ޗެމްޕިއަންސް ލީގް: ޕީއެސްޖީ ރޮއްވާލުމަށްފަހު ސިޓީ ފައިނަލަށް
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގްގައި ރޭ ފްރާންސްގެ ޕީއެސްޖީ ބަލިކޮށް އިނގިރޭސި ކްލަބް މެންޗެސްޓަރ ސިޓީ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ރޭގެ ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ.
އެގޮތުން ރޭގެ މޮޅާ އެކު ސިޓީ ފައިނަލަށް ދިޔައީ ދެ ލެގްގެ އެގްރިގޭޓުން 4-1 އިން ޕީއެސްޖީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި ދެޓީމު ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗު ސިޓީ ކާމިޔާބުކުރީ 2-1 އިންނެވެ.
ޕީއެސްޖީ ބަލިކޮށް ޗެމްޕިއަނަސް ލީގު ފައިނަލަށް ސިޓީ ދަތުރުކުރިއިރު، މިއީ ދިގު މުއަތަކަށް ފަހު އެޓީމުން ޔޫރަޕުގެ ބޮޑުމުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ޔޫރަޕްގެ ފައިނަލެއްގައި ސިޓީ އެންމެ ފަހުން ކުޅުނީ 1970 ވަނަ އަހަރު އެވެ. އެއީ މީގެ 51 އަހަރު ކުރިއެވެ.
ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި ކުޅެވޭ ޔޫރަޕިއަން ކަޕް ނުވަތަ މިހާރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ސިޓީ ދަތުރުކުރި މިއީ ފުރަތަމަ ފަހަރެވެ. އަދި މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރާ ތިން ވަނަ ފަހަރެވެ. ބާސެލޯނާގެ ކޯޗުކަމުގައި 2009 ވަނަ އަހަރާއި 2011 ވަނަ އަހަރު ގާޑިއޯލާ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭގެފަހުން ބަޔާން މިއުނިކް ގޮވައިގެން ގާޑިއޯލާއަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ނުދެވުނެވެ. މިފަހަރު ސިޓީއާއި އެކުގައެވެ.
ރޭގެ މެޗަށް ޕީއެސްޖީ ނުކުތްއިރު އަނިޔާގެ ސަބަބުން ޕީއެސްޖީގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ކުޅެފައެއް ނުވެއެވެ. ނަމަވެސް ބެންޗުން އެމްބާޕޭ ފެނެއެވެ.
ރޭގެ މެޗު ފެށިގެންވެސް މޮޅަށް ކުޅެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ޕީއެސްޖީންނެވެ. އެގޮތުން ހަމަލާވެސް އުފެއްދިއެވެ. ނަމަވެސް މީގެން ހަމަލާއެއް ގޯލާއި އަމާޒުނުކުރެވެއެވެ. މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 11 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ރިޔާދް މާރޭޒްއެވެ. މި ލަނޑާއި އެކުވެސް ޕީއެސްޖީން ނަތީޖާ ބަދަލުކޮށްލަން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިޔައެވެ. ނަމަެސް އެޓީމަށް ސިޓީގެ ގޯލާއި އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.
އެއްލަނޑުގެ ލީދަކާއި އެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ސިޓީން ނިންމާލިއިރު، ސިޓީގެ ދެ ވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 63 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް ސިޓީއަށް ކާމިޔާބު ކޮށްދިނީ ރިޔާދް މާރޭޒްއެވެ.
ސިޓީން ދެ ގޯލުގެ ލީޑެއް ނެގުމުން ޕީއެސްޖީ ކުޅުންތެރިން ޕްރެޝަރަށް ގޮސް ގާތްގާތުގައި ގިނަ ފައުލްތަކެއް ވަނީ ކޮށްފަ އެވެ. އަދި، ޕީއެސްޖީގެ އެންހަލް ޑި މާރިއާ ސިޓީގެ ފެނާންޑީނިއޯ އަށް ގަސްތުގައި ހަމަލާ ދިނުމުން 69 ވަނަ މިނެޓުގައި ރެފްރީ ވަނީ ޑި މާރިއާ އަށް ސީދާ ރަތް ކާޑެއް ދައްކާފަ ފޮނުވާލާފައެވެ.
ފައިނަލުގައި ސިޓީ ނުކުންނާނީ މިރޭ ރެއާލް މެޑްރިޑާއި ޗެލްސީ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 29 ވަނަ ދުވަހު އޮންނާނީ ތުރުކީގެ އިސްތަންބޫލްގެ ސްޓޭޑިއަމްގަ އެވެ.