ބިރުވެރި ފިލްމެއްގައި ލޯ އަނދިރި މީހެއްގެ ރޯލު ކުޅެން ތާޕްސީ ސޮއި ކޮށްފި
ބޮލީވުޑްގައި އެންމެ ބިޒީ އެއް ބަތަލާ ތާޕްސީ ޕަންނޫ އަނެއްކާވެސް އާ ފިލްމަކަށް ސޮއި ކޮށްފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެންމެ ފަހުން ތާޕްސީ ސޮއި ކޮށްފައިވަނީ ޑައިރެކްޓާ އަޖޭ ދާލް އުފައްދަން ތައްޔާރުވަމުންދާ ބިރުވެރި ފިލްމަކަށެވެ. އެ ފިލްމަކީ 2010 ވަނަ އަހަރު ރިލީޒް ކުރި ސްޕެނިޝް ބިރުވެރި ފިލްމެއް ކަމަށްވާ “ޖޫލީސް އައިސް”ގެ ހިންދީ ރިމޭކެވެ.
މި ފިލްމުގައި ތާޕްސީ ފެނިގެންދާނީ މަޑުމަޑުން ލޮލުގެ ފެނުން ގެއްލެމުންދާ މީހެއްގެ ރޯލުންނެވެ. އެ ފިލްމުގައި އޭނާ އާއި އެއްމާބަނޑު އިތުރު ކުއްޖެއް އުޅެ އެވެ.
އޭގެ ސްޕެނިޝް ފިލްމުގައި ފެނިގެން ދަނީ އޭގެ ތެރެއިން އެއްކުއްޖަކު މަރުވާ ގޮތް ހޯދުމަށް ލޮލުގެ ފެނުން ގެއްލެމުންދާ އެއްމާބަނޑު އަނެއް ކުއްޖާ ކުރާ މަސައްކަތުގެ ތެރެއިން ދިމާވާ ބިރުވެރި ހާދިސާތަކެވެ.
ހިންދީ ރިމޭކްގައި ތާޕްސީ އާއި އެކު ފެނިގެންދާނީ ބަތަލްއަކީ ގުލްޝަން ދެވައިއަހްއެވެ. އެކަމަކު ގުލްޝަންގެ ކެރެކްޓާ އާއި ގުޅޭގޮތުން އަދި ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.
މި ފިލްމުގެ ޝޫޓިން މިމަހުގެ 20 ވަނަ ދުވަހު އިންޑިއާގެ އުތްރަހާންދް ސްޓޭޓްގެ ނައިނީތަލްގައި ފެށުމަށް ވަނީ ހަމަޖެހިފައި އެވެ.
މި ފިލްމާއި ގުޅޭގޮތުން ޑައިރެކްޓަރު އަޖޭ ބުނެފައިވަނީ ސްޕެނިޝް ފިލްމުގެ ހިންދީ ރިމޭކް ހަދާއިރު އިންޑިއާގެ ރަހަ ފިލްމަށް ގެނައުމަށް ވާހަކައަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށެވެ. އެއީ ފިލްމު އިންޑިއާގެ އޯޑިއަންސް ގަބޫލު ކުރާ ފިލްމަކަށް ހެދުމަށް ކަމަށް ބުނެފައިވެ އެވެ.
ސްޕެނިޝްގެ ފިލްމު “ޖޫލީސް އައިސް” ގެ ހިންދީ ރިމޭކް ހަދަން ތައްޔާރުވަމުން ދާއިރު މިހާތަނަށް އިންޑިއާގެ ހަތަރު ބަހަކުން އެ ފިލްމުގެ ރިމޭކް ވަނީ ހަދާފަ އެވެ. އެއީ ޓެލަގޫ، ބެންގޯލީ އަދި ޓަމިލްގެ އިތުރުން މަރާތީ ބަހުންނެވެ.