ޗެމްޕިއަންސް ލީގް: ސިޓީއާއި ޕީއެސްޖީގެ ބޮޑު ހަނގުރާމަ މިރޭ

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި މިރޭ އިނގިރޭސި ވަރުގަދަ ބާރު މެންޗެސްޓާ ސިޓީ އާއި ފުރާންސްގެ ޕީއެސްޖީ ބައްދަލު ކުރާ މެޗު ވެގެން ދާނީ ފޯރިގަދަ މެޗަކަށެވެ. ރާއްޖެ ގަޑިން މިރޭ 00:00 ގައި ފެށޭ މި މެޗު ބެލުމަށް އެތައް ބަޔަކު ކެތްމަދުވެފައި ތިބޭނެ ކަން ގައިމެވެ.

މެންޗެސްޓާ ސިޓީ އަދި ޕީއެސްޖީ ސެމީފައިނަލްގެ ދެވަނަ ލެގަށް މިރޭ ނިކުންނައިރު، މި ދެޓީމު ބައްދަލުކުރި ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗުން ޕީއެސްޖީން ލަނޑުޖަހައި ލީޑުނަގާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެން ސިޓީން ވަނީ މި މެޗު ކާމިޔާބު ކޮށްފައެވެ. ވަރަށް ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ނަތީޖާ ސިޓީން އަނބުރާލީ ފަހުހާފުގައެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އެ މެޗުގެ ނަތީޖާ އަނބުރާލަން ސިޓިން ކުރި މަސައްކަތް ކާމިޔާބު ކުރިއިރު، ސިޓީން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ 64 ވަނަ މިނެޓުގައި އޭރިއާ ބޭރުން ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާ ހުރަސްކޮށްދިން ބޯޅަ އެއްވެސް ކުޅުންތެރިއަކު ގައިގައި ނުޖެހި ގޯލުގެ ތެރެއަށް ވަނުމުންނެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ހިލޭ ޖެހުމަކުން ރިޔާދު މާރޭޒް ވަނީ ސިޓީއަށް ލީޑު ނަގާދީފައެވެ.

ފުރަތަމަ ލެގުގެ މެޗުން ސިޓީ މޮޅުވިއިރު، މިރޭގެ މެޗަކީ ވަރުގަދަ ހަނގުރާމައެއްގެ ގޮތުގައި ސިފަވާނެ މެޗެއްކަމަށް ގިނަ މީހުންދެކެއެވެ. މިރޭގެ މެޗަށް ނިކުންނައިރު، އެޑްވާންޓޭޖު ބޮޑީ ސިޓީއަށެވެ. ސަބަބަކީ މިރޭގެ މެޗ ކުޅޭނީ ސިޓީގެ ދަނޑުގައެވެ. އަދި އަވޭ ދެ ގޯލުން ފުރަމަ މެޗު ކާަމިޔާބު ކޮށްފައި އޮތުމާކީ އެޓީމަށް ލިބުނު އެންމެ ބޮޑު އެޑްވާންޓޭޖެވެ.

ޕީއެސްޖީއަށް އޮތް ހަމަ އެކަނި ފުރުސަތަކީ މިރޭގެ މެޗުން ސިޓީގެ މައްޗަށް 0-3 ގެ ނަތީޖާއިން ކުރި ހޯދުމެވެ. އިތުރު އެއްވެސް ފުރުސަތެއް އެޓީމަށް ނެތެވެ. ފައިނަލުން ޖާގައެއް ހޯދާނަމަ މި ނަތީޖާއިން ސިޓީ ބަލިކުރުން ނޫންގޮތެއް ޕީއެސްޖީއަށް ނެތެވެ.

މިރޭގެ ބޮޑު މެޗަށް ނިކުންނައިރު، ޕީއެސްޖީއަށް އޮތް އެންމެ ހިތްދަތި ޚަބަރަކީ އެޓީމުގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭއަށް އަނިޔާގެ މައްސަލަ ކުރިމަތިވެ މިރޭގެ މެޗުގައި ސިޓީއާއި ދެކޮޅަށް ކުޅެވޭނެ ކަމުގެ އުންމީދު ނެތުމެވެ. މިއީ ޕީއެސްޖީގެ ސަޕޯޓަރުންނަށް އޮތް އެންމެ ހިތްދަތި ޚަބަރުކަމަށް ވުން އެކަށީގެން ވެއެވެ. އެހެން ނަމަވެސް އެމްބާޕޭ ވަނީ މިރޭގެ މެޗަށް އިނގިރޭސިވިލާތަށް ދިޔަ ޕީއެސްޖީގެ ސްކޮޑްގައި ހިމެނިގެން ޓީމާއި އެކު ގޮސްފައެވެ. އެމްބާޕޭއަށް އަނިޔާވެފައިވަނީ އެންމެ ފަހުން ފްރެންޗް ލީގުގައި ލެންސްއާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ފަލަމަސްގަނޑަށެވެ.

މިރޭގެ މެޗުގައި އޭނާއަށް ނުކުޅެވޭނެ ކަމުގައި މީޑިއާގައި ޚަބަރު ފެތުރިނަމަވެސް ޕީއެސްޖީގެ ކޯޗު ޕޮޗެޓީނޯ ބުނެފައިވަނީ މިރޭގެ މެޗުގައި އެމްބާޕޭއަށް ކުޅެވޭނެތޯ ނޫންތޯ ކަނޑައަޅާނީ މިރޭގެ މެޗާއި ހަމައިންކަމަށެވެ. އެހެން ކަމުން މިރޭގެ މެޗުގައި އެމްބާޕޭއަށް ކުޅެވޭނެތޯ ނުވަތަ ނޫންތޯ އަދި ނުނިންމާކަމަށެވެ.

