އިންސާނިއްޔަތު ބަޔާންކޮށްދެއްވި ”ވަދާޢީ ޚުޠުބާ“

”ހުރިހާ ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲއަށެވެ. އަޅަމެން ﷲ އަށް ތަޢުރީފް ކުރަމެވެ. އަޅަމެން އެކަލާންގެ ޙަޟްރަތަށް ތަޢުބާވެ އަޅަމެންގެ ފާފަތަކާއި ކުށްތައް ޢަފޫކޮށްދެއްވުމަށް ދުޢާކުރަމެވެ. އަޅަމެން އެނބުރި ދިއުން އޮތީ ﷲގެ ޙަޟްރަތަށެވެ. އަޅަމެންގެ ނަފްސްތަކުގެ ނުބައިކަމުންނާއި އަދި އަޅަމެންނަށް ކުރެވޭ ކަންތައްތަކުގެ ނުބައިކަމުން އަޅަމެން ﷲގެ ޙަޟްރަތުން ރައްކާތެރިކަމާއި ސަލާމަތަށް އެދެމެވެ. ﷲ ރައްކާތެރިކުރައްވައި ރުއްސަވައިފި މީހަކު ހަލާކު ކުރެވޭނެ އެއްވެސް ފަރާތެއް ނެތެވެ. އަދި ﷲ ހަލާކު ކުރައްވައިފި މީހަކު ސަލާމަތްކުރާނެ އެއްވެސް މީހެއް ނެތެވެ.

ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށް މިއަޅާ ހެކިވަމެވެ. ﷲ އަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. ﷲއީ ހުރިހާ ބާރެއް މިލްކުވެވޮޑިގެންވާ އަދި ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ﷲ މެނުވީ އެހެން އިލާހަކު ނުވެއެވެ. ﷲއީ އެއްކައުވަންތަ އިލާހެވެ. ﷲ ވަނީ އެކަލާނގެ ވަޢުދުފުޅު ފުއްދަވައި އިސްލާމްދީނުގެ ޢަދުއްވުންގެ މައްޗަށް މުސްލިމުންނަށް ނަޞްރުދެއްވާފައެވެ.

އިޝްތިހާރު full width ad 1200 x 150

އޭ މީސްތަކުންނޭވެ. ތިމަން ކަލޭގެފާނުގެ ބަސްތައް އަޑުއަހާށެވެ. ތިމަން ކަލޭގެފާނުގެ ފަހުން ޙައްޖުގެ އަޅުކަން އަދާ ކުރުމުގައި ތިމަން ކަލޭގެފާނަށް ތިޔަބައިމީހުންނާ ދެން ބައްދަލުވާނެކަމެއް ނޭނގެއެވެ.

އޭ މީސްތަކުންނޭވެ. ﷲ އަންގަވާފައިވެއެވެ. ތިމަން ﷲ ތިޔަބައިމީހުން އެންމެ އަންހެނަކާއި އެންމެ ފިރިހެނެއްގެ ފަރާތުން އުފައްދަވައި ޤަބީލާ ތަކަކަށާއި ޤައުމުތަކަކަށް ލެއްވީމެވެ. އެއީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އެނގުމަށްޓަކައެވެ. ﷲ ވަޙީ ކުރައްވާފައި ވެއެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތުގައި އެންމެ ޝަރަފްވެރި ބަޔަކީ ތިމަން ރަސްކަލާނގެއަށް ބިރުވެތިވާ މީހުންނެވެ. ތިމަންﷲ އަށް އީމާންވެ ހަނދުމަކުރުމުގެ އިތުރުން ޢަރަތްބަކު ޢަރަބިނޫން މީހެއްގެ މައްޗަށް މޮޅުވުމެއް، ދޮންމީހަކު ކަޅުމީހެއްގެ މައްޗަށް މޮޅުވުމެއް ނުވެއެވެ.“ މުޅިއިންސާނިއްޔަތަކީ އާދަމްގެފާނުގެ ދަރިކޮޅެވެ. އާދަމްގެފާނު އުފައްދަވާފައިވަނީ މަށިންނެވެ.

