ޔޫރޯ 2020: ޖަރުމަން ރަށަށް، އިންގްލެންޑް ކުއާޓާއަށް
ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ދެވަނަބުރުގައި މިރޭ ކުޅުނު ގަދަ 16 ވަނަ ބުރުގެ މެޗުން ޖާމަނީ ބަލިކޮށް އިންގްލޭންޑް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފިއެވެ.
ވެމްބްލީ ސްޓޭޑިއަމުގައި ޖާމަނީއާއި ދެކޮޅަށް ކުޅުނު މި މެޗު އިންގްްލެންޑުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ޖާމަނީއާއި ދެކޮޅަށް ކުޅުނު މި މެޗުގައި އިންގްލޭންޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެއް ވެސްޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ. އެހެން ނަމަވެސް މިހާފުގައި ލަނޑުޖަހަން ދެޓީމަށްވެސް ފުރުސަތު ލިބުނެވެ. ނަމަވެސް އެއްވެސް ޓީމަކަށް ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.
އިންގްލެންޑުން ޖެހި ދެ ލަނޑުވެސް މެޗުގެ ފަހުހާފުގައި ޖަހާފައިވާއިރު، އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ މެޗުގެ 75 ވަނަ މިނެޓުގައެވެ. މި ލަނޑު އިންގްކެންޑަށް ކާމިޔާބު ކޮށްދިނީ ލޫކް ޝޯ ދިން ބޯޅައަކުން ރަހީމް ސްޓާލިން އެވެ.
އިންގްލެންޑުން މެޗުގެ ލީޑު ނެގިތާ މާގިނައިރުތަކެއް ނުވެ، ޖަރުމަނަށް ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ތޯމަސް މުލާ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
އިންގްލެންޑުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 86 ވަނަ މިނެޓުގައި ޖެކް ގްރީލިޝް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ޔެރެއަށް ފޮނުވާލައިގެން ކެޕްޓަން ހެރީ ކޭންއެވެ.
މި މެޗުން މޮޅެ އިންގްލެންޑް ކުއާޓާއަށް ދިޔައިރު، ކުއާޓާފައިނަލުގައި އިންގްލޭންޑް ބައްދަލުކުރާނީ މިރޭ ޔޫކްރެއިން އާއި ސްވިޑަން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.