މުސްލިމުންނަކީ، އިންސާނިއްޔަތުގެ ދުޝްމިނުންނެއް ނޫނެވެ.
މުޅި އިންސާނިއްޔަތު ޖަހާލަތުގެ އަނދިރި ކަމުގައިވަނިކޮށް، ހިދާޔަތުގެ ނޫރުން ބަޝަރިއްޔަތަށް އަލިކަން ގެނެސްދެއްވީ އިސްލާމްދީނެވެ. މިއީ އިންކާރު ކުރެވެންނެތް ޙަޤީގަތެކެވެ. އަޅުންގެ ނަމުގައި، ތަނަވަސްކަމުގެ އަހުލުވެރިން އިންސާނުންތަކެއް މުށުތެރެއަށް ލައިގެން ޖަނަވާރުންނަށްވުރެ ދަށު ދަރަޖައިގައި ގެންގުޅެމުން ދަނިކޮށް، އަޅުންގެ އަޅުވެތިކަމުން މީސްތަކުންނެރެ، އެއްކައުވަންތަ އޯގާވެރި އިލާހެއްގެ އަޅުވެތިކަމަށް މަގުދެއްކެވީ، އިސްލާމްދީނެވެ. އަންހެނުން ބާޒާރުތަކުގައި ވިއްކައިލެވޭ މުދަލެއްފަދައިން ވަނިކޮށް، އެބައިމީހުންގެ ޙައްޤުތައް، އެ ލަޠީފީ ކަނބަލުންނަށް ކަށަވަރުކޮށްދެއްވީ، އިސްލާމްދީނެވެ. އެމީހުންގެ މައްޗަށް ބާރުފޯރުވަމުންދިޔަ، ފިރިންނާއި، ބަފައިންނާއި، އެނޫންވެސް މީހުންނަށް، ޢަދުލުވެރި ބާރުވެރިކަމެއްދީ، އެކަނބަލުންގެ ޙިމާޔަތުގައި ލެއްވީ އިސްލާމްދީނެވެ. ޤައުމުތަކުގެ ނިކަމެތިން، ނިކަމެތި ކުރަމުން ގޮއްމުށުގެ ބާރުދައްކަމުންދިޔަ ވެރިންނަށް، ރައްޔިތުންނާމެދު އިންސާފު އިޚްތިޔާރުކުރަން މަޖުބޫރުކުރުވީ އިސްލާމްދީނެވެ.
މިފުރިހަމަ ނިޒާމުން އިންސާނިއްޔަތަށް ސިފަވަމުންއައި ރީތި މަންޒަރުބަލަން ތިބުމުގެ ބަދަލުގައި، މީސްތަކުން ބޭނުންވީ އެމަންޒަރުގެ ހިއްސާއެއްކަމުގައި ޚުދު ތިމާ ވުމަށެވެ. ކަނޑިބަޑީގެ ބާރުވެރިކަމެއް ނުވަތަ އެއްވެސް މަޖުބޫރު ކުރުވުމެއްނެތި މީސްތަކުން އައީ އިސްލާމްކަމުގެ އަސްކަނިން ހިޔާވަމުންނެވެ. ޒަކާތުގެ ހިއްސާއިން، ރީތި، ތަނަވަސް، ތަހުޒީބު، ދިރިއުޅުމެއް މުޅި ދުނިޔެ ހިނިތުން ކުރުވިއެވެ. ﷲގެ މަގުގައި ކުރެވެންފެށި ޖިހާދުން، މުސްލިމުންނާއި، އެބައިމީހުންގެ ޙިމާޔަތް ހޯދައިގެންތިބި ކާފަރުންނަށްވެސް އަމާންކަން ގެނުވިއެވެ. އެއްކައުވަންތަ އިލާހެއްގެ އޯގާވެރި މަދަދުން މުޅި އިންސާނިއްޔަތަށް ބަހާރުމޫސުމް ގެނުވިއެވެ.
މިދެންނެވި މަރިޔާދުކަން ދުނިޔެއަށް އުއްތަމުން އައީ މުސްލިމުންގެ އާރުކާޓީންނެވެ. މުޅި ދުނިޔެ މުސްލިމުންގެ އަތްމައްޗަށް ފަހިވަމުންއަންނަ މަންޒަރުބަލަން، ޝައިޠާނާއާއި އޭނާގެ އައުވާނުންނަށް ތިބެން އުނދަގޫވެއްޖެއެވެ. މުސްލިމުންނާދެކޮޅަށް ނިކުމެ، ހަނގުރާމަކޮށްގެން އެބައިމީހުން ބަލިކުރެވޭތޯ އެތައްފަހަރަކު ބެލިއެވެ. ނަމަވެސް ބޯހަރުކަމުގެ ގޮތުން ގޮތްދޫނުކޮށް މުސްލިމުންގެ މައްޗަށް ހަސަދަވެރިވަމުންދިޔަ މީހުންނަށް، އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ އެބައިމީހުންގެ ރޭވުން އެހެން ދިމާއަކަށް ބަދަލުކޮށްލަން މަޖުބޫރުވުމެވެ. ބޮޑުވަމުން އަންނަ މުސްލިމް ޒުވާންޖީލުގެ ޅަ ސިކުނޑިތަކަށް ވަހުމްވައްދާ ޝައްކުބަލިން އެބައިމީހުން ފޯކޮށްލުމެވެ. އާދޭހެވެ! ފިކުރީ ހަނގުރާމަ އެވެ. “ގަހުގެ ވެރިޔާގެ އަތުން ގަސްކަނޑައިލުން” އެއީ އެމީހުންގެ މޮޓޯ ކަމުގައި ކަނޑައެޅިއެވެ.
ދުވަސްތައް ދައުރުވަމުންގޮސް އެބައިމީހުންގެ ދުރު ރާސްތާ ކައިރިވެ ކަނޑައެޅި މަންޒިލަށް ވާޞިލްވެވިއްޖެއެވެ. މުސްލިމުންގެ ތެރޭގައި އެބައިމީހުންގެ އަމިއްލަ ދީނާމެދު އިދިކީލި ނަޒަރިއްޔާ ގެންގުޅޭ ބަޔަކު ދޮންކޮށް ފައްކާ ކުރެވިއްޖެއެވެ. ޝައްކުތަކުގެ އެންމެކުރީ ސަފަށް ނެރެފައިއޮތީ އިސްލާމްދީނުގެ ނާތަހުޒީބުކަމާއި، އެދީނުގައި ހަރުކަށި އުޞޫލުތަކެއް ހުރިކަމުގެ ދޮގު ބުހުތާނެވެ. ދުނިޔެ އާމާން ނުވެގެން އުޅެނީ އިސްލާމުންގެ ސަބަބުންކަމަށް ބުނަމުން ގެންދިޔައެވެ. ރީތި ކުލަތަކާއި ޚިޔާލީ ދުނިޔެއަށް ޢާއްމު ރައްޔިތުން ޣަރަޤު ކުރުވާ، ވަގުތީ މަޖާ ހޯދުމަށް ފައިސާގެ ދަޅަ ލޯތަކަށް އެޅުވިއެވެ. އަދި ފައިސާ ހޯދުމުގައި މަޝްޣޫލުވުން އެއީ ދުނިޔޭގައި ދިރިއުޅުމުގެ ހަދަފުކަމުގައި ވިސްނައިދިނެވެ. މިދެންނެވި މަންހަޖުން ބޭރުވެ، އުޚްރަވީ ޙަޔާތަށް ބޯލަނބާ، ދުނިޔެއާއިމެދު ޒުހުދު ވެއްޖެ ކޮންމެ މީހަކު، ހުނިޖަހައި ފާހަގަކޮށް ދުނިޔެއަށް ބޭޒާރުކުރަން ފަށައިފިއެވެ.
މިކަމުގެ ތުހުމަތުތަށް ބަލައިގަންނަ ބަޔަކުކަމުގައި އެންމެ ފުރަތަމަވެސް ވެފައިތިބީ މިދީނުގެ ޢިލްމާއި ފޭވެފައިތިބި މުސްލިމުންނެވެ. ޢަދުލުވެރި ޣައިރު މުސްލިމުންވެސް މިކަންކަން ބަލައެއްނުގަނެއެވެ. މުސްލިމުންނަށް އެބައިމީހުންގެ ވެރިރައްބުގެ ފަރާތުން އައިސްފައިވާ އިލާހީ އިރުޝާދުތައް ކިޔަވާ، އެއާމެދު ތަދައްބުރު ކުރާނަމަ، ކަމުގެ ޙަޤީޤަތް ވަރަށް ސާފުކޮށް އެނގޭނެއެވެ. މުސްލިމުންނަކީ އެހެން އިންސާނުންގެ ދުޝްމިނުންނެއް ނޫނެވެ. އެދައުވާއަކީ އެއްވެސް އަސްލެއްނެތި މުސްލިމުންނަށް ކުރާ ދޮގު ބުހުތާނު ތުހުމަތެއްކަމުގައި ނޫނީ ނުވެއެވެ. އެކަމަކަށް އެބައިމީހުންގެ އަތުގައި އެއްވެސް ދަލީލެއް، ހުއްޖަތެއް ވާތީ ތިބާއަކަށް ނުފެންނާނެއެވެ.
އެންމެހާ ލޮބުވެތި މުސްލިމުންނެވެ! ތިޔަބައިމީހުންގެ ދީނަށް އެނބުރި ރުޖޫޢަވާށެވެ! ތިޔަބައިމީހުންގެ ވެރިރައްބާމެދު ހެޔޮކޮށް ހީކުރާށެވެ! އެއިލާހު އެންގެވިމަގުން ހެޔޮގޮތުގައި ހިނގޭތޯ ބައްލާށެވެ! ތިމާއަށް ވީވަރަކުން ﷲއަށް ތަޤުވާވެރި ވާށެވެ! ތަޤުވާވެރިންނަށްޓަކައި ނިޢުމަތްތަކުގެ ސުވަރުގެތައް ވަނީ ތައްޔާރުކުރައްވާފައެވެ. މިވާހަކަތައް ބަޔާންކުރައްވާ ކީރިތި ޤުރްއާނުގައި ﷲ ވަޙީކުރައްވާ އާޔަތްތަށް ވިދާޅުވެލައްވާށެވެ!
إِنَّ لِلْمُتَّقِينَ عِنْدَ رَبِّهِمْ جَنَّاتِ النَّعِيمِ (القلم: 34).
ހަމަކަށަވަރުން، تقوى ވެރިންނަށް އެއުރެންގެ ވެރިރަސްކަލާނގެ حضرةގައި نعمةގެ ސުވަރުގެތައްވެއެވެ.
﴿أَفَنَجْعَلُ الْمُسْلِمِينَ كَالْمُجْرِمِينَ﴾ (القلم: 35).
ފަހެ، ތިމަންރަސްކަލާނގެ (ކިޔަމަންތެރި) مسلم ން (كافر ވި) ކުށްވެރިންނާ އެއްފަދަ ކުރައްވާނޭ ހެއްޔެވެ؟
مَا لَكُمْ كَيْفَ تَحْكُمُونَ (القلم: 36).
ތިޔަބައިމީހުންނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ حكم ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟
أَمْ لَكُمْ كِتَابٌ فِيهِ تَدْرُسُونَ (القلم: 37).
އަދި ކިއެއްތަ! ތިޔަބައިމީހުން އެފޮތުން ކިޔަވާނޭ ފޮތެއް ތިޔަބައިމީހުންނަށް ވޭހެއްޔެވެ؟
إِنَّ لَكُمْ فِيهِ لَمَا يَتَخَيَّرُونَ (القلم: 38).
ހަމަކަށަވަރުން، އެފޮތުގައި ތިޔަބައިމީހުން اختيار ކުރަން ބޭނުން ގޮތްތައް ވޭހެއްޔެވެ؟
أَمْ لَكُمْ أَيْمَانٌ عَلَيْنَا بَالِغَةٌ إِلَى يَوْمِ الْقِيَامَةِ إِنَّ لَكُمْ لَمَا تَحْكُمُونَ (القلم: 39).
ނުވަތަ قيامة ދުވަހާ ޖެހެންދެން ކަށަވަރުވެ، ދެމިއޮންނަ عهدތަކެއް ތިމަންރަސްކަލާނގެ حضرةން ތިޔަބައިމީހުންނަށް ވަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން حكمކުރާ ގޮތްތައްހުރީ، ހަމަ ތިޔަބައިމީހުންނަށެވެ.
سَلْهُم أَيُّهُمْ بِذَلِكَ زَعِيمٌ (القلم: 40).
ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައި ބައްލަވާށެވެ! އެއުރެންކުރެ އެކަމަށް ޖާމިނުވާހުށީ ކާކުހެއްޔެވެ؟
أَمْ لَهُمْ شُرَكَاءُ فَلْيَأْتُوا بِشُرَكَائِهِمْ إِنْ كَانُوا صَادِقِينَ (القلم: 41).
ނުވަތަ އެއުރެންނަށް ބައިވެރިންތަކެއް ވަނީހެއްޔެވެ؟ އެއުރެންނީ ތެދުވެރިންކަމުގައިވާނަމަ، ފަހެ، އެއުރެންގެ ބައިވެރިން ގޮވައިގެން އެއުރެން އަންނަހުށިކަމެވެ!
ބަޔާންވެދިޔަ އާޔަތްތަކުން ކަމުގެ ޙަޤީޤަތް ހޯދާބަޔަކަށް، ނަތީޖާއަށް ވާޞިލްވާނެ ރަނގަޅު މަގެއް ކޮށިގެން ދާނެއެވެ. ތިޔަ އަޑު އިވޭ ހުރިހާ ވާހަކައަކީ ތެދު ޙަޤީޤަތްތޯ ބައްލަވާށެވެ. އެކަންކަމުގެ ޙަޤީގަތް ހޯއްދަވާށެވެ. މުސްލިމުންނާއި މެދު ކުރެވޭ އެއްވެސް ތުހުމަތަކަށް، ބުރަދަންހުރި ހެއްކެތް ފެންނަންދެން އެކަންކަން ޤަބޫލު ކުރާ ބަޔަކު ކަމުގައި ނުވާށެވެ. އެހެންނޫންނަމަ އެބައިމީހުންނާއެކު، ނަރަކައިގެ ދަރުތަކެއް ކަމުގައި ތިބާވެސް ވެދާނެއެވެ.