ޤުރްއާނުން ނަޞީޙަތް ލިބިގަންނާށެވެ! (1)
މިއަދުގެ ދުނިޔޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ މީސްތަކުން ﷲގެ ދީން ދޫކޮށްލާފައިވުމެވެ. އެނޫން އެހެން އިލާހުންނަށް އަޅުކަން ކުރުން ކުރިޔެކޭ އެއްގޮތަށް މިއަދުވެސް އެބައޮތެވެ. އަދި މުސްލިމުންވެސް ތިބީ އަވަދިނެދިވުމުގެ ސަބަބުން ދީނީ ކަންކަމަށް ފަރުވާތެރި ނުވެވި ދުނިޔެވީ ޙަޔާތް ބާއްޖަވެރި ކުރަން މަޝްޣޫލުވެފައެވެ.
ވަކިން ޚާއްޞަގޮތެއްގައި މުސްލިމުން އެބައިމީހުންގެ މުޤައްދަސްފޮތް، ޙަޔާތުގެ ދުސްތޫރު ކަމުގައިވާ ކީރިތި ޤުރްއާނާއި ދުރުވެފައިވާކަމީ ކޮޅުނެތްކޮޅަށް ހިތާމަ ހުރިކަމެކެވެ. އެކިއެކި މަޝާއިޚުންނާއި މުފްތީއިން ގިނަވެ، ބަލާނީ އަހާނީ ކާކުގެ އަޑެއްތޯ ނޭގި މުސްލިމު އަޚުންނާއި އުޚްތުން ދަނީ ހާވިޔާވަމުންނެވެ. ތިމާގެ ޖަޒުބާތަކަށް އެންމެ އަސަރުކުރާގޮތަށް ވާހަކަ ދައްކާ ޝައިޚު އެއީ ތެދުވެރި ރަނގަޅުމީހާކަމަށް ޤަބޫލު ކުރަމުން، ދެން ތިބި ޝައިޚުންގެ ބަސްތައް ބޮލާލާ ޖެހޭމައްސަލަ ވަނީ ދުނިޔޭގެ ހަތަރުބިތުގައި ދިރިއުޅޭ މުސްލިމުންނަށްވެސް ދިމާވެފައެވެ.
މުސްލިމުންނަށް އޮތް މޮޅުގޮތަކީ ޤުރްއާނުގައި ގަދަޔަށް ހިފެހެއްޓުމެވެ. އެހެނީ އިންސާނިއްޔަތަށް ނަމޫނާ ދައްކަވަން ވަޑައިގެނެނެވި މާތް ސާހިބާގެ މުޅި ޙަޔާތްޕުޅު ހޭދަކުރެއްވީ ޤުރްއާނުގެ އަޚްލާޤުގެ މަތީގައެވެ. އެކަލޭގެފާނުގެ ޚުލުގުފުޅާބެހޭގޮތުން އުއްމަތުގެ އެއް މައިކަމަނާ ކަމުގައިވާ ޢާއިޝާ (ރަޟިޔަﷲ ޢަންޙާ) އާއި ސުވާލުދެންނެވުނެވެ. އެކަމަނާ ޖަވާބުގައިވިދާޅުވީ ”كان خلقه القرآن“ މާނައީ:- ”އެކަލޭގެފާނުގެ ޚުލުޤު ފުޅަކީ ޤުރްއާނެވެ.“ އެ މާތް ނަބިއްޔާ ﷺއަކީ ބިންމަތީގައި ހިންގަވާއުޅުއްވި ޤުރްއާނެއްކަމަށް ދީނުގެ ދަންނަބޭކަލުން ސިފަކުރައްވަތެވެ. އެކަލޭގެފާނަކީ މީސްތަކުންކުރެ އެންމެ ހެޔޮ އިންސާނާއެވެ. އެކަލޭގެފާނުގެ ޚުލުޤުފުޅާ ބެހޭގޮތުން ކީރިތި ﷲ އެކަލާންގެ ކަލާމްފުޅުގައި ވަޙީކުރަށްވަނީ ﴿وَإِنَّكَ لَعَلَى خُلُقٍ عَظِيمٍ﴾ (القلم: 4) މާނައީ:- ”އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلق ފުޅެއްގެ މަތީގައިކަން ކަށަވަރެވެ.“ ކަންމިހެން އޮތްއިރު އަޅުގަނޑުމެނަށް ޙަޔާތުގައި ޤުރްއާން ތަޠްބީޤު ނުކުރެވޭކަން މީ ނުހަނު ހިތާމަ ހުރި ކަމެކެވެ. އަޅުގަނޑުމެންނަކީ ޤުރްއާން ދޫކޮށްލާފައިވާ ބަޔަކު ކަމުގައި ނުވަމާތޯއެވެ!
