ޗެމްޕިއަންސް ލީގު: ރެއާލް މެޑްރިޑް ބަލިކޮށް ޗެލްސީ ފައިނަލަށް
ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީފައިނަލް ދެވަނަ ލެގުން ވަރުގަދަ ރެއާލް މެޑްރިޑް ބަލިކޮށް މުބާރާތުގެ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފި އެވެ.
މުބާރާތުގެ ފައިނަލުން ޗެލްސީ ޖާގަ ހޯދީ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވަނިކޮށް ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 0-2 އިން ކާމިޔާބުކޮށް1-3 ގެ އެގްރިގޭޓް ނަތީޖާއިން ކުރިހޯދައިގެންނެވެ.
ރެއާލް މެޑްރިޑް ބަލިކޮށް މުބާރާތުގެ ފައިނަލުން ޗެލްސީ ޖާގަހޯދިއިރު، މިއީ ނުވަ އަހަރަށްފަހު ޗެލްސީ މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައެވެ. ނަމަވެސް ރެއާލް މެޑްރިޑަށް މި މެޗުގައި ލަނޑެއް ޖަހާނެ މާ ހުސްފުރުސަތެއް ހޯދިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ޗެލްސީންނެވެ. މެޗުގެ 28 ވަނަ މިނެޓްގައި މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ކައި ހަވާޓްސް ތަނަވަސްކޮށްދިން ފުރުސަތަކުން ޓީމޯ ވާނާ އެވެ. ޗެލްސީން ފައިނަލްގެ ޖާގަ ކަށަވަރު ކުރި ދެވަނަ ލަނޑު ކާމިޔާބު ކުރީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިޗް ދިން ބޯޅައަކުން މޭސަން މައުންޓެވެ.
މުބާރާތުގެ ފައިނަލްގައި ޗެލްސީ ވާދަކުރާނީ ޕީއެސްޖީ ބަލިކޮށް ފައިނަލުން ފުރަތަމަ ޖާގަ ހޯދި މެންޗެސްޓަ ސިޓީ އާ އެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގައެވެ.