ކުރު ވާހަކަ ”ޔަލީނާ“ (5)
”ކޮންކަހަލަ ފޮޓޮއެއްގެވާހަކަ ދަރިފުޅު ތިބުނީ“
ކުއްލިއަކަށް އެތަކެއް ސުވާލެއް ހިތައް އެރި އެވެ. އެހެން ނަމަވެސް ޔުޝްފާއަކީ ނިކަން ފަސޭހައިން މޫޑް އޮފްވާ ކުއްޖެކެވެ. ވާއެއް ނުވާއެއް ނޭނގި މީހުންނާ އެކަހެރިވެ ވާހަކަ ނުދައްކާ އިނދެފާނެއެވެ. ވިސްނައިގެން ރުއްސައިގެން ކަންކަން ކުރަންޖެހެނީ އެހެންވެއެވެ.
”މީ.. ބައްޕައަށް އެނގޭތަ ޖުމައިލް ކިޔާމީހެއް.. ވަރަށް މަޝްހޫރު މީހެއްއެއީ…ފެޝަންޑިޒައިނަރ ޖުމްމަ ކިޔާނީ…“
”އާނ ބައްޕައާ ދެފަހަރަކު ދިމާވި ސިންގަޕޫރުން. ކުޑަކޮށް ރައްޓެހިވާނެ. އެކަމަކު އަނެއްހެން ނޭނގެ! ކިހިނެތްވީ އޭނައަށް“
އެބުނާމީހަކީ ކިތައްމެ މަޝްހޫރު މީހަކަސް އުޅުން އެހާ ރަގަޅު މީހެއްނޫންކަން އެންމެނަށް ވެސް އެނގޭނެއެވެ. އަނެއްކާ ޔުޝްފާއާއި ޖުމައިލް އާއި އޮތީ ކޮންގުޅުމެއްބާއެވެ.
”ދަރިފުޅު އޭނަ ދަންނަނީ ކިހިނެތް“
އަހަރެންގެ ނިތަށް ރޫ ގިނަވާގޮތް ވިއެވެ. އެހެން ނަމަވެސް ޔުޝްފާގެ ގޮތް އެނގޭތީ ވިސްނައިގެން ވާހަކަ ކުރިއަށް ގެންދިޔައީމެވެ.
“ ބައްޕާ އޭނަ އަކީ ޖައިނާ ގެ ބޭބެ. އެއްކަލަ މިގެޔަށް އާދެއެއްނުން ޔުޝްއާއެކީ ގުރޫޕް ސްޓަރޑީ ހަދަން..“ އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ. ސިކުނޑީގެ ކަނަކުން އިންޒާރުގެ ސިގްނަލް އަޅަމުން ގެންދަނީ އެވެ. ކަމެއް ގޯސްވާން އުޅެޔޭ ހީވާތީއެވެ. ހިންދިރުވާލެވުނީ ގައިން ހީބިހި ހިލިގަތްވަގުތެވެ.
”އޭނަ ވަރަށް ސަޅި އޮފަރ އެއް އެބައޮތް ކޮށްފަ…..“
ޔުޝްފާ ވަރަށް ހެވިފައި އިނދެ އަހަންނާ ވާހަކަ ދައްކަމުން ދިޔައެވެ. އަދި އަހަރެން އެއްޗެކޭ ބުނޭތޯ ވަގުތު ކޮޅަކު މަޑުކޮށްލާފައި އަނެއްކާ ވެސް ފެށިއެވެ.
“ އޭނަ ބޭނުންވަނީ މިއަންނަ ނޮވެމްބަރގަ އެމީހުން ބާއްވާ ޝޯއަކަށް ޔުޝްއަރަން…އެއީ ޖުމްމަގެ އަމިއްލަ މަސައްކަތް ދައްކާދޭ ޝޯއެކޭ ބުނީ.. އަދި ރާއްޖޭގަ ނުބާއްވާ ވަރުގެ ޝޯއެއް ބާއްވަން ވިސްނާފަ އެމީހުން އޮތީ. އަޅެ ބައްޕަ އޯކޭ ވާނަންތަ ޔުޝް އޭގަ ޖޮއިންވާން… ޕްލީޒް ބައްޕާ“
ވަގުތުން ވަގުތަށް އެޔަށް ދޭނެ ޖަވާބެއް ނެތިފައި އަހަރެން މަޑުކޮށްލީމެވެ. ފެޝަންގެ ދުނިޔެއަށް ކުދިން ލޯހުޅުވިފައި ތިއްބަސް އެކުދިން ފެޝަން މޮޑެލްގެ ގޮތުގައި ހިނގާތަން ދުށުމަކީ އަހަރެން ގެ ހިތް ރުހޭނެ ކަމެއްނޫނެވެ. ޔުޝްފާގެ ކުރިމަތީގައި ދިމާލަށް ނޫނެކޭ ބުނަން ބޭނުން ނުވާތީ އަހަރެން ހަމަހިމޭންކަން އިޚްތިޔާރުކުރީމެވެ. އެކަމުން ޔުޝްފާއަށް ޖަވާބެއް ލިބޭނެ ކަމުގެ އުންމީދުގައެވެ.
ހަމަ ހިމޭންކަން ދިގުލާ ދާންފެށުމުން ޔުޝްފާ ތެދުވެގެން ކޮޓަރިން ނިކުމެގެން ދިޔައީ އެވެ.
އަހަންނަށް ވިސްނާލަން އިނދެވުނެވެ. އެބުނާ ފެޝަން ޝޯއަކާބެހޭ ގިނަ މައުލޫމާތު ޔުޝްފާ ހޯދައިފިތާއެވެ. އެދަރިފުޅަކީ ދިގުއިސްކޮޅަކާ ފަތި ހަށިގަނޑެއް ލިބިފައި ހުރި ރީތި ކުއްޖެކެވެ. ބޮލުގެ އިސްތަށިގަނޑުން ފެށިގެން ފައިގެ ފުންނާބާ ހަމައަށް ވެސް ވަރަށް ސަމާލުކަންދީ ބަލަހައްޓާނެއެވެ. އެކަމަކު އަދި އެކުއްޖާގެ ކިޔެވުން ކުރިއަށް އޮތީނޫންހެއްޔެވެ. އަދި ކިރިޔާ އޯލެވެލް ހަދައި ނިމުނީއެވެ. ދުނިޔެއަށް ރަގަޅަށް ލޯހުޅުވާނުލެވޭ ކުޑަކުއްޖެކެވެ. މީހަކު ކިތައްމެ ބޮޑު ލަނޑެއް ދޭން އުޅުނަސް އެކަމަކުން ރެކެން އެނގޭނެ ހެއްޔެވެ. އެކަމަކު ކަންކަން ކުރުވާ ތަޖުރިބާ ކުރުވަންވާނެ ކަމަށް ޖީޒާ ބުނާނެއެވެ. އަހަރެން ހަދަންވީ ކިހިނެތްބާއެވެ. ކިޔެވުމަށް ބުރޫ ނާރާނެހެން ޔުޝްފާ އެ އެދުނު ކަންތަކަށް އާނއެކޭ ބުނަންވީ ބާއެވެ.
***
ހަވީރު ސައިގެ ބަދަލުގައި މިއަދު ހަދާފައި ހުރީ ސޫޖީއެވެ. އެއީ ޖީޒާ މާމީރުކޮށް ހަދާއެއްޗެކެވެ. ނަސީބަކުން ޖީޒާ ހުރީ ލިވީއަށް އެގޮތަށް ސޫޖީހަދަން ދަސްކޮށްދީފައެވެ. އެހެން ނަމަވެސް ޖީޒާގެ އަތުގައި ތަފާތު ޖާދުލެއް ހުންނަނީއެވެ. މިއަދު ސޫޖީގެ ރަހައިގައި ތަފާތު ކަމެއް އެބަހުއްޓެވެ. މަޑުމަޑުން އަހަންނަށް ހިނިތުންވެލެވުނެވެ. ކޮންމެ ކަމެއް ޖީޒާއާއި ގުޅުވާލެވެއެވެ. ކޮންމެ ނޭވާއަކާއެކު ޖީޒާގެ ހަދާން އާވާފަދަ އެވެ.
”ބައްޕަ އެކަނި އިނދެ ހާދަވަރަކަށް ތިހެނީ..ކިހިނެތްވީ“
ޔަލީނާ ބެލްކަނީގައި ހުރެފައި އެނބުރިލި ވަގުތު އަހަރެންފެނި ސުވާލުކޮށްލިއެވެ. އަހަންނަށް އިތުރަށް ހީލެވުނެވެ.
”މަންމަ މަތިން ހަނދާނެއްނުވޭތަ.. މިއަދު ސޫޖީހަދާށޭ ބުނީވެސް މަންމަ މަތިން ހަދާން ކޮށްލަންވެގެން“ އަހަރެން އަތުގައި ހުރި ސޫޖީ ތައްޓަށް ބަލާލަމުންބުނީމެވެ. ޔަލީނާ އައިސް އަހަރެންނާ ވަރަށް ގާތުގައި އިނށީދެލާފައި ފުންކޮށް ހިނިތުންވެލިއެވެ.
“ މަންމަ މަތިން ހަދާންނުވާ ވަގުތެއް ނުދޭ! މަންމަޔާއެކުގައި އުޅެވޭހެން އަބަދު ވެސް ހީވަނީ. ކޮންމެ ކަމެއްކުރަން އުޅުނަސް ދީފައި ހުންނަ ނަސޭހަތްތައް ކަންފަތުގައި ހަރުލާފައި ހުރޭ“
ޔަލީނާގެ ވާހަކަ ނިމުނުއިރު އެދެލޮލުން ކަރުނަ ނީރާލައިފިއެވެ. އަހަރެންގެ ލޯބިވާ ދަރިފުޅުގެ ބޮލުގައި ފިރުމާލީމެވެ.
”އާނނ ދަރިފުޅާ.. މަންމަ ވަކިވެ ދިޔައީމަ ބައްޕައަށް މިހާރު އިހުސާސްވޭ މަންމަ ހުރިއިރު އެކޮށްދިންހާ ކަންކަން..އެކަމުގެ އަގު މިއަދު ވަޒަންކުރިއަސް ވާނެ ފައިދާއެއް ނެތް. ތިއިން ކޮންމެ ކުއްޖެއް ފެނުނަސް މަންމަ މަތިން ހަދާންވޭ..މަންމަ ދޫކޮށްފައި ދިޔަ މަންމަގެ ނިޝާންތީ…“
ހަމަހިމޭން ކަމުގެ ވަގުތު ކޮޅެއް މުޅި ތަނަށް ވެރިވި ކަހަލަ އެވެ. ޔަލީނާވެސް އެއްޗެކޭ ނުބުނެ މަޑުކޮށްލިއެވެ. ”ބައްޕާ، ކިހިނެތް ވެފަތިތިބީ!“