މާތްނަބިއްޔާ ﷺ ޤީޔާމަތް ދުވަހު ކުރައްވާ ޝަކުވާއަކީ އެކަލޭގެފާނުގެ އުއްމަތުގެ މީހުން ޤުރްއާން ދޫކޮށްލާފައިވާ ކަމުގެ ޝަކުވާއެވެ. ﴿وَقَالَ الرَّسُولُ يَارَبِّ إِنَّ قَوْمِي اتَّخَذُوا هَذَا الْقُرْآنَ مَهْجُورًا﴾ الفرقان: 30. ”رسولއާ ވިދާޅުވިއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންއަޅާގެ قومގެ މީހުން، މި قرآنއަކީ އެއްކިބާކޮށްލާފައިވާ އެއްޗެއްކަމުގައި ހަދައިފޫއެވެ.“
އަދި ހަމަ އެހެންމެ ޤިޔާމަތް ދުވަހު، މުޖުރިމު އަނިޔާވެރިޔާ އެންމެ ދެރަވެ ހިތާމަކުރާނީ ދުނިޔޭގައި އުޅުނުއިރު رسولއާ ﷺގެ ގޮތްކޮޅުގައި ނުފިފުނީތީއެވެ. އެބަހީ އެކަލޭގެފާނު ގެންނެވި ރިސާލަތާއި ނަމޫނާއަށް ތަބަޢަ ނުވެވުނީމައެވެ. ﴿وَيَوْمَ يَعَضُّ الظَّالِمُ عَلَى يَدَيْهِ يَقُولُ يَالَيْتَنِي اتَّخَذْتُ مَعَ الرَّسُولِ سَبِيلاً﴾ (الفرقان: 27). ”އަނިޔާވެރިޔާ އޭނާގެ ދެއަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ! އޭނާ (އެދުވަހުން) ބުނާނެތެވެ. އޭ ސަހަރޯއެވެ! رسولއާގެ އަރިހުން މަގެއް ހިފައި، ބޭނުންކުޅަނަމަ، ތިމަންނާއަށް ކިހާ ރަނގަޅުވީސްހެއްޔެވެ؟
ކަން މިހެން އޮތްއިރު ދީނީ ވާޖިބުތަކަށް ސަމާލުވެވޭތޯ މަސައްކަތްކުރާ އަޚުންނަށް ދޭން އޮތް ނަޞީޙަތަކީ ތިބާއަށް ލިބޭ ހުރިހާ ޢިލްމަކީވެސް ޤުރްއާނާއި ސައްޙަ ޙަދީޘް ތަކާއި ފުށުނާރާ ޢިލްމާއި މައުލޫމާތުތޯ ރަނގަޅަށް ބަލާ ފާސްކުރާށެވެ! މިކަން އެނގޭނެ ގޮތަކީ ކޮބައިތޯއެވެ؟ މިކަން އެނގޭނެގޮތަކީ، މިއިން އެއްވެސް އެއްޗެއް (އެބަހީ ޤުރްއާނާއި ޞައްޙަ ޙަދީޘް) ފަހަރެއްގައިވެސް އިންސާނީ ހަމަ ބުއްދިއާ ތަޢާރުޟް ނުވާނެވެ. ތިބާގެ ބުއްދި ހަމަ މަގުގައި ބެހެއްޓުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ގިނަގިނައިން ޤުރްއާން ކިޔެވުމެވެ. އަދި ވީއެންމެ ގިނައެއްކޮށް ޤުރްއާނުގެ މާނަ ކިޔާ އެއާމެދު ވިސްނާ ތަތައްބުރުކޮށް އުޅުމެވެ. އަދި އޭގެ އިތުރުން ވަގުތުވާނަމަ ޤުރްއާނުގެ ތަފްޞީރު ބަލައިލާށެވެ! ގިނައިން ޤުރްއާން ކިޔަވާ އުޅޭނަމަ ތިމާއަށް ޢަރަބި ބަސްނޭނގުނު ކަމުގައިވިޔަސް، ތިމާގެ ނަފްސުހެލާނެއެވެ. އަދި ޠަބީޢީގޮތުން ތިމާގެ ފިޠުރަތް ޙައްޤު ބަލައިގަތުމަށް ތައްޔާރުވާނެއެވެ.
ލޮބުވެތި މުސްލިމް އަޚުއްނާއި އުޚްތުންނަށް ބުނެލަ އޮތީ އެކި އެކި ދަރުސްތަކާއި އަދި ވަކިން ޚާއްޞަކޮށް ކުދި ކްލިޕްތަށް އަޑުއަހަމުންދާއިރު ހަނދާނުގައި ބެހެއްޓުން މުޙިއްމު ކަމެއް އެބައޮތްކަމެވެ. އެއީ އެތަކެއްޗަކީ އޭގެ ފަހަތުގައި ފޮރުވިފައިވާ ވަރަށްގިނަ ޢލްމު ހިމެނޭ ތަކެތިކަމެވެ. އެފަދަ އެއްޗެތި ބެލުމަށް ހޭދަކުރާ ބައެއްވަގުތު އިސްލާމްދީނުގެ އަސާސީ ޢިލްމުހޯދުމަށް ދެވޭ ފުރުޞަތެއްކަމުގައި ހެދޭތޯ ބަލާށެވެ. އެއީ ޤުރްއާނާއި ސުންނަތުގެ ޢިލްމެވެ.
ވަގުތު ވާވަރަކުން އެފޮތް (އެބަހީ ޤުރްއާން) ކިޔަވާށެވެ. ކީރިތި ޤުރުއާނާއި ޞައްޙަ ޙަދީޘް އުނގެނުމަށް (ކިޔުމަށް) ކޮންމެ ބޭފުޅަކުވެސް ވަގުތުކޮޅެއް ހުސްކުރަށްވާށެވެ. ﷲ ތިބާއަށް ހެޔޮވެގެންވާ ސީދާ މަގަށް މަގު ތައްކަވާނެތެވެ.
رَبَّنَا لاَ تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