ކުރު ވާހަކަ “ޔަލީނާ” (2)
”ޖީޒާއެވެ! ނިކަންބަލާބަލާށެވެ. ހުރިހާ ގޮތަކުންވެސް އަހަރުމެންގެ ދަރިފުޅަކީ ހަމަ ޖަވާހިރެކެވެ.“
ޖީޒާ މަތިން ހަދާންވެލިއެވެ. ހިތްހީވީ ހިނދުކޮޅަކަށް ވިންދު ޖަހަންވެސް ހަދާން ނެތުނު ހެނެވެ. ޖީޒާއަދިވެސް ހަމަ އަހަރެންގެ ހިތާކުޅެލަނީތާއެވެ.
***
ހުކުރުދުވަހު މެންދުރު ކެއުމުގެ ވަގުތެވެ. މިސްކިތުންފޭބިތަނާހެން އެކުވެރި ސިޔާދާދިމާވެގެން ގެޔަށް ކާންދިއުމަށް ދައުވަތު ދިނީމެވެ. އޭރު ގޭގެ ބަދިގޭގައި މަސައްކަތް ކުރަން ގެންގުޅޭ ފިލިޕީންސް އަންހެން މަންޖެއާއި ޔަލީނާ އުޅެއެވެ. އެކިއެކި ކަންކަމުގައި އިރުޝާދު ދެމުންގެންދާއިރު ހީވަނީ ދުވަސްވެ ހަރުފުރައިގެ އަންހެނެއް ހެނެވެ.
”އެއީ ޔަލީތަ“
ސިޔާދު ހައިރާން ކަމާއެކު އަހާލިއެވެ. އަހަރެން ޔަލީއަށް ބަލަހައްޓައިގެން އިނދެ ބޯޖަހާލީމެވެ.
”އެއީ މަގޭ ޔަލީނޫން ދެން ކާކު. އެހެންކުއްޖެއް ބަދިގެޔާ ހަމައަށް ބޯ ދިއްކޮށްވެސްނުލާނެ“
”އެމަންޖެ އެއީ ހަމަ ޖީޒާ… ދެވަނަ އެހެންމީހެއްނޫން. ހާދައޭ ވައްތަރީ“
”އާނ. ޔަލީނާއަކީ ހަމަ ޖީޒާ…އުޅުމާ އަޚްލާޤުވެސް ހަމަ އެކައްޗެއް..“
އަހަރެން ސިޔާދުގެ ބަހަށް ބައެއް އިތުރުކޮށްލީމެވެ.
”ޔަލީ ސުކޫލު ނުނިމޭތަ..ކީއްކުރަނީ މިހާރު“
ސިޔާދުގެ ސުވާލު ނުނިމެނިސް ޔަލީނާ އަހަރުމެންގާތަށް ސިޓިންގރޫމަށް އައިސް ސިޔާދަށް ގޮވާލިއެވެ. ސިޔާދުގެ އަންހެނުން ސިތާރާގެ ހާލުއަހާ އޮޅުންފިލުވިއެވެ. ސިތާރާ އާއި ޖީޒާ އަކީ ގާތްއެކުވެރިންނެވެ. ޖީޒާގެ ވަކިވުން ސިތާރާއަށްވެސް ވީ ކެތްކުރަން ދަތިވި ކަމަކަށެވެ. އެއްބަނޑުދެބެންހާ ގާތް އެކުވެރިކަމެއް ޖީޒާއާއި ސިތާރާއާއި ދެމެދުގައި އޮތެވެ. ޔަލީނާ ހިނިތުންވެލާފައި ކެއުން ތައްޔާރުވެފައި ހުރިކަމާ ކާންދިޔުމަށް އެދުނެވެ.
މެންދުރުގެ ކެއުން ނިމިގެން ދިޔައިރުވެސް އަހަރެންގެ ދޮށީދަރިފުޅު ޔަސީރާއާއި ދެވަނަ ދަރިފުޅު ޔަލީނާނޫން ކުއްޖެއް ސިޔާދުއާއި ވާހަކައެއްނުދައްކައެވެ. ކޮންމެވެސް ކަމަކާ ޔުޝްފާއިނީ މޫޑީވެފައެވެ. ވީގޮތެއް ނޭނގެއެވެ. ދެން އިން ޔާނިޔާ ކާންއައިގޮތަށް ތުންއޫކޮށްގެން އިނީ ދިވެހި ކެއުން ނުކާންވެގެންނެވެ. ޔާނިޔާއަކަށް ގަރުދިޔައާއި ބަތެއްކަމަކު ނުދާނެއެވެ. ފްރައިޑްރައިސް ނޫނީ ޕާސްތާ ނޫންއެއްޗެއް އެއަރު ތެރެއަށް ނުލާނެއެވެ. އެންމެ ފަހުން ގޭގައި ގެންގުޅޭ ލިވީ އައިސް ވަގުތުން ޕާސްތާ ކައްކާފައި ދިނީމާ ކެއީ އެޔެވެ. އަހަންނަށް ބޯހޫރާލެވުނެވެ. ދުނިޔޭގެ ހަތަރު ބިތުން ގެނެސްތިބި ހަތަރު ދަރިންބާއޭ ހިތައްއެރި އެވެ.
