَ الشَّبَابِ! مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَّوَجْ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَن لَم يَسْتَطِعْ فَعَلَيْهِ بِالصَّومِ، فَإِنَّهُ لَهُ وِجَاءٌ“ – البخاري ومسلم – މާނައީ:- “ ޢަބްދުﷲ ޢިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ތިމަންމެންނަށް ޙަދީޘްކުރެއްވިއެވެ. ”އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކާވެނިކުރުމަށް ކުޅަދާނަވެގެންވާ އެންމެން ކާވެނި ކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އެއީ ލޮލަށްވާ ފިނިކަމެކެވެ. އަދި ފަރުޖުތަކަށްވާ ރައްކާތެރިކަމެކެވެ. އަދި ކާވެންޏެއް ކުރުމަށް ކުޅަދާނަކަން ލިބިގެން ނުވާމީހާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ ހަމަކަށަވަރުން އެއީ އޭނާ ފާޙިޝްކަންކަމުން ދުރުކުރާނޭ އައްޑަނައެކެވެ.“
ޙަދީޘުގައި ބަޔާންވެދިޔަ ލޮލަށްވާ ފިނިކަމަކީ، ތިމާގެ ޒިންމާގެ ދަށުގައިވާ އަނބިންނާއި ދަރިންނެވެ. އެކަން ދޭހަވަނީ އަންނަނިވި އާޔަތުންނެވެ. ﴿وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ …﴾ (الفرقان: 74). މާނައީ:- ”އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާނކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! …“ ޙަދީޘުގައި ފަރުޖުތަކަށްވާ ރައްކާތެރިކަމެކޭ އެވަނީ، އެންމެހާ ފާޙިސްކަމަކުން ދުރުހެލިވެވި، ތިބާގެ ޢިއްފަތްތެރިކަން ރައްކާތެރިވެގެންވުމެވެ. ކާވެނީގެ ބޭރުން ދަރިންހޯދުމުގެ ފަލްސަފާއަކީ އިސްލާމްދީނާ ވަރަށް ބީރައްޓެހި ފަލްސަފާއެކެވެ. އަދި ކިއެއްތޯއެވެ. އިންސާނީ ހަމަ ބުއްދިވެސް އެކަމަށް ތަރުހީބެއްދޭ ކަމެއް ނުމެނޫންމެއެވެ. އެއީ ކީއްވެތޯއެވެ؟ އެއީ ދަރިންނަށްފަހު އަންނަ ޒިންމާގެ ބޮޑުކަމުންނެވެ.
(ނުނިމޭ)