ތާލިބާންގެ ކިބައިން ސަލާމަތް ވުމަށް ބޯޑަރު ހުރަސްކޮށް ތަޖިކިސްތާނަށް ހިނގައްޖެ
ތާލިބާން ހަނގުރާމަވެރިންގެ ކިބައިން ސަލާމަތް ވުމަށް އަފްޣާނިސްތާންގެ ރެފިއުޖީންތަކެއް އަވައްޓެރި ތަޖިކިސްތާންގެ ބޯޑަރު ހުރަސްކޮށްފިއެވެ.
އެޤައުމުގެ ރަސްމީ ނޫސް އެޖެންސީ ޚޯވާރްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ދެދުވަހުސް ތެރޭގައި 347 ރެފިއުޖީން ވަނީ ތަޖިކިސްތާން ބޯޑަރު ހުރަސްކޮށް އެޤައުމަށް އެތެރެ ވެފައެވެ. އަދި އެމީހުން ތަޖިކިސްތާނަށް އައިސްފައި ވަނީ ތާލިބާންގެ ހަނގުރާމަވެރިންގެ ކިބައިން ސަލާމަތް ވުމަށް، އެމީހުން ގެންގުޅޭ ނަޢަމްސޫފީގެ ތެރެއިން ބައެއްވެސް ހިފައިގެނެވެ. ތަޖިކިސްތާނަށް ދަތުރު ކުރުމުގެ ތެރޭގައި ރެފިއުޖީންގެ ތެރެއިން ތުއްތު 2 ކުދިން މަރުވެފައިވާ ކަމަށްވެސް ރިޕޯޓު ކޮށްފައިވެއެވެ.
އަފްޣާނިސްތާނުން ބޭރުގެ އަސްކަރިއްޔާ ފައިބާއިގެން ދިއުމުން އެޤައުމުގެ ބޮޑު ބައެއް ހިފައި، ތާލިބާން ހަނގުރާމަވެރިން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ. އެގޮތުން ޖޫން މަހުގެ ތެރޭގައި ތާލިބާން ހަނގުރާމަވެރިން ވަނީ ތަޖިކިސްތާންގެ މިހުއްމު ބޯޑަރެއް ކަމަށްވާ ޝީރް ޚާން ބަންދަރް ބޯޑަރ ހިފާފައެވެ. މިބޯޑަރަކީ އަފްޣާނިސްތާންގެ އުތުރުން ކުންދުޒް ސިޓީއާއި 50 ކިލޯމީޓަރ ދުރުގައި އޮންނަ ބޯޑަރެކެވެ.
އަދި ބުދަދުވަހު ޕާކިސްތާންއާއި އިންވަކި ކޮށްދޭ މައި ބޯޑަރ ކަމުގައިވާ ބޮލްޑަކް ބޯޑަރ ހިފާފައިވާ ކަމަށްވެސް ތާލިބާނުން ވަނީ ބުނެފައެވެ. ނަމަވެސް އަފްޣާން ސަރުކާރުން ވަނީ މިކަން ދޮގު ކޮށްފައެވެ. އަފްޣާންގެ ދާޚިލީ ވުޒާރާއިން ބުނެފައި ވަނީ އަފްޣާން-ޕާކިސްތާން ބޯޑަރަށް ތާލިބާނުންނަށް އަތްގަދަ ކުރެވިފައި ނުވާ ކަމަށާއި، އަފްޣާންގެ އަސްކަރިއްޔާއިން ތާލިބާންގެ ހަމަލާ ދިފާޢުކޮށް، ހަނގުރާމަވެރިން ފައްސާލައި، ބޯޑަރ ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
ތަޖިކިސްތާނަށް އެތެރެވި ރެފިއުޖީންގެ ތެރޭގައި ހިމެނެނީ 64 ފިރިހެނުންނާއި 113 އަންހެނުންނެވެ. ނަޢަމްސުތްޕާއި އެއްކޮށް ދަތުރުކުރި މި މީސްކޮޅު ބޯޑަރު ހުރަސްކޮށް އެތެރެވެފައި ވަނީ ބޯޑަރ ގާޑުންގެ ހުއްދަ ލިބިގެން ކަމަށް ޚޯވާރްގައި ރިޕޯޓު ކޮށްފައިވެއެވެ. އަދި އެމީހުން ބައިތިއްބާފައި ތިބީ ފަތުބަދަމަތީ ހިސާބެއް ކަމަށްވާ މުރްޣަބްގައި ދެބަޔަކަށް ބަހާލާފައި ކަމަށްވެސް ރިޕޯޓު ކޮށްފައިވެއެވެ.