ތޯލިބާނުންނާ ހަނގުރާމައަށްދާ އަފްގާން ސިފައިން ބިރުން ފިލަށް ބޯޑަރު ހުރަސްކޮށް އެހެން ގައުމުތަކަށް!
އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުންދާ ތޯލިބާން ޖަމާއަތާއި ހަނގުރާމަ ކުރަން އެ ގައުމުގެ ބައެއް ޕްރޮވިންސްތަކުގައި ހަރަކާތްތެރިވާ ސިފައިން އަމިއްލަ ސަލާމަތަށް އެހެން ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް ފިލަމުން އެބަދެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ ތިން ދުވަހު ވަނީ މިފަދަ ތިން ހާދިސާއެއް ކުރިމަތިވެފައި އެވެ. އެގޮތުން ބަދަހްޝާން އަދި ތަހަރް ޕްރޮވިންސްގައި ތޯލިބާނުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ތައްޔާރުވެގެން ތިބުމަށް ފަހު ސިފައިން ވަނީ އެ ޕްރޮވިންސްއިން ބޯޑު ހުރަސްކޮށް ތަޖިކިސްތާނާއި ޕާކިސްތާން އަދި އުޒްބަކިސްތާނަށް އެތެރެވެފައި އެވެ.
މިދިޔަ ހަތަރު ވަރަކަށް ދުވަސް ތެރޭގައި ގާތްގަނޑަކަށް 1،600 އަށްވުރެ އަފްގާން ސިފައިން އެ ތިން ގައުމަށް އެތެރެވެ އެހީއަށް އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސިފައިންގެ މި އަމަލުތަކާއި ހެދި ތޯލިބާނުންގެ ބާރު އަފްގާނިސްތާނުގައި އިތުރަށް ދަނީ ގަދަވަމުންނެވެ.
ސިފައިންނަށް ބޯޑަރު ހުރަސްކޮށް އެހެން ގައުމުތަކަށް އެތެރެވާން މަޖުބޫރުވަނީ އަމިއްލަ ރައކާތެރިކަން ހޯދުމުގެ އިތުރުން ތޯލިބާނުން އެ ޕޮރޮވިންސްތަކުގެ މަގުތައް ބަންދުކޮށް ސެކިއުރިޓި ބަލަހައްޓާތީ ސަލާމަތްވެވޭނެ ގޮތެއް ނެތިގެންނެވެ.
މި މައްސަލައިގަ އަފްގާން ރައީސް އަޝްރަފް ގަނީ ވިދާޅުވީ އަސްކަރިއްޔާގެ ގުޅުން ވަރަށް ބަދަހި ކަމަށެވެ. އެކަމަކު ހަނގުރާމައަށް ފިލަން ބައެއް ސިފައިން އެހެން ގައުމުތަކަށް ރެފިއުޖީންގެ ގޮތުގައި އެތެރެވިކަމަށް ވިދާޅުވި އެވެ.
ތޯލިބާނުން އަފްގާނިސްތާނުގައި ބާރުގަފަ ކުރަން ފަށާފައި މިވަނީ އެ ގައުމުގައި ތިބި އެމެރިކާ ސިފައިން ފައިބަން ފެށުމާއި އެކުއެވެ. އެމެރިކާ ސިފައިން ފައިބަން އެއްބަސްވެފައިވަނީ ތޯލިބާނުން އެގައުމަށް އަލްގައިދާގެ ބާރު ގަދަ ކުރިޔަ ނުދޭނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ.
އަސްކަރިއްޔާ އާއިދެކޮޅަށް ހަމަލާތައް ވަރުގަދަ ކުރަމުން ތޯލިބާނުން ވަނީ އެމެރިކާ އާއި އެކު ވި އެއްބަސްވުމުގައި އަފްގާން އަސްކަރިއްޔާއަށް ދޭ ހަމަލާތައް ހުއްޓާލަން އެއްބަސްވެފައި ނުވާނެ ކަމަށް ބުނެފަ އެވެ.