އެންމެ ލޯބިވާ ދަރިފުޅު ނަރަކައިން ސަލާމަތް ނުކުރެވިއްޖެނަމަ

ކޮންމެ މަންމައަކާއި ބައްޕައަކުވެސް އެމީހެއްގެ ދަރިފުޅު ދެކެ ލޯބިވާނެއެވެ. އިންތިހާއަށް ލޯބިވާނެއެވެ. އެދަރިފުޅު ލޯބިން ގެންގުޅޭނެއެވެ. މީރުހާ ކާއެއްޗަކާއި ރީތިވިހާ ހެނދުމެއް ގަނެ ލައްވާނެއެވެ. ކުޅެން އެންމެ އަގުބޮޑެތި އެއްޗިސް ހޯދާ ދޭނެއެވެ.

ކޮންމެއަކަސް ދަރިފުޅު ބޮޑުވެ ބާލިޣް ވަންދެން ކުރެވޭ އެއްވެސް ކަމެއްގެ މައްޗަށް އެއްވެސް ކުށެއް ނުވަތަ ފާފައެއް ނެތެވެ. ނަމަވެސް ބާލިޣްވާ ހިނދުން ފެށިގެން އެ ދަރިފުޅަކީ ހަމަ ޒިންމާ އުފުލަންޖެހޭ، ޖަވާބުދާރީވެސް ވާންޖެހޭ މީހެކެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ވީމާ ކުޑަ ކުއްޖެއްގެ ހުކުމް ހިނގާނީ ހަމައެކަނި ބާލިޣްވަންދެންނެވެ. ބާލިޣްވުމަށްފަހު ފަރުޟު އަދާނުކުރާނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ. އެހެންކަމުން ދަރިން ދެކެ ލޯބިވާނަމަ ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ ބާލިޣް ވާންވާއިރަށް އެކަމަށް ކުއްޖާ އިސްލާމްދީނުގެ ރިވެތި އަޚުލާޤުގެ މައްޗަށް ތައްޔާރުކުރުވުމެވެ. މިބަހުގެ މާނައަކީ އަދާކުރަންޖެހޭ ފަރުޟުތަކާއި ފަރުޟުތައް އަދާކުރާނެ ގޮތް ކުދިންނަށް ދަސްކޮށް ދިނުމެވެ. ހަމައެކަނި ދަސްކޮށް ދިނުމަކުން ވެސް ނުފުދެއެވެ. އަހުލުވެރިކުރުވަން ވެސް ޖެހެއެވެ.

ކަން މިހެން ހުރިނަމަވެސް މިކަމުގައި އަޅުގަނޑުމެންގެ ވަރަށް ގިނަ އަދަދެއްގެ މައިން ބަފައިން ދަނީ އިހްމާލުވަމުންނެވެ. މިއީ އިންސާނާގެ ހަޔާތުގައި ވެވޭ އެންމެ ބޮޑު އިޙުމާލެވެ. އެންމެ ބޮޑު ފޭލްވުމެވެ. އެހެނީ ދަރިންނަށްޓަކައި އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި އިހްމާލުވުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ.

ރަނގަޅަށް ވިސްނާށެވެ. ތިބާގެ ލޯބިވާ ދަރިފުޅު ބާލިޣްވީ އުމުރުން 10 އަހަރުގައި ކަމަށްވެދާނެއެވެ. 15 އަހަރުގައި ދަރިފުޅު މަރުވީއެވެ. ތިބާ އެއްވެސް ކަމެއް ދަރިފުޅަށް ދަސްކޮށްދީފައި ނެތުމުން އަދި އަހުލުވެރިކުރުވާފައި ނެތުމުން ކުއްޖާ މަރުވެގެން އެދިއައީ ނަމާދު ނުކޮށެވެ. އެހެންކަމަށް ވެއްޖެނަމަ ޤިޔާމަތް ދުވަހު ކުއްޖާގެ ކަންކަން ވާނެ ގޮތާއިމެދު ނިކަން ފުންކޮށް ވިސްނައިލަބަލާށެވެ!

އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކު ވަރަށް ޅައުމުރުގައި ދަރިން ލައްވައި ރޯދަ ހިއްޕުވައެވެ. ކިރިޔާ ރޯދައަށް ހުރެވޭވަރު ވީންސުރެ އެކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ. އެއީ ހަމަ ކުރަން ޖެހޭނެ ވެސް ކަމެކެވެ. ހިތާމައަކީ އެ ސަމާލުކަން ނަމާދަށް ނުދެވޭތީއެވެ. 5 ނަމާދު ބަރާބަރަށް ނުކުރުވާތީއެވެ. ދަރިފުޅު އަދި މާ ކުޑަ ކަމަށް ބަލައި ދަރިން ލައްވައި 5 ނަމާދު ނުކުރުވާ ކަމެވެ.

 މިއީ ވަރަށް ދެރަ ކަމެކެވެ. ހިތާމަހުރި ކަމެކެވެ. އުމުރުން 7 އަހަރު ވީންސުރެ ނަމާކުރުވަން އާދަ ކުރުވުމުށާއި 10 އަހަރުވުމުން ނަމާދު ނުކުރާނަމަ އަނިޔާއަށް ނުވާގޮތަށް އަދަބުދީގެންވެސް ނަމާދު ކުރުވަން އަންގަވާފައި އެއޮތީ ސަބަބެއް އޮތުމުންނެވެ. އެއީ މައިން ބަފައިންގެ ބޮލުގައި އެޅިފައިވާ އެންމެ ބޮޑު އެއް ޒިންމާއެވެ. ޚާއްޞަކޮށް ބައްޕައިންގެ ބޮލުގައެވެ.

ކަން މިހެން އޮތް ނަމަވެސް ބައެއް ބެލެނިވެރިންނަށް ޤަބޫލުކުރެވެނީ ދަރިން ދެކެ ލޯބިވުމަކީ އެކުދިންނަށް އަގުބޮޑެތި އެއްޗިސް ގަނެ ހޯދައިދީ އެކުދިން ހިތްހަމަ ޖައްސާލުމެވެ.

ދަންނާށެވެ. އެންމެ އިސްކަމެއް ދޭންވާނީ އެކުދިން ލައްވާ ފަސްވަގުތު ނަމާދުކުރުވުމަށެވެ. ދަރިން ދެކެ ލޯބިވުމަކީ އެއީއެވެ. އެކުދިންނަށް ޅަފަތުގައި އިސްލާމް ދީން ދަސްކޮށްދީ އަހުލުވެރި ކުރުވުމެވެ. ކީރިތި ޤްރްއާން އުނގަންނައި ދިނުމެވެ. ދަރިންނަކީ ކީރިތި ޤްރްއާނަށް ލޯބިކުރާ އަދި އެފޮތް ކިޔަވާ ދީނުގެ އެހެނިހެން ކަންކަމަށް ލޯބިކުރާ ބަޔަކަށް ކުދިން ހެދުމެވެ.

ތިބާގެ ދަރިފުޅަށް ހޯދައިދެވޭނެ އެންމެ ބޮޑު އުފަލަކީ އެ ދަރިން ނަރަކައިގެ ހޫނުގަދަ އަލިފާނުން ސަލާމަތްކުރުންކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. އެކަމަށް ގަދައަޅައި މަސައްކަތް ކުރާށެވެ! ތިބާއަށް ވެސް އަދި ތިބާގެ ދަރިންނަށް ވެސް އެންމެ ބޮޑު މަންފާއެއް ލިއްބައިދޭނެ ކަމަކީ އެއީއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.