ޕީއެސްޖީ ސެމީފައިނަލުން ޖާގަ ހޯދީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނުގެ ބަޔާންމިޔުނިކް ކަޓުވާލުމަށްފަހުގައެވެ. އަދި މެންޗެސްޓާ ސިޓީ ސެމީ ފައިނަލުން ޖާގަހޯދީ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑް ބަލިކުރުމަށްފަހުގައެވެ.

މެންޗެސްޓާ ސިޓީ ޓީމަށް ބަލާލާއިރު އެންމެ ފޯމުގައި ހުރި ކުޅުންތެރިއަކަށް ފާހަގަ ކުރެވެނީ ކެވިން ޑިބްރެއިނާއެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިބްރެއިނާ ވަނީ ޗެމްޕިއަންސް ލީގުގެ މި ފަހަރުގެ ސީޒަނުގައި ޖުމްލަ 3 ގޯލު ކާމިޔާބު ކޮށްފައެވެ. އެއީ ކުޅުނު ހަ މެޗުންނެވެ.

ޕީއެސްޖީގެ ޓީމަށް ބަލާލާއިރު އެންމެ ފާހަގަ ކުރެވެނީ އެމްބާޕޭ، ނޭމާ އަދި ޑިމާރިއާ މި ތިން ކުޅުންތެރިންގެ “ކޮމްބިނޭޝަން” އެވެ. އެގޮތުން މި ތިން ކުޅޫންތެރިންގެ ކޮމްބިނޭޝަން އެންމެ ރަނގަޅަށް ފެނިގެން ދިޔައީ ކުއާޓާ ފައިނަލްގައިލެއިފްޒިގް އާއި ދެކޮޅަށް ކުޅުން މެޗުގައެވެމި މެޗުގައި މި ތިން ކުޅުންތެރިންގެ ކޮމްބިނޭޝަން ވަރަށް ރަނގަޅުކަން ވަނީ ގިނަ ބަޔަކު ފާހަގަ ކޮށްފައެވެ. އަދި ނޭމާގެ މޮޅު ކުޅުމާއި އެމްބާޕޭގެ ހަލުވި ދުވުން ގިނަ ބައެއްގެ ލޮލުގައި ވަނީ އަޅައިގަންފައެވެ. ނަމަވެސް މިރޭގެ މެޗުގައި އެމްބާޕޭ ފެނިގެން ނުދިއުން ވަރަށް ގާތެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.

ހަޤީޤަތަށް ބުނާނަމަ ދެޓީމަށް ބަލާލާއިރުވެސް ވަކި މިވެނި ޓީމެއް ދަށޭ ބުނެވޭ ވަރުގެ ޓީމެއް ނެތެވެ. ދެ ޓީމަކީ ވެސް ވަރުގަދަ ދެ ޓީމެވެ. މޮޅު ދެޓީމެވެ. ދެ ޓީމުގެ ކުޅުންވެސް މޮޅުވެފައި ތަފާތެވެ. ދެ ޓީމުގައިވެސް ހުނަރުވެރި ފާހަގަ ކޮށްލެވޭ ކުޅުންތެރިން ހިމެނެއެވެ. އެންމެ ފަހުން ނިމިގެން ދިޔަ ޗެމްޕިއަންސް ލީގު މުބާރާތުގެ ފައިނަލްގައިވެސް ކުޅުނު ޕީއެސްޖީގެ ހަމަ ެކަނި ތަފާތަކީ ހަމަ އެކަނި މި މުބާރާތުގެ ތަށި އަދި ހޯދިފައި ނުވުމެވެ.

މި ދެޓީމުގެ ކުރިމަތިލުންތަކަށް ބަލާއިރު، މި ދެޓީމީ މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރުވެސް މީގެން އެއްވެސް ފަހަރަކު ސިޓީގެ މައްޗަށް ޕީއެސްޖީއަށް ކުރި ހޯދިފައެއް ނުވެއެވެ.

މި ދެޓީމުގެ ކުރީގެ ބައްދަލުކުރުންތައް:

2008: ގެ މުބާރާތުގެ ގްރޫޕް ސްޓޭޖް، ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވި

2016: ކުއާޓާފައިނަލް ފުރަތަމަ ލެގް، 2-2 އިން ދެޓީމު އެއްވަރު

2016: ކުއާޓާފައިނަލް ދެވަނަ ލެގް، 0-1 އިން ސިޓީ މޮޅުވި

2021: ސެމީފައިނަލް ފުރަތަމަ ލެގް،1-2 އިން ސިޓީ މޮޅުވި

މިރޭގެ މެޗަކީ ފޯރިގަދަ މެޗަކަށް ވެގެންދާނެ ކަން ގައިމެވެ. ނަމަވެސް މެޗެއްގައި ވާނެ ގޮތެއް ކުރީބައިގައި ކިޔުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ފޯރިގަދަ މި މެޗު ބެލުމަށް އެތައް ބަޔަކު ކެތްތެރިކަމާއެކު ތިބި އިރު ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަހޯދާނީ މި ދެޓީމުން ކުރެ ކޮން ޓީމަކުން ބާވައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.