އޭމީސްތަކުންނޭވެ. ތިޔަބައިމީހުން ރައްކާތެރިވާށެވެ. ޤިޔާމަތް ދުވަހުން ދުނިޔޭގެ ބުރަ، ކަރުގައި އަޅުވައިގެން ދާބަޔަކު ތިބޭނެއެވެ. އާޚިރަތުގެ ހެޔޮ ޘަވާބާއި ދަރުމަ ލިބޭބަޔަކު ތިބޭނެއެވެ. ތިޔަބައިމީހުން ރައްކާތެރިވާށެވެ. ޖާހިލުކަމުގެ ދުވަސްތަކުގެ އާދަތަކާއި ޢަމަލުތައް ނިމިއްޖެއެވެ. ލޭގެބަދަލު ހިފުމުގެ ދުވަސްތައްވެސް ނިމިހިނގައްޖެއެވެ. ޖާހިލުކަމުގެ ދުވަސްވަރު ހިނގަމުން އައި ހުރިހާ ރިބާއަކާއި އަދި އެއިން ލިބޭ ފައިދާ ނެގުން ވަނީ ނައްތާލެވިފައެވެ.

އޭއީމާންވެއްޖެ މީސްތަކުންނޭވެ. އަންހެނުންގެ މައްޗަށް ތިޔަބައި މީހުން އަދާކުރަންޖެހޭ ޙައްޤުތަކެއްވެއެވެ. ހަމަ އެފަދައިން ފިރިހެނުންގެ މައްޗަށް އަދާކުރަންޖެހޭ ޙައްޤުތަކެއް އަންހެނުންނަށްވެސްވެއެވެ. އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް އެމީހުންނާއިމެދު އެކަށީގެންވާ ގޮތަށް ކަންތައް ކުރުމަކީ ތިޔަބައިމީހުންގެ ޙައްޤެކެވެ. އެމީހުން އެކަށީގެންނުވާ ގޮތަށް އަމަލުކޮށްފިނަމަ އެމީހުން ދުރުކޮށް ފިޔަވަޅު އެޅުމަކީ ތިޔަބައި މީހުންނަށް ހުއްދަކުރައްވާފައިވާ ކަމެކެވެ. ތިޔަބައި މީހުން އަންހެނުންނަށް އޯގާތެރިކޮށް ހިތާށެވެ. އަންހެނުންނަކީ ތިޔަބައި މީހުންގެ އެހީތެރިންނެވެ. އެމީހުންގެ ކަންތައްތަކުގައި އެމީހުންނަށް ތިޔަބައި މީހުންގެ އެހީ ބޭނުންވާނެއެވެ. ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. އަންހެނުން ތިޔަބައިމީހުންގެ ބައިވެރިންނަށްވެފައި ވަނީ ﷲ ދެއްވާފައިވާ ރައްކާތެރި ކަމާއެކުގައެވެ. ﷲ އަންގަވާފައިވާ ގޮތުގެމަތިން އެމީހުންވަނީ ތިޔަބައި މީހުންނަށް ހުއްދަކުރައްވާފައެވެ.

 

ﷲ ވަޙީ ކުރައްވާފައި ވެއެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތުގައި އެންމެ ޝަރަފްވެރި ބަޔަކީ ތިމަން ރަސްކަލާނގެއަށް ބިރުވެތިވާ މީހުންނެވެ. ތިމަންﷲ އަށް އީމާންވެ ހަނދުމަކުރުމުގެ އިތުރުން ޢަރަތްބަކު ޢަރަބިނޫން މީހެއްގެ މައްޗަށް މޮޅުވުމެއް، ދޮންމީހަކު ކަޅުމީހެއްގެ މައްޗަށް މޮޅުވުމެއް ނުވެއެވެ.“ މުޅިއިންސާނިއްޔަތަކީ އާދަމްގެފާނުގެ ދަރިކޮޅެވެ. އާދަމްގެފާނު އުފައްދަވާފައިވަނީ މަށިންނެވެ.

