
ކެފޭ، ހޮޓާ، ރެސްޓޯރަންޓުތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ކޮވިޑް19 އާއި ގުޅިގެން ކެފޭ، ހޮޓާ، ރެސްޓޯރަންޓުތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަަމަށް ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ބުނެފި އެވެ.
ރޭމް އިން މިހެން ބުނީ އެފަރާތްތަކަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން އެ އެސޯސިއޭޝަނުން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރެއްވުމަށްފަހު އެވެ.
”ކެފޭ، ހޮޓާ، ރެސްޓޯރަންޓް ސިނާއަތުގައި ވިޔަފާރި ކުރައްވާ ފަރާތްތަކުގެ އާދޭސް“ގެ ނަމުގައި ރެސްޓޯރަންޓް އެސޯސިއޭޝަނުން ވަނީ ރައީސްއަށް ސިނާއަތުގެ ކަންބޮޑުވުންތައް ހުށައަޅާފަ އެވެ.
އެގޮތުން ރާއްޖޭގައި މިހާރު ކޮވިޑު ކޭސްތައް ފެންނަ މިންވަރު ކޮށްމެވެސް ވަރަކަށް ދަށްވަމުން އަންނާތީ އިންހައުސް ޚިދުމަތް ދިނުން ކޮންމެވެސް ވަރަކަށް ލުއްޔެއް ދެއްވުމަށާއި ޑެލިވަރީގެ ޚިދުމަތް 24 ގަޑިއިރު ދެވޭނެގޮތް ހައްދަވައިދެއްވުމަށް ވަނީ ހުށައަޅާފަ އެވެ. އަދި ރެސްޓޯރަންޓްތަކަށް ވަރަށްބޮޑު ގެއްލުމެއް ލިބެމުންދާކަން ވަނީ ރައީސްއަށް ދަންނަވާފަ އެވެ.
ރޭމް އިން ހުށައެޅި ހުރިހާ ކަމަކަށްވެސް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވާކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ބެހޭގޮތުން ހަދާ ޤަވައިދުތަކާއި ބަލާ މިންގަނޑުތައް މުރާޖާ ކުރަމުންދާއިރު، ރޭމްއާއި މަޝްވަރާކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވުމަށް ވެސް އެފަރާތުން ވަނީ އެދިފަ އެވެ. އަދި އެޗްޕީއޭއިން މިހާރު ނަގަމުންދާ ފީތަކާއި ކުރަމުންދާ ޖޫރިމަނާތައް ނެގުން 18 މަސްދުވަހަށް ފަސްކޮށްދެއްވުމަށް ހުށައަޅާފައި ވެއެވެ.
މީގެއިތުރުން ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވިޔަސް މި ސިނާއަތައް ލޮޅުން ނާރާނެގޮތައް ޤަވައިދުތަކާއި އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމަށް ވަނީ އެދިފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން އެ ސިނާއަތަށް ލިބެމުންދާ ގެއްލުންތަކާއި ގުޅިގެން އެކަމަށް ހައްލެއް ހޯދައިދިނުމަށް ރޭމް އިން ވަނީ މާލޭ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އާ ވެސް ބައްދަލުކޮށް މަޝްވަރާ ކޮށްފަ އެވެ.