ކައިނިމިގެން ސިޔާދު އެދުނީ ބޭރަށް ނިކުމެލާށެވެ. އަހަރެންވެސް އަނގަތަޅާލާނެ އެކުވެރިއަކަށް ބޭނުންވެފައި ހުރުމުން ދެމީހުން އެކުގައި ކާރުގައި ބުރެއްޖަހާލަން ނިކުތީމެވެ. ގޭތެރެއިން ސިޔާދަށް ފެނުނު މަންޒަރުތަކަށް ބަލާފައި އަހަރެންނާ އެކަމާ ގުޅުވާ ވާހަކަ ދެއްކިއެވެ. އެޔާއެކު ދިމާވާ ކޮންމެ ދުވަހެއްގެ އާދައިގެ މަތިން މީހަކާ ނީނދެ ހުރުން ހައްލު ނޫން ކަން ތަކުރާރުކޮށް ކިޔެވެ. ދެމީހުން އެކިވާހަކަ ދައްކާ ޚިޔާލު ބަދަލުކޮށް ހަދާލީމައި އަހަރެންގެ ހިތައް ކޮންމެވެސް ވަރެއްގެ ހަމަ ޖެހުމެއްލިބުނެވެ.
***
ރޭގަނޑުގެ ކެއުމަށްފަހު އަހަރެން ގަސްތުކުރީ ހަތަރު ކުދިންނާ ވާހަކަ ދައްކާލަން މަޑުކޮށްލާށެވެ. ނަސީބަކުން އެކުދިންވެސް ދެބަސްވުމެއްނެތި އެވަގުތު ބައްޕައަށް ދޭން ނިންމީއެވެ.
”ދަރިފުޅުމެން މިހާރު މަޑުމަޑުން މި ވިޔަފާރީގެ ޒިންމާތައް ނަގައިގެން ކުރިއަށް ގެންދަންވީނުން. ދެފިހާރައިގެ ކަންކަން ކުރަމުން ގެސްޓް ހައުސް ބަލަހައްޓަންވީމަ ބައްޕައަށް ތަންކޮޅެއްބުރަަވަނީ. ޔަސީރާވެސް ކިޔަވައިގެން އައި ފަހުން އަދި އެއްވެސް ކަމެއްނުކޮށް ތިހުންނަނީ. ބޭނުން ކަމެއްއޮތްނަމަ ވެސް ބައްޕަ ގާތުބުނީމަ ކޮށްދޭނެ ކަން އެނގޭނެ! “
ޔަސީރާއެއްޗެކޭ ބުނަން އުޅެފައި ވެސް ހިނމޭންވެލިތަން އަހަރެން ދުށީމެވެ. އެކުއްޖާ ކޮންމެވެސް ކަމެއް ހިތު އަޅައިގެން އުޅޭ ކަހަލަ އެވެ. ބުނަން ނުކެރެނީ ކީއްވެބާއެވެ. ހަތަރު އަހަރުދުވަހު އަހަރުމެންނާ ދުރުގައި ހުރެފައި މާލެއައިތާ އަދި އެހާ ދުވަހެއް ނުވާނެއެވެ. މެލޭޝިޔާގައި ކިޔަވަން ހުރި އިރު އެއްދުވަހަކު ދެކެވުނު ވާހަކައެއްގައި ޔަސީރާބޭނުންވަނީ އަމިއްލައަށް ކަމެއް ފަށަންކަމަށް އޮތީ ބުނެފައެވެ. އެއީ ކޮންކަމެއްކަމެއްނުބުނެއެވެ. މިވަގުތު އަހަރެން އެކަން ފާހަގަ ކުރަންވީބާއެވެ. ނޫނެކެވެ. އަދި ވަގުތުދޭންވީއެވެ. ދެން ސުވާލު އަނބުރާލީ ޔަލީނާއާއި ދިމާލަށެވެ. އޭނާ އޭލެވެލްއިމްތިހާން ނިންމާލިތާ މާކަ ގިނަދުވަހެއްނުވެއެވެ.
”ޔަލީ ކީކޭ ބުނަނީ.. މިހާރު ދެން ސުކޫލް ނިމުނީނުން.“
”އަދި ރިސަލްޓް ވެސްނުލިބޭނުން…ބައްޕާ! ލެޓްމީރެސްޓް ފަސްޓް“
ޔަލީނާބުނީވެސް ތެދެކެވެ. އަދި ނަތީޖާ އިއުލާންވެސް ނުކުރެއެވެ. ޔަލީ ރެސްޓްބޭނުންވާނެއެވެ.
”ރެސްޓުކުރެވޭނެ އަބަދު ބަދިގޭގަ އޮންނަންޔާ“ ކުއްލިއަކަށް ޔުޝްފާގެ އަނގަ ފެޅިއެވެ.
”ކުކީ އިސްއަ ގުޑްކުކް“ ހަމަ ޔުޝްފާ އެހެންބުނެ ނިމޭ އިރަށް ޔާނިޔާ އިނދެފައި ބުނެލިއެވެ.
ޔާނިޔާ އިނދެފައި އެބުނެލިއެއްޗަކުން ޔަސީރާއާއި ޔުޝްފާ ވަގުތުން ޔާނިޔާއާއި ދިމާލަށްބަލާލިއެވެ. ދެކުދިންގެ ނަޒަރު ހުރީ ސީދާ ޔާނިޔާގެ ދެލޮލަށެވެ.
(ސާނަގެ ކުރުވާހަކަ ކޮންމެ ބުރާސްފަތި އަދި އާދީއްތަ ދުވަހެއްގެ ހެނދުނު 7:00 ގައި އިންތިޒާރު ކޮށްލައްވާ)
👏👏Varah reethi mibaives
❤️ Good work Saana