
ގުޅިފަޅު ބިންހިއްކުމާއި އިތުރު މަސައްކަތްތައް ފެށުމަށް އެމްޓީސީސީން ތައްޔާރު ވެއްޖެ
ގުޅިފަޅު ބިންހިއްކުމާއި އިތުރު މަސައްކަތްތައް ފެށުމަށް އެމްޓީސީސީން ތައްޔާރު ވެއްޖެ އެވެ.
އެމްޓީސީސީން ބުނީ އެ މަސައްކަތް ފެށުމަށް މި ޖޫން މަހުގެ 2 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.
މި މަޝްރޫޢަކީ 8.94 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 55 ދުވަސްތެރޭގަ އެވެ.
80،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކާ، 380 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ.
މި މަޝްރޫޢު ނިމުމުން އެތަނުން މާލޭ ރައްޔިތުންނަށް 1200 ބިން ދޫކުރަން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް މިދިޔަ އަހަރު ވަނީ ވިދާޅުވެފަ އެވެ.
އޭރު އަސްލަމް ވިދާޅުވީ ”މާލޭގެ ރައްޔިތުންގެ ތެރޭގައި ބޯހިޔާވަހި ކަމަށް ބޭނުންވެފައި ތިބި ކަމަށް ބެލެވޭ ގާތްގަނޑަކަށް 5،000 އާއިލާ އުޅޭނެ“ ކަމަށެވެ.
އެއީ މާލޭގައި ހާލުގައި ދިރިއުޅެމުންދާ ބައެއް ކަމަށާއި އެމީހުންނަށް ގުޅިފަޅުން ގޯތި ހަމަޖައްސަވާނެ ކަމަށް ވެސް މިނިސްޓަރު އަސްލަމް އޭރު ވަނީ ވިދާޅުވެފަ އެވެ.