އުރެދުމަކަށް ކިޔަމަންވުމެއް ނުވެއެވެ. ކިޔަމަންވުން އޮތީ ހެޔޮކަންކަމަށެވެ. (-ހަދީޘް-)
އަހަރެމެން މުސްލިމުން ދުނިޔެމަތީގައި މަސައްކަތް ކުރަންވާނީ އަހަރެމެންގެ ވެރި ރައްބު ﷲ سبحانه و تعالىގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށެވެ. އަޅުކަމުގެ ތެރެއިން ކަމުގައި ވިޔަސް އަދި ދުނިޔެވީ އެހެނިހެން ކަންކަމުގައި މަސްޣޫލުވެގެންވާ ހާލަތްތަކުގައިވެސް އަހަރެމެން އަބަދުވެސް ﷲ އެންގެވިގޮތަށް، އެކަނލާގެ އެންގެވި މަގުގައި ތިބެވޭތޯ މަސައްކަތް ކުރަންވާނެއެވެ. އަބަދުވެސް ﷲ سبحانه و تعال އަށް ކިޔަމަންތެރިވެ، އެ އިލާހުގެ ރުހުން ހޯދޭތޯ ހުރިހާ އަޅުތަކުންވެސް މަސައްކަތް ކުރަންވާނެއެވެ. އުއްމަތުގެ މާތް ނަބިއްޔާ ﷺ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ”އުރެދުމަކަށް ކިޔަމަން ވުމެއް ނުވެއެވެ. ކިޔަމަންވުން އޮތީ ހަމައެކަނި ހެޔޮކަންކަމަށެވެ.“ ބުޙާރީ (7257) އަދި މުސްލިމް (1840)
އަހަރެމެން ދިވެހި މުޖުތަމަޢުގައި ބައެއްފަހަރު ދިމާވާ މައްސަލައެއް އެބައޮވެއެވެ. މިއީ ހެޔޮ ރަނގަޅު ގޮތް އިހްތިޔާރުކޮށް، ﷲގެ ފޮތް ޤުރުއާނާއި، ނަބިއްޔާ ﷺ ގެންނެވި ސުންނަތުގައި ހިފާ، ސުންނަތާއި އެއްގޮތަށް އުޅުމަށް މަސައްކަތް ކުރާ އަޙުންނާއި އުޙުތުންނަށްވެސް ދިމާވާ މައްސަލައެކެވެ. އާއިލާ މެމްބަރުންނާއި، ފިރިން، ނޫނީ އަނބިންގެ ފަރާތުން އެއްބާރުލުން ނުލިބުމެވެ. މާތް ވެގެންވާ ޤުރުއާނުގައި ﷲގެ ހުކުމްފުޅުތަކުގައިވާ ކަންކަމަށް ކިޔަމަންތެރިވާން މަސައްކަތް ކުރާ ހާލަތްތަކުގައިވެސް، މައިންބަފައިންނާއި އާއިލާ މީހުންނަށް ނުކިޔަމަންތެރި ވެވިދާނެތީ ބިރުހީވުމެވެ.
މިސާލަކަށް ދަންނަވާނަމަ، ޝަރުޢީ ހިޖާބަކުން ފޮރުވުމަށް މަސައްކަތް ކުރާ އުޙުތަކަށްވެސް އޭނާގެ މައިންބަފައިންގެ ރުހުން ނުލިބުމުން އެކަމަށް ފަސްޖެހެވޭ ގޮތް ދިމާވެއެވެ. ﷲ سبحانه و تعالىޝަރުޢު ކުރެއްވި ކަންކަމުގެ މައްޗަށް، މައިންބަފައިންގެ ރުހުން ހޯދުން އިސްކުރެވޭހެން ހީވާފަހަރުވެސް އާދެއެވެ.
އަލް އަހްޒާބް ސޫރަތުގައި މާތް ﷲ ވަހީ ކުރައްވާފައިވަނީ ﴿ وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا﴾ (سورة الأحزاب: 36) މާނައީ:- ”އަދި اللَّه އާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ.“
މި އާޔަތުންވެސް އަހަރެމެންނަށް އެނގޭކަމަކީ ﷲގެ ބަސްފުޅާއި ހުކުމްފުޅުގެ މައްޗަށް އަހަރެމެން އަޅުތަކުންނަށް ކަންކަން އިހްތިޔާރު ކުރުމުގެ ފުރުސަތު ނޯންނަކަމެވެ. އަދި އެއާއި ޚިލާފަށް އަމަލު ކޮށްފި މީހާއަށް ގެއްލުމާއި ހަލާކު ހުރިކަމެވެ.
އަހަރެމެން އަހަރެމެންގެ މައިންބަފައިންނާއި، ގާތްތިމާގެ މީހުން ދެކެ ލޯބިވާނެކަން ކަށަވަރެވެ. ނަމަވެސް އެބައިމީހުންނަށް ކިޔަމަންތެރި ވުމަށްޓަކައި އަހަރެމެން ޙަލްޤް ކުރައްވާ، ރިޒްޤް ދެއްވާ، އަހަރެމެން ބައްލަހައްޓަވާ ގެންގުޅުއްވާ ފަރާތަށް ނުކިޔަމަންތެރިވާ ބަޔަކުކަމުގައި މުޢުމިން އަޅުތަކުން ނުވެއެވެ.
الودود، އަހަރެމެންދެކެ އެންމެ ލޯބިވެވޮޑިގަންނަވާ ފަރާތް، ﷲގެ ލޯބި ހޯދުމަށްޓަކައި އަހަރެމެން އިންސާނުން ގަދަ އަޅާ މަސައްކަތް ކުރަންވާނެއެވެ. ނަޞީބުލިބޭ މީހުންނަކީ އެއީ އެވެ. އެކަމަށް އިޝާރާތް ކުރައްވާ މާތްﷲ ވޙީ ކުރައްވާފައިވަނީ ﴿ إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا سَمِعْنَا وَأَطَعْنَا ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ﴾ (سورة النور: 51) މާނައީ:- ”އެއުރެންގެ މެދުގައި، حكم ކުރެއްވުމަށް اللَّه އާއި، އެކަލާނގެ رسول އާގެ އަރިހަށް އައުމަށް، އެއުރެންނަށް ގޮވައިލައްވައިފިހިނދަކު، مؤمن ންގެ ބަހެއްކަމުގައިވާކަން ކަށަވަރީ، ތިމަންމެން އަހައިފީމުއޭ، އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ، އެއުރެން ބުނުމެވެ. އަދި ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ.“މިފަދައިންނެވެ.
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ. ﴿ لَّا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُم بَعْضًا ۚ قَدْ يَعْلَمُ اللَّهُ الَّذِينَ يَتَسَلَّلُونَ مِنكُمْ لِوَاذًا ۚ فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ ﴾ (سورة النور: 63) މާނައީ:- ”ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ގޮވައިއުޅޭފަދައިން ތިޔަބައިމީހުންގެ މެދުގައި رسول އާއަށް ގޮވައިނޫޅޭށެވެ! ތިޔަބައިމީހުންގެ ތެރެއިން (إذن އެއްނެތި) ފިލައިގެންދާ މީހުން ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެތެވެ. ފަހެ، އެކަލާނގެ أمر ފުޅާ خلاف ވާމީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި عذاب އެއް ޖެހިދާނެކަމަށް، އެއުރެން ބިރުވެތިވާހުށިކަމެވެ!“
އަހަރެމެންނަކީ ﷲ سبحانه و تعالىއަށާއި ރަސޫލާ ﷺ އަށް ކިޔަމަންތެރިވާ ބައެއްކަމުގައި ލައްވާށިއެވެ! أمين