 

އޭ މީސްތަކުންނޭވެ. މާތްﷲ ވަނީ ކޮންމެ މީހަކަށްވެސް އެމީހަކަށް ވާރުތަވާ ޙިއްޞާ މިންވަރު ކުރައްވާފައެވެ. އެހެންވީމާ އެކަމުގައި ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ގޮތާއި ޚިލާފުވުމުގެ ބޭނުމެއް ނެތެވެ. ތިޔަބައިމީހުންގެ ދަރިންނަކީ ކައިވެނީގެ ޒަރިއްޔާއިން ލިބެންޖެހޭ ބައެކެވެ. ތިޔަބައި މީހުން އަދާކުރަންޖެހޭ ހުރިހާ ދަރަންޏެއް އަދާކުރަންޖެހޭނެއެވެ. އަނބުރާ ދައްކަން ނަގާފައިވާ މުދާ އަނބުރާ ދައްކަންޖެހޭނެއެވެ. ރައްކާތެރިވާށެވެ.

ކުށެއްކޮށްފިނަމަ އެކުށްކުރި ފަރާތް ފިޔަވައި އެހެން ފަރާތަކުން އެކުށަށް ޒިންމާވާކަށް ނުޖެހޭނެއެވެ. ބައްޕައެއް ކުރާ ކުށަކަށް ދަރިފުޅު ޒިންމާވާކަށް ނުޖެހޭނެއެވެ. އަދި ދަރިފުޅުގެ ކުށަކަށް ބައްޕަ ޒިންމާވާކަށް ނުޖެހޭނެއެވެ. ތިޔަބައި މީހުންގެ އަޚާ އަމިއްލަޔަށްދޭ އެއްޗެއް ނޫނީ ތިޔަބައި މީހުންނަށް ހުއްދަވެގެން ނުވެއެވެ.

އޭއީމާންވެއްޖެ މީސްތަކުންނޭވެ. ކޮންމެ މުސްލިމަކީ އަނެއް މުސްލިމާގެ އަޚެކެވެ. ހުރިހާ މުސްލިމުންނަކީ، އެއްބަނޑުއެއްބަފާ ޖަމާޢަތެކެވެ. ތިޔަބައި މީހުންގެ އަޅުންނާއިމެދު ރަނގަޅަށް ކަންތައް ކުރާށެވެ. ތިޔަބައިމީހުން ކާއެއްޗަކުން އެމީހުންނަށް ކާންދޭށެވެ. އަދި ތިޔަބައި މީހުން ލާފޭރާމަކުން އެބައި މީހުން ފޭރާން ލައްވާށެވެ. ތިމަން ކަލޭގެފާނަށްފަހު އެހެން ރަސޫލަކު ނުފޮނުއްވާނެއެވެ. އަދި އެހެން އާއުއްމަތެއްވެސް ނުއުފެދޭނެއެވެ. ތިޔަބައި މީހުން އޭގައި ހިފަހައްޓާ އެއާއި އެއްގޮތަށް ޢަމަލު ކޮށްފިނަމަ ތިޔަބައި މީހުން މަގުފުރެދި ހަލާކުވެގެން ނުދާނޭ ދޭއްޗެއް ތިމަން ކަލޭގެފާނު ތިޔަބައި މީހުންނަށް ދޫކުރަމެވެ. އެއީ ﷲގެ ކަލާމްފުޅާއި ތިމަން ކަލޭގެފާނުގެ ސުންނަތެވެ. ދީނުގައި ކަނޑައަޅުއްވާފައިވާ މިންގަނޑުތަކަށް ތިޔަބައިމީހުން ޚިލާފްނުވާށެވެ. ތިޔަބައި މީހުންގެ ކުރިން ފޮނުއްވި އެތައްބަޔަކު ހަލާކުވެ ނެތިގޮސްފައިވަނީ އެބައިމީހުން ދީނުގެ އަޞްލުތަކާއި މިންވަރުތައް ބަދަލުކޮށް އެއަށް ތަބާނުވެގެންނެވެ.

އިސްލާމްދީން ފުރިހަމަވެ ތިޔަބައިމީހުންނަކީ ﷲއަށް އީމާންވެ އަޅުކަންކުރާ ބަޔަކަށްވުމުން، ތިޔަބައިމީހުންނާއި މެދު ޝައިތާނާވަނީ މާޔޫސްވެފައެވެ. ތިޔަބައިމީހުން އުޅެން އަންގަވާފައިވާ ގޮތަށް ނޫޅެ ﷲ އަށް އަޅުކަންކުރުމުން ދުރުހެލިވުމަކީ ޝައިތާނާ އުފާކުރާނެކަމެކެވެ. އެހެންކަމުން ޝައިތަނާއަށް ތިޔަބައިމީހުން ވަރަށް ބޮޑަށް ރައްކާތެރިވާށެވެ. ތިޔަބައިމީހުން ﷲއަށް އަޅުކަންކުރާށެވެ. ފަރުޟު ފަސްނަމާދު ޤާއިމްކުރާށެވެ. ރަމަޟާން މަހުގެ ރޯދަ ހިފާށެވެ. ޒަކާތްދޭށެވެ. އަދި ﷲ ގެ ގެފުޅަށް ޒިޔާރަތްކޮށް ޙައްޖުވާށެވެ. ތިޔަބައިމީހުންގެ ވެރިންނަށް ތިޔަބައިމީހުން ކިޔަމަންވާށެވެ. ﷲ ތިޔަބައި މީހުންނަށް ސުވަރުގޭގެ ނިޢުމަތް ދެއްވާނެއެވެ.

ތިޔަބައިމީހުންގެ ތެރެއިން މިޖަމާޢަތުގައި ޙާޟިރުވެ ތިބި މީހުން، ޙާޟިރުނުވާ މީހުންނަށް ތިމަން ކަލޭގެފާނުގެ މިނަޞޭޙަތްތައް ރައްދުކޮށްދޭށެވެ. އަދި އެބައިމީހުން ތިމަން ކަލޭގެފާނާއިބެހޭ ގޮތުން އަހައިފިއްޔާ ތިޔަބައިމީހުން ބުނާނީ ކީކޭ ހެއްޔެވެ؟“ކީރިތި ރަސޫލާ މިހެން އެއްސެވުމުން، އަރިހުގައި އައިސް ތިބި މީހުން އެކަލޭގެފާނަށް ދެންނެވިއެވެ. ”މާތް ރަސޫލާއެވެ. ކަލޭގެފާނު އިސްލާމްދީނުގެ ތަރިކަ އަޅުގަނޑުމެންނަށް ރައްދުކުރައްވައި ކަލޭގެފާނުގެ ރަސޫލުކަމުގެ މަސްޢޫލިއްޔަތު އަދާކުރައްވައި އަޅުގަނޑުމެންނަށް މިކަންތައްތައް ބަލަހައްޓަވައިދެއްވިކަމަށް އަޅުގަނޑުމެން ހެކިވަމެވެ. އެހިނދު ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުންގެ އަތްޕުޅުގެ ޝަހާދަތް އިނގިލިފުޅު އުފުއްލަވާ ދުއާކުރެއްވިއެވެ. ”ހައްދަވާ ބޮޑުކުރެއްވި ﷲ އެވެ. އިބައިލާހު މިކަމަށް ހެކިވެވޮޑިގަންނަވާށިއެވެ.“

http://isdhoolive.blogspot.com/2013/05/blog-post_15.html

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.