ޗީފް އޮފް ސްޓާފް އޮން ދަ ޔޫއޭއީ އާމްޑް ފޯސަސްއާ، ޗީފް އޮފް ޑިފެންސް ފޯސް ބައްދަލުކުރައްވައިފި
ޗީފް އޮފް ސްޓާފް އޮން ދަ ޔޫއޭއީ އާމްޑް ފޯސަސް ޖެނެރަލް ހަމްދު އެމް. ޘާނީ އައް ރުމައިތީއާ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު މިއަދު ބައްދަލުކުރައްވައިފިއެވެ.
ދެ ބޭފުޅުން ބައްދަލުކުރައްވާފައި މި ވަނީ، ޗީފް އޮފް ސްޓާފް އޮން ދަ ޔޫއޭއީ އާމްޑް ފޯސަސް ޖެނެރަލް ހަމްދު އެމް. ޘާނީ އައް ރުމައިތީގެ ޚާއްޞަ ދައުވަތަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު، ޔޫއޭއީއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ. މިއަދު ބޭއްވި ބައްދަލުވުމުގައި، ދިވެހި ސިފައިންގެ އިންސާނީ ވަސީލަތް ތަރައްޤީކޮށް އެމްއެންޑީއެފް މެރިންކޯ އަދި ސްޕެޝަލް ފޯސަސްގެ ތަމްރީނާއި، އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށް ޔޫއޭއީން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި ކުރެވުނު މަޝްވަރާތަކުގައި، އެމްއެންޑީއެފް މެރިންކޯއާއި ސްޕެޝަލް ފޯސަސްގެ ޤާބިލްކަން އިތުރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި، އެމްއެންޑީއެފް ކޯސްޓްގާޑު ފްލީޓަށް އުޅަނދެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ޖެނެރަލް ހަމްދު އެމް. ޘާނީ އައް ރުމައިތީ ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއަށް ދެއްވާފައެވެ. އަދި ދެ ޤައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ޔޫއޭއީއަށް ކުރައްވާ މި ދަތުރުފުޅަކީ، ޔޫއޭއީގައި ކުރިއަށްދާ ”އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން“ (އައިޑެކްސް) އާއި ”ނޭވަލް ޑިފެންސް އެގްޒިބިޝަން“ (ނޭވްޑެކްސް) ގައި ބައިވެރިވެވަޑައިގެންނެވުމަށް ފެބްރުއަރީ 20 އިން 25 އަށް އެ ޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ.