ގދ. ތިނަދޫ އާއި ފ. ނިލަންދޫގައި ކާފިއު ހިންގަން ފަށައިފި
ގދ. ތިނަދޫ އާއި ފ. ނިލަންދޫގައި ކާފިއު ހިންގަން ފަށައިފި އެވެ.
އެ ދެރަށުގައި ކާފިއު ހިންގަން ފެށީ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ޚާއްސަ ފިޔަވަޅެއްގެ ގޮތުން ނެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ އެ ދެ ރަށުގައި ކާފިއު ހިންގާނީ ރޭގަނޑު 9:00 ން ފަތިހު4:00 އަށް ކަމަށެވެ. އެ ވަގުތު އެއްގަމު އުޅަނދު ދުއްވުމާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުމަކީ މަނާ ކަމެކެވެ.
އެހެންކަމުން އެ ދެ ރަށުގައި ރަސްމިއްޔާތުތަކާއި ޕާޓީތަކާއި ހަފްލާތައް ބޭއްވުން މަނާކޮށް، ސެލޫންތަކާއި ޖިމްތަކާއި، ބޯކޮށާތަންތަން ބަންދު ކުރަން ވެސް ވަނީ އަންގާފަ އެވެ.
މީގެ އިތުރުން ޢާންމު ތަންތަނުގައި އެއްފަހަރާ އެއްކޮށް އުޅެވޭނީ ގިނަވެގެން ތިން މީހުންނަށް ކަމަށާއި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ވެސް ވަނީ މަނާ ކޮށްފަ އެވެ. އަދި ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ވެސް ކުރިޔަށް ގެންދިއުން ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން ކެފޭ/ ރެސްޓޯރެންޓުތަކުން ހަމަ އެކަނި ޑެލިވަރީގެ ޚިދުމަތް ދޭގޮތަށް ބަދަލުކޮށް ފިހާރަތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމަށާއި ޔުނިވަރސިޓީ އަދި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުން ހުއްޓާލުމަށް ވެސް ވަނީ އަންގާފަ އެވެ.
✳️ ކޯވިޑް-19 އިން ރައްކައުތެރިވުމަށް ގ.ދ ތިނަދީއާއި ފ.ނިލަންދޫގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގުން.
އެންގުން ނަންބަރު: 48/2021https://t.co/m0sLGxw9m4
— Health Protection Agency (@HPA_MV) May 12